

މާޅޮހު ކަތީބު މަގާމުން ވަކިކުރުމަށް ގޮވާލާ ޕެޓިޝަނެއް ރައްޔިތުން ތައްޔާރުކޮށްފި
ބ.މާޅޮހު ބޮޑު ކަތީބު އަބޫބަކުރު ކަލޭފާނު ވެރިކަމުން ވަކިކޮށް އޭނާއަށް ތުހުމަތު ކުރެވޭ ޚިޔާނާތްތައް ބަލާ ތަހުގީގުކުރުމަށް ގޮވާލާ ޕެޓިޝަނެއް އެރަށުގެ ރައްޔިތުން ހަދައިފި އެވެ.
600 މީހުންގެ އާބާދީއެއް ހިމެނޭ މާޅޮހުގެ 63 މީހަކު މިހާތަނަށް ސޮއިކޮށް ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައިވަނީ 40 އަހަރަށްވުރެ ދިގުމުއްދަތެއްގައި ވެރިކަން ކޮށްފައިވާ ބޮޑު ކަތީބު އަބޫބަކުރު ކަލޭފާނު މިހާރުން މިހާރަށް ވަޒީފާއިން ވަކިކޮށް ސަރުކާރަށް ވެފައިވާ ހިޔާނާތައް ބަލާ ތަހުގީގު ކުރުމަށެވެ.
” ރައްޔިތުންގެ ލޯތްބާއި އިހުތިރާމާ ގެއްލިފައިވާ ވެރިއަކަށްވާތީ, މުޅި މާޅޮހުގެ ކުރިމަގާއި ރައްޔިތުންގެ ސަލާމަތައްޓަކައި ބ.މާޅޮހު ބޮޑުކަތީބު އަބޫބަކުރު ކަލޭފާނު މިހާރުން މިހާރަށް ވަޒީފާއިން ވަކިކޮށް ރަށުއޮފީސް އޯޑިޓްކޮށް އޭނާ ރައްޔިތުންނާ ސަރުކާރަށް ވެފައިވާ ހިޔާނާތްތައް ބަލާ ތަހުގީގުކޮށް ޝަރީއަތައް ހުށަހެޅުމަށް ގޮވާލަމެވެ“ އެޓޯލްސް މިނިސްޓަރަށް ހުށަހެޅުމަށް މިހާރު ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
މި ޕެޓިޝަނު ތައްޔާރުކުރި ފަރާތްތަކުން ބުނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށެވެ.
” ސަރުކާރުން މިކަމަށް ފިޔަވަޅެއް އަޅަންދެން މިކަން އެކިއެކި ގޮތްގޮތަށް ކުރިއަށް ދާނެ. އެގޮތުން އޮފީސް ބަންދުކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނަން އަދި މުޒާހަރާއެއް ކުރަން ޖެހުނަސް އެކަންވެސް ކުރަން ތައްޔާރަށް އަޅުގަނޑުމެން މިތިބީ“ ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު މީހަކު ޖަޒީރާއަށް ކިޔައި ދިނެވެ.
މީގެ އިތުރަށް އެޕެޓިޝަނުގައި ބުނެފައިވަނީ މިވޭތުވެދިޔަ އަހަރުތަކުގައި ރަށުގެ ތަރައްގީއަށް އެއްވެސް ގޮތަކަށް ކުރިއެރުމެއް ލިބިފައިނުވަނީ ކަތީބުގެ އަމިއްލައެދުން އިސްކޮށް ހިޔާނާތްތެރިވެފައިވާތީ ކަމަށެވެ.
” ކަތީބު މާޅޮހުގެ ވެރިކަން ކުރައްވާތާ ސާޅީސް އަހަރުވީއިރު, ރަށްވެހިކަމުގެ ގޮތުންނާއި, ތައުލީމީ ރޮގުންނާއި, އިޖުތިމާއީ ތަރައްގީގެ ރޮގުންނާއި އިގުތިސާދީގޮތުން ރާއްޖޭގެ މިފަންތީގެ އެހެން ރަށްރަށާ އަޅާބަލާއިރު މާޅޮހަށް ކުރިއެރުމެއް ހޯއްދަވައި ދެވިފައިނުވާކަން ހާމަކޮށް ފެންނަން އޮތްހިދު, ވެރިކަމުގެ ދިގު ތާރީހުގައި ކުރިއަށް ނެރުއްވާފައިވަނީ އަމިއްލައެދުމާއި, ހިޔާނާތްތެރިކަމާ ވެރިންނަށް ވައިއެޅުވުން“ އެޕެޓިޝަނުގައި ބުނެފައިވެއެވެ.
މިޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު މީހުން ބުނީ ރަށުގައި ކިޔަވައިގެން ތިބި ޒުވާން ކުދިން އެބަތިބި ކަމަށާއި އެމީހުން ބޭނުންވަނީ އެމީހުންގެ އެދުމާ އެއްގޮތައް މަސައްކަތް ކުރާ ޒުވާން ކަތީބެއް ކަމަށެވެ.
މިކަމާ ގުޅިގެން ބޮޑުކަތީބު އަބޫބަކުރު ކަލޭފާނު ވިދާޅުވީ މިވޭތުވެދިޔަ ދުވަސްތަކުގައި ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ފުރިހަމައަށް ލިބޭނެ ކަމަށާއި މި ޕެޓިޝަނަކީ ހަގީގަތާއި ހިލާފު ޕެޓިޝަނެއްކަމަށް އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.