އައިޖީއެމްއެޗްގެ ތިން ޑޮކްޓަރަކު ގޭގައި މަޑުކުރަން އަންގައިފި

މުހައްމަދު ރަފީއު އޮކްޓޫބަރ 10 2007، 16:07 0 ޚިޔާލު

ރާއްޖޭގައި ހުރި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލު, އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ތިން ޑޮކްޓަރަކު ގޭގައި މަޑުކުރުމަށް އަންގައިފި އެވެ.

ގޭގައި މަޑުކުރުމަށް އިއްޔެ މެންދުރު އައިޖީއެމްއެޗުން އެންގި ޑޮކްޓަރުންގެ ތެރޭގައި ސީނިއަރ ރެޖިސްޓަރކަމުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނިޔާފު ހިމެނި ވަޑައިގަންނަވަ އެވެ. އޭނާގެ އިތުރުން ގޭގައި މަޑުކުރުމަށް އެންގެވި ޑޮކްޓަރުންގެ ނަން ނޫސް ޗާޕަށް ދިޔައިރު ކަށަވަރު ކުރެވޭގޮތް ވަނީ ނުވެފަ އެވެ. ނިޔާފު ވަނީ ގޭގައި މަޑުކުރުމަށް އޭނާއަށް އެންގި ކަމަށް ޖަޒީރާއަށް ކަށަވަރުކޮށްދީފަ އެވެ.

މިއަދު މެންދުރު ނިޔާފު ވިދާޅުވީ, ޑިއުޓީއަށް ނުނުކުންނަން އެންގިއިރު, ސަބަބެއް ނާންގަވާ ކަމަށެވެ.

” އެއްވެސް ސަބަބެއް ނެތް. ޑިއުޓީއަށް ނުނުކުންނަން ޖެހޭ. އެއެއް ނޭނގިގެން މިއުޅެނީ“ އައިޖީއެމްއެޗްގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ސޯލިހުގެ އެޕޮއިންޓަކަށް އިންތިޒާރުކޮށް, އެ ހޮސްޕިޓަލުގައި އިންނަވާފައި ނިޔާފު ވިދާޅުވި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޑަކުދިންގެ ޑޮކްޓަރު, ނިޔާފު ވިދާޅުވީ އޭނާގެ އިތުރުން އެހެން ޑޮކްޓަރުންތަކަކަށް ވެސް ގޭގައި މަޑުކުރުމަށް އެންގިކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ޑޮކްޓަރުންގެ ނަމެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.

އައިޖީއެމްއެޗްގެ ޑިއުޓީ ރޯސްޓާގައިވާ ގޮތުން އިއްޔެއަކީ ނިޔާފު ޑިއުޓީއަށް ނުކުންނަންޖެހޭ ދުވަހެކެވެ. އައިޖީއެމްއެޗުން ބުނީ ނިޔާފުގެ އެޕޮއިންޓްމަންޓްތައް ކެންސަލްކޮށްފައިވާ ކަމަށެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޮކްޓަރުންންނަށް ޑިއުޓީއަށް ނުނުކުންނަން އެންގީ އައިޖީއެމްއެޗްގެ ބައެއް ކަންތައްތަކާ ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކަން ފެށުމާ ގުޅިގެންނެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv