ތިމާގެ ފިރިމީހާ ޑިޕްރެޝަން ތަހަމައްލު ކުރާނަމަ...

އައިމިނަތު މިނީޝާ އޮކްޓޫބަރ 10 2007، 15:57 0 ޚިޔާލު

ފިރިމީހާ ތަންކޮޅެއް ދުރުދުރުން އުޅޭކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ ފިރިމީހާ މާބުރަކޮށް މަސައްކަތްކުރާކަން ނުވަތަ އަވަހަށް ރުޅި އަންނަކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ފިރިމީހާ ޑިޕްރެޝަންގެ އުނދަގޫ ތަހައްމަލު ކުރަނީ ކަމަށް ވެދާނެއެވެ. ގިނަ ފިރިހެނުންނަކީ އެމީހުންގެ ހުރިހާ އިހްސާސް އެހެންމީހުންނާއި ހިއްސާކުރަން އެހާ ފަސޭހަ ބައެއްނޫނެވެ. އަދި އެމީހުންގެ އުނދަގޫތައް ބަހުގެ ސިފައިގައި ބޭރު ކުރާކަށްވެސް ނޭނގޭއެވެ. އާއްމުގޮތެއްގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުން މުޖްތަމަޢުން އެކަހެރި ވެގެން އުޅެއެވެ. އެހެންކަމުން ތިމާގެ ފިރިމީހާގެ މިފަދަ އެއްވެސް މައްސަލައެއް އުޅޭނަމަ ފިރިމީހާއަށް އެހީތެރިވެގެން މިކަމުގެ ތެރެއިން ބޭރަށް ނެރެ ކުރިވެސް އުޅެމުން އައި ދިރިއުޅުމަށް ގެނޭތޯ މަސައްކަތް ކުރާށެވެ.

• ފިރިމީހާ ކިބައިން ފެންނަ ކަންކަން ފަރުވާތެރިވެގެން ބާލާށެވެ. އަންހެނުންނާއި ފިރިހެނުން އެމީހުންގެ އިޙްސާސްތައް ބޭރު ކުރަނީ ތަފާތު ގޮތަކަށެވެ. ފިރިމީހާ މިކަމަށް ގެންގުޅެނީ ކޮންގޮތެއްކަން ބަލާށެވެ. ރުޅިއައުމާއި، ފޫހިވެފައި ހުރުމާއި، ތަދުވުމުން ރުޅިއަައުމާއި، އެހެންމީހުން ކުށްވެރި ކުރުމާއި، މަޢާފް ނުކުރުމާއި، ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުން ވެދާނެފަދަ ކަމެއްކުރުމަށްވެސް ފަސްނުޖެހުމާއި، ހަނުހިމޭނުން ހުރުމާއި، ސިގިރެޓް ނުވަަތަ ޑްރަގް ބޭނުން ކުރުމާއި އަމިއްލަ ނަފްސް ދެކެ ފޫހިވެފައި ހުރުމާއި މިހުރިހާ ކަންކަމަކީވެސް ތަފާތު މީހުން ކުރާ ކަންތަކެވެ.

• ފިރިމީހާ ތަހައްމަލު ކުރަމުންދާ ވޭނުން ސަލާމަތް ކުރުމަށް އަޒުމް ކަނޑައަޅާށެވެ. ނަމަވެސް މިއީ ހަމައެކަނި ތިމާގެ ޒިންމާއެއްކަމަށް ހީނުކުރާށެވެ. އެކަމަށް ކުޅަދުން ވަންތައީ ހަމަ އެކަނި ވެރި ރަސްކަލާނގެއެވެ. ނަމަވެސް ފިރިމީހާއަށް ހުރިހާ ގޮތަކުން އެހީވާން ހުރިކަން ވިސްނައިދޭށެވެ. އަދި ފިރިމީހާގެ ޑިޕްރެޝަންގެ ސަބަބުން އޭނައަށް މަލާމާތްކޮށް ލަނދު ނުގަންނުވާށެވެ. ފިރިމީހާގެ ކިބައިގައި ކޮންމެވެސް މައްސަލައެއް ހުރިކަން ލޯބިން ވިސްނައިދޭށެވެ. އަދި މައްސަލަައަށް ފުރަގަސް ނުދީ މައްސަލައާއި ކުރިމަތިިލުމަށް މަޝްވަރާދޭށެވެ.

• މިފަދަ މީހުންނާއި ވާހަކަ ދެއްކުމުގައި ގެންގުޅެންވީ މިންގަނޑުތަކެއް ހުރެއެވެ.

ހ. މަޑުމައިތިރިކޮށް ވާހަކަ ދައްކާށެވެ. އަޑުގަދަކޮށް ލަދު ގަންނަވާ ނުހަދާށެވެ.

ށ. ވީއެންމެ ސާފުކޮށް ބުނަން ބޭނުންވާ އެއްޗެއް ބުނާށެވެ. ފިރިމީހާއަށް އޮޅޭގޮތަށް ވާހަކަ ނުދައްކާށެވެ.

ނ. ކޮންމެ ކަމެއް އޮންނަގޮތްވެސް އެންމެ ކުރު އަދި އެންމެ ސަރީހަ އިބާރާތުން ބުނާށެވެ.

ރ. ތިމާ އެހީތެރިކަމާއެކު ފިރިމީހާގެ ޑިޕްރެޝަން އިން ސަލާމަތް ވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ބުނެދޭށެވެ.

ބ. އެއް މެސެޖެއް ތަކުރާރުކޮށް ފިރިމީހާއަށް ދޭށެވެ.

ޅ. ތިމާ މަސައްކަތް ކުރަނީ ފިރިމީހާ ރަގަޅުކުރަންކަމާއި އިތުރަށް ގޯސް ކުރަން ނޫންކަމަށް ބުނާށެވެ. އަދި ވަރިވާން ބޭނުންނޫންކަމާއި ލޯބިވާތީ އެކީގައި އުޅެން ބޭނުންވާ ކަން އަންގާށެވެ. ތިމާގެ ހުރިހާ ވެސް ބޭނުމަކީ ފިރިމީހާއަށް އެހީތެރިވުން ކަމުގައި ބުނާށެވެ.

ކ. ފިރިމީހާ ތިމާގެ ވާހަކަތައް އަޑު ނާހާ ނަމަ އޭގެ ނަތީޖާ ކިހާ ދެރަކޮށް ނިކުމެދާނެކަން އަންގައިދޭށެވެ. ފަހަރެއްގައި ދެމީހުން ދާއިމިގޮތަކަށް ދުރައްދާންޖެހިދާނެކަންވެސް ހަނދާންކޮށްދޭށެވެ.

* ފިރިމީހާއަށް މިހެންވާން ދިމާވި ސަބަބު ހޯދަން މަސައްކަތް ކުރާށެވެ. އަދި ކޮންމެ ކަމެއްގައި އެހީތެރިކަން ދޭން ހުރިކަމަށް ބުނާށެވެ. ފިރިމީހާގެ ދިރިއުޅުމުގައި ހުރި މައްސަލަތަކަކީ ކޮބައިކަން ދެނެގަންނާށެވެ. އަދި ޕްރޮފެޝަނަލް ކައުންސެލަރެއްގެ ގާތަށް ދިއުމަށް އެއްބަސް ކުރުވާށެވެ. ކޮންމެވެސް ބަހާނާއެއް ހޯދައިގެން ފިރިމީހާގެ ރައްޓެހިންނާއި ބައްދަލުކުރުވާށެވެ. ގުދުރަތުން ފިރިމީހާއަށް ދެއްވާފައިވާ ޚާއްސަހުނަރުތައް ބޭނުންކުރުމަށް ހިތްވަރުދޭށެވެ. މަސައްކަތް ކުރަންޖެހެނީ އަބަދު ފައިސާ ހޯދުމުގެ ބޭނުމުގައި ނޫންކަމާއި އެކަމުގެ ސަބަބުން ހިތަށް ހަމަޖެހުން ލިބޭފަދަ ކަންކަން ކުރުމަށް ހިތްވަރު ދޭށެވެ. މިހުރިހާކަމެއް ކުރުމާއި އެކީގައި ތިމާގެ އަމިއްލަ ސިއްހަތަށްވެސް ވިސްނާށެވެ. ފިރިމީހާއަށް ފަރުވާ ކުރުމުންގޮސް އަމިއްލަ ސިއްހަތު ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv