News not found.

ފޭދޫގައި ހިނގި ސައިކަލް އެކްސިޑެންޓަށްފަހު ހޭނެތުނު ޒުވާނާ 19 ގަޑިއިރަށްފަހު ހޭއަރައިފި

އިސްމާއީލް ރަޝީދު އޭޕްރީލް 24 2007، 20:38 1 ޚިޔާލު

ސ. ފޭދުގައި އިއްޔެ ރޭ ދަންވަރު ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަހަމްވި ތިން މީހުންގެ ތެރެއިން އެންމެ ބޮޑަށް ޒަހަމުވެ ހޭނެތުނު އުމުރުން 18 އަހަރުގެ ކުއްޖާ 19 ގަޑިއިރަށް ފަހު ހޭއަރައިފި އެވެ.

ދެ ސައިކަލު ޖެހިގެން އެކްސިޑެންޓުވި ފޭދޫ ހަރުމަލުގެ އަލީ ސައީދު ހޭއެރިނަމަވެސް އޭނާ އަށް ލިބިފައިވާ ޒަހަމްތަކަށް މާ ބޮޑު ލުއިތަކެއް ނުލިބޭ ކަމަށް އާއިލާ އިން ވާހަކަ ދެއްކި އަބުދުﷲ ސައީދު, އައިޖީއެމްއެޗުގައި ހުރެ ބުންޏެވެ.

” ރޭ ގާތްގަނޑަކަށް 10.30 ހާއިރު ވަނީ ހޭއަރާފައި. ނަމަވެސް މޫނަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް އޮޕަރޭޝަން ކުރެވޭނީ ދެތިން ދުވަސް ފަހުން ކަމަށް ވަނީ ބުނެފައި,“ އޭނާ ބުންޏެވެ. އަލީ އަށް ލިބިފައިވާ ގެއްލުމަށް ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު އޭނާ މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ.

އަލީ މާލެ ގެނައީ ސަރުކާރުން ޗާޓަކުރި މަތިންދާ ބޯޓަކުންނެވެ.

އެ ހާދިސާގައި އަލީގެ އިތުރުން އޭނާގެ ސައިކަލުގައި އިން އެ ރަށު އަހުމަދު އަޝްފާގު,18, އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އޭނާ އަށް ފަރުވާދެމުންދަނީ ހިތަދޫ ހޮސްޕިޓަލުގަ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފައިވަނީ ދެ ސައިކަލް އެކްސިޑެންޓްވީ ގަވައިދާ ހިލާފަށް ބާރަށް ދުއްވުމުގެ ސަބަބުން ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނެއް ސައިކަލުގައި އިން މީހާ އަށާއި ދެ ސައިކަލަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ރާއްޖެ އަކީ ނިސްބަތުން އެންމެ ގިނަ އެކްސިޑެންޓް ހިނގާ އެއްގައުމުކަމުގައި އދ. އިން ވެސް ވަނީ ފާހަގަކޮށްފައި. ދަންނަވަން އޮތީ މިކަން ޙައްލުކުރެވޭނީ އަޅުގަނޑުމެން އެންމެން ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމަޔަށް ބޯލަބައިގެންނޭ. އަދި ސަރުކާރުން މީހުންގެ މޫނަށް ބެލުމެއްނެތި ގާނޫނާއި ގަވާއިދު ތަންފީޒުކޮށްގެންނޭ. އަޅުގަނޑުމެން މިހާރު މިވަނީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައި. އެއީ، ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި 3 މީހުން މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވެފައިވާތީއާއި. ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ. މިކަމަށް ސަމާލުކަން ނުދެވިއްޖެނަމަ ހަފްތާއަކު ދެތިން މީހުން އެކްސިޑެންޓްތަކުގައި މަރުވެ އެތައް މީހުންނަށް އަނިޔާލިބެމުންދާނެ ދުވަސް ވަރަށް ކައިރިކަމަށް ފެނޭ.

    ބުދަ، އޭޕްރީލް 25 2007، 08:24
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv