ފޯ ސީޒަނުން އެތެރެކުރި ބުދު ކަސްޓަމުން ހިފަހައްޓައިފި

މުހައްމަދު ރަފީއު އޭޕްރީލް 24 2007، 20:18 1 ޚިޔާލު

ފޯސީޒަން ލަނޑާގިރާވަރު ޓޫރިސްޓް ރިޒޯޓުން އެތެރެ ކުރި ބުދު ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

މި ބުދު ރާއްޖެއަށް ގެނެސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އައި ޔޫއެލް 101 ފުލައިޓުން ނެވެ. ކަސްޓަމުގެ އިސްވެރިއަކު މިއަދު ވިދާޅުވީ ކަސްޓަމުން ހިފެހެއްޓި ބުދަކީ ސްޓޭންޑެއްގެ މަތީގައި ބަހައްޓާގޮތަށް, ގަސްމުށިގަނޑެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ބުދެއް ކަމަށެވެ. ކަސްޓަމުން އޭތި ހިފެހެއްޓީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން އެއީ ބުދެއް ކަމަށް ނިންމުމާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

” މުށިގަނޑަކަށް ވިއަސް ބުދަކާ ވައްތަރުވާތީ މަތީ މަޖިލީހުގެ ބަހެއް ހޯދީ. އެމީހުން ނިންމީ އެ ބެލެވޭނީ ބުދެއްގެ ގޮތުގައި ކަމަށް. އެހެންވެ ކަސްޓަމްސްއިން ދޫނުކުރީ“ އޭނާ ވިދާޅުވި އެވެ. ކަސްޓަމުން ބުނީ އެގޮތަށް ހިފަހައްޓާ ތަކެތި ނައްތާލާގޮތަށް އެ ބުދުވެސް ނައްތާލާނެ ކަމަށާއި އެކަން ބުދު އެތެރެ ކުރި ފަރާތަށް ވެސް އަންގާފައިވާ ކަމަށެވެ. ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މި ބުދު ބަހައްޓާފައި ހުރީ ކަސްޓަމްގެ ބޮންޑެޑްވެއަރ ހައުސްގަ އެވެ.

އިނގިރޭސި މަހުމަޖަނުގެ އުފަންދުވަހަށް ފޯ ސީޒަނުގައި ބުދެއް ބެހެއްޓިތާ މަހެއްހާ ދުވަސް ނުވަނީސް ގެނައި މި ބުދުގެ ފޮޓޯތަކެއް ވަނީ ޖަޒީރާއަށް ލިބިފަ އެވެ.

މި ބުދު ބަންދުކޮށްފައި ވަނީ ލަކުނޑި ފޮއްޓެއްގަ އެވެ. މި ބުދުގެ ދިގުމިނުގައި ދެ ފޫޓް ހުރި ކަމަށް މައުލޫމާތު ދިން ފަރާތުން ކަށަވަރު ކޮށްދެ އެވެ. މި ބުދު ހުރީ ފޯސީޒަން ރިސޯޓްގެ ނަމުގައި ގެނައި ތިން ދާގީނާގެ ތެރެއިން އެއް ދާގީނާގަ އެވެ. ލަކުނޑި ފޮއްޓެއްގައި ދޫކޮށްފައިވާ މި ބުދު ހަދާފައި ވަނީ ސިމެންތި ކަހަލަ މެޓީރިއަލްއަކުން ނެވެ. ބުދުގެ އެތެރެ ހުރީ ހުސްކޮށެވެ.

މިކަމާބެހޭގޮތުން ފޯ ސީޒަން ރިޒޯޓްގެ އެއްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ޖަޒީރާގައި މި ބުދުގެ ފޮޓޯތަކެއް ޖެހުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މައްސަލަ ބައްލަވާނެ ކަމަށެވެ. އިގިރޭސި މަހުޖަނުގެ އުފަންދުވަހަށް ފޯސީނުގައި ބުދެއް ބެހެއްޓި މައްސަލައިގައި ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑަށް އެކަމާ ރުޅިއައިސްފަ އެވެ. ސިޔާސީ ހުރިހާ ޕާޓީއަކުން އެކަން ކުށްވެރި ކުރި އިރުވެސް ސަރުކާރުން އެކަން ކުށްވެރި ކޮށްފައެއް ނުވެ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. 86JKhY iqqbymeaqwta, [url=http://yolutqonqwhs.com/]yolutqonqwhs[/url], [link=http://czgkawbuyilz.com/]czgkawbuyilz[/link], http://qtqtjbwzzspi.com/

    އާދިތްތަ، އޮކްޓޫބަރ 12 2008، 04:20
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv