މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ނަމޫނާ

މުހައްމަދު ރަފީއު ސެޕްޓެމްބަރ 30 2007، 15:52 0 ޚިޔާލު

” މަރުވެއްޖެތޯ ބަލަންތަ! ތިއައީ“ މާމަގެ އެ ޖުމްލަތަކުން އަހަންނަށް ފުން އަސަރުތަކެއް ކުރުވި އެވެ. ދެރަވެސްވި އެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އެރި އެވެ. ދެލޯ ފެންކަޅިވި އެވެ. މީހާ ގަނޑުވި އެވެ. އެވަގުތު ސިނކުޑީގެ މަސައްކަތް ސިކުންތު ކޮޅަކަށް ހުއްޓުނު ކަމުގެ އިހުސާސް ކުރެވުނެވެ.

މާމަ ކުރި އެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި, ގަތާފައި ކައިރީގައި ކިނާރީއެއް ގަތަން އިން މާމަގެ ކައިރީގައި އިށީނީމެވެ. އަދި ބުރަކަށީގައި ފިރުމާލީމެވެ. އަހަރެންގެ ހަރަކާތަކަށް މާމަގެ ސަމާލުކަމެއް ނުހުއްޓުނެވެ. މާމަ ދިޔައީ މާމަގެ މަސައްކަތާއިގެން ކުރިއަށެވެ. އަވަސް ހަރަކާތްތަކެއްގެ ގޮތުގައި ފޯލި ތައް ބަދަލުކުރަމުންދާއިރު, އެއް ފޯލި އަނެއް ފޯލިގައި ކޭއްތިލާ އަޑުން އުފެދުނު މަޑުމައިތިރި ރާގު ނޫނީ އިތުރު އަޑެއް ނީވެ އެވެ.

މާމަ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. ސަބަބަކީ ދެމަހެއްހާ ދުވަސް ދިޔަ އިރު މާމަ ގާތަށް ނާދެވުނުތާގައި ހާލުވެސް ބަލައި ނުލީމަ އެވެ. މަޑުމަޑުން މާމަ ހަމައަކަށް އެޅުވޭތޯ ބެލީމެވެ.

” ވަރަށް ބިޒީކޮށް އުޅެން ޖެހުމުން ނާދެވުނީ“ އެއީ މާމަ ގަބޫލުކުރި އުޒުރެއް ނޫނެވެ. މާމަ ގަބޫލުކުރާ ގޮތުގައި ކިތަންމެ ބުރަޔަސް, މައިންބަފައިންގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެ އެވެ. ނާދެވުނު ތާގައި ގުޅާލެވެން ޖެހޭނެ އެވެ. އަތުގައި ފޯނެއް އޮވެ އެވެ, ނުގުޅެންވީ އެއްވެސް ސަބަބެއް މިހާރު އޮވެގެން ނުވާނެ އެވެ.

ކުރިން އަހަރެން ވެސް އުޅުނީ މާމައާއެކު ގަ އެވެ. ފެންނަ ހިސާބުގަ އެވެ. ގޮވާލާ ކޮންމެ ފަހަރަކު އަޑު އިވޭ ހިސާބުގަ އެވެ. އެކަމަކު އަމިއްލަ ދިރިއުޅުމަކާ ހަމައިން އެހެން ގެއަކަށް ބަދަލުވާން މަޖުބޫރުވި އެވެ.

އެއީ މާ ކުރިއްސުރެ ކުރަމުންއައި އުއްމީދެކެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުމެއް ބިނާކުރުމަކީ އަހަރެންވި ވަރަށް ބޮޑު ގުރުބާނީ އެކެވެ. އެކަމާ އެންމެ ބޮޑަށް އުފާކުރި އެކަކީ މާމަ އެވެ. މާމައާ ދުރުގައި އުޅެންޖެހުނަސް ހާލުބަލަމެވެ. ފިރުމައިދީ ހަދައިދެމެވެ. މާމަ ބުނާގޮތުގައި އެންމެ ދެކެން ބޭނުން ދުވަހަކީ މީހަކާ އިނދެގެން އަހަންނަށް ދަރިއެއް ލިބިގެން އުފާވެރި ދިރިއުޅުމެއް އުޅޭ ތަނެވެ. ނަސީބު ރަނގަޅު ކަމުން އެދުވަސް ވެސް މާމައަށް މިއަދު މިވަނީ ފެނިފަ އެވެ. މުނިމާމަ ކިޔާ ދެ ފިރިހެން ކުދިން އަހަރެންގެ ވެސް އެބަތިއްބެވެ. އެންމެ އަޖައިބުވާ ކަމަކީ އެ ކުދިން ދެކިލުމަށް އަހަރެން އުޅޭ އިމާރާތުގެ ތިން ބުރި މައްޗަށް މާމަ އެކަނިމާ އެކަނި އަރާތީ އެވެ. އެކަން އަހެރެން މަނާވެސް ކުރީމެވެ. އެކަމަކު މާމައަށް އެކަމެއް ކަމަކު ނުދިޔަ އެވެ.

މާލެގެނެސް ކިޔަވައި ދީ މީހަކަށް ހަދައިދިނީ މާމަ އެވެ. އެއީ މާމަގެ މަސައްކަތެވެ. އެކަމުގައި މާމައާއެކު ކާފަވެސް ބައިވެރިވި އެވެ. އެ ދެމަފިރިންގެ ފަރާތުން އަހަންނަށް ފެނިގެން ދިޔައީ އަދަޔާ ޚިލާފު ކަންތައްތަކެވެ. ދުވަހަކުވެސް ޒުވާބުކޮށް ދެމީހުން އަރާރުންވި ތަނެއް ނުދެކެމެވެ. އެކަކު އަނެކަކަށް އަޅާލަ އެވެ. ބަރާބަރަށް ފަސްވަގުތު ނަމާދު ކުރާނެ އެވެ.

މާމައާއި ކާފައަށް ދިހަ ކުދިން ލިބުނެވެ. އޭގެ ތެރެއިން މިއަދު ދުނިޔޭގައި ހަތް ކުދިން އެބަތިއްބެވެ. ކާފަ,މާމަ ކިޔާ 25 ކުދިން ތިބި އިރު, މުނިމާމަ މުނިކާފަ ކިޔާވެސް ނުވަ ކުދިން އެބަތިއްބެވެ. މާމަބުނާ ގޮތުގައި އެ ހުރިހާ ކުދިން ގެންގުޅުނީ މިހާރު ތަނަވަސް ދިރިއުޅުމެއްގައެއް ނޫނެވެ. މިފަދަ ތަހުޒިބީ ދުނިޔެއެއްގައެއް ވެސް ނޫނެވެ. ވަރަށް ނިކަމެތި ހާލުގަ އެވެ. އެކަމަކު ދުވަހަކު ވެސް ސަލާންޖަހާކަށް ނުޖެހެ އެވެ. މީހެއްގެ ގާތުގައި އާދޭސްކުރާކަށް ނުޖެހެ އެވެ. ވީއިރު, އެ ދުވަސްވަރު ހަތް ކުދިން ގެންގުޅުމަކީ މާމާއާއި ކާފަވި ގުރުބާނީ އެކެވެ. އެކަމުގައި އެ ދެމީހުންނަށް ލިބުނު އަގަކީ ކޮންމެ ދަރިއަކީ މިއަދު އެ ދަރިއެއްގެ ފަހަތުގައި ފަޚުރުވެރި ދަރިންތަކެއް ތިބި ނިސްބަތުން ބޮޑެތި އާއިލާތަކަށް ވީކަމެވެ.

ކާފަގެ ނިޔާވުމުން މާމައަށް ވަރަށް ހިތްދަތި އިހުސާސްތަކެއް ކުރުވި އެވެ. މާމަގެ ހާލު ކުރިއަށްވުރެ ދަށްވި އެވެ. އެކަންވީ ހިނދުކޮޅެއްގެ ކަމަކަށެވެ. ދަރިންނާއި މާމަދަރިންނާއި މުނިމާމަ ދަރިން އެއްތަނަކަށް އެއްވި އެވެ. މާމައަށް ލިބުނު އެ ހިތްދަތި ކަމުގައި އެންމެން ބައިވެރިވި އެވެ. އެންމެ ވަގުތުކޮޅަކަށް ނަމަވެސް މާމަ އެކަންޏެއް ނުކުރެ އެވެ. އެއިން ހިތްވަރު މާމަ ލިބިގަތެވެ. އޮށޯވެ އޮތުމުގެ ބަދަލުގައި ތެދުވި އެވެ. އިށީދެ އިނުމުގެ ބަދަލުގައި ހަރަކާތްތަރިވާން ފެށި އެވެ. ހުސްވަގުތު މަދުކޮށް މަސައްކަތުގައި ވަގުތު ހޭދަކުރަން ފެށިއެވެ. މާމަގެ ހަރަކާތްތަކަށް ބަލާއިރު ޒުވާން ފުރައިގެ ކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ. މާމައަށް ލިބިފައި ވަނީ އުމުރުން ދުވަސް ވުމުގެ ސަބަބުން ހަށިގަޑަށް ލިބިފައިވާ ނިކަމެތިކަމެވެ.

އެއީ އެއްއިރެއްގައި ރީތި އަންހެނެކެވެ. ދޮން ހަށިގަނޑެކެވެ. އެތަކެއް ފިރިހެނުންނެއް މާމަގެ އިންތިޒާރުގައި ތިއްބެވެ. މާމަ ބުނާގޮތުގައި ކާފައާ އިނީ ލޯތްބަކުން ނޫނެވެ. އެއީ މައިންބަފައިން ބޭނުންވެގެން ކުރި މަޖުބޫރު ކައިވެންޏެކެވެ. އެކައިވެންޏަށް މާމަ އިންކާރެއް ނުކުރެ އެވެ. މާމަ ދެކޭގޮތުގައި މައިންބަފައިންނެއް ދަރިންނަކަށް ނުބައި ނަސޭހަތެއް ނުދޭނެ އެވެ. އެހެންވެ ބައްޕަދެއްކި މީހަކާ ކައިވެނި ކުރީ އެވެ. އެ ދެމީހުންގެ މެދުގައި ލޯބި އުފެދުނީ ކައިވެންޏަށްފަހު އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv