

ކުއްލި ޚަބަރު: ސ. ފޭދުގައި ހިނގި އެކްސިޑެންޓެއްގައި ހޭނެތުނު ޒުވާނާ އިމަޖެންސީގައި މާލެ ގެނެސްފި
ސ. ފޭދޫގައި ރޭ ދަންވަރު ހިނގި ސައިކަލް އެކްސިޑެންޓެއްގައި ލިބުނު އަނިޔާގެ ސަބަބުން, ހޭނެތިފައި އޮތް ޒުވާނާ އިމަޖެންސީގައި ގަޑިއެއްހާ އިރު ކުރިން މާލެ ގެނެސްފި އެވެ.
ރޭ ދަންވަރު 3.15 ހިނގި އެކްސިޑެންޓްގައި އަނިޔާވެ ހޭނެތުނު ސ.ފޭދޫ ހަރުމަލުގޭ އަލީ ސައީދު, 18އ, މާލެ ގެނައީ ވިއްސަކަށް ގަޑިއިރު ވީ އިރުވެސް އޭނާ ހޭ ނާރާތީ ކަމަށް ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.
މިހާދިސާ ހިނގާފައި ވަނީ އައްޑު އަތޮޅު ފޭދޫ އޯކިޑްމަގުގެ ދެކުނުން އިތުރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން މާދިލަ ގޯޅިން އެމަގަށް ނުކުތް ސައިކަލެއްގައި ޖެހިގެން ނެވެ.
މިހާދިސާގައި އަލީ ސައީދުގެ މޫނަށް ލިބުނު ގެއްލުމުގައި މޫނުގެ ކަނާތްފަރާތުގެ މަސްގަނޑު ވަނީ ނެއްޓި ފައެވެ. އަދި ނޭފަތާއި ތުންފަތަށް ބޮޑެތި ގެއްލުންވެ, ގައިގެ އެކިތަންތަން ވަނީ ޒަޚަމްވެފަ އެވެ.
ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ އަލީ ސައީދުގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ހޮސްޕިޓަލަށް އޭނާ ގެނައި އިރު ވެސް ހޭނާރާ ކަމަށެވެ.
އަލީ ސައިދާއެކު ސައިކަލުގައި އިން އަހުމަދު އަޝްފާގުގެ މޫނަށް ވެސް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.