އިމާދު އެބަސް ބޭނުން ކުރައްވާފައިވަނީ ހުސެއިން އިބްރާހިމާ ދިމާލަށްކަމަށް ވިދާޅުވެ މަޖިލީހުގެ ދެ މެމްބަރަކު ހެކިބަސް ދެއްވައިފި

މަސްއޫދު ހިލްމީ ސެޕްޓެމްބަރ 27 2007، 16:38 0 ޚިޔާލު

މިދިޔަ ޖުލައި މަހު 23 ވަނަ ދުވަހު އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހު ޖަލްސާއަށް ފަހު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސުލް ޖުމުހުރިއްޔާގެ މެމްބަރ އިމާދު ޞާހިލް އެމަޖިލީހުގެ ޅ. އަތޮޅު މެމްބަރ ހުސެއިން އިބްރާހިމާ ދިމާލަށް ” ކަލޭ ވާހަކަ ނުދައްކާ ނގބޅ އޭ“ ވިދާޅުވި ކަމަށް ބުނާ މައްސަލާގެ ޝަރީއަތުގެ އަޑު އެހުމަށް އިއްޔެ ހާޒިރު ކުރި ދެ ހެކިވެރިން ވެސް އިމާދު އެބަސް ބޭނުން ކުރައްވާފައިވަނީ ހުސެއިން އިބްރާހިމް އާ ދިމާލަށް ކަމަށް ވިދާޅުވެ ހެކިބަސް ދެއްވައިފި އެވެ.

އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ހުސެއިން އިބްރާހިމް ހުށަހަޅާފައިވާ ހެކިވެރިންގެ ތެރެއިން ކ. އަތޮޅު މެމްބަރ އަދި ޑީއާރުޕީގެ މެމްބަރ އިސްމާއިލް އަބުދުލް ހަމީދާއި ވ. އަތޮޅު މެމްބަރ އަދި އެމްޑީޕީގެ މެމްބަރ އިލްޔާސް ހުސެއިން އިބްރާހިމެވެ.

އިއްޔެ މެންދުރު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އިލްޔާސް ހުސެއިން އިބްރާހިމް ވިދާޅުވީ އެބަސް އިމާދު ސާލިހު ބޭނުން ކުރެއްވީ ހުސެއިން އިބްރާމާ ދިމާލަށް ކަމަށެވެ.

އިލްޔާސް ވިދާޅުވީ އިމާދު އެބަސް ވިދާޅުވެފައިވަނީ އަތްޕުޅުން އިސާރާތް ކުރެއްވުމަށް ފަހުގައި ކަމަށާއި އެހެން ނަމަވެސް އިސާރާތް ކުރެއްވީ ކޮންއަތްޕުޅަކުން ކަމެއް މިހާރު ހަނދުމަފުޅު ނެތް ކަމަށެވެ.

"އެއް އިނގިލި ހުރީ ޕޮއިންޓަޑްކޮށް. ހުސެއިން އިބްރާހިމްގެ ފޫޅުން ފެށިގެން މައްޗައް." ގާޒީ ވިދާޅުވީ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ހެކިބަސް ދެއްވަމުން ވިދާޅުވީ "ކަލޭ ވާހަކަ ނުދައްކާ" މިބަސް އިމާދު ބޭނުން ކުރެއްވިކަން އެހާބޮޑަށް އެބޭފުޅާގެ ސިކުޑިއަށް ނެގިވަޑައިގެންފައި ނުވާ ކަމަށާ އެހެން ނަމަވެސް "ނަގބޅ" މިލަފުޒު ބޭނުން ކުރެއްވި ކަމަށެވެ.

އިލްޔާސްގެ ހެކިބަހަށް ފަހު ޝަރީއަތުގައި ދެން ކުރިއަށް ގެންދިޔައީ އިސްމާއިލް އަބުދުލް ހަމީދުގެ ހެކިބަސް ނެގުންކަމެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ވިދާޅުވީ އިމާދު ސާލިހު އެބަސް ބޭނުން ކުރައްވާފައި ވަނީ ހުސެއިން އިބްރާހިމްއާ ދިމާލަށް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ "ކަލޭ ވާހަކަ ނުދައްކާ ނަގބޅ" މިލަފްޒު އިމާދު ސާލިހު, ހުސެއިން އިބްރާހިމާ ދިމާލަށް ބޭނުން ކުރެއްވި އަޑު އެއްސެވިކަމާއި އިމާދު އެބަސް ބޭނުންކޮށްފައި ވަނީ ހުސެއިން އިބްރާހިމާއި ދިމާލަށް އަތުން އިސާރަތްކޮށް އިނގިލި ދިއްކޮށްފައި ކަމަށެވެ.

އިއްޔެގެ ޝަރީއަތުގައި ގާޒީ ތަކުރާކޮށް އެލަފްޒް (ކަލޭ ވާހަކަ ނުދައްކާ ނގބޅ) އެގޮތަށް އިމާދު ބޭނުން ކުރެއްވީ އެގޮތަށްތޯ ދެންނެވުމުންވެސް އިސްމާއިލް ވިދާޅުވީ އެބޭފުޅާއަށް އިވިވަޑައިގެންފައިވަނީ އެގޮތަށް ކަމަށެވެ.

މިދެބޭފުޅުންގެ ހެކި ބަހުގައިވެސް އިމާދު ހުސެއިން އިބްރާހިމާއި ދިމާލަށް މިބަސް ބޭނުން ކުރެއްވި އިރު އެދެބޭފުޅުންގެ ދޭތެރޭގައި ހުންނާނީ ހައެއްކަ ފޫޓު ކަމަށް ވިދާޅުވެ ހެކިބަސް ދެއްވާފައިވެ އެވެ.

މިއަދު އޮތް ޝަރީއަތުގައި ވާހަކަފުޅު ދައްކަވަމުން ގާޒީ ވިދާޅުވީ މިދެބޭފުޅުންގެ ހެކިބަހުގައި ކޮންމެސް ވަރެއްގެ ތަފާތުތަކެއް ހުރި ކަމަށެވެ.

ގާޒީ ވިދާޅުވީ ތަފާތުތަކެއް ހުރިނަމަވެސް އެއީ ޖައުހަރީތަފާތެއް ނޫން ކަމަށާ އެއީ ޝަރުއީ ތަފާތެއް ކަމަށެވެ. އަދި އިތުރު ހެކިވެރިއެއްގެ ހެކިބަސް ބޭނުންވާ ކަން ނުވަތަ ނުވާކަން ނިންމާނީ މިކަމާ މެދު މަސްވަރާ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހުސެއިން އިބްރާހިމް ވަނީ އިމާދު ޞާލިހް ހުސެއިން އިބްރާހިމާއި ދިމާލަށް އެހެން ބުނިކަމަށް ބުނެފައިވާ ކަމަށް ބުނާ އޯޑިއޯ އަޑު އިން ސައިޓްގެ އެޑްރެސް ގާޒީއަށް އަރުވާފަ އެވެ.

މިއޯޑިއޯ އަޑު އިން ސައިޓްގެ އެޑްރެސް ގާޒީއަށް އެރުވުމުން އިމާދު ޞާލިހްގެ ވަކީލު ވިދާޅުވީ މިޒަމާނުގެ ޓެކްނޮލެޖީގެ އަލީގައި އިމާދުގެ އަޑާއި އެއްގޮތަށް ފަރުމާ ކުރުމުގެ ގާބިލްކަން ލިބިގެންވާ ކަމަށާ އެހެން ވުމުން އިސްލާމީ ޝަރީއަތެއްގައި އެފަދަ އޯޑިއޯ އަކީ ގަބޫލު ކުރެވޭނެ އެއްޗެއްކަމަށް ނުބެލެވޭ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv