
އާއިލާއިން ކަނޑައެޅި ޑޮކްޓަރަށް ސަލާހުގެ ހަށިގަނޑު ދެއްކުމަށް އެމްބަސީން ދެކޮޅު ހަދައިފި
އަނިޔާތަކަކާއެކު މަރުވެފައިއޮއްވާ އަތޮޅުވެއްސާ ދިމާ މޫދުން ފެނުނު ސ ހިތަދޫ ނާޒުކީގޭ ހުސައިން ޞަލާހުގެ އާއިލާ އިން ކަނޑައެޅި ޑޮކްޓަރަށް އޭނާގެ ހަށިގަނޑު ދެއްކުމަށް ސްރީ ލަންކާގައިހުންނަ ދިވެހި އެމްބަސީން ދެކޮޅު ހަދައިފި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ޞަލާހު މަރުގެ ހަގީގަތް ހޯދުމަށް ޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ލަންކާ އަށް ގެންގޮސްފައިވާ ޞަލާހުގެ ހަށިގަނޑު އާއިލާ އިން އައްޔަނުކުރި ޑޮކްޓަރަށް ދެއްކުމަށް ދެކޮޅު ހެދުމާ ގުޅިގެން އެކަމުގެ ހުއްދަ ލިބޭތޯ މިހާރު ވެސް މަސައްކަތް ކުރަމުންގެންދާ ކަމަށް އާއިލާގެ ކަންތައްތަކުގައި އެހީތެރިވަމުންނަ އަހުމަދު ނަސީމް ލަންކާގައި ހުންނަވައިގެން ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ އާއިލާ އިން ކަނޑައެޅި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ދެ ވަނަ ފަރާތެއްގެ ޕްރޮފެޝަނަލް އޮޕީނިޔަނެއް ހޯދުމަށް އާއިލާއިން ބޭނުންވެގެން އެމްބަސީއަށް ހުށަހަޅައިގެން އަދި ވެސް އެކަން ހަމަނުޖެހޭ ކަމަށެވެ.
” އެމްބަސީން މިއަދު ބުނީ އެކަން ކުރެވޭނީ ލަންކާ ސަރުކާރުން ވެސް ހުއްދަ ލިބިގެންނޭ. ހަމައެކަނި މިތަނުން އެކަން ކުރަން ހުއްދައެއް ނުދެވޭނެޔޭ. ދެ ސަރުކާރުގެ ދެމެދުގައިވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިނގާކަމަކަށް ވާތީ ލަންކާ ސަރުކާރުން ހުއްދަ ހޯދަން ޖެހޭނެޔޭ,“ އާއިލާގެ މީހުންނާ ހަވާލާދެއްވާ ނަސީމު ވިދާޅުވި އެވެ.
ސަރުކާރުގެ އިސްތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) ސިންގަންޕޫރުގައި ހުންނަވައިގެން މިއަދު ވިދާޅުވީ ޞަލާހުގެ ހަށިގަނޑު މިރޭ މާލެ ގެނައުމަށް ހަމަޖައްސާފައި ވަނިކޮށް މިއަދު އާއިލާއިން އިތުރު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މި ރޭ ހަށިގަނޑު މާލެ ނުގެންނެވިއްޖެ ނަމަ ޞަލާހުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
” ސަރުކާރުން ވެސް މިވަނީ ޕްރޮފެޝަނަލް އޮޕީނިޔަނެއް ހޯދާފައި. ދެން އިތުރު ހަރަދުތަކެއްކޮށްގެން ދައުލަތުން އެކަން ކުރާކަން ބޭނުމެއް ނުވާނެ. މި ރޭ ހަށިގަނޑު މާލެ ގެންނަން ބޭނުން ނުވާ ނަމަ ހަށިގަނޑު އާއިލާ އާ ހަވާލުކުރާނެ. އޭރުން އެ މީހުން ބޭނުންކަމެއް ކުރެވޭނެ,“ ފޯނުން ދެއްވި އިންޓަވިއު އެއްގައި މޮންދު ވިދާޅުވި އެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު ޞަލާހު މަރުވެފައި ވަނިކޮށް ފެނުމާ ގުޅިގެން އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ސޮލާހު މަރުވެފައިވަނީ އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށެވެ. އަދި ސައިނަސް ކަށިގަނޑަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ޓީވީ މޯލްޑިވްސް އަށް ދިން އިންޓަވއެއްގައި ބުނެފައިވެ އެވެ. އެ މައުލޫމާތު ފުލުހުން ހާމަކޮށްފައިވަނީ އައިޖީއެމްއެޗުން ނެގި އެކްސްރޭ އާއި ސީޓީ ސްކޭނުގެ އަލީގައި ކަމަށް ވެސް ފުލުހުން ވަނީ ޑޮކްޓަރުންނާ ހަވާލާދީ ބުނެފަ އެވެ.
ޞަލާހު މަރުވެފައިވަނީ އޭނާގެބޮލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން އެ ވާހަކަ ދެއްކިތާ ހަ ދުވަސް ފަހުން, ލަންކާގައި ހެދި ޕޯސްޓްމޯޓަމުން ދައްކާފައި ވަނީ އޭނާ މަރުވީ ގެނބިގެން ކަމަށް ބުނެފަ އެވެ. އަދި ބޮޑު އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ބުނެފަ އެވެ.
-
އަންގާރަ، އޭޕްރީލް 24 2007، 11:31
ސަލާޙު ނިޔާވީ ގެބިގެން ކަމަށް ގަބޫލެއް ނުކުރެވޭ. ގެބިގެން މަރުވާ މީހުން މާބޮޑަށްވެސް އެނގޭނެ. ކޮންމެ ބަޔަކުކުރިޔަސް މިއީ ބަޔަކު ކުރިކަމެއްކަމަށް ބުރަވެވެނީ. ފުލުހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވޭނެ ފަދަ ގަރީނާތައް އެބަހުރި. މިފަދަ އެހެން މީހުންނާއިމެދު އަމަލުކުރާގޮތާއި ސޮލާހުގެ ކޭސްއާއި ވަރަށް ބޮޑަށް ތަފާތު. ޕޯސްޓް މޯޓަމް ރިޕޯރޓްގެ ސައްޙަކަމާއި މެދު ސުވާލުއުފެދޭ. ނުވަތަ އަޖީ އެމް އެޗްގެ ފެންވަރާއި މެދު ސުވާލުއުފެދޭ. ޝައްކުތައް ނައްތާލުމަށް ފުލުހުން މަސައްކަތްނުކުރޭ.