ކުށް ފްރީ މުޖްތަމައެއް ބިނާކުރެވިދާނެބާ؟

ސެޕްޓެމްބަރ 26 2007، 20:48 0 ޚިޔާލު

އަލީ ރިޟާ

“ތިޔަބައިމީހުންގެ ނަޒަރުގައި އިސްތަށްޓަކަށްވުރެވެސް އާދައިގެ ކަންތައްތައް ތިޔަބައިމީހުން ކުރަމުއެވެ. ތިމަންމެން ރަސޫލާގެ ޒަމާނުގައި އެކަންތައްތަކަކީ ބޮޑެތި ފާފައިތެރެއިން ހިމެނީމެވެ.” މިއީ ރަސޫލާގެ ޒަމާނަށްފަހު އައި ތާބިޢީންގެ ދުވަސްވަރާއި ރަސޫލާގެ ޒަމާނުގައި އަޞްޙާބުބޭކަލުން ކަންތައްތަކާމެދު ދެކެމުން އައިގޮތް ސިފަކޮށް، އަޞްޙާބުބޭކަލަކު ވިދާޅުވިބަސްފުޅެއްކަމުގައިވެއެވެ.

ކީރިތި ރަސޫލާގެ ޒަމާނަކީ އެންމެ ހެޔޮޒަމާނެވެ. އެކަލޭގެފާނާއެކު އުޅުއްވި އެކަލޭގެފާނުގެ ޞަޙާބީންނަކީ އެފަދަ ދެވަނައެއްނެތް ކިޔަމަންތެރި ޖީލެކެވެ. މިއާއެކުވެސް ކުށްކުރުން ނެތް މުޖްތަމަޢެއް އެދުވަސްވަރުވެސްނެތެވެ. އެހެންނަމަވެސް އެދުވަސްވަރަކީ ކުށްފާފައާމެދު ސަމާލުވިދުވަސްވަރެކެވެ. ކުށްގިނަވުމަކީ މުޖްތަމަޢުގެ ހަލާކުކަން ދަނެ ފަރުދުންނާއި ޖަމާޢަތްއެކުއެކުގައި މުޖްތަމަޢު ސަލާމަތްކުރުމަށް މަސައްކަތް މެދު ނުކަނޑާދެމެހެއްޓެވިއެވެ. އެޖީލުގެ ދަރިން ސިފަކުރެވިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެންމެހެޔޮ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއަށްފަހު އަންނަޤަރުނެވެ. ދެން އެއަށްފަހު އަންނަޤަރުނެވެ.”

އިންސާނާގެ ޠަބީޢަތަކީ ދެއަތަށް ކެޑުމުގެ އިޚްތިޔާރުލިބިގެންވާ ޠަބީޢަތަކަށްވިޔަސް ހެޔޮކަމުގެ ބައި ދިރުވައި ނުބައިކ ަންތައްތަކަށް ބާރުއަޅައި ނުބައިނަފްސު މައިތިރި ކުރުމުގައި އެޖީލުކާމިޔާބުވީ އިންސާނާގެ ނަފްސުގައި ބަލިފައި އެބޭކަލުންނަށް ދެނެގަނެވުނީމައިކަމުގައި ވެދާނެވެ. ކޮންމެބޮޑުކަމަކާކުރިމަތިވާ ހިނދު ރިސާލަތުގެ ދަރުބާރަށް ރުޖޫޢުވުމީ އެބޭކަލުންގެ އާދައެކެވެ. ﷲގެ ވަޙީއަށްތަބާވެގެން އޭގެ ފަހަތުންއެބޭކަލުން ވަޑައިގެންނެވިއެވެ. ފަހުގެ ޖީލުގައި، ފެނިގެންދަނީ މީގެ އިދިކޮޅެވެ. އަހަރުމެންނަށް ކަމެއްބޮޑުވެގެން ރިސާލަތުގެ ދަރުބާރަށް (ޤުރްއާނާއި ސުންނަތަށް) ރުޖޫޢުވުމުގެ ޚިޔާލެއްވެސްނުކުރެއެވެ. ފެންނަގޮތަކަށް ކަންކޮށްލާ ނިއްމާލައެވެ. އަދި ތިމާކަންކުރިގޮތާއި އެއްގޮތަށް ނައްޞުތައް ގެނައުމަށްޓަކައި މަސައްކަތްކުރެވޭތަން އަންނަނީ މަދެއްކޮންނޫނެވެ. މިކަންކުރާއިރު އަހަރުމެންނަށް އައިސްފައިވާ އަމުރުފުޅު،”ތިޔަބައިމީހުން ޤުރްއާން މަގުދައްކާގޮތަކަށް ޤުރްއާނާއި އެކުގައިދާށެވެ.” ހަނދާންހުރޭމެއެވެ. ނަމަވެސް ދުނިޔެއަށްޖެހިފައިވާ ކަނުލޯތްބެއްގެ ސަބަބުން ހެޔޮބުއްދިއަށް ސަމާލުކަމެއްނުދެވިގެން ދެއެވެ.

އެދުވަސްވަރުވެސް އިންސާނާގެ ޠަބީޢަތަކީ ކުށްކުރުމާއި ނުކުރުމުގެ އިޚްޠިޔާރު ލިބިގެންވާ ޠަބީޢަތެއްގެ ގެ ބަޔެއްކަން އެބައިމީހުން ދަނެތެވެ. ވީމާ

އެއްވެސް ނޭދެވޭކަމެއް ނުހިނގާމުޖްތަމައެއް ބިނާކުރުމަށްއުޅުކަމެއް އެގޭކަށްނެތެވެ. ނަމަވެސް އިންސާނާގެ އެނިކަމެތި ޠަބީޢަތާއެކު، ކުށްތަކުންތައުބާވެ ނަފްސުއިޞްލާޙުކުރެވޭތޯ އެދުވަސްވަރުގެ ފަރުދުން މަސައްކަތް ކުރަމުންގެންދެވިއެވެ. މިގޮތުން އެބޭކަލުން ދަންނަގޮތުގައި “ކޮންމެ އާދަމުގެ ދަރިއަކީކުށްކުރާނެ މީހެކެވެ. ކުށްކުރާމީހުންގެ ތެރެއިން އެންމެހެޔޮމީހުންނަކީ ކުށަށްތައުބާވާމީހުންނެވެ.” މިހެޔޮވިސްނުމުގެ ނަތީޖާއެއްގެ ގޮތުންނާއި އެދުވަސްވަރު ކުށްމަދުކުރުމަށްޓަކައި ޢަމަލުކުރުމަށް ﷲ ދެއްވާފައިވާ މަޝްރޫޢާއެއްގޮތަށް ޢަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެދުވަސްވަރު ނަމޫނާމުޖްތަމަޢެއް ބިނާވެގެން ދެއެވެ.

ރައްކާތެރިކަމާއި އަމާންކަމާ ހިތްހަމަޖެހުމާއެކު ދިރިއުޅުމަށްޓަކައި މިއަދުވެސް ބޭނުންޖެހިގެންވަނީ ކުށްމަދުކުރުމަށްޓަކައި އިސްލާމްދީނުގައި ޢަމަލުކުރަންދެއްވާފައިވާ ރިވެތި ގޮތަށް ޢަމަލުކުރުމެވެ. އިސްލާމީ ޝަރީޢަތުގެ ޢަދުލުވެރިންކަމުން ދިރިއުޅުން އުޖާލާކުރުމެވެ. އިޖްތިމާޢީ ޢަދުލުވެރިކަމެއްލިބި މުޖްތަމަޢުއަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނަކަށްވާނީ އިސްލާމްދީނުގެ ޙުކުމްތައް ތަންފީޛުކޮށްގެންެނެވެ.

މިގޮތުން ޢަމަލުކުރަންއޮތް ކަންތައްތައް ދަންނައެވެ.

1. ކުށްކުރުމުން ރައްކާތެރިވެތިބުމަށް ޢަމަލުކުރަންވީކަންތައް: މިކަމަށްފުރަތަމަ ކުރަންވި ކަމަކީ މުސްލިމުންގެ ނަފްސުގައި ކުށްތަކުން ރައްކާތެރިވެ ތިބުމުގެ ބާރެއް އުފައްދާ އުޚުރަވީ ޙަޔާތުގެ ދަރުސްތަކުން އިންސާނާގެ ނަފްސުތަރުބިއްޔަތުކުރުމެވެ. ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ﷲމީހަކަށް ހެވެއް މިންވަރުކުރައްވައިފިނަމަ އޭނާގެ ނަފްސުގައި އޭނާއަށް ނަސޭހަތްދޭނޭ ވާޢިޡަކު ލައްވަތެވެ.” މިކަމުގެ ސަބަބު އިންސާނާގެ ނަފްސުގައިވާ ހިތް އިޞްލާޙުވެ ދިރިއުޅުމުގެ ޢަމަލީޙަރަކާތްތަކަށް ހެޔޮބަދަލުތައް އާދެއެވެ. އެހެނީ، ހިތަކީ ނަފްސާއި ހަށިގަނޑު މައިތިރިކޮށް ހިފަހައްޓާ މައިމަރުކަޒެވެ. އެ ހިތް އީމާންކަމުން އާބާދުވެގެން ދިއުމުން ގުނަވަންތަކުންވެސް އޭގެހެޔޮއަސަރުފެނިގެންދާނެކަމަށް ރަސޫލާގެ އިރުޝާދުގައިވެއެވެ. “ހަމަކަށަވަރުން ހަށިގަޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު އިޞްލާޙުވެ، ރަނގަޅުވެއްޖެނަމަ މުޅިހަށިގަނޑު ރަނގަޅުވެ އިޞްލާޙުވެދެއެވެ. އެމަސްކޮޅު ގޯސްވެ ފާސިދުވެއްޖެނަމަ މުޅިހަށިގަނޑު ގޯސްވެ ފާސިދުވެގެންދެއެވެ.” (ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv