

މި ސަރުކާރު ބަދަލުކޮށްލުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ވާޖިބެއްކަމަށް އަދާލަތުން ބުނެފި
މިހާރު ރާއްޖޭގައި މިއޮތް ސަރުކާރު ބަދަލު ކުރުމަކީ މިއަދު ދިވެހި ކޮންމެ ފަރުދެއްގެ މައްޗައް ވާޖިބެއް ކަމަށް އަދާލަތު ޕާޓީގެ އިސްތަރުޖަމާން މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ އަދާލަތު ޕާޓީން ރޭ ޣިޔާޘުއްދީން ސުކޫލު ހޯލްގައި ބޭއްވި އެޕާޓީގެ އާއްމު ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަހީމްގެ ވާހަކަފުޅުގައި މައުމޫންގެ ސަރުކާރާއި ވެރިކަށް ހަވާލު ކުރީ ވެސް ރައްޔިތުން ކަމަށާ އަދި މައުމޫން ކިބައިން ސަލާމަތް ކުރާނީ ވެސް ރައްޔިތުން ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އަމަލުތައް ހުންނަ ގޮތުން ފުލުހުންނާއި ސިފައިންނާއި ދޭތެރޭ އެހެން ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށެވެ.
” މިހާތަނަށް ފުލުހުންނާއި ސިފައިންނާ އަޅުގަނޑުމެން މުއާމަލާތު ކުރަމުން މިއަންނަނީ ވަރަށް ރަނގަޅަށް. އެއްވެސް ސިޔާސީ ޕާޓީ އަކުން ދީފައިނުވާ އެއްބާރުލުންތައް ދީފައިވާނެ.“ ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީ ނިކުންނަ ދުވަހަކީ ބޮޑުވެގެންވާ ދުވަހަކަށް ވާނެ ކަމަށާ އެދުވެހެއް އަދާލަތު ޕާޓީން ގާއިމް ކުރާނެ ކަމަށެވެ.
” ފުލުހުންނާއި ސިފައިންނަށް އަޅުގަނޑުމެން ދަންނަވާފައިވާނެ އެބޭފުޅުން ގެންގުޅޭ ފިސްތޯލަތަކަކީ އަޅުގަނޑުމެން ބިރުގަންނަ އެއްޗެއް ނޫނޭ.“ ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ވެރިމީހާ ނުވަތަ އަމީރު އެޕާޓީގެ 10000 މެމްބަރުންނަށް ނިކުންނަށް އަމުރު ކުރައްވައިފިނަމަ ނިކުންނާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ އެއްދުވަހު އެކެއްޗެއް ކިޔާ އަނެއް ދުވަހު އަނެކެއްޗެއް ކިޔާ ބަޔަކު އަދާލަތު ޕާޓީގައި ނުތިބޭނެ ކަމަށެވެ.
ޝަހީމްގެ ވާހަކަފުޅުގައި މިހާރު މިއޮތް ވެރިކަމާއި ހުރެ ދީނެއް ގާއިމް ކުރެވެން ނެތް ކަމަށާއި އަދި އަމަންއަމާން ކަމެއް ވެސް ގާއިމް ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރައީސް މައުމޫން ސާރކް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މާތް ގުރުއާނަށް ރިއާޔަތް ކޮށް ވިދާޅުވި ” އެބައެއްގެ ހާލަތު ބަދަލު ނުކުރައްވާ ހާ ހިދަކު ﷲ އެކަމެއް ބަދަލެއް ނުކުރައްވާނޭ.“ މިބަސްފުޅަކީ އަޅުގަނޑުމެން ރައްޔިތުންނަށް އެމަނިކުފާނު ވިދާޅުވި ރަނގަޅު ބަސްފުޅެއް ކަމަށެވެ.
” އުޑުން މަލާއިކަތުންނެއް ނާންނާނެ މައުމޫނުގެ ވެރިކަށް ބަދަލު ކުރާ ކަށެއް. އެކަމު އަޅުގަނޑުމެން ހައްގުގައި ތިބެގެން އަނިޔާ ވެރިކަށް ނައްތާލުމަށް މަސައްކަތް ކުރާ ނަމަ މާލާއިކަތުން އަޅުގަނޑުމެންނަށް ވާގިވެރިވާނެ.“ ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ މިއަންނަ ބުރާފަތި ދުވަހު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓަށް އަދާލަތު ޕާޓީން ތާއީދު ކުރައްވާ ކަމަށެވެ.
” އަޅުގަނޑު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް މިގޮވާލަނީ. މަޖިލީހުގެ އިއްތިފާގުން މިކަން ފާސްކޮށް އައްބާސް އިބްރާހިމްގެ ކިބައިން މަޖިލީސް ސަލާމަތް ކޮށް ދިނުމަށް.“ ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިހާރު ގައުމަށް ދިމާވެގެން އުޅޭ ގިނަ ކަންތައްތަކުގެ އަސްލަކީ މިބައި މީހުން ކަމަށް ގިނަބަޔަކު ދެކޭ ކަމަށާ އަދި އަދާލަތު ޕާޓީގެ ފަރާތުން ވެސް ދެކެނީ އެގޮތަށް ކަމަށެވެ.