އެބޯޝަން ހެދުމުގެ ނުރައްކާ

އައިމިނަތު މިނީޝާ ސެޕްޓެމްބަރ 25 2007، 15:27 1 ޚިޔާލު

އާއިލާ ރޭވުމާއި ދޭތެރެދުރުކޮށް ދަރިން ހޯދުމުގެ އިޚްތިޔާރު އޮންނަނީ އަންހެނުންގެ އަތުގައިތޯ ނުވަތަ ފިރިހެނުންގެ އަތުގައިތޯ މިއީ ވަރަށް ގިނައިން ކުރެވި އަދި ވަކި ކޮޅަކަށް ބުރަނުވެވޭ ބަހުސެކެވެ. ނަމަވެސް އިއްތިފާޤުވެވޭ އެއް ކަމެއް އެބައޮތެވެ. ބޭނުން ނުވާ ކުއްޖަކަށް ބަލިވެއިނުމަށްފަހު އެބޯޝަނެއް ހަދައިގެން އެދަރިފުޅުގެ ކިބައިން ސަލާމަތްވުމަށް ކުރެވޭ މަަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ލިބޭ ހުރިހާ ވޭނަކާއި ތަކުލީފެއް އުފުލަންޖެހެނީ ހަމައެކަނި އަންހެނުންނަށެވެ. އެބޯޝަން ހެދުން އަޅުގަނޑުމެންގެ ދީނުގައި ހުއްދަކުރެވިފައިވަނީ، ބަނޑުގައިވާ ދަރިފުޅުގެ ސަބަބުން މައިމީހާއަށް ގެއްލުންވާ ފަދަ ހާލަތްތަކުގައި އެކަނި ކަމުގައި ވިޔަސް އަޅުގަނޑުމެންގެ މި މުޖްތަމަޢުގައިވެސް މިކަމަކީ ވަރަށް އާއްމު ކަމަކަށްމިހާރު ވަނީ ވެފައެވެ.

ރާއްޖޭގައި މިކަމަކީ މަނާކަމަށް ވުމުން މިކަން ކުރެވެނީ ވަރަށް ސިއްރުންނެވެ. އެހެންކަމުގެ މިކަމުގެ ރެކޯޑް އަޅުގަނޑުމެންގެ އަތުގައި ނެތަސް، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްޢިއްޔާ (WHO) ގެ ރިޕޯރޓްބުނާގޮތުން، ދުނިޔޭގައި އަހަރަކު 210 މިލިއަން އަންހެނުން ބަލިވެ އިންނައިރު މީގެ ކޮންމެ 5 އަންހެނަކުން އެކަކު އެބޯޝަން ހަދައިގެން ދަރި ވައްޓާލައެވެ. އަދި މިގޮތަށް އެވްރެޖްކޮށް އަހަރަކު ހެދޭ 46 މިލިއަން އެބޯޝަން ގެ ތެރެއިން 19 މިލިއަން އެބޯޝަނަކީ ރައްކާތެރިކަން ނެތްގޮތުގައި ހެދޭ އެބޯޝަނެވެ. އަދި މިކަމުގެ ސަބަބުން އަހަރަކު 68,000 އަންހެނުން މަރުވެ އަދި 5.3 މިލިއަން އަންހެނުން އެބޯޝަނާއި ގުޅިގެން ދިމާވާ މައްސަލަތައް ދާއިމީ ކޮށް ނުވަތަ ކުރުމުއްދަތަކަށް ނަމަވެސް ތަހައްމަލް ކުރަން ޖެހެއެވެ.

ރައްކާތެރިނޫން ގޮތުގައި ހެދޭ އެބޯޝަން ކަމުގައި ބުނެވެނީ، ސާފުތާހިރުކަން ދަށްފެންވަރުގައި ހުންނަ ތަންތަނުގައި، ނުވަތަ ކަމުގެ ހުނަރުނެތް މީހުންލައްވާ ހެދޭ އެބޯޝަން ތަކާއި އެކަމަށްބޭނުންވާ އެންމެ އެކަށޭނަ އާލާތްތައް ލިބެންނެތް ތަންތަނުގައި ކުރެވޭ އެބޯޝަންތަކެވެ. މީގެ އިތުރުން ތަރައްގީ ވަމުން އަންނަ ގައުމު ތަކުގައި ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި ގޭގައި ކުރެވޭ ބައެއްކަންތައް ތަކުން ވެސް ރައްކާތެރިނޫން ގޮތުގައި އެބޯޝަން ހެދޭ ތަން އާދެއެވެ. މިގޮތުން ބޭނުން ކުރާ ބައެއް ބާވަތްތަކަކީ، މާ ބަނޑުވުމުން ކެއުން މަނާކޮށްފައިވާ ބޭސް، ބާރުގަދަ ސައި، ލައްފިލުވާ، ދޮންނަކުނޑި، އެސިޑް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ އިންޖެކްޝަން ޖެހުމާއި ރަހިމުގެ ތެރެއަށް ބައެއް ބާވަތްތައް ފޮނުވައިގެންވެސް މިކަން ކުރެވޭތޯ ބަލައެވެ. މިގޮތުން ވެސް ކާމިޔާބީ ނުލިބޭ ހާލަތްތަކުގައި ބަނޑުގެ ތަފާތު މަސާޖްކޮށްގެންނާއި ބަރުތަކެތި އުފުލައިގެންވެސް ބޭނުން ނޫން ދަރިއަކު ވިހަން ބޭނުންނުވާތީ އެދަރިފުޅު ނައްތާލުމުގެ މަސައްކަތް ކުރެއެވެ.

މިފަދަ ކަންކަމުގެ ސަބަބުން އަންހެނުންނަށް ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ލިބޭ ގެއްލުންތައް ކޮޅުން ނުލާހާ ގިނައެވެ. މީގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ، ދެވަނަ ފަހަރު ބަލިވެއިނުމުން ބައިގެން ދިއުމާއި، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުމާއި، ވިހެއުމުގެ ތެރޭގައި މައިމީހާ ގެ ފުރާނައަށް ގެއްލުންބުމާއި އަދި ބައެއް ހާލަތް ތަކުގައި އިތުރަށް ބަލިވެ އިނުމުން މަހްރޫމްވުންވެސް ހިމެނެއެވެ. މިސާލަކަށް ކައިވެނީގެ ކުރީގައި ނުވަތަ ކިޔާވާ ދުވަސްވަރު ނޫންނަމަ އުމުރު ހަގުކަމަށްބުނެ ހަދާ އެބޯޝަނެއްގެ ސަބަބުން ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި ދަރިއަކު ލިބުމުން މަހްރޫމްވުމަށްވުރެ ބޮޑު ހިތާމައެއް އަންހެނަކަށް ލިބޭނެބާއެވެ.

އެހެންކަމުން އާއިލާ ރޭވުމުގެ ޒިންމާ ފިރިހެނުން ނަގާނެކަމުގައި ބަލައިގެން ނުތިބެ، މިކަމުގެ ފުރިހަމަ ކޮންޓްރޯލް އަންހެން ކަނބަލުންގެ އަތްމައްޗަށް ގެންނަމާހެއްޔެވެ؟ އަންހެނުންގެ އިހްމާލުން އަންހެނުންގެ ފުރާނައަށް ގެއްލުންވުމަށްވުރެ އަންހެނުންގެ މައްޗަށް އޮތް ޒިންމާ ރަގަޅަށް އަދާކޮށްގެން ދުޅަހެޔޮ ސިއްހަތެއްހޯދުން ބުއްދިވެރިއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. kޖގިުތ

    ހޮނިހިރު، އޮކްޓޫބަރ 11 2008، 23:08
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv