
އަންނި ދޫކުރުމަށް އެހީވީ އިނގިރޭސި ސަފީރު: އެމް.ޑީޕީ
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ހުސެން ސޮލާހު މަރުވެފައިވަނިކޮށް ފެނުމާ ގުޅިގެން ބަޔަކުއެއްވެ އާސަހަރާގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ހިފެހެއްޓުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް އެންމެ ބޮޑަށް އެހީތެރިވެފައި ވަނީ އިގިރޭސިވިލާތުގެ ސަފީރު ޑޮމެނިކް ޗިލްކޮޓް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ގައުމީމަޖުލީގެ 34 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް އިބުރާހިމް ހުސެން ޒަކީ ވިދާޅުވީ އާސަހަރާއަށް ވަޑައިގެންނެވި ޕާޓީގެ ޗެއަރޕާސަންއަށް އަނިޔާކޮށް ފުލުހުން ހިފެހެއްޓުމާ ގުޅިގެން ޕާޓީއާ ދިވެހި ސަރުކާރާއި ޕާޓީއާ ދެމެދު މެދުވެރިއެއްގެ ބައި އަދާކޮށްދީފައިވާ ލަންކާގައި ހުންނަ އިގިރޭސި ސަފީރު ކަމަށެވެ.
” ހުސެން ސޮލާހުގެ ހަށިގަނޑު ދެކެން އާސަހަރާއަށް ވަޑައިގެންނެވި, ޕާޓީގެ ޗެއަރޕާސަންއަށް ފުލުހުން އަނިޔާކޮށް, ބަންދުކުރުމުން, އޭނާ ބަންދުން ވީއްލުމުގައި ޕާޓީއާ މައުމޫނުގެ ސަރުކާރާ ދޭތެރޭ މެދުވެރިއަކަށްވީ ލަންކާގައި ހުންނަވާ އިގިރޭސި ސަފީރު“ ޒަކީ ގައުމީ މަޖުލީހުގައި ވިދާޅުވި ކަމަށް އެމްޑީޕީގެ ބަޔާނެއް ބުނެއެވެ.
މިޖަލްސާގައި ވާހަކަދައްކަމުން އައްޑޫ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ދައުލަތުގެ މީޑިޔާތަކުން ހުސެން ސޮލާހުގެ މަރުގެ ހަގީގަތް ފޮރުވުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެމްޑީޕީން ބޭނުންވަނީ ހުސެން ސޮލާހުގެ މައްސަލަ މިނިވަންކަމާއެކު ބެލުމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރަށް މިޖަލްސާއަށް ވަޑައިގެންނެވި އަދުނާނު ހަލީމު ވިދާޅުވީ ހުސެން ސޮލާހުގެ މައްސަލަ ރައްޔިތުންގެ މަޖުލީހަށް ހުށަހަޅަން އުޅުމުން އެއީ ގަވާއިދާ ހިލާފަށް ކުރާކަމެއްކަމަށްބުނެ މަޖުލީހުގެ ރިޔާސަތުން ހުރަސްއެޅިއިރު އިގިރޭސި ވިލާތުގެ މަޖުލީހަށްވެސް އެމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.