ގާނޫނު އަސާސީ ނިމި އިންތިޚާބަކާ ދޭތެރޭ ގައުމު ހިންގާނެ ގޮތެއް ކަންޑައެޅުމަށް މަޖިލީހަށް ފޮނުވަނީ

އަހުމަދު މުހުސިން ސެޕްޓެމްބަރ 24 2007، 15:50 0 ޚިޔާލު

އަލަށް އިސްލާހްކޮށް އެކަށައަޅާ ޤާނޫން އަސާސީ ނިމި އެޤާނޫން އަސާސީއަށް ޢަމަލުކުރަން ފެށުމާއި އިންތިޚާބެއް ބޭއްވުމާ ދެމެދު ޤައުމު ހިންގާނެ ގޮތެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމުގައި ދިރާސާކޮށް ޑްރާފްޓް ކުރާ ކޮމެޓީގެ މުޤައްރިރު މާލޭމެންބަރ އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެ އެވެ.

އިބުރާ ވިދާޅުވީ އެކަމަށް ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ފްލޯއަށް ފޮނުވުމަށް މިއަދުގެ ވަގުތެއްގައި ފޮނުއްވާނެ ކަމަށެވެ. އިބުރާ ވިދާޅުވީ ޓްރާންސިޝަން ޕީރިއަޑްގައި ޤައުމު ހިންގާނީ ކޮންބައެއްތޯއާއި ކޮންގޮތަކަށްތޯ ކަނޑައެޅުމަށް މަޖިލީހަށް ފޮނުވަނީ ޑްރާފްޓް ކުރާއިރު އެކަން މަޖިލީހުން ފާސްކޮށްފައި އޮތުމުން ފަސޭހަވާނެތީ ކަމަށެވެ. އަދި ޑްރާފްޓިންގ ކޮމެޓީން ގޮތެއް ނިންމުމަށްވުރެ މަޖިލީހުން އެކަމަށް ގޮތެއް ނިންމުމުން އެކަން ހިމަނަން ފަސޭހަ ވާނެތީ ކަމަށެވެ.

އިބުރާ ވިދާޅުވީ އިއްޔެގެ ނިޔަލަށް 8 ބާބެއް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށާއި އިއްޔެ ނިންމާ ލެވުނީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ބާބު ކަމަށެވެ. ނަމަވެސް އެބާބަށް އަދި މާއްދާއެއް އިތުރުކުރަން ޖެހޭ ކަމަށާއި އެއީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާއެއްގެ އިތުރުން ނައިބު ރައީސަކު ބަހައްޓާނަންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މާއްދާ ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ބާބަށް އަދި ޖެހޭ މާއްދާއެއް އިތުރު ކުރަން. އެއީ ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސަކު ބަހައްޓާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް. އެމާއްދާވެސް މާދަމާ މަޖިލީހަށް ފޮނުވާނަން“ ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ރޭ, އިބްރާ ވިދާޅުވި އެވެ. އިބުރާ ވިދާޅުވީ ނައިބު ރައީސަކު ބަހައްޓަން ފެނޭތޯއާއި ފެންނަ ނަމަ އެކަން ކުރާނީ ކިހިނެއްތޯއާއި އޭނާގެ މެންޑޭޓާއި އެމަޤާމުގައި ހުރެވޭނެ ދައުރާއި މިފަދަ ހުރިހާ ކަމެއް ކަނޑައަޅުއްވާނީ މަޖިލީހުން ކަމުގައެވެ.

" އެމާއްދާއަށްވެސް މަޖިލީހުން ގޮތެއް ކަނޑައެޅީމާ ޑްރާފްޓުގައި ހިމަނާނީ. ކޮމެޓީގެ ރޫހު ހުރީ ދެގޮތަކަށް. އެއީ ބެހެއްޓުމަށާއި ނުބެހެއްޓުމަށް." އިބުރާ ވިދާޅުވި އެވެ.

މިހާރުދެން ޑްރާފްޓްކޮށް ނުނިމި އޮތީ 4 ބާބެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv