
ޑައިބެޓިކް އަންހެނުން ބަލިވެ އިނުމުގެ ކުރިން ...
ޑައިބެޓިކް ނުވަތަ ހަކުރުބަލި ހުންނަ އަންހެނުންނާއި ބެހޭގޮތުން ހެދިފައިވާ ރިސާރޗްތަކުން ދައްކާގޮތުގައި, ހަކުރު ބަލި ހުންނަމީހުން ބަލިވެއިނުމުގައި, އެމީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ ބައިގެން ދިއުމާއި ދަރިފުޅު އުފެދުމުގައި މައްސަލަތައް ހުރުމުގެ ނުރައްކާ ބޮޑެވެ. ނޭޗަރ މެޑިސިންގެ ފަރާތުން ހެދި ރިސާރޗަކަށްފަހު އެފަރާތުން ހާމަކޮށްފައިވަނީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށް ނުކުރެވޭނަމަ, އުފެދެމުން އަންނަ ސެލް ރަޙިމުގައި ޣަރުބަ ގަތުމުގެ ކުރިން އަމިއްލައަށް އެސެލް މަރާލާކަމުގައެވެ. މިގޮތަށް ގިނަ ސެލް ތަކެއް މަރުވުމުގެ ސަބަބުން ބައިގެން ދިއުމާއި ދަރިފުޅުގެ ގުނަންތައް ރަގަޅަށް ނު އުފެދުމުގެ މައްސަލަކުރިމަތިވެއެވެ. މިގޮތަށް އުފެދެމުގައި މައްސަލަ ހުންނަކުދިން ވިހެއުމުގެ ފުރުސަތު, އާދައިގެ އަންހެނުންނަށްވުރެ އަށެއް އިންސައްތަ ޑައިބެޓިކް އަންހެނުންނަށް އިތުރެވެ. ތުއްތު ދަރިފުޅުގެ ގުނަންތައް އުފެދުމަށްފަހުގައި ހަކުރުގެ މިންވަރު ދަށް ކުރެވުނު ކަމުގައި ވިޔަށް މި އަދަދު ތިނެއް އިންސައްތައަށް އިތުރެވެ.
ހަކުރުބަލީގެ ޑޮކްޓަރުން ފާހަގަ ކުރައްވާގޮތުގައި ގިނަ އަންހެނުން ތިބެނީ މާ ބަނޑުވުމުން ޑޮކްޓަރަށް ދައްކާ ޑޮކްޓަރުގެ އިރުޝާދު ހޯދުމަށް މަޑުކޮށްގެނެވެ. ނަމަވެސް މިހެން މަޑުކޮށްގެން ތިއްބާ ގިނަފަހަރު އޮންނަނީ މާ ބޮޑަށް ލަސްވެފައެވެ. ހަކުރު ބަލީގެ އަންހެނަކު ނަމަ މާބަޑު ވުމުގެ ކުރިން ޑޮކްޓަރުގެ އިރުޝާދު ހޯދައިގެން ކުރިއަށް ދިއުން މުހިއްމެވެ. އޭރުން ބަލިވެއިނުމުގެ ކުރިން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކުރުމުގައި ޑޮކްޓަރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ. އާއްމުކޮށް ދަރިފުޅު ބައިގެންދަނީ ވަރަށް ގިނަ އަދަދެއްގެ ސެލް މަރުވުމުންނެވެ. ނަމަވެސް ވަރަށް މަދުސެލް މަރުވުމުގެ ސަބަބުން ވެސް ދަރިފުޅު އުފެދުމުގައި އައިބު ކަމައް ހުރެދާނެއެވެ. އާއްމުކޮށް އުފެދުމުގައި މައްސަލަޖެހޭ ގުނަންތައް ކަމުގައި ގަބޫލުކުރެވެނީ ހިތް, ނަރވަސް ސިސްޓަމް, މައިބަދަ, ހަޖަމް ކުރުމުގެ ނިޒާމާއި ކުޑަކަމުދާ ނިޒާމެވެ. ހަކުރުބަލި ހުންނަ މީހުންވެސް މާބަނޑުވުމުގެ ކުރިން ހަކުރުގެ މިންވަރު ދަށްކޮށްފިނަމަ އެހެން އަންހެނުންނާއި އެއްގޮތަށް ސިއްޙަތު ރަގަޅު ދަރިފުޅަކު ލިބުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ޑޮކްޓަރުން އިރުޝާދު ދެއްވަނީ ބަލިވެ އިނުމުގެ ތިން މަސް ކުރިން ފެށިގެން ހަކުރުގެ މިންވަރު އާދައިގެ މިންވަރާއި އެންމެ ގާތްކުރާ މިންވަރަކަށް ދަށް ކުރުމަށް މިބަލީގެ ޑޮކްޓަރުން ނުވަތަ ޓީމާއި ގުޅިގެން މަސައްކަތް ކުރުމަށެވެ.
މިގޮތުން އެފަރާތުން ބަލާނީ ބަލިވެއިނުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ތަފާތު ގިނަ ބަދަލު ތަކުގެ ތެރެއިން, ހަކުރުބަލީގެ ސަބަބުން އިތުރަށް ގޯސްވެގެންދާނީ ކޮން ކަންތައްތަކެއްތޯއެވެ. މިގޮތަށް ބެލުމަށްފަހު ހަކުރުގެ މިންވަރު އާދައިގެ މިންވަރާ އެންމެ ގާތްކުރާވަރަކަށް ދަށްވުމުން ޑޮކްޓަރުން އެކަން އަންގާނެއެވެ. ޑޮކްޓަރުގެ ޔަގީންކަން ލިބުމުގެ ކުރިން މާބަނޑުވުމަށް މަސައްކަތް ނުކުރުން އެދެވިގެންވެއެވެ. މާބަނޑުވުމުގެ ކުރިން މުޅި ހަށިގަނޑުގެ ޗެކްއަޕެއް ހަދާށެވެ. ޚާއްސަކޮށް ކިޑްނީ, ލޯ, ހިތް އަދި ހަކުރުގެ މިންވަރު ހުރިވަރު ރަގަޅަށް ޗެކް ކުރާށެވެ. އަދި ވިހެއުމާއި ހަމައަށްވެސް ހަކުރުގެ މިންވަރު ދަށްކޮށް ބެހެއްޓުމަށްޓަކައި ގަވާއިދުން ޗެކްކޮށް ބަލާށެވެ. މިންހަމަ ކެއުމެއް ކެއުމާއެކު ޑޮކްޓަރު އެއްވެސް ބޭހެއް ކެއުމަށް އިރުޝާދު ދިން ނަމަ ގަވާއިދުން އެބޭސް ކާށެވެ. އެކްސަރސައިޒް ކުރާށެވެ.
މާބަނޑުވުމަށް ފަހުގައިވެސް ޑައިބެޓިކް އަންހެނެއްނަމަ ވަކި ޚާއްސަގޮތަކަށް ކެއުން ބެހެއްޓުން މުހިއްމެވެ. ޑައިބެޓިކް ނޫން ނަމަވެސް މާ ބަނޑުވުމުން ކެއުމަށް ވަރަށް ބޮޑު ސަމާލުކަމެއްދޭން ޖެހެއެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ކާތަކެތީގެ ތެރެއިން %25-%20 އަކީ ޕްރޮޓީން އަދި %30 އަކީފެޓް ކަމުގައި ހަދާށެވެ. އަދި ބޭނުން ކުރާ ކެފެއިންގެ މިންވަރު ދަށްކުރުމަށްޓަކައި 2 ތައްޓަށްވުރެ ގިނައިން ސައި ބުއިން އެދެވިގެން ނުވެއެވެ. ކެއުމުގައި ބޭނުން ކުރެވޭ ލުއިކާނާގެ ބާވަތްތަކުގައި ކާބޯހައިޑްރޭޓް ހިމެނޭ މިންވަރަށް ވުރެ އިތުރަށް ވަކިވަކި ގަޑިތަކުގައި( ހެދުނު, މެންދުރު އަދި ރޭގަނޑު) ކާ ތަކެތީގައި ކާބޯހައިޑްރޭޓް ހިމެނެން ޖެހެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ލުއި ކޮންމެސް އެއްޗެއް ކާށެވެ. ރޭގަނޑު ކާއެއްޗެއް ކެއުމުގެ ފަހުން 10 ގަޑި އިރަށް ވުރެ ލަސްނުކޮށް ހެދުނު ސައިބޯން ވާނެއެވެ.
މި ކަމާ ހާސްވެ ފިރުކުކޮށް ނުހަދާށެވެ. ހަކުރުބަލި މީހުންވެސް ބަލިވެ އިނދެ ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެކަމުގައި ހިމެނޭ ޓީމްގެ މެމްބަރުންނަށް އެއްބާރުލުން ދީގެން , މާބަނޑުވުމުގެ ކުރިން ފެށިގެން ހަކުރުގެ މިންވަރު ދަށް ކުރަން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެއެވެ.