ދޮށީދަރި
” ބައްޕާ އާދެ ބަލަ! ވަރަށް ބޮޑުސިއްރު ވާހަކައެއް ބުނަން ވެގެން “ ގެއަށް ވަންނަން ދޮރުހުޅުވަން އުޅެނިކޮށް ދޮށީ ދަރިފުޅު ގުޅި އެވެ. އޭނާގެ ނަމަކީ ޔޫސުފު މިޛުޢާން ބިން މުޙައްމަދެވެ. އުމުރުން މިވީ އެންމެ ތިން އަހަރެވެ. އަމިއްލައަށް އުޅޭނީ ” ކައްކި“ އާ ކިޔައިގެންނެވެ. ފޯން ނަމްބަރު އެނގުނު ފަހުން ދުވާލަކު ދެތިން ފަހަރު ނުގުޅާ ދުވަހެއް މަދުވާނެ އެވެ. ފޯން ނެގެމުގެ ބަދަލުގައި ސައިލަންޓަށް ލުމަށްފަހު ދޮރުހުޅުވާފައި އެތެރެއަށް ވަނީމެވެ. އަދި ބޫޓް އެއްފަރާތެއްގައި ބަހައްޓާފައި ގޮސް ކޮޓަރީގެ ދޮރުގެ ތަޅުގައި މަޑުމަޑުން ހިފާ އަބުރާލީ މެވެ.
އެނދުމަތީގައި ނިދާ ހޭލި ގޮތަށް ދަރިފުޅު އޮތެވެ. ކައިރީގައި އަންހެނުން ވެސް އޮށޯވެގެން އޮތެވެ. ކޮޓަރިތެރެއަށް ވަނުމާއެކު ދެމައިން ވެސް ދިޔައީ ސިއްސައިގެންނެވެ.
” ބައްޕައަށް ގުޅީ ވަރަށް ބޮޑު ސިއްރުވާހަކެއް ބުނަން ވެގެން“ އަހަރެން ފެނުމުން ފުރަތަމަ ވެސް ދަރިފުޅު ކުރީ ޝަކުވާ އެވެ. އެއީ އޭނާގެ އާދަ އެވެ. ފެންނައިރަށް ކުރާނީ ޝަކުވާ އެވެ. ނުފެނި މާ ގިނައިރުވެއްޖެ ނަމަ ޝަކުވާތަކަށް ނިމުމެއް ނާންނާނެ އެވެ.
އެދުމަތީގައި އިށީނުމަށްފަހު ދަރިފުޅު ނަގައި ގަޔާލައި ބޮނޑިކޮށްލީ މެވެ.
” ކޮން ވާހަކައެއް ބުނަން އުޅުނީ“ ދަރިފުޅުގެ އަނގަޔާ އަހަރެންގެ ކަންފަތް ކައިރިކޮށްލަމުން ބުނީ މެވެ.
” މިއަދަކު ނުބުނެވޭނެ މާދަމާ ބުނެވޭނީ“ އަހަރެންގެ ކަންފަތް ދުރުކޮށްލަމުން ދަރިފުޅު ބުންޏެވެ.
” އެއީ ކީއްވެ؟ “ އަހަންނަށް ކުރެވުނީ ސުވާލެކެވެ.
” މިއަދު ކިހިނެއް ބުނާނީ. މިއަދު މިއީ ވިއްސާރަ ދުވަހެއްނު. ސިއްރުވާހަކައެއް ބުނެފިއްޔާ އެ ވާހަކަވެސް ތެމޭނެ.“ ދަރިފުޅު އެދެއްކި އުޒުރުން އަހަރަމެން ދެމަފިރިންނަށް ހީ ގަނެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އެއީ އަބަދުވެސް އޭނާގެ އާދަ އެވެ. އުމުރުން ކިތަންމެ ހަގަސް ދައްކާވާހަކައިން މީހަކަށް ހީ ނުލައި ނުހުރެވޭނެ އެވެ.
ފަނަރަ ދުވަސް ނުވާ ޔާސިން ކުކުރަން ފެށި އެވެ. ހީވަނީ ބައްޕަ ގެއަށް އައިކަން އޭނާއަށް ވެސް އެނގުނީ ހެންނެވެ. ކުޑަ އެނދުގައި އޮތް އެކުއްޖާ, އަންހެނުން އައިސް ނެގި އެވެ. ރަޖައަކަށްލައި އޮޅާލައިގެން އައިސް އަހަރެންގެ އަތަށް ދިއްކޮށްލި އެވެ. އޭނާ ނަގައި އަތްދަނޑި މަތީގައި ބޭއްވީމެވެ. އޭރުވެސް މަޑުމަޑުން ކުކުރަމުން ގެންދެ އެވެ. ލޮލެއް ނުހުޅުވަ އެވެ.
” ޔާސިން ކޮއްކޯ “ ޔޫސުފު އައިސް ކައިރީގައި އިށީނެވެ. އަދި ބޮލުގައި ފިރުމާލަމުން ގޮވާލި އެވެ.
ޔާސިން އުފަން ނުވާއިރުވެސް ޔޫސުފުް އުޅުނީ އެހެންނެވެ. ބަނޑުގައި އޮތް އިރުވެސް ބަނޑުގައި ކަންފަތް ޖައްސައިގެން ކޮއްކޮއޭ ކިޔައި ވާހަކަ ދައްކާނެ އެވެ. އޭރު އަބަދު ވެސް އުޅެނީ ދޮންބެގެ ދަރިފުޅު ވެގެންނެވެ. ވާހަކަ ދައްކަނީ އެހެން ކިޔައިގެންނެވެ. ދޮންދީ ފިރުމައިދީ ވެސް ހަދާނެ އެވެ. ބައެއް ފަހަރު ލޯބިންގޮސް އަތަށް ނޫނީ ބޮލަށް ފިތާ ވެސް ލާނެ އެވެ.
ސްކޫލް ނިމިގެން ގެއަށް ދިއުމުގެ ބަދަލުގައި ޔޫސުފު ގޮވައިގެން މިސްރާބު ޖެހީ މާލެވަށައި ބުރެއް ޖަހާލުމަށެވެ. ދުއްވާލަން ދިއުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ބައްޕައާ އެކު ސައިކަލް ދުއްވަން ވަރަށް ފޯރި ހުންނާނެ އެވެ. ބޮޑުވެގެން ބޮޑު ސައިކަލެއް ދުއްވާ ވާހަކަ އަބަދުވެސް ދައްކާނެ އެވެ. އެހެންވެ ގިނަ ދުވަސް ދުވަހު ގެއަށް ދަނީ މާލެ ވަށައި ބުރެއް ޖެހުމަށްފަހު އެވެ.
ލޮނުޒިޔާރަތް ކޮޅާ ހަމައަށް އާދެވުނު އިރު, އިރުއޮއްސެން ވަނީ ކައިރި ވެފަ އެވެ. ދުރުން އިރު ފެންނަން ހުރީ އަނގުރު އަލިފާން ކުލައިގައި ވަށް ބޯޅައެއް ގޮތަށެވެ. އިރުން އަންނަ ދޯދިތައް އެއްވެސް ހުރަހެއް ނެތި ގަޔަށް އެޅެމުން ދިޔަ އެވެ.
” ބައްޕާ ހާދަ ބޮޑު ސަން އެކޭ ދޯ!“ އިރާ ދިމާލަށް އަތް ދިއްކޮށްލުމުން ޔޫސުފު ސުވާލުކުރި އެވެ.
” އިރު އެ ދަނީ އޮއްސެން. އިރު އޮއްސުނީމާ ދެން ފެންނާނީ ހަނދު“ ދަރިފުޅުގެ ކުރި ސުވާލަށް އޭނާގެ ކޮލުގައި ދޮނެއް ދިނުމަށްފަހު, އަހަރެން ބުނީމެވެ. އަހަރެން ދިން ޖަވާބަށްފަހު, ހިމޭން ކަމުގެ ސިކުންތު ކޮޅެއް ހިނގި އެވެ. ފަސް ސިކުންތު ހިނގައިފި އެވެ. ދިހަ ސިކުންތު ހިނގައިފި އެވެ.
” އެހެން ވިއްޔާ ސަން ނިދަން ދިޔައީމާ މޫން އަންނަނީދޯ “ ދަރިފުޅު ބުނި އެއްޗަކުން ހައިރާން ވެސް ވި އެވެ. ހިނިވެސް އަ އެވެ.
” ކީއްވެ ތިހެން ތި ބުނީ“ ކުރިމަތިން އައި ސައިކަލަުން ނައްޓާލަމުން އަހަރެން ބުނީމެވެ.
” ބައްޕަ ބުނީ ސަން އޮއްސެނީއޭ އޮއްސުމަކީ ނިދަން ދިއުމެއް ނޫންތަ؟ ސަން އެދަނީ ރެސްޓް ކުރާކަށް ނޫންތަ؟ “ އެ ކުރި ސުވާލަށް ކުއްލިއަކަށް ޖަވާބެއް ދޭން އަހަންނަށް ދަތިވި އެވެ. ކުޑަކޮށް ވިސްނާލީމެވެ. އެއީ ތެދުވާހަކަ އެވެ. އެ އުމުރުގެ ކުއްޖަކާ އަޅާބަލާއިރު ވަރަށް އާދަޔާ ޚިލާފު ވާހަކަ އެކެވެ. އިރުގެ މަސައްކަތަކީ ދުނިޔެއަށް ބޭނުންވާ އަލިކަން ލިއްބައި ދިނުމެވެ. އެ އަލިން ހަކަތަ ލިބިގެން މަހްލޫގުން ދިރިއުޅެމުން ގެންދެ އެވެ. ދުވާލުގެ އެ އަލިކަން ފޯރުވައި ދިނުމަށްފަހު, ލޯ މަތިން އިރު ގެއްލެ އެވެ. އިރު ގެއްލޭ ގެއްލުން ދަރިފުޅު ސިފަ ކުރީ ނިދަން ދިޔައީ ކަމަށެވެ.
އިރުގެ މަސައްކަތަކީ ދުނިޔެއަށް ބޭނުންވާ އަލިކަން ލިއްބައި ދިނުމެވެ. އެ އަލިން ހަކަތަ ލިބިގެން މަހްލޫގުން ދިރިއުޅެމުން ގެންދެ އެވެ. ދުވާލުގެ އެ އަލިކަން ފޯރުވައި ދިނުމަށްފަހު, ލޯ މަތިން އިރު ގެއްލެ އެވެ. އިރު ގެއްލޭ ގެއްލުން ދަރިފުޅު ސިފަ ކުރީ ނިދަން ދިޔައީ ކަމަށެވެ.
ގެއަށް ވަން އިރު އަންހެނުން އިނީ ދެ ބަފައިންގެ އިންތިޒާރުގަ އެވެ. މޭޒުމަތީގައި ސައިހަދާފައި ހުއްޓެވެ. ހެދިކާއާއި ބިސްކޯދު ވެސް ހުއްޓެވެ. އަންހެނުން ވަނީ ޔޫސުފު ގޮވައިގެން ކޮޓަރި އަށެވެ. އޭނާގެ ޔުނީފޯމް ބަދަލު ކުރުމަށެވެ. ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ޔުނިފޯމް ބަދަލުކޮށްލައިގެން އައިސް ސިޓިންގ ރޫމުގައި ހުރި ގޮނޑިމައްޗަށް ޔޫސުފު އެރި އެވެ. ގޮނޑީގައި ހަމަޖެހިލި އެވެ. އެހާ ވަރުން އެ އައީ ކާޓޫން ދައްކަން ފެށީމަ އެވެ. ޓޮމް އެންޑް ޖެރީ އަކީ އޭނާއަށް މާ ރީތި ކާޓޫނެކެވެ. އެހާ ގިނައިން ބަލާއިރު ވެސް ފޫއްސެއް ނުވެ އެވެ.
އަންހެނުން އައިސް އަހަންނާއެކު ސައިމޭޒު ދޮށުގައި އިށީނެވެ.
” ކިހާއިރަކު އޮފީހަށް ދަނީ؟ “ ގޮނޑީގައި ހަމަޖެހިލަމުން އަންހެނުން ބުންޏެވެ. ” ކިހިނެއްވީ؟ ތަނަކަށް ދާން އޮތީތަ!“ އެ ސުވާލު ނުނިމެނީސް އަހަރެން ބުނީމެވެ.
” ފިހާރައަކަށް ދާން ކަމަށް“ އެއަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު, އަންހެނުންގެ ކޮލުގައި ވިކައިގަތީމެވެ. އަންހެނުން ވެސް އަހަރެންގެ ކޮލުގައި ވިކައިގަތެވެ.
ސައިމޭޒު ދޮށުގައި ތިބެގެން ދެއްކީ ޔާސީންގެ ވާހަކަ އެވެ. ކިތަންމެ ހަގަސް އޭނާއަށް އަންނަ ބަދަލުގެ ވާހަކަ އެވެ. ސައިބޮއި ނިމިގެން އަންހެނުން ވަނީ ތަށިތައް ހިފައިގެން ބަދިގެ އަށެވެ. އަހަރެން ގޮސް އިށީނީ ސިޓިންގ ރޫމުގައި ހުރި ގޮނޑިއެއްގަ އެވެ. އޭރު ކާޓޫން ނިމިއްޖެ އެވެ. ޔޫސުފު ވީ ކޮޓަރީގަ އެވެ.
” ދަރިފުޅާ ކޮންއެއްޗެއް ކާނީ“ ކޮޓަރިއަށް ވަންނަމުން އަންހެނުން ބުންޏެވެ. ފަހަތުން ގޮސް އަހަރެން ވެސް ކޮޓަރިއަށް ވަނީމެވެ.
” ރޮއްޓާ ކްރަމްޕީއާ“ ރިމޯޓް ކޮންޓްރޯލް ކުޑަ ކާރަކާ ކުޅެން އިން ޔޫސުފު ބުންޏެވެ.
ކާންދިނުމަކީ އެންމެ އުނދަގޫ ކަންތަކެވެ. ކެއުމާ ވަރަށް ދުރުވާނެ އެވެ. ދެތިން ގަޑިއިރު ހޭދަކޮށްގެން ވެސް އޭނައަށް ހުސްކޮށް ލެވޭނީ އެންމެ ރޮއްޓެކެވެ. އެވަރުން ވެސް ކާން ނުދީ ދޫކޮށް ނުލާނެ އެވެ. އެއަށްވުރެ އަންހެނުން މާ ހުޝިޔާރުވާނެ އެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ކާންދެވޭތޯ މަސައްކަތް ކުރާނެ އެވެ. ނުކައޭ ކިޔައިގެން އެންމެ އިރެއްގައި ވެސް ކާންނުދީ ނުހުއްނާނެ އެވެ. ” ބައްޕާ އާދެ ބަލަ ކައްކިއާ އެކު ކުޅެލަން“ އަހަރެން ވެސް އޭނާއާއެކު ކުޅުމުގައި ބައިވެރިވީ ކާންދިނުމަށް ފާސޭހަ ކުރުމުގެ ބޭނުމުގަ އެވެ. ބައެއް ފަހަރު އިރާކޮޅު ލިބޭ ހުސްވަގުތުގައި އޭނާއާ އެއްކޮށް ކުޅެ ހަދަމެވެ. އޭނާއާ އެކު ވަގުތު ހޭދަކުރުމުގެ ބޭނުމުގައި ވެސް މެ އެވެ.
” ހިނގާ ހޯސް ދުއްވަން“ ޔޫސުފުއައިސް އެރީ ބުރިކަށި މައްޗަށެވެ. މަޑުމަޑުން އެނދުމަތީގައި ހަތަރެސްފައި ޖަހައިގެން ހިނގަން ފެށީމެ އެވެ. އޭނާއާށް އެކަން ވަނީ ވަަރަށް މަޖާކަމަކަށެވެ. އެގޮތަށް ހިނގަމުންދާއިރު ދެފަރާތަކަށް ތެޅިލުމުން, އަރިއަޅާލަ އެވެ. އަރިއަޅާލާ ވަގުތު އަންނަނީ އަމަށަކު ހިންނެކެވެ. މަޖާވެގެން ދެވަނަ ފަހަރަށް އެހެން ހަދަން ވެސް ބުނާނެ އެވެ. ކުޅުމުގައި އަންހެނުން ވެސް ދެބަފައިންނާއެކު ބައިވެރިވި އެވެ. އެކަމުގައި ބައިގަޑިއެއް ހާއިރު ހޭދަވިއިރު ދެ ރޮށި ޔޫސުފަށް ހުސްކުރެވިއްޖެ އެވެ.
އޭރުވެސް ޔާސީން އޮތީ ނިދާފަ އެވެ. އަންހެނުން ތައްޔާރުވީ ޔޫސުފު ނިންދެވުމަށެވެ. އަހަރެން އައީ އޮފީހަށެވެ. އަންހެނުންނާއެކު ބާޒާރަށް ދިއުމުގެ ކުރިން ނުނިމި ހުރި ބައެއް މަސައްކަތްތަކެއް ނިންމާލުމަށެވެ.
އޮފީހަށް ވަންތާ ބައިގަޑިއެއް ހައިރުވެސް ނުވެ އެވެ. އަންހެނުން ގުޅި އެވެ. ވާހަކަ ދެއްކީ ޔޫސުފެވެ.
” ބައްޕަ ކީއްކުރަނީ. ގުޑް ނައިޓް. ސީ ޔޫ “ އޭނާ ގުޅީ ނިދުމުގެ ކުރިން ބައްޕައަށް އެކަން އަންގާލުމުގެ ގޮތުންނެވެ. އެއީ އާއްމުކޮށް ކޮންމެ ރެއެއްގެ ވެސް އާދެ އެވެ. ވަރަށް މަދުރެއްގައި ނޫނީ ނިދުމުގެ ކުރިން ގްޑްނައިޓް ނުކިޔާ ރެއެއް ނުދާނެ އެވެ.
” އަވަހަށް ނިދާ މަންމައާ އެކު“ އެވާހަކަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް އަންހެނުން ވާހަކަ ދައްކަން ފެށި އެވެ.
” ނިދާގަޑީގައި ބައްޕަނެތިގެން ދެރަވެފައޯ މިއޮތީ. އެހެންބުނެފައި އެގުޅީ“ އަންހެނުން ބުންޏެވެ.
” ކޮންއިރަކު ތަ އަންނަނީ. ބައްޕަ ނެތިގެން މަންމަވެސް ދެރަވެފައި“ އަންހެނުން ވެސް ޅަ ވެލި އެވެ.
އެރޭ ގެއަށް ދެވުނީ އެގާރަވެސް ޖެހި ފަހުންނެވެ. ގެއަށް ދިޔައިރު އަންހެނުންނާއި ދެ ކުދިން ވެސް ތިބީ ނިދާފަ އެވެ. އަހަރެންގެ ތުންފަތް ކައިރިކޮށްލީމެވެ. އަންހެނުންގެ ނިންކުރިއަށް ދޮނެއް ދިނީމެވެ. އޭނައަށް ގޮވާނަމޭ ހިތަށް އަރާފަ ވެސް އެންމެ ފަހުން އަހަރެން ވެސް ނިދީ އެވެ.
ހެނދުނު ހޭލެވުނީ ” ބައްޕާއޭ “ ކިިޔާ ގޮވާއަޑަށެވެ. އެއްލޯ ހުޅުވާލިރު އެނދު މަތީގައި ޔޫސުފު އިށީދެގެން އިނެވެ.
” ބައްޕާ ތެދުވޭ “ އަތުގައި ހިފާ ދަމާގެންފި އެވެ.
ދޮންބެއަށް ހޭލެވޭއިރު އެހެން މީހަކަށް ނިދާފައި ނު އޮވެވޭނެ އެވެ. އޭނާއާ އެއްކޮށް އެހެން މީހުންނަށް ވެސް ޖެހޭނީ ތެދުވާށެވެ.
” ގުޑް މޯނިންގ“ އަހަރެން ތެދުވުމާއެކު ދަރިފުޅު ބުންޏެވެ.
” ގުޑް މޯނިންގ“ އެނދުމަތީގައި އިން ޔޫސުފުގެ ގައިގައި ބައްދާލަމުން އަހަރެން ޖަވާބު ދިނީމެވެ.
” ކޮއްކޮ އަދިވެސް ނު ހޭލާ“ ކުޑަ އެނދުގައި އޮތް ޔާސީނާ ދިމާލަށް ދުއްވައިގަންނަމުން ޔޫސުފު ބުންޏެވެ. އޭނާ އުޅުނީ ކުޑަމީހާވެސް ހޭލައްވާށެވެ.
” ކޮއްކޮ އިހަށް ބާއްވާ!“ ފަހަތުން ގޮސް ޔޫސުފު ނަގައި ގަޔާލާ ބޮނޑިކޮށްލަމުން އަހަރެން ބުނީމެވެ. ކޮޓަރީގެ ދޮރު ހުޅުވި އިރު, އަންހެނުން އުޅެނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގަ އެވެ. ޔޫސުފު ނުކުތީ ސިޓިން ރޫމަށެވެ. އަހަރެން ވަނީ ފާޚާނާ އަށެވެ. ފެންވަރައިގެން ނުކުމެ އޮފީހަށް ދާން ތައްޔާރުވާން ފެށީމެވެ. އިރުކޮޅަކުން ޔޫސުފު ވެސް އަތުވެއްޖެ އެވެ.
” ބައްޕަ ދެކެ ލޯބިވޭ “ ކޮޓަރި ތެރެއަށް ވަދެގެން އައި ޔޫސުފު ފަހަތުން އަހަރެންގެ ގައިގައި ބައްދާލަމުން ބުންޏެވެ.
” ބައްޕަވެސް ވަރަށް ލޯބިވޭ “ ޖަވާބު އަހެރެން ދިނީ އޭނާ އުރަލައިގެން ހުރެ ކޮޅަށް ދޮންކޮޅެއް ދެމުންނެވެ. ” ބައްޕައަށްވުރެ މާ ބޮޑަށް ލޯބިވޭ! ވިލާތަކާ ހަމައަށް ލޯބިވޭ “ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ދެއަތް ފުޅާކޮށްލަމުން އޭނާ ބުންޏެވެ.
” ދޮންބެ ދެކެ ސަންއާ ހަމައަށް ބައްޕަ ލޯބިވެއޭ “ އެހެން ބުނުމާއެކު އޭނައަށް އެކަންވީ މަޖާކަމަށެވެ. މަޖާކަމެއް ވާއިރަށް އަނގަމަތީގައި އަތް އަޅައިގެން ބާރުބާރަށް ހޭން ފަށާނެ އެވެ. ގިނަ ފަރަށް އަޑެއްވެސް ނުނުކުންނާނެ އެވެ. އެވަރުން ވެސް ހުއްޓައެއް ނުލާނެ އެވެ.
” ބައްޕަ ފަލަކޮށްލީ ދޯ! ދޮންބެ ވެސް ސްކޫލަށް ދާނީ ފަލަކޮށްލައިގެން“ ދަށަށް ޖަހައިގެން ހުރީމާ އޭނާ ދެކުނީ ފަލަވީ ކަމަށެވެ.
ދެބަފައިން އެކީގައި ނުކުތީ ބޭރަށެވެ. އޭރު މޭޒު މަތީގައި ސައިހުރީ ތައްޔާރަށެވެ. ކާމޭޒު ދޮށުގައި އިށީނުމާއެކު ބަދިގެ ތެރޭގައި ހުރިއަންހެނުން ވެސް އައިސް އަހަރެމެންނާ ބައިވެރިވުމަށް ގޮނޑިއެއް ދަމާލައި އިށީދެއްޖެ އެވެ. ޔޫސުފު ފުއްމައިގެން އެރީ އަންހެނުންގެ އުގަށެވެ.
ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ވެސް ހެނދުނުގެ އެ ވަގުތަކީ އަހަރަމެން ތިން މީހުންނަށް އަންނަ ވަރަށް މުހިއްމު ވަގުތެކެވެ. އެހާ އަވަހަށް އޮފީހަށް ދާންޖެހޭ އިރު, އާއިލާގެ މެމްބަރުންނާއެކު އެއް ސުފުރާއެއްގައި ވަގުތު ހޭދަކޮށްލަން ލިބެނީ އަންހެނުންގެ ހުޝިޔާރު ކަމުންނެވެ. ގެއިން އެއްޗެއް ނުކާ ދުވަހެއް ނަމަ އަންހެނުން ވަރަށް ދެރަވާނެ އެވެ.
އަހަރެން ދެމަފިރިން ކެއީ މަސްހުންޏާ ރޮއްޓާ އެވެ. ޔޫސު ކާންފެށީ ރޮއްޓާ ކުރަމްޕީއާ އެވެ. އެއީ އޭނާއަށް މާ މާމީރު އެއްޗެކެވެ. އެ ވެސް ކެވޭނީ ހާލަކުން ފަހަރަކު އެވެ.
ސައިމޭޒު ދޮށުގައި ހޭދަކުރި ވަގުތު ވެސް ނިމުމަކަށް އައީ އެވެ. ކޮޑި ދުރުކޮށްލާފައި ކޮޅަށް ތެދުވުމާއެކު, އަންހެނުންގެ އުނގުގައި އިން ޔޫސުފު ވެސް ފުއްމައިގެން ތެދުވެއްޖެ އެވެ.
” ބައްޕާ! ކޮންތާކަށް ދާންތަ؟“ ޔޫސުފު އެހެން ބުނީ ފުދޭވަރަކަށް ބާރަށެވެ.
” ބައްޕަ އެ ދަނީ އޮފީހަކަށޭ “ ޔޫސުފަށް ޖަވާބު ދިނުމުގެ ކުރިން އެ ސުވާލަށް ޖަވާބު ދިނީ އަންހެނުންނެވެ.
” ދޮންބެވެސް ދާނަން. ދޮންބެވެސް އޮފީހަށް ދާންވާނެ އެއްނުން “ ގެއިން ނުކުންނަ ދޮރުގައި ލެގިލައިގެން ހުރެ އޭނާ ބުންޏެވެ.
” ދޮންބެ ވެސް މަސައްކަތް ކުރަންޖެހޭނެ އެއްނު. އޭރުން ދޮންބެއަށް ވެސް ވަން ރުފިޔާ ލިބޭނީ“ މޫނު ކުނިކޮށްގެން ހުރެ ޔޫސުފު ވާހަކަ ދައްކަމުން ދިޔަ އެވެ.
އަންހެނުން އައިސް ޔޫސުފު އުރާލަން އުޅުނެވެ. އެކަމަކު އަންހެނުންގެ އަތް ފޮޅުވާލާފައި އައިސް އަހެރެންގެ ގައިގައި ބައްދާލި އެވެ.
” ދޮންބެ އޮފީސް ހުންނަނީ ބައްޕަ އޮފީސް ތިރީގައޭ. ބައްޕަ އޮފީހަށް ކިޔަނީ ޖަޒީރާއެއްނު. ދޮންބެ އޮފީހަށް ކިޔަނީ އަލްޖަޒީރާ“ އޭރު ޔޫސުފުގެ ލޮލުން ފެން އައިސްފި އެވެ. ކިރިއާ ކަމެއް ވާ އިރަށް ވަރަށް ދެރަވާނެ އެވެ.
އެ ބުނި އެއްޗަކަށް ދެމަފރިން ކައިރިއަށް ވަރަށް ހިނި އަ އެވެ.
” ދަރިފުޅާ އޮފީހަށް ގެންދާނަމޭ. ތިހުރީ ރީއްޗެއްވެސް ނުވެއެއްނު. ފައިވާނަށް ވެސް ނުއަރައެއްނު“ އެހެން ބުނެވުނު ކަމެއް ނޭނގެ އެވެ. ކޮޓަރިއާ ދިމާލަށް ޔޫސުފު ދުއްވައިގަތެވެ. އޭނާ އެނބުރި އައީ ފައިވާނަށް އަރައިގެންނެވެ.
އަހަރެން ޔޫސުފުނަގައި އުރާލީމެވެ. އަދި އޭނާއަށް ވިސްނާދެވޭތޯ މަސައްކަތް ކުރީމެވެ. އަންހެނުންވެސް ކުރީ އެ މަސައްކަތެވެ. އޭރު ވެސް އޭނާގެ ލޮލުން ފެން އާދެ އެވެ. އެ ފެންތައް ފޮހެލުމަށްފަހު އަންހެނުން ޔޫސުފު ގޮވައިގެން ކޮޓަރިއާ ދިމާލަށް ހިނގައި ގަތެވެ.
އެއީ އަހެރެން ވެސް ކުޑަ އިރު އުޅުނު ގޮތެވެ. މަންމަ އަބަދުވެސް އެވާހަކަ ދައްކާނެ އެވެ. ބައްޕައާ ހެދި ވަރަށް ވަރު ހުންނާނެ އެވެ. މިސްކިތަށް އެރިއަސް އަބަދުވެސް ގަމީހުގެ ފަސްބައިގައި ހިފަހައްޓައިގެން އަހެރެން ހުންނާނެ އެވެ. އޭރު އެންމެ ދޮށީ ދަރިއަކަށް ހުރީ އަހަންނެވެ. މިއަދު އެކަން ތަކުރާރު ކުރަން ދޮށީ ދަރިއެއްގެ މަގާމުގައި ހުރީ އަހަރެންގެ ދަރިފުޅެވެ.
