
އޮޅުގިރި (ދެވަނަ ބައި)
(ފުރަތަމަ ބަޔާގުޅޭ)
” އަހަރެންނަކަށް ނޭނގެ މިހިނގާ ކަންތައްތަކެއް. އެކަމަކު އެރަށުގައި ކޮންމެވެސް ކަހަލަ ބިރުވެރި ކަންތައްގަނޑެއް ހިނގާކަން މިރަށު މީހުން ދައްކާ ވާހަކަތަކުން އެބަ އެނގޭ. ނަމަވެސް އަހަރެންނަކަށް އެއްވެސް ކަމެއް ތަޖްރިބާ ކުރެވިފައެއް ނުވޭ. އެކަމަކު އެރަށަށް ގޮސް އުޅެނިކޮށް މަހައިމިން އާއި މަހުމޫދު މަރުވިވާހަކަ ބުނުމުން ކަމެއް ހިނގާކަން އެބައެނގޭ؟ އެކަމަކު ކިހިނެއް ގަބޫލު ކުރާނީ. އޭގައި އަޖައިބު ކުރަނިވި ކަންތައްތަކެއް އެބަހުރި. މުހައިމިން އަށް އެފަދަ ހަމަލާއެއް ދޭނީ ކާކު؟ އެރަށުގައި މީހަކު އުޅޭހެން އަހަރެންނަކަށް ހިއެއްނުވޭ. އެރަށް ކިހާވަރަކަށް ޗެކްކުރެވިއްޖެ. އެކަމަކު މީހަކު ފެންނާކަށް ނެތް. މީހަކު އެރަށުގައި އުޅޭނަމަ ފެންނާނެ ކަންނޭނގެ.“ ޝިޔާޒުގެ ވާހަކަތަކުގެ ތެރެއަށް ކަތީބުގެ ވާޙަކަ އިތުރު ކޮށްލި އެވެ.
” ތިޔޭ އަޖައިބަކީ. އެރަށުގައި މީހަކު އުޅެނީކީ ނޫން. އެކަމަކު ބިރުވެރި ކަންތައްތަކެއް އެބަހިނގާ. އަނެއްކާ ހެއްވާ ކަމަކީ ޝިޔާޒަށް އެކަން ދިމާ ނުވާކަން.“ ޝިޔާޒުގެ ގާތަށް އައީ ހިންޏެވެ.
” ބިރު ގަންނަނަމަ ބިރުވެރި ކަންތައްތައް ހިނގާނެ. އެއީ ކަންނޭނގެ ވާގޮތަކީ. ބިރު ގަންނަނީ ކަންނޭނގެ. އަހަރެން މީ އެއްވެސް ކަމަކާ ބިރު ގަންނަ މީހެއް ނޫން.“ ޝިޔާޒުގެ ވާހަކަތަކަށް ކަތީބު އެއްބަސްވި އެވެ.
” އެކަމަކު ކޮންމެވެސް ކަހަލަ ރޫހާނީ ކަމެއް އެބައުޅޭ. މުހަންމަދުބެ އެބަބުނޭ އެރަށުގައި ރޫހާނީ ކަމެއް އުޅޭކަމަށް.“ ކަތީބުގެ ވާހަކަ ނުނިމެނީސް ޝިޔާޒު ކުރީ ސުވާލެކެވެ. ” މުހަންމަދުބެ ބުނަނީ ކޮންވާހަކައެއްތަ؟ އެބުނާ ރޫހާނީ ކަމެއް ހިނގަނީ ކީއްވެގެން ނޯ؟“
” މުހަންމަދުބެ ބުނަނީ އެއީ މިރަށު މީހުންގެ ކަމެކޯ؟ އޮޅަގިރީގައި މިރަށު މީހުންނާ ގުޅުން ހުރި ރޫހެއް އުޅެނިއްޔޯ. އެރޫހަށް ދިމާވި ކަމެއްގެ ސަބަބުން އެކަމުގެ ބަދަލު ހިފުމަށް އޭތި ބޭނުން ވަނިއްޔޯ؟“ ކަތީބު ދެއްކި ވާހަކަތަކުން ޝިޔާޒުގެ ހިތް އަވަސްވާން ފެށި އެވެ. އެރަށުން ދިމާވި ކަންތައްތައް ހިތަށް ވަންނަން ފެށި އެވެ. ހަލީމާފުޅުގެ ވާހަކަތައް ކިޔައިދޭން ހިތަށް އެރި އެވެ. އެކަމަކު މިއޮއް ހުރިހާ ދުވަހު އެވާހަކަތައް ކިޔާނުދީ ހުރެފައި މިއަދު އެވާހަކަތައް ކިޔާދީފިނަމަ އެކަން ވާނީ ގޯހަކަކަށް ކަން ޝިޔާޒުގެ ހިތް ބުންޏެވެ. ޝިޔާޒު ގޮތެއް ނިންމި އެވެ. އެވާހަކަތައް އެއްވެސް މީހެއްގެ ގާތުގައި ނުބުނު މެވެ. އެއީ ނުވާކަމަކަށް ހެދުމެވެ.
އެތައްވާހަކަ ތަކަކަށް ފަހު ޝިޔާޒު އޮފީހުން ނުކުމެގެން ގެއަށް ދިޔައެވެ. ބޮޑު މަގުން އިރަށް ދަނިކޮށް ދިމާވީ އާސިމާ އެވެ.
” ކޮބާ؟ ބައްދަލުވުމަށް ކިޔައިފި ތަ؟“ އާސިމްގެ ސުވާލަށް ޝިޔާޒު ޖަވާބު ދިނުމަށް ނޫނެކޭ ބުނެ ހޫރާލި އެވެ.
” ކޮން ބައްދަލުވުމެއްތަ؟ އޮޅަގިރިއަށް ދިއުމުގެ ބައްދަލުވުން. އެރަށުން މިފެންނަ ކަންތައްތައް ހޯދުމުގެ ބައްދަލުވުން. މިހާރުވެސް އެކަން އެބަހިނގާ. ހޮޅުއަށީގައި އެބަތިބި ރިޔާލުމެން.“ އާސިމް ބޭނުންވީ ޝިޔާޒު ހޮޅުއައްޓަށް ފޮނުވާށެވެ. ޝިޔާޒު މިސްރާބު ޖެހީ އެދިމާއަށެވެ.
ޝިޔާޒު ފެނުމާ އެކު ހޮޅު އަށީގައި ތިބި Mީހުން އޭނާއަށް ގޮވަން ފެށި އެވެ.
” ކޮބާ؟ ޝިޔާޒު ނައިސްގެން މިތިބީ މިކަން ނުރޭވިފައި. ކިހިނެއް ހަދާނީ. ނިކަން ގޮތެއް ކިޔާބަލަ؟“ ވާހަކަ ފެށީ ރިޔާލެވެ.
” އަދި ތިރާވާ ކަމެއްވެސް އަހަރެންނަކަށް އެނގެނީއެއް ނޫން. ދެން ކިހިނެއް އެނގޭނީ އެއްޗެކޭ ބުނަން.“ ޝިޔާޒަށް އެކަން ނޭނގޭ ކަމަށް ހެދި އެވެ.
” މިއުޅެނީ އޮޅަގިރިއަށް މިރޭ ދާން. އެރަށުގައި އެއުޅެނީ ކޮން ބިރުވެރި ކަމެއްތޯ ވެއްޖެ އެއްނު ބަލަން. އެކަން ކުރަންވެގެން މިއުޅެނީ.“ އާސިމްގެ ވާހަކައަށް ޝިޔާޒު ވިސްނާލި އެވެ. ކަމެއް ގޯސްވެދާނެ ބާއެވެ.
” ތިއީވެސް ކުރަންވެއްޖެ ކަމެއް. އެކަމަކު ތިކަމުގައި ބައިވެރިވާނެ ބައެއްދޯ މައްސަލަ އަކީ. ކޮންމެ މީހަކަށްވެސް ކެރިދާނެ. އެކަމަކު ގަންނާކުރެއްވި ބިރުން ހޭނެތި މޮޔަވާން ވެއްޖެ ނަމަ އެއީ މައްސަލައެއް. އޭރުން އެއްވެސް ކަމެއް ނުވާނެ. އެކަހަލަ ބަޔަކު ބޭނުން ވަނީ. ގައިމުވެސް އަހަރެންނަށް ދެވިދާނެ. އަހަރެން ބުނާނީ ކޮންމެ ކޮންމެ މީހަކު ގޮވައިގެން ދާކަށް ނުފެނެޔޭ. ބިރު ކުޑަބަޔަކޭ ދާންވާނީ. މިހެން މިބުނަނީ މާބިރުވެރި ކަންތައްތަކެއް ދިމާވެދާނެތީ އެއްނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި އެރަށުގައި މާބޮޑު ބިރުވެރި ކަމެއް ނެތް. އުޅޭނަމަ އަހަރެންނަށްވެސް ދިމާވާނެތާ؟“ ޝިޔާޒު ބުންޏެވެ.
” ދެން ތިއެއް ނޫނޭ. މިރޭ ވާނެދާ. ތި ހިނގާ ކަންތައްތަކެއްވެސް އެނގިދާނެތާ؟ ކަމެއް ނުހިނގާނަމަ އޭގެ މާނައަކީ ބިރެއް ނެތޭ. ކަމެއް ހިނގައިފިނަމަ ހެދޭނެ ގޮތެއްވެސް އޮންނަންވާނެ.“ ރިޔާލު ހުށަހެޅި ޚިޔާލަށް އެންމެން ކަހަލަ ގޮތަކަށް ތާއީދު ކުރި އެވެ.
” އެއޮއް އަންނަނީ މުހަންމަދުބެ. އަވަހަކަށް ވާހަކަ ހުއްޓާލާ. އަހަރެމެން މިކަން ކުރަން އުޅޭކަން އެނގިއްޖަނަމަ މިކަންވެސް ހުއްޓުވާނެ ކަންނޭނގެ. ދެން އެއީ މާކަންތައް އެނގޭމީހެއް.“ ހޮޅުއަށީއިން ޒުވާނަކު ބުންޏެވެ.
” ބަލަ މުހަންމަދުބެ ގާތުގައި ބުނިއްޔާ ކީއް؟ އަހަރެމެންނާއެކު މުހަންމަދުބެ ބައިވެރި ކުރެވިދާނެ. ގައިމުވެސް އޭރުން ސަލާމަތްތެރިކަން ބޮޑުވާނެ.“ ރިޔާލު ލަފާދިނެވެ.
” ނޫން. އަހަންނަކަށް ނުފެނޭ. މުހަންމަދުބެ ދެރައަކީ ނޫން. މިހެން ޒުވާނުން ދާއިރު މުހަންމަދުބެ ގެންދާނިކަމެއް ނެތްދޯ؟ އެކަމަކު ރިޔާލު ގޮތެއް ނިންމާނީ.“ ޝިޔާޒުގެ ވާހަކައަށް ހިފާލީ ސަދީލު އެވެ.
” މުހަންމަދުބެއަށް ވަކި ކުރެވޭނީ ކޮންކަމެއް. އޭނާ ވަކިން ރަނގަޅުތައް. މިހާރު މުސްކުޅިވުމުން ކަމެއް ނުކުރެވެނީކަންނޭނގެ. ގެންދާނެ ކަމެއް ނެތް. ނަމަނަމަ މިވާހަކަ އެހާބޮޑަށް ރަށުތެރެއަށް ފެތުރުނަ ނުދެއްޗެ. އެހެން ނޫނިއްޔާ މިކަން ނުކުރެވިދާނެ.“ ސަދީލުގެ ވާހަކަ ނިންމާލި އިރު މުހަންމަދުބެ އައިސް އެތަނާ ހަމަވަނީ އެވެ.
” ކޮބާ؟ ޝިޔާޒު މިރެއަކު ނުދަންތަ އެރަށަކަށް؟ ރޭގައިވެސް ދިޔައިމެންނު. ކިހިނެއްތަވީ؟ މުޅިރަށް މަތީ އަލިފާން ހިފާފައި ހުރިކަމަށް މީހުން އެބަބުނޭ. އެކަމަކު ޝިޔާޒަކަށް ނުފެނެޔޯ؟ ކިހިނެއްވެގެންތަ އެހެންވީ. ގަތް ބިރުންތަ އަނެއްކާ؟“ މުހަންމަދުބެ ސުވާލުން އޭނާއަށް ވަރަށް ގިނަ ކަންތައްތަކެއް އެނގޭކަން ޝިޔާޒަށް ފާހަގަވި އެވެ.
” ވަރަށް ކަންތައް ހިނގި. އެރަށުގައި ބިރުވެރި ކަމެއް އެބައުޅޭ. އަހަރެން މަރުނުވީ ހަމަ ކިރިޔާ“ ރިޔާލަށް އެއްލޯ މަރާލަމުން ޝިޔާޒު ބުންޏެވެ. ޝިޔާޒު ބޭނުންވީ މުހަންމަދުބެއަށް އެނގޭވަރެއް ބަލާލާށެވެ. އޭނާ މިކަމާމެދު ދެކޭގޮތެއް ހޯދާށެވެ.
” ތިކަން އެނގެޔޭ. އެހެން ނޫންނަމަ ރަށްމަތީ ހުޅުދާންވެފައި ހުއްޓައެއް ނުފެންނާނެ. އެއީ ކޮންމެވެސް ޖިންނި ކަމެއް. ޖިންނި އެއް ރުޅިއަތުވެއްޖެ ނަމަ އެހެންވެދާނެ. އިންސާނަކު އެއަށް ގެއްލުމެއް ދީފިނަމަވެސް އެކަހަލަ އަލާމާތެއް ފެނިގެން ހިނގައިދާނެ. އަހަރެންނަށް ހީވަނީ އެކަހަލަ ކަމެއް އުޅޭހެން.“ މުހަންމަދުބެ ދައްކަމުން ގެންދާ ވާހަކަތަކުން އެތާތިބި މީހުންގެ ގާތަށް ހިނިއަޔަސް އެއީ ހަގީގަތެވެ. އެކަން ގބޫލު ކުރުމަށް ޝިޔާޒަށް މަޖުބޫރެވެ. އެކަމަކު އޭނާ ހިފާލީ ދެކޮޅަށެވެ.
” މުހަންމަދުބެ މެން ދައްކާނެ ތިޒާތުގެ ވާހަކަތައް. ކިހިނެއް ގަބޫލު ކުރާނީ. ކޮންމެވެސް ކަމެއް އެބައުޅޭ. އެކަމަކު އެއީ ޖިންނި ކަމެކޭ ފުރޭތަ ކަމެކޭ ބުނާނީ ކިހިނެއް؟“ ޝިޔާޒު ބޭނުންވީ މަޖަލެއްގެ ތޭރޭންވިޔަސް އޭނާ އަށް ދިމާވި ހާދިސާތަކުގެ ހަގީގަތް ހޯދާށެވެ. އެރަށުގައި ހަލީމާފުޅުގެ ސިފައިގައި އެއުޅެނީ ޖިންނިއެއް ނޫން ބާއެވެ؟ އޭނާ ހަލީމާފުޅާ ކިތަންމެ ވައްތަރަސް އަދި އޭނާގެ އަޑާއި ރާގު އެއްގޮތަސް އެއީ ހަލީމާފުޅަށް ނުވެދާނެ އެވެ. ޖިންނިންނަށް އެބާރު ވަނީ ލިބިފައެވެ. އެސޮރުމެން ބޭނުން ސޫރައަކަށް ބަދަލުވެވި ދާނެ އެވެ. ” ކޮން ޚިޔާލެއްގައި.“ މުހަންމަދުބެ ސުވާލުކުރީ ޝިޔާޒަށެވެ.
” މިވިސްނާލަނީ ތިބުނާ ޖިންނި ކަންތައްތަކާ؟ އެސޮރު މެންނަށްވެސް ހާދަބާރެކޭ ދޯ ލިބިފައި އެވަނީ. އަހަރެމެންނަށްވެސް އެސިފަލިބޭނަމަ ހާދަ ރަނގަޅޭ. އޭރުން ބޭނުން ސިފައަކަށް ބަދަލުވެވިދާނެ ތާ؟ އޭރުން މިހެން ހުންނާކަށް ބޭނުމެއް ނުވާނެތާ؟“ އެންމެން ހޭންފެށީ ޝިޔާޒު ދެއްކި ވާހަކައިން ނެވެ.
މުހަންމަދުބެ އިނުމުން އޮޅުގިރިއަށް ދާން ރާވާފައިވާ ވާހަކަ އެކަކުވެސް ނުދައްކަ އެވެ. އެންމެވެސްތިބީ މުހަންމަދުބެ ދައްކާ ވާހަކަ އަޑުއަހާ ކަމަށް ހެދިގެންނެވެ. އަދި ޝިޔާޒު އެދައްކާ ވާހަކަތަކަށް ހޭށެވެ.
މަޣްރިބު ނަމާދުން މީހުންތައް އަވަދިވުމާއެކު އޮޅަގިރިއަށް ދާން ނިންމި ހުރިހާ އެއްމެންވެސް އަތިރިމައްޗާ ދިމާއަށް މިސްރާބު ޖެހި އެވެ. ރިޔާލުގެ ހިތުގައި ވަނީ ކަމުގެ ހަގީގަތް ހޯދުމެވެ. ހިނގަމުންދަނީ ބިރުވެރިކަމެއް ނަމަ އެކަން ދެނެގަތުމެވެ. އޭނާއަށްވެސް ވިސްނެއެވެ. ކަމެއް ގޯސްނުވާނަމަ ދެމީހުން މަރެއް ނުވާނެ އެވެ.
” އައްދޭ! ކޮންކަމަކާ ތިޔަ ވިސްނަނީ. ހާދަހާ ފުކުރު ބޮޑުވެފައި ހުރިހެން އެބަހީވޭ.“ އަތިރިމައްޗަށް އާދެވުނު އިރުވެސް ރިޔާލަކަށް ނޭނގުނެވެ. ޝިޔާޒުގެ ސުވާލުން ސިއްސައިގެން ދިޔަ ރިޔާލަށްވެސް ކުރެވުނީ ސުވާލެކެވެ.
” ކޮބާ އެހެން މީހުން. އެހާއަވަހަށް ހުންއައީ ކަންނޭނގެ!“
” މިހާރު އަންނާނެ ކަންނޭނގެ. ގައިމުވެސް މަޖީދުއާއި އާސިމް ދާނެ. އެތިބަ އަންނަނީ ކަންނޭނގެ“ އަތުން އިޝާރާތް ކޮށްލަމުން ޝިޔާޒު ބުންޏެވެ. ދޯނި ދޮށަށް އައީ 4 މީހުން ނެވެ.
” ކޮބާ؟ ސަދީލެއް ނައެއްނު. އޭރުވެސް މަށަށް ހީވިއޭ ސަދީލު ހަދާނީ މިހެންހެން. ދެން ކިހިނެއް ހަދާނީ.“ ރިޔާލުގެ ވާހަކަ ނުނިމެނީސް ޝިޔާޒު ފެށިއެވެ.
” އެގޮތަށް މީހުންނަށް ބަލާކަށް ނުތިބެވޭނެ. ހިނގާ ނައްޓާލަމާ. ސަދީލުއަށްވެސް ގަޑި އެނގޭނެ. އޭނާއެއްނު މި ގަޑި ކަނޑައެޅީވެސް. ތިވާނީ ހަމަ ނުދާންވެގެން ނައީ ކަމަށް.“
” ދެން ހިނގާ ދަމާ. ހުރިހާ އެއްޗެއް ހަމަތަ؟ އެނެއްކާ ނަނު ތައް ގެނައިިންތަ؟ ކޮންމެހެން ހަދާފައިވެސް މަސްބާނަން ޖެހޭނެ. އޭރުން ކަމެއް ކުރެވުނު ކަމަށްވާނީ.“ މަޖީދު ސުވާލު ކުރި އެވެ.
” އާނ. ނަނުތައް ހަމަވާނެ. އެހުންނާނެ ދޯނީގައިވެސް. ހިނގާ ދަމާ!“ މުންޑު އަތަށް އޮޅާލުމަށް ފަހު މޫދަށް ފައިބަމުން ރިޔާލު ބުންޏެވެ. އޭނާގެ ފަހަތުން ޝިޔާޒާއި އާސިމާއި މަޖީދުވެސް ދޯންޏަށް އެރުމަށް މޫދަށް ފޭބި އެވެ.
ދޯނި ނައްޓާލި އެވެ. މިސްރާބު ހުރީ އޮޅިގިރިއާ ދިމާއަށެވެ. ހުންގާނުގައި ހުރީ ރިޔާލެވެ. އާސިމް އުޅުނީ ނަނު ދޫކުރާށެވެ. ޝިޔާޒުވެސް ކޮޅުފަސްކޮޅުގައި ދެފައިވައްކޮށްލައިގެން އިނދެ ނަނެއް ދޫކުރަމުން ދިޔައެވެ. ދޯނި ފުރިތާ 7 މިނެޓްވެސް ނުވާނެ އެވެ. އާސިމް ހެޅޭއްލަވައިގަތެވެ.
” ކޮބާ! މަޑުކޮށްބަލަ މިއޮތީ އެއްޗެއް ގެންފައި. ހީވަނީ ބޮޑުއެއްޗެއް ހެން.“ އެއަޑަށް ދުވެފައި އައީ ދިރުނބާ ކޮޅުގައި އިން މަޖީދެވެ.
” ދަމާފައި ބަހައްޓާ. ތިޔަ ވާނީ ވަރުގަދަ އެއްޗަކަށް. ހާދަވާނެކޭ ކުރަނީ. ދޫދީފައި ބަހައްޓާތި.“
” ކޮބާ މިއޮތީ އަޅުވާފައި. ވަކި ދެރައެއް ނުވާނެ. އެނގިދާނެތާ؟“ ޝިޔާޒު ދޫކޮށްގެން އިން ނަނަށް ވާންވުމުން އޭނާވެސް ހަޅޭއްލަވަމުން ދިޔައެވެ. ދެމީހުންވެސް ނަނަށް ވާން ކުރަމުން އަތަށް އޮޅަމުން ދިޔައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ނަނު ކަނޑައިގެން ހިނގައިދާނެ ހެންނެވެ. ދެމީހުންނަށް ސާބަސް ދެމުން ދިޔައީ ރިޔާލެވެ. ” ކޮބާ ވަރެއް ނުދެއްކޭނެ. މިއޮތީ ނެގިފައި. ވަރުގަދަ ރަތްމަހެއް. ހާދަ ބޮޑޭދޯ؟“ ނަނުގައި ގަތް ރަތްމަސް ނަގާ ދޯންޏަށް ލަމުން މަޖީދު އާސިމް ބުނެލި އެވެ.
” ހާދަ ވަރަކޭ އިނގޭ މިސޮރު މިދައްކަނީ. މީ ވަރުގަދަ އެއްޗެއް އިނގޭ.“ ޝިޔާޒުގެ ވާހަކައިން މަޖީދކަށް ނުހުރެވުނެވެ. އޭނާވެސް ނަނުގައި ހިފާ ދަމަން ފެށި އެވެ. އިސާހިތަކު އެމަސްވެސް ދޯންޏަށް އެރުވި އެވެ. ބޮޑު ފަލަ މުޑަހަންޖެކެވެ. އެވަރު މަހެއް ދުވަހަކުވެސް ނުބޭނެ އެވެ. އެމަސް ހާދަ ބޮޑެވެ.
އާސިމްގެ ނަނު އަނެއްކާވެސް އެއްލި އެވެ. އިސާހިތަކު ނަނަށް ވާންވެއްޖެ އެވެ. އޭނާގެ އަޑު ގަދަވި އެވެ. ޝިޔާޒުވެސް ހަޅޭއްލަވަން ފެށީ އެވެ. އޭނާގެ ނަނަށްވެސް ވާންވީ އެވެ.
” ކޮބާ؟ ދޯނި މަޑުކޮށްބަލަ. މިއޮތީ ކަންތަކާ ލައްވާލާފައި. ހާދަހާ ފަސޭހައިން މިބޭނެނީ. އަނެއްކާ ހާދަވާނެކޭ މިވަނީ“ ރިޔާލުވެސް ހުންގާނު ދޫކޮށްލުމަށް ފަހު ނަނަށް ދަމަން ފެށި އެވެ. މަޖީދު ހުރީ އާސިމް ގާތުގައެވެ. އޭނާގެ ނަނުގައި ހިފައިގެން ނެވެ.
މިފަހަރު ދެފަނި ހަންޖެވެ. ހަމަ އެހާމެ ބޮޑެވެ. ދޯންޏަށް އެރުވުމާއެކު ދޯނީގެ ދުވެލި ބާރު ކޮށްލި އެވެ. ރިޔާލާއި ޝިޔާޒުގެ ނަނު އަނެއްކާވެސް ދޫކޮށްލި އެވެ. މިފަހަރު އަދި ކުރީ ފަހަރަށްވުރެ އަވަހެވެ. ފެނުގައި ބުޅި ޖެހުނު ކަމެއް ނޭނގެ އެވެ. ނަނަށް ވާންވި އެވެ. އާސިމް މޫދަށް ނުވެއްޓުނީ ހަމަ ކިރިޔާ އެވެ. އޭނާ ދިޔައީ ސިއްސައިގެން ނެވެ. ކުއްލިއަކަށް ނަނަށް ވާންވީ މައެވެ. ޝިޔާޒަށް ހުރީ ފޯރި އައިހެވެ.
” އެކަމަކު މިރޭ ދޯ! މަސްތަކަށް މިތިބީ ކހިނެއްވެފައިތަ؟ ގައުމު އެހެންޔާ މިހިސާބުން މަހެއް ބޭނޭނީ މަދުފަހަރަކު.“ ނަނަށް ދަމަމުން ދިޔަ ޝިޔާޒުގެ ވާހަކައަށް ރިޔާލުވެސް ހިފާލި އެވެ.
” މިރޭ މަސްތައް މިތިބީ މޮޔަވެފައިތަ؟ ހާދަވަރެކޭ ދޯ މިވަނީ. މިވަރުން ކިހިނެއް އޮޅަގިރިއަށް ދާނީ. މިކަމެއްނު ކުރަންވީ އެރަށަށް ނުގޮސް.“
ގަޑިއެއްހާ އިރު ފަހުން ދޯންޏަށް އޮޅިގިރި އަށް ދެވިއްޖެ އެވެ. ހަތަރު މީހުން ތިބީ ހިތްހަމަ ޖެހިފައެވެ. މަސްބޭނުނުލެއް ގިނަކަމުން އެފޯރި ހިފާފަ އެވެ.
” ކޮބާ މިއޮތީ އާދެވިފައި. ހިނގާ ފައިބަމާ؟“ ވާހަކަ ފެށީ އާސިމެވެ.
” އެފަރާތަށް ދޯ ދާނީ.“ މަޖީދުގެ ޚިޔާލު އޭނާ ހުށަހެޅި އެވެ.
” ކޮންމެ ފަރާތެއްވެސް އޯކޭޔޭ. އަވަހަށް ފައިބަމާ ހިނގާ!“
ހަތަރު މީހުން ފޭބީ އެކުއެކީ އެވެ. އެމީހުން މިސްރާބު ޖެހީ ރަށުގެ ހުޅަނގު ފަރާތާ ދިމާއަށް ދާށެވެ. ދޯނި އެއްސުމަށް ފަހު އެންމެން ހިނގައި ގަތެވެ.
” ޝޫ.ޝޫ..........ޝޫޝޫ.....ޝޫ..........“ ތުންފަތް ވައްކޮލަމުން މީހަކު އަޑުލައްވާތީ ޝިޔާޒަށް އިވުނެވެ. އާސިމަށްވެސް އެއަޑު އިވުނެވެ. ފަސްބަލާލެވު ނެވެ. އެންމެންނަށް ލިބުނީ ހާސްކަމެވެ. ދެލޯބޮޑުކޮށްލެވުނީ އެވެ.
” ސަދީލު........ސަދީލު. ކިހިނެއް މިރަށަށް އައީ.“ ހައިރާންކަމާއެކު ޝިޔާޒަށް އަހާލެވުނެވެ.
” ކަލޭމެން ތިތިބީ ނިދާފާތަ؟ ދޯނީގައި އަހަރެން އޮތްކަމެއް ނޭނގުނުތާ. އަސްލު އުޅުނީ ވަތުގައި އޮވެފައި ބިރު ދައްކާލަން. އެހެން އޮއްވާ ނިދުނީ. ދެން ހޭލެވުނީ ކަލޭމެން ފޭބީމާ. ދެން ހިނގާ ދަމާ؟“ ސަދީލު ބުންޏެވެ.
” އެހެނޭ ވާނީ އެހެން މީހުންނަށް ލަނޑުދޭން އުޅެންޏާ. އެންމެ ފަހުން ތިއޮތީ ލަނޑުލިބިފައި.“ ރިޔާލުގެބަސް ނުނިމެނީސް އާސިމް ފެއްޓި އެވެ.
” އަހަރެން ހީކުރީ ސަދީލު ނާންނާނެކަމަށް. ނޭނގެއެއްނު ގޮތެއް. ބިރުގަނެފާނެ ވިއްޔާ.“
” އަހަރެން ބިރެއް ނުގަންނާނެ. އާސިމް ކަންނޭނގެ ބިރު ގަތަސް ގަންނާނީ. އަހަރެން މަރުވިޔަސް އަންބަކު ދަރިއަކު ހުރީއެއް ނޫންވިއްޔަ ދެރަވާކަށް. އެކަންވެސް ޖެހޭނީ އާސިމަށް.“ އެންމެންނަށް ހީނގަނެވުނެވެ. އެންމެން ހިނގަމުން ދިޔައީ ރާޅުޖަހާ ހިސާބުން ނެވެ. ވާހަކައިގައި ހިނގަމުން ދިޔަ ސަދީލު އެއްގަމަށް އަރަން ފެށި އެވެ.
” ކީއްކުރަންތަ ތިއެއްގަމަށް އަރަނީ. އަތިރިމަތިން ނޭ ދާނީ.“ ޝިޔާޒު ބުންޏެވެ.
” ބިރު ގަންނަނީ ދޯ؟ ބަލަ އެއްގަމެކޭ އަތިރިމައްޗެކޭ ކޮބާތަފާތަކީ. ތިހިރީ ވާވަރު. ބިރުން އުޅޭބަޔެއް މިބަލާލީ.“ ސަދީލުގެ ޖަވާބުން އޭނާ އުޅޭގޮތް އާސިމް ދެނެގަތެވެ.
” އޭނާ މާބިރު ނުގަންނަކަމަށް ހެދިގެން އެއުޅެނީ އަހަރެމެންނަށް ކަންދައްކަން. އަޅާނުލާ. އިރުކޮޅަކުން އަތުވެދާނެ. އެއުޅެނީ އަހަރެމެންނަށް ބިރުދައްކަން ކަންނޭނގެ.“ ވާހަކދެއްކީ ޝިޔާޒެވެ.
” ތިހެން އުޅެނިކޮށް ބިރުގަންނަ ކަމެއް ލައިގެންފާނެ.“ އާސިމް ގޮވާލީ ސަދީލުއަށް އަޑުއިއްވާށެވެ.
ސަދީލު ވަނީ ވަލުތެރެއަށެވެ. ޝިޔާޒުއަށް ހުރެވުނީ ބަލަހައްޓައި ގެންނެވެ. އާސިމްވެސް ހުރީ ޖެހިލުން ވެފައެވެ.
” ގައިމު ސަދީލަކީ ބިރު ކުޑަމީހެއް ނޫން.“ މަޖީދަށް ބުނެވުނެވެ.
” ތިމާ ކިތަންމެ ބިރުގަތަސް ބަޔަކަށް ބިރުދައްކަން ވެއްޖިއްޔާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. ބައެއް މީހުންނަށް ލަނޑުވެސް ލިބޭ. ގަބުރުސްތާނު ތަންތަނުގައި ރޯވެސް ވޭ“ އާސިމްގެ ބަސް އެއްލީ ޝިޔާޒު އަށެވެ. ޝިޔާޒަށް ހިނިގަނޑެއް ޖަހާލެވުނެވެ.
ޝަިޔާޒުމެން ދިޔައީ ކުރި އަށެވެ. އެއްވެސް ހާސްކަމެއް ނެތެވެ. ހަނދުވަރުގެ އަލިން މުޅިރަށް ވަނީ ދިއްލިފަ އެވެ. ގޮނޑު ދޮށަށް ޖަހަމުން ދިޔަ ރާޅުތައް ވެލިގަނޑާ ސަމާސާ ކުރާ އަޑު ނޫން އެހެން އެއްވެސް އަޑެއް ނެތެވެ. އެހެން ނަމަވެސް އެއަޑުވެސް އިވެނީ އިރު އިރު ކޮޅަށެވެ. އެއަޑު ކެނޑިފައިވާ ވަގުތެކެވެ. މީހަކު ހަޅޭއްލަވައި ގެން އަޑު މާދުރުން އައިސް ޝިޔާޒުމެންގެ ކަންފަތުގައި ޖެހުނެވެ. ތިންމީހުންނަށް މަޑު ކޮށްލެވުނެވެ. ދެވަނަ ފަހަރަށްވެސް ހަމަ އެއަޑު ފަށްވިއެވެ. މިފަހަރު އިވުނީ ކުރިއަށް ވުރެ ބާރަށެވެ.
” އެއީ ކޮންމެވެސް މީހެއްގެ އަޑު. އެކަމަކު އެހާ ދުރުން ކިހިނެއް އެއަޑު އަންނަނީ.؟“ ސުވާލު ކުރީ ރިޔާލެވެ.
” ތިވާނީ ސަދީލުގެ ކަމަކަށް.“ މަޖީދުގެ ޖަވާބު ނުނިމެނީސް ޝިޔާޒު ފެއްޓި އެވެ.
” އަހަރެން ހިތަށް އަރަނީ ސަދީލަށް އެއަޑު އަންނަ ހިސާބަށް ދެވިދާނެބާއޭ؟“ ރިޔާލުވެސް ކުރަން ބޭނުންވީ އެސުވާލެވެ. ކުއްލިއަށް މީހަކު ފަހަތުން ހަޅޭއް ފަޅޭއް ޖަހައި ގަތެވެ. ސިއްސައިގެން ގޮސް ތިންމީހުންނަށް ކުރިއަށް ދުއްވައި ގަނެވުނީ އެވެ. އެދުއްވައި ގަތުމުގައި އާސިމް ވެއްޓުނީ އެވެ.
” ކޮބާ ހީވެއްޖެއްނު ކަމެކެކޭ. އަދިވެސް ބުނާނެ ތިމަންނަމެން ބިރެއް ނުގަންނާނޭ. މިހާރު އެނގިއްޖެއެއްނު ބިރުގަންނަނީ ކާކުކަން.“ އެމީހުންގެ ފަހަތުގައި ހުރެ ހަޅޭއްލައްވައިގެން ސަދީލު ބުންޏެވެ. މަޖީދާއި ޝިޔާޒު އާސިމްގެ ގާތަށް އައެވެ.
” އެކަމަކުވާ. ބިރުން ހަލާކުވާ ވަރުވެއްޖެ. ނޭނގޭނެއެއްނު. ކުއްލިއަކަށް ކުރިމަތިން އަޑުފަށެއް އިވިފައި ފަހުން ފަހަތުން އިވެންފެށީމާ.“ ބޯ ހޫރާލަމުން ޝިޔާޒު ވާހަކަދެއްކީ ސަދީލާ އެވެ.
” ސަދީލުތަ ކުރިންވެސް އަޑުލެއްވީ. އެކަމަކު ހާދަދުރުންނޭ އެއަޑު އައީ“ އާސިމް ސުވާލު ކުރި އެވެ.
” ދުރުންތާ އަންނާނީ. ދުރުން އަންނަގޮތް ހެދީމާ. އަހަރެން ގޮވަމުން ދިޔައީ މި ހޮޅިގަނޑު ބޭނުން ކޮށްގެން.“ އެއްފޫޓްގެ ދިގު އެސްލޯން ހޮޅިގަނޑެއް ދައްކާލަމުން ސަދީލު ބުންޏެވެ.
” ހާދަބޯވެސް ރަނގަޅޭ ދޯ؟ އާސިމް ބުނި އެވާހަކައަށް މަޖީދާއި ޝިޔާޒުވެސް ބޯޖަހާލި އެވެ.
ހިތަށް ލިބުނު ބިރުވެރި ކަން ފިލުވާލުމަށް ފަހު ތިންމީހުން ހިނގައި ގަތެވެ. ރަށް ވަށާ ބުރެއް ޖެހޭއިރުވެސް އެމީހުން ބޭނުންވި ކަމެއް ނުހޯދު ނެވެ. އެރަށަކީ ބިރުވެރި ރަށެއްކަން އެނގޭނެ އެއްވެސް ހާދިސާއެއް ދިމައެއް ނުވި އެވެ.
” ކޮބާ ހިނގާ ފުރަމާ. މިއާދެވުނީ ދޯނި ކައިރިއަށް. ކަމެއް ނުހިނގި އެއްނު.“ ރިޔާލު ބުންޏެވެ.
” ކަމެއް ނުހިނގިޔޭ. ގައިމު ތިން މީހުން ތި ތިބީ ބިރު ގެންފައި. ކަމެއް ނުހިނގަނަމަ އެހެންވާންވީ ކީއްވެ؟ އެ ހިނގީވެސް ކަމެއްތާ؟ ” ސަދީލުގެ ވާހަކަ އިވުމުން ޝަޔާޒު ފެށި އެވެ.
” އަނ! ދެން ތިއޮތީ ދައްކާނެ ވާހަކައެއް ލިބިފައި.“
ހަތަރު މީހުން ދޯންޏަށް އެރި އެވެ. ތުޅާދޫ އަށް ދިއުމަށް ދޯނި ނައްޓާލި އެވެ.
” ކޮބާ ނަނު ދޫކުރަންވާނެ ދޯ؟“ ދިރުނބާ ކޮޅުގައި ހުރެ ސަދީލު ގޮވާލި އެވެ.
” ކީއްކުރަން. މަސްބޭނިއްޖެޔޭ. އެވަރުން ފުދޭނެ.“ ޝިޔާޒު ޖަވާބު ދިނީ ވަތަށް ބަލަހައްޓައިގެން ހުރެއެވެ. އޭނާއަށް ލިބުނީ ޝޮކެކެވެ. މަސްތައް ނަތުގައި ނެތުމުން ނެވެ. އޭނާ ވިސްނާލި އެވެ. ޔަގީނެވެ. އެވާނީ ސަދީލުގެ ކަމަކަށެވެ. ޝިޔާޒު އެވާހަކަ އާސިމްގެ ގާތުގައި ބުނުމުން އާސިމްވެސް އެކަމާ އަޅައެއްނުލަ އެވެ. މަޖީދުވެސް އެނގޭ ކަމަކަށް ނުހަދަ އެވެ. އެވާހަކަ ނުވެސް ދައްކަ އެވެ.
ދޯނި ތުޅާދޫއަށް ލެފިއްޖެ އެވެ. އެންމެ ފުރަތަމަ ފޭބީ ދިރުނބާ ކޮޅުގައި އިން ސަދީލެވެ. އޭގެ ފަހުން އާސިމާއި މަޖީދު ފޭބި އެވެ. ވާއައްސާ, އިންޖީނުގެ ސަތަރި އަޅާ ހެދުމަށް ފަހު ރިޔާލަށް ފޭބުނީ ތަންކޮޅެއް ފަހުން ނެވެ.
” ކޮބާ ސަދީލު؟“ ރިޔާލަށް އަހާލެވުނެވެ.
” ދެންމެ މިތާހުރި.“ އާސިމް ޖަވާބު ދިނެވެ.
” އެކަމަކު. ދެންމެ ހުރިނަމަ ފެންނާނެއެއްނު. ކޮބާ މިހާރު؟“ ޝިޔާޒަށްވެސް ކުރެވުނީ ސުވާލެކެވެ.
” އަޖައިބެއްނު. ދެންމެ މިތާހުރި މީހަކު ކުއްލިއަކަށް ގެއްލެންވީ ކީއްވެ؟ ގެއަށް ދާނީވެސް ތިއޮއްމަގުން ނެއްނު؟ ބޮޑުމަގަށް އިޝާރާތް ކޮށްލަމުން އާސިމް ބުންޏެވެ.
” ތީވަރެއްގެ މީހެއްތާ؟ ވަރުގަދަ ލަނޑެއް ވާނެ ދޭން.“ ތިންމީހުން ރޭވީ ސަދީލަށް ބޮނޑިއެއް ދޭށެވެ.
އާދުވަހެއްގެ އިރު ދުނިޔެއާ ބައްދަލު ކޮށްފި އެވެ. ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. ނަމަވެސް އެއްދުނިޔެ އެކެވެ. ދުނިޔޭން ފެންނަ ކުލަތައް ތަފާތެވެ. ނަމަވެސް އެކަން އިހުސާސްކުރެވެނީ މަދު ބަޔަކަށެވެ. ދާދި ދެންމެ ހިނގި ކަމެއްވެސް ނުވާކަމަކަށްވެގެން ދަނީ ހިޔަނި ފަދައިން ނެވެ. އަލިކަމެއް ނެތްނަމަ އެއީވެސް ނެތް އެޗެކެވެ. އެކަން ހިނގާކަށް މަގިނަ ވަގުތެއް ނުނަގައެވެ.
ސަދީލަށް ހޭލެވުނީ ގަޔަށް ހޫނުވާހެން ހީވެގެން ނެވެ. އެނާއަށް ފުރަތަމަވެސް ބަލާލެވުނީ ގަޑިޔަށެވެ. ގަޑިންވީ ވަރު އެނގުމުން ބޯ ހޫރާލެވުނެވެ. އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. މިހާ ގިނައިރުވަންދެން ނިދުނީ ކީއްވެ ހެއްޔެވެ؟ ރިޔާލުމެން ދތުރު ދިޔަބާއެވެ؟ އަހަރެންނަށް ނިދުނީ ކހިނެއް ހެއްޔެވެ؟ އެނގިއްޖެ އެވެ. ވަގުތު ނުޖެހޭތީ ޖައްސާލެވުނީ އެވެ. އެޖައްސާލި ގޮތަށް ނުދުނީ އެވެ.
ސަދީލު އަވަސް އަވަހަށް ގިފިއްޔަށް ގޮސް ފެންވަރާލައިގެން ނުކުތެވެ. އޭނާ ބޭނުންވީ ދަތުރުގެ ޚަބަރެއް ހޯދާށެވެ. އޭނާ މިސްރާބު ޖެހީ އާސިމްގެ ގެއާ ދިމާއެށެވެ. ޝިޔާޒުއާ ބައްދަލުވެސް ވާނެތީ އެވެ.
ސަދީލުގޮސް އާސިމްގެ ގެއަށް ވަނެވެ. ވަންތަނާ ދިމާވީ އާސިމްގެ އަންހެނުންނާ އެވެ. ސަދީލު ފެނުމާއެކު ވާހަކަ ފެށީ އާސިމްގެ އަންހެނުން ނެވެ.
” ކޮބާ؟ ހާދަވަރެކޭ ރޭގައި ތިކޮށްލީ؟ ޝިޔާޒު ބުނީ އޭނާވެސް ބިރު ގަތޯ؟ އެކަމަކު އޭނާ އަޖައިބުވީ ސަދީލުގެ ބިރު ކުޑަކަމުންނޯ؟“ އާސިމްގެ އަންހެނުންގެ ވާހަކައިން ސަދީލު ގަތީ ލަދެވެ. އޭނާ ދިމާކުރަނީކަން ސަދީލަށް އެނގުނެވެ.
” ދެން ދިމާނުކުރިޔަސް ހެވޭ. އެހެންވެސް ވެދާނެ. އަހަރެންނަށް ނިދުނީ. ނޭނގުނު ވީގޮތްވެސް. ހޭލެވުނީ މިއަދު ހެނދުނު 7 ވެސް ޖެހިފަހުން.“ އާސިމް އަންހެނުންނަށްވެސް ހީވީ އާސިމްމެން ސަދީލާ މަލާމަތް ކުރީ ހެންނެވެ.
ސަދީލު ވަނީ ކާކޮޓަރި އަށެވެ. އޭރު އާސިމާއި ޝިޔާޒުތިބީ ސައިބޯށެވެ. ސަދީލު ފެނުމާއެކު ފުރަތަމަ ފެށީ ޝިޔާޒެވެ.
” ރޭގައި ފަހުން ކިހިނެއްތަ ހެދީ. ހަމަ ތެދެއް މިބުނީ އަހަރެމެންނަކަށް ނޭނގުނު ސަދީލު ހެދި ނުހެދިއެއް. ހޯދާ ހޯދާ ސަދީލެއް ނުފެނުނު.“ ޝިޔާޒުގެ ސުވާލަށް ސަދީލު ޖަވާބު ދިނެވެ.
” މަށަށް ނިދުނީ. ހޭލެވުނީ ދާދި ދެންމެއަކު. ކޮބާ ކިހިނެއްތަ ދަތުރު؟“ ސަދީލު ބޭނުންވީ ޝިޔާޒުމެން ކުރި ދަތުރު ކަންތައް ހިނގިގޮތް އޮޅުން ފުލުވާށެވެ. ” ކީކޭތަ ތިކިޔަނީ. ދަތުރު ނުދަމޭ. އަދިވެސް އޮޅުވާލަންތަ ތިއުޅެނީ.“ އާސިމް ހެމުން ހެމުން ބުންޏެވެ.
” ދެން ބުނެބަލަ ކިހިނެއްތަ ހެދީ؟“ ޝިޔާޒު އަނެއްކާވެސް ކުރީ ހަމަ އެސުވާލެވެ.
” ބަލަ ދަތުރު ނުދާމީހަކަށް ކިހިނެއް އެނގޭނީ ދަތުރުގެ ވާހަކަ ކިޔާދެން. ދެން ދިމާނުކުރިޔަސް ހެވޭ. ނިކަން ބުނެބަލަ ކިހިނެއްތަ ދަތުރަށްވީ. ކަމެއް ދިމާވިތަ؟“ ސަދީލު ދައްކަމުން ދިޔަ ވާހަކަތަކުން ޝިޔާޒަށް ބަލާލެވުނީ އާސިމްގެ މޫނަށެވެ.
” ދަތުރެއް ނުދަން.“ ޝިޔާޒަށް އަހާލެވުނީ އެވެ.
” ދިޔައްޔާ ދިޔައީ ހުވަފެނުގައި. އެނޫން ގޮތަކަށް ރެއަކު ނުދަން އެއްވެސް ތަނަކަށް. މިބުނީނު ނިދުނިއްޔޭ. ދެން ދިމާނުކޮށްބަލަ؟ ބަލަ އެހެންވެސް ވެދާނެޔޭ؟“ ސަދީލު ދައްކަމުން ދިޔަ ވާހަކަތައް ޝިޔާޒަށާއި އާސިމަކަށް ގަބޫލެއް ނުކުރެވުނެވެ.
” ހިނގާބަލަ ތިގެއަށް.“ އާސިމްބޭނުންވީ ކަމުގެ ހަގީގަތް ހޯދާށެވެ.
” އެއީ ކީއްކުރަން ގެއަށް ދަނީ؟ ސަދީލުގެ ސުވާލަށް އާސިމް ޖަވާބެއް ނުދެއެވެ. ޝިޔާޒާއި އާސިމް މިސްރާބު ޖެހީ އެގެއަށެވެ.
” ސަދީލުމެން ގެއަށް ވަނުމާއެކު ފުރަތަމަވެސް ބައްދަލުވީ ސަދީލުގެ މަންމަ އެވެ. ދުވަސްވެފައިވާ އެމަންމަގެ ރޫގިނަ މޫނުން އާސިމާއި ޝިޔާޒަށް ދިނީ ހިނިތުން ވުމެކެވެ.
” ހާދަ ދުވަހެއް ކޮށްލާފައި ތިއާދެވުނީ. މިހާރު މިގެއަކަށް ވަދެވެސް ނުލެވޭ ދޯ؟“ ސަދީލުގެ މަންމަ ފުރަތަމަވެސް ކުރީ ޝަކުވާ އެވެ. އެއީ އަބަދުވެސް ސަދީލުގެ މަންމަ ކުރާ ޝަކުވާ އެކެވެ. އެގެއިން އެއްޗެއް ނުކާ ވާހަކައާއި, ނުބޯވާހަކަ އަބަދުވެސް ދައްކަ އެވެ.
” މިއައީ ކުޑަވާހަކައެއް އަހާލަން ވެގެން.“ އާސިމްގެ ވާހަކަ ނުނިމެނީސް އެމަންމަ ވާހަކަ ފެށި އެވެ.
” އެނގިއްޖެ ވެގެން ތިއުޅޭގޮތް. ތިއުޅެނީ ސަދީލު ރޭގެ ދަތުރުގައި ބައިވެރި ނުވާތީ އެކަންވީގޮތް އޮޅުންފިލުވަން ދޯ؟ ސަދީލުވެސް ދައްކައިފި ތިވާހަކަ؟ ދަތުރު ދާނަމޭ ކިޔާފައި ނުދެވުނު ވާހަކަ. އެނާ އެބުނީ ތެދެއް. އޭނާ ހޭލީ މިއަދު ހެނދުނު. އަހަރެން ދެފަހަރަކު ބަލައިލިން ނިދާފައިތޯ އޮތީ؟ މާގަދަޔަށް ނިދިފައި އޮތީމާ ނުގޮވީ.“ ސަދީލުގެ މަންމަ ވާހަކަތަކުން ޝިޔާޒާއި އާސިމް ދިޔައީ ނުތަނަވަސް ވަމުން ނެވެ.
” އެކަމަކު ގަބޫލު ކުރެވޭނީ ކިހިނެއް؟ ގައިމު އަހަރެމެންނާ އެކު ސަދީލު އުޅުނު. އެރަށަށް ދިޔަ. މިރަށަށްވެސް އައި. ވާހަކަވެސް ދެއްކި. ވަލަށްވެސް ވަތް. އަހަރެމެން ބިރު ދައްކުވަންވެސް އުޅުނު. ދެން ކިހިނެއް ގަބޫލު ކުރާނީ.“ އާސިމް އެދައްކާ ވާހަކަތަކުން ސަދީލާއި އޭނާގެ މަންމަވެއް ދިޔައީ ހާސްވަމުން ނެވެ.
” ހަމަ އަހަރެން ދިޔައީ. ކޮން އިރަކު. ކިހިނެއް ދާނީ“ ދެ ދުންފަތް ޖައްސާ ފިއްތާލާ ބޭރަށް ދަމާލަމުން ސަދީލު ބޯހުރާލި އެވެ.
” ޔަގީންތަ ނުދާކަން. އެކަމަކު އަހަރެންނަށް ޔަގީން އެއީ ސަދީލުކަން. ސަދީލު ބުނީމެއްނު ދޯނީގެ ވަތަށޭ ފޭބީ. އެތަނުގައި އޮއްވާ ނިދުނިއްޔޭ؟“ ޝިޔާޒު އުޅުނީ ހަނދާން ކޮށްދެވޭތޯ އެވެ.
” ދެން ތިދައްކަނީ ހާދަ ހެއްވާ ވަހަކައެކޭ؟ އަހަރެންނެއް ނުދަން! ގައުމު އަހަރެންނަށް އެނގޭނެތާ ދެވުނު ނަމަ؟ އެހެންވެއްޖެއްޔާ ތީ އަޖައިބެއް؟“ ޝިޔާޒަށް ލިބިގެން ދިޔަ ހައިރާން ކަމާއެކީ އެނާގެ ވާހަކަ ފެއްޓީ އޭނާއަށް ދިމާވެފައި ހުރި ކަންތައްތައް ސިއްރު ކުރަމުން ނެވެ.
” އަޖައިބަކަށް ވީމާތާ މިވާހަކަ މިދެއްކެނީ.“
” ގައިމު ރޭގައި ސަދީލު އަހަރެންނާ ވާހަކަ ދެއްކި. އެއީ ހަމަ ސަދީލު. އެހެންމީހަކު ނަމަ އެނގޭނެތާ؟ ގައިމު ސަދީލާ ވައްތަރު މީހަކު މީގެކުރިން އަހަރެން ނުދެކެން.“ އާސިމަށް ގަބޫލު ކުރެވެނީ އެއީ ސަދީލު ކަމަށެވެ. ޝިޔާޒަށް ގަބޫލު ކުރެވުނީ އެއީ ސަދީލު ނޫން ކަމަށެވެ. އެފަދަ ކަމެއް ހިނގާފާނެ ކަމަށެވެ. އެހެން ނޫން ނަމަ އެރަށުން ހަލީމާ ފުޅެއް ނުފެންނާނެ އެވެ.
” ސަދީލު ހާސްވާގޮތްވި އެވެ. ޔަގީން ވާކަމަކީ އާސިމަށާއި ޝިޔާޒަށް ކަމެއް ދިމާވެގެން އުޅޭކަމެވެ.
” އެކަމަކު އަހަރެންފެނުނުކަން ދެރައީ. އެހެންމީހަކު ނަމަތާ؟ ތިވާހަކަ ދެއްކޭނީ.“ ސަދީލުގެ އެބަހަށް އަނެއްކާވެސް ޝިޔާޒު ފެއްޓިއެވެ.
” މީހުންގާތު މިވާހަކަ ދައްކާނަމަ މިރަށުމީހުން ހައްތާދާނީ ބިރު ގަންނަމުން. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ އެވާހަކަ ސިއްރުކުރުން.“ ޝިޔާޒުގެ ވާހަކައަށް އާސިމް އެއްބަސްވި އެވެ. ތިންމީހުން ނިންމީ އެވާހަކަ ނުދައްކާށެވެ.
އަހަރެންގެ ސިފައިގައި ފެނުނީ ކާކުބާއޭ؟ އެމީހުން އެބުނަނީ އަހަރެންނާ އެމީހާ ހާދަވައްތަރެވެ. ނޫނެކެވެ. އެއީ މީހެއްނަމަ އަހަރެންނެއް ރެއަކު ނުފެންނާނެ އެވެ. އަމުދުން އެގޮތަކަށް ނުވެސް ގެއްލޭނެ އެވެ. ލޯމަތިން ގެއްލޭ ކަހަލަ މީހުން ތިބޭހެއްޔެވެ؟ އެއީ ހާދަހެއްވާ މީހެކެވެ. އޭނާއަށްވެސް އެނގުނީ އަހަރެންގެ ސިފަ ގެންނާށެވެ. ސަދީލު ހިތަށް އަރާފައިބަމުން ދިޔަ ކަންތައްތަކުން ނުކުންނަށް މަޖްބޫރުވީ އެވެ.
” އަސްލު މިހާރު ތިއުޅެނީ މާބިރުން. އެކަމަކު ތިހެން އުޅޭއެއްޗެއް ނޫން. އެއީ އެއްވެސް ކަމެއް ނޫން.“ ބިރުނުގަންނާށޭ ބުނާ ރާގަކަށް ޝިޔާޒު ބުނީ ސަދީލު ގާތުގައެވެ.
ޝިޔާޒުމެން އޮޅުގިރިއަށް ދިޔަ ވާހަކަ ކޮކާ އަލިތަކެއް ފަދައިން މުޅިރަށަށް ފެތުރިގެން ދިޔައެވެ. އެކިމީހުންގެ ވާހަކަ ހުރީ އެކިގޮތަށެވެ. އެއްބަޔަކު ދައްކަނީ އެރަށުން ދިމާވި ކަންތައްތަކެއްގެ ވާހަކަ އެވެ. އަނެއްބަޔަކު ބުނަނީ އެއްވެސް ބިރުވެރިކަމެއް އެރަށުގައި ނެތް ކަމަށެވެ.
އެކިމީހުންގެ ވާހަކަތައް އެކިގޮތްގޮތަށް ފެތުރު ނަމަވެސް ސަދީލާއި, ޝިޔާޒުގެ ދުލުން ކަމުގެ ހަގީގަތެއް ކިޔައެއް ނުދެއެވެ. އެމީހުން ތިބީ އެވާހަކަ ނުބުނާށެވެ.
ދުވަސްކޮޅެއް ފަހެވެ. ޝިޔާޒު މާލެދިއުމަށް ފުރި އެވެ. އަދިވެސް އެއްފަހަރު އެރަށަށް އަންނާނޭ ކަމަށް ބުނަމުން ނެވެ.
ޝިޔާޒު މާލެ ދާން ފުރީއްސުރެ އޭނާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅުބާންޏެއް އުފެދެމުން ދިޔައެވެ. އޮޅަގިރީގައި އެހިނގާ ކަންތައްތަކާމެދު ވިސްނިގެން ނެވެ. ވިސްނަން ބޭނުން ނުވިނަމަވެސް ހަމަ ވިސްނެނީ އެވެ.
ހަލީމާ ފުޅު ދައްކާފައި ހުރި ވާހަކަތަކެވެ. އެކަނި އޮޅުގިރިއަށް ދިޔަ ރޭ ކަންތައްވީ ގޮތެވެ. ސަދީލުގެ ސޫރައިގައި ފެނުނު މީހެވެ. ހައްތާވެސް އަޖައިބު ކަންކަމެވެ. އަމިއްލަ ނަފްސާމެދުވެސް ސުވާލުކުރެވެން ފެށުނެވެ.
އާސިމް އުޅުނީ ބިރުން ނެވެ. ޝިޔާޒު ފުރުމުން އެބިރު ވަކިން ބޮޑުވި އެވެ. ބައެއް ރޭރޭ ގޭއިން އަޑެއް އިވޭހެން އޭނާއަށް ހީވާން ފެށި އެވެ. އަޖައިބަކީ އެހެންމީހަކަށް އެއަޑު ނުއިވޭތީ އެވެ. އެހެންވެ އެހެންމީހެއްގެ ގާތުގައި އެވާހަކައެއް ނުދައްކަ އެވެ.
އެއްރޭގެ މެންދަމު ވަގުތެވެ. އާސިމަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖެހި އަޑަށެވެ. ނިދި މޫނުގައި އޮތް އާސިމަށް ބޭރުން މީހަކު ގޮވާހެންވެސް ހީވި އެވެ. އާސިމަށް ޔަގީން ވިއެވެ. އެއީ ޝިޔާޒެވެ. އޭނާ ގޮސް ދޮރު ހުޅުވާލި އެވެ.
” އައްދޭ! ހާދައަވަހަކަށް. އަހަރެން ހީކުރީ ހަފްތާއެއް ފަހުން ކަމަށް އަންނާނީ.“ ޝިޔާޒާ ވާހަކަ ދައްކަމުން އާސިމް ބުނެލި އެވެ.
” އަހަރެން މިއުޅެނީ ހަމަ ނުނިދިގެން. އެއްކަލަ ކަންތަކާ ހާދަ ބިރެކޭ ގަންނަނީ. ޝިޔާޒު ފުރިފަހުން ވަކިން ބޮޑަށް ބިރުގަނޭ“ އާސިމްގެ ވާހަކައަށް ޝިޔާޒު ޖަވާބު ދޭން ފެށި އެވެ.
” އެކަން އެނގޭ އަހަރެންނަށް. އަހަރެންވެސް ކުޑަކޮށް ޖެހިލުންވޭ. ސަދީލުގެ އެރަށަށް ނުދާވާހަކަ ބުނުމުން ވަރަށް އަޖައިބުވި. ދެން ހިނގާ ނިދަމާ. ވަރަށް ވަރުބަލިވެއްޖެ.“ ޝިޔާޒު ވިދާވާހަކަ ދެއްކުމުން އާސިމް ކުރީ ސުވާލު ތަކެކެވެ.
” ކައިފިންތަ؟ ހިނގާކަމާ؟ މިހާރު ތިހުރީ ބަނޑުހައި ވެފައިދޯ؟ އަންހެނުންނަށް ގޮވަންތަ؟“
” ނޫން. ދެން މިގަޑީގައި ގޮވާނެ ކަމެއްނެތް. އެހާ ބަނޑުހައެއް ނޫން. ފަތިހު އަވަހަށް ހޭލަނިކޮށް ރަނގަޅުވާނެ. އަހަރެންވެސް މިދަނީ ނިދަން.“ ޝިޔާޒު ހިނގައި ގަތީ އޭނާ ކުރިންވެސް އުޅެމުންދާ ކުޑަ ކޮޓަރި ގަނޑަށެވެ.
” އޭތް! ކޯންޗަކުންތަ އައީ؟“ އާސިމް ކުރި ސުވާލު ޝިޔާޒަށް އަޑުނުއިވުނީ ކަންނޭންގެ އެވެ. އޭނާ ވަނީ ކޮތަރި އަށެވެ. އާސިމް އަޅައެއް ނުލައެވެ.
ފަތިހުގެ މުލަހާލުގެ އަޑަށް ކޮޅަށް ތެދުވި އަންހެނުން އާސިމަށް ގޮވީ 6 ޖެހި ފަހުން ނެވެ.
” ޝިޔާޒު އޮންނާނެ. ރޭ ދަންވަރު އޭނާ އައީ. މިހާރު އޮންނާނީ ބަނޑޫހައި ވެފައި ކަންނޭގެ.“
” މިފަހަރު ހާދަ އަވަހަކަށް އެއައީ.“
” އަމަލުވީ ކަންނޭގެ. އަހަރެންގެ އަންހެނުން ހެވީމާކަންނޭނގެ ދޯ؟“ އާސިމް ސަމާސާ ކޮށްލި އެވެ. އަންހެނުން ދިޔައީ ސައިހެދުމަށް ބަދިގެ ފަރާތަށެވެ.
މޫނު ދޮވެ އަވެދިވެގެން އާސިމް ވަނި ޝިޮޔާޒުގެ ކޮތަރި ގަނޑަށެވެ. ޝިޔާޒަށް ލިބުނީ ހައިރާންކަމެކެވެ. ޝިޔާޒެއް ނެތެވެ. އާސިމް ނުކުތީ ބޭރަށެވެ. ދިޔައީ ބަދިގެ ފަރާތަށެވެ.
” ކޮބާ ޝިޔާޒު. އޭނާއެއް ނެތް ކޮތަރިއަކު. މިފަރާތަކަށް ނާދޭތަ؟“ އާސިމް ސުވާލު ކުރީ އޭނާގެ އަންހެނުން ނަށެވެ.
” ކޮބާ ދަބަސް އެބަހުރިތަ؟“ އާސިމް ވަނީ ގެއަށެވެ. ދަބަސް ހުރިތޯ ބަލާލުމަށެވެ.
” ދަބަހެއްވެސް ނެތް. އަނެއްކާ ކިހިނެއްބާ އެހެދީ. އޭނާ އަހަރެމެންގާތު ނުބުނެ ނުވެސްދާނެއެއްނު.“ އާސިމަށް ޔަގީންވީ އޭނާއަށް ނާންގާ ނުފުރާނެ ކެމެވެ.
” ކޮން އިރަކުތަ ޝިޔާޒު އައީ. ކޯންޗަކުންތަ އައީ.“ އާސިމް އަންހެނުން ނަށް އުނދަގޫވި އެވެ.
” ރޭ ދަންވަރު. އައި އެއްޗެއް ނޭނގެ. އެސުވާލުވެސް ކުރިން. އެކަމަކު އެސުވާލު އޭނާއަކަށް އަޑެއް ނީވުން. އައި އެއްޗެއް ނޭނގެ.“ އާސިމްގެ ޖަވާބު ނުނިމެނީސް އޭނާގެ އަންހެނުން ފެށިއެވެ.
” ގައިމު ރިޔާލު މެންގެ ދޯންޏާއި, ދާއޫދު މެންގޭ ދޯނި އޮތީ މިރަށުގައި. ދެންކޯންޗަކުންބާ އަންނާނީ. މިރަށު އެއްޗަކުން ނޫން ކަންނޭގެ ދޯ؟“
” ނޭނގެ. ގައިމުވެސް އައީމާތާ ރޭގައި މިގެއަށް އެވަނީ. ޓަކިޖަހީމާ އަހަރެން ހުޅުވީ. ގައުމުވެސް އެއީ ޝިޔާޒު.“ އާސިމް ޔަގީން ކުރި އެވެ.
” އޭނާ އައިނަމަ އޮންނާނެ އެއްނު. ދަބަސް ހިފައިގެނެއް ނުދާނެ.“ އާސިމްގެ އަންހެނުންނަށް ގަބޫލެއް ނުކުރެވުނެވެ.
” ނޭނގެ ތިވީގޮތެއް. އަންނާނަން ބޭރަށް ޖެހިލާފައި.“ އާސިމް ނުކުތީ ބޭރަށެވެ. ޝިޔާޒުގެ ޚަބަރެއް ވޭތޯ އެވެ. އާސިމް ދިޔައީ ހޮޅުއައްޓާ ދިމާއަށެވެ. ހޮޅުއަށީގައި ތިބީ މުހަންމަދުބެ މެންނެވެ.
” ކޮބާ ޝިޔާޒުގެ ޚަބަރެއްވިތަ؟ ކޮން އިރަކުންތަ އެސޮރު ދެން އަންނަނީ؟“ ސުވާލު ކުރީ މުހަންމަދު ބެއެވެ.
” މިއުޅެނީ ޝިޔާޒުގެ ޚަބަރެއް ނުވެގެން. ރޭގައި މާލެއިން އައީ ކޮންދޯންޏެއްތަ؟“ އާސިމް ބޭނުންވި ސުވާލު އޭނާ ކުރި އެވެ.
” ރޭގައި...... ރޭގައި ކޯންޗެއް މާލެއިން އަންނާނީ. މިރަށު އެއްޗެއް މާލޭގައި އޮވެގެންތާ މާލެއިން އާދެވޭނީ. ހިއެއް ނުވޭ އެއްޗެއް އައި ހެނެއް.“ ކިހިނެއްވީ؟“ އަނެއްކާވެސް މުހަންމަދުބެ އެއްސެވެ.
” ކަމެއް ނުވޭ. ހަމަ އަހާލީ.“ އާސިމްގެ ޖަވާބު ވަރަށް ކުރެވެ. އޭނާ ހިނގައި ގަތެވެ. ޝިޔާޒުގެ ވާހަކަ ދައްކަން ބޭނުން ނުވެގެން ނެވެ.
ގެއަށް ވަނުމާއެކު އަންހެނުން ސުވާލު ފަތި އާސިމަށް ހުށަހެޅުނެވެ.
” ނޭނގެޔޯ. ރޭގައި މާލެއިން އެއްޗެއް އައިކަމެއްވެސް ނޭނގެ. އެކަން ދެނެހުރިމީހަކުވެސް ނެތް. ޝިޔާޒު ފެނުނު މީހަކުވެސް ނެތް. ނޭނގެ ވީނުވީ އެއް. ގައިމުވެސް ރޭ މިގެއަށް ޝިޔާޒު ވަންކަން މަށަށް އެނގެނީ.“ އާސިމްގެ ވާހަކަތައް އަޑުއަހާފައި އަންހެނުން ގާތަށް އައީ ހިންޏެވެ.
” ތިވާނީ ހުވަފެނަކަށް. އެހެން ނޫންނަމަ އަހަރެންނަށްވެސް ހޭލެވޭނެ. ގައިމު އައިނަމަ މިގޭގައިތާ ހުންނާނީ. އަނެއްކާ ނުބުނެ ނުވެސް ދާނެއެއްނު. އާސިމަށް ހަމަ ޔާގީންތައޭނާ އައިކަން؟“ އަންހެނުން ބޭނުންވީ ޔަގީން ކުރާށެވެ.
” ހަމަ ޔަގީނޭ. އެހެން ނޫން ނަމަ މިވާހަކައެއް ނުދައްކާނެއެއްނު. އަހަރެންނަކީވެސް ކުޑަކުއްޖެއް ނޫނެއްނު ޝިޔާޒު އޮޅޭކަށް.“ އާސިމް ބުންޏެވެ.
” އެކަމަކު މިފަހަރު.....“ އަންހެނުން ޖަހާލީ ހިނިގަނޑެކެވެ.
އާސިމް ވިސްނަން ފެށި އެވެ. ޝިޔާޒުގެ ސިފައިގައި އެހެން މީހަކު ރޭގައި ގެއަށް ވަނީ ކަންނޭނގެ އެވެ. އެކަމަކު އެހެންވާކަށް މިއީ އޮޅުގިރި އެއް ނޫނެވެ. ބިރުވެރި ކަންތައް ގަނޑެއް މިގޭގައެއް ނުހިނގާނެ އެވެ. ގައިމުވެސް ރޭގައި އާސިމް މިގެއަށް ވަނެވެ. އަހަރެން އޭނާއާ ވާހަކަވެސް ދެއްކީ މެވެ. އެކަމަކު އޭނާ ނާންނަކަމަށް މިނިންމެނީ ކީއްވެ ބާއެވެ؟ ޚިޔާލަކަށް ގެއްލިފައިވާ ޝިޔާޒަށް އެޚިޔާލުން ނުކުތުމަށް މަޖުބޫރު ކުރުވި އެވެ. ބޭރުން އިވޭ އަޑުފަށް ގަނޑުން ނެވެ. އެއްބަޔަކު ހަޅޭއްލަވަމަުން ދިޔައިރު އަނެއް ބަޔަކު ދިޔައީ ރޮމުން ނެވެ. ޝިޔާޒު ނުކުތީ ބޭރަށެވެ. ކަންވާގޮތް އޮޅުން ފިލުވުމަށެވެ.
މަހަށް ފުރި ރިޔާލު ދޯނީގެ ކެޔޮޅު ރަމީޒަށް, ޝިޔާޒު އަނިޔާ ކުރީ އެވެ. އެއްވެސް މީހަކަށް ނޭނގެނީ ޝިޔާޒު ފިލި ތަނެވެ. އޭނާ ފުންމާލީ ކަނޑަށެވެ. ދެން ވީނުވީ އެއް ނޭނގުނެވެ. ދޯނި ރަށަށް އައީ އޭނާ ނުފެނުމުން ނެވެ. އެކަމަކު ޝިޔާޒު ރަމީޒަށް އަނިޔާ ކުރަންވީ ކީއްވެ ހެއްޔެވެ؟ ރަމީޒުގެ ކުށަކީ ކޮބާހެއްޔެވެ؟ ކޮންމެ މީހަކުވެސް ކުރަނީ އެސުވާލެވެ. އާސިމަށް އިވެމުން ދިޔަ ވާހަކަތައް ގަބޫލުކުރަން އުނދަގޫ ވިއެވެ. އެކަމަކު އެހެން ވެދާނެ އެވެ. ބައެއް މީހުންގެ ސަވާލަކަށް ރަމީޒު އައީ ކޮން އިރކުހޭ އެހިނަމަވެސް އާސިމު އެސުވާލު ކުރާކަށް ބޭނުމެއް ނުވި އެވެ. އޭނާގެ ސުވާލަކީ ޝިޔާޒު އެހެން ހަދަންވީ ކީއްވެ ހެއްޔެވެ؟ އެދޯނިން ޝިޔާޒު މަހަށް ދާންވީ ކިއްކުރަން ހެއްޔެވެ؟ އެސުވާލުތަކަށް ޖަވާބުދޭން އެނގޭ މީހަކު ނެތެވެ.
ރަމީޒުގެ ބޯ ވަނީ ތިން ހަތަރު ތަނަކުން ފަޅައިގެން ގޮސްފައެވެ. ދޯނީގައި ކުރި ޒުވާބަކުން ޝިޔާޒު ރުޅި އައީ އެވެ. އޭނާ ހިތްހަމަ ނުޖެހުމުން އަތުގައި ޖެހުނު ރިއްބުރީގެ ވަރު ރަމީޒުގެ ބޮލަށް ބޭލީ އެވެ. އެހެން ހެދުމަށް ފަހު އޭނާ ފުންމަލީ ކަނޑަށެވެ. އަޑިއަށް ދިޔަ ގޮތަށް މައްޗަކަށް ނާރައެވެ. ރަމީޒު ދިޔައީ ކަންތައްވީގޮތް ކިޔައި ދެމުން ނެވެ. އެވާހަކަ އަޑުއަހާކަށް އާސިމަކަށް ނުއިނދެވުނެވެ.
” ދެން މިހާރު ކޮބާ އޭނާ! ކީއްވެ އޭނާ ނުފެންނަނީސް ތިޔަ އައީ.“ އާސިމްގެ ސުވާލަށް ޖަވާބުދިނީ ރިޔާލެވެ.
” އޭރު ރަމީޒުގެ ބޮލުން ލޭތައް ފައިބަނީ. އެހެންވެ މަޑުކުރެވެން ނެތިގެން ރަށަށް އަންނަން ޖެހުނީ.“ ރިޔާލުގެ ޖަވާބުގައި ފޮރުވިފައިވާ އެތައް ސިއްރެއް ހުރިކަން އާސިމަށް ދެނެގަނެވުނެވެ. އާސިމާއި ރިޔާލު ޖެހިލީ ދުރަށެވެ.
” އަހަރެން ނަށް ހީވަނީ އެއީ ގޯހެއްހެން. އެއީ ޝިޔާޒުގެ ސިފައިގައި އައިސްއުޅޭ މީހެއް. އޭނާ ކަނޑަށް ފުންމާލިތަން އަހަރެން ދުށިން. އެކަމަކު އޭނާ ލޮނުގަނޑަކު ނުޖެހި ގެއްލިއްޖެ. އެހެން މީހުންނަކަށް އެކަމެއް ނޭނގޭނެ. އެހެންވެ އަހަރެން ބުނީ އަވަހަށް ރަށަށް އަންނަމާ ހިނގާށޭ. ތިވަރުގެ މީހަކު ދޯންޏަށް އަރުވާނެ ކަމެއް ނެތޭ.“ ކަން ހިނގި ގޮތް ރިޔާލު ކިޔައި ދިނެވެ.
” އެކަމަކު އެވެދާނެޔޭ އަސްލު ހަމަ ޝިޔާޒަށް. އޭނާ ރޭގައި ގެއަށް އައި. އޭނާ ނުފެނިގެން ހޯދަނިކޮށް ތިޚަބަރު ލިބުނީ. އެހެންވީމާ އެވެދާނެ ހަމަ ޝިޔާޒަށްވެސް“ އާސިމަށް ކުރެވުނީ ޝައްކެކެވެ.
” ރޭގައި މާލެއިން އައީ ކޮން އޮޑިއެއް. ހުރިހާ ދޯންޏެއް އޮތީ ރަށުގައި. ކިހިނެއް އޭނާ މިރަށަށް އަންނާނީ. ތިއޭ މިބުނާ ވާހަކަ އަކީ. އެކިސޫރައިގައި އެބައުޅޭ ބަޔަކު. ދޯނިން އެދިމާވީ ޝިޔާޒުގެ ސޫރައިގެ މީހެއް. މިދިޔަ ހަފްތާގައި އޮޅުގިރިން ދިމާވީ ސަދީލު ސޫރައިގެ މީހެއް.“ ވަރަށް ވިސްނުމަށް ފަހު ރިޔާލު ބުންޏެވެ.
ދެމަސް މާޒީވެއްޖެ އެވެ. އާސިމް މާލެއަށް ދިޔައެވެ. ޝިޔާޒުގެ ޚަބަރެއްވޭތޯ އެވެ. އޭނާއަށް ޝިޔާޒާ ބައްދަލުވި އެވެ. އަދި ސުވާލުތައް ކުރަން ފެށި އެވެ.
” ކީއްވެތަ ފިލައިގެން ތިއުޅެނީ. ކީއްވެތަ ރަމީޒުގެ ބޮލުގައި ޖެހީ. މުޅި ރަށުގައިވެސް އެދައްކަނީ އެވާހަކަ. ކިހިނެއް ކަނޑަށް ފުންމާލުމަށް ފަހު ސަލާމަތްވީ.“
” ކީކޭތަ ތި ކިޔަނީ. ވީގޮތެއް ބުނެބަލަ؟ އޭރުންނެއްނު އެނގޭނީ. އެއްކަލަ އޮޅުގިރި ކަންތައް ލައިގަތީ ދޯ؟ އެހަރެން ނަށް އެނގޭ އޭރުވެސް ތިކަހަލަ ކަމެއްކަން؟“ ޝިޔާޒުގެ ވާހަކައިން އާސިމަށް ލިބުނީ އިތުރު ހާސްކަމެކެވެ.
” މީގެ ދުވަސް ކޮޅެއް ކުރިން އަހަރެމެން ރަށަކަށް ނުދަންތަ؟ ” އާސިމް ކުރި ސުވާލަށް ޝިޔާޒު ޖަވާބު ދިނީ ހައިރާންވެ ހުރެއެވެ.
” ކީއްވެ ތިހެން ތި އަހަނީ. ތިރަށަށް ހިނގައްޖެ ނަމަ ހުންނާނީ ތިގޭގައެއްނު؟ ކީއްވެ ތިސުވާލު ތިކުރީ. އަނެއްކާ.....؟“ ޝިޔާޒު ރޭކާލީ ދެނެވެ. އާސިމް ދެއްކި ވާހަކަތައް ޝިޔާޒަށް އެނގުނު ކަހަލަ އެވެ. ޝިޔާޒު އޮޅުން ފިލުވި އެވެ. ތުޅާދޫގެ ވާހަކައާއި އޮޅުގިރީގެ ވާހަކަ ތަކުން ސުވާލު ކުރި އެވެ. ކޮންމެ ސުވާލެއްވެސް ހުއްޓެނީ އެވެ. ދޭނެ ޖަވާބެއް ނެތިގެން ނެވެ. މިހުރިހާކަމެއް ހިނގަނީ ކީއްވެ ބާއެވެ؟
” އަހަރެން ބޭނުން އާސިމާ އެކު ތިރަށަށް ދާން.“ ޝިޔާޒު ބޭނުންވީ ތުޅާދޫއަށް ދާށެވެ.
” އެއީ. މިހާރު ހިނގައްޖެނަމަ ކަންތައް ގޯސްވާނެ. ބައެއް މީހުން ތިބީ ޝިޔާޒުދެކެ ރުޅުއައިސްފައި“ އާސިމްގެ ޖަވާބުން ޝިޔާޒަށް އަހާލެވުނީ އެޔޯ އެވެ.
” ރަމީޒުގެ ބޮލާއި މުޅިމީހާގެ ދުވަސް ދުއްވާލީ ޝިޔާޒޯ. މުޅި ރަށުގައިވެސް ދައްކަނީ އެވާހަކަ. އަހަރެންފެންނަ ކޮންމެ ފަހަރަކުވެސް މީހުން ދައްކަނީ އެވާހަކަ.“ އާސިމް ކިޔައި ދިނެވެ.
” އެއީ ކީއްވެ؟ ގައިމު އަހަރެން ތިރަށަކަށް ނުވެސް ދަން.“ ޝިޔާޒަށް އަހާލެވުނެވެ.
” އެއިއްޔޭ މައްސަލަ އަކީ. ރަށު މީހުންނަކަށް ނޭނގޭ ކަންތައްތައް ވާގޮތެއް. އެމީހުންނަކަށް ގަބޫލެއް ނުކުރެވޭ އެހެންމީހެއްގެ ސޫރައެއް ފެނިދާނެ ކަމަކަށް. އަހަރެން އެވާހަކަ ދެއްކުމުން އެމީހުނނަށް ހީވީ އަހަރެން އުޅެނީ ޝިޔާޒު ދިފާއުކުރާން ކަމަށް.“ އާސިމް ބުންޏެވެ.
” ދެން ކިހިނެއް ހަދާނީ. އެކަމަކު އަހަރެން ބޭނުން ތިރަށަށް ދާން.“ ޝިޔާޒު ބުންޏެވެ.
” މިފަހަރަކު ނޫން. އަހަރެން ރަށަށް ގޮސް އަންގާނަށް ކަންތައްތައް ދާގޮތް. އޭގެ ފަހުން އަންނާނީ. އެހެން ނޫނިއްޔާ ކަންތައްތައް ހައްތާ ދާނީ ގޯހަށް ކަންނޭނގެ.“ އާސިމަށް ފެންނަގޮތް އޭނާ ބުންޏެވެ. ޝިޔާޒު ނިންމީ މިފަހަރު ތުޅާދޫއަށް ނުގޮސް ފަހުން އެރަށަށް ދިއުމަށެވެ. އާސިމަށް ފެނުނުގޮތް އެއީ އެންމެ ރަނގަޅުގޮތްކަމަށް ދެކިގެން ނެވެ.
ދެދުވަސް ފަހުން އާސިމް ރަށަށް ދިއުމަށް މާލޭން ފުރި އެވެ.
ދޯނީގައި އާސިމަށް އޮވެވުނީ ވިސްނާށެވެ. އޭނާއަށް ޚިޔާލު ކުރެވުނީ ޝިޔާޒު އުޅެމުންދިޔަ ގޮތެވެ. ތުޅާދޫއަށް އޭނާ ދާންބޭނުންވާ ސަބަބެވެ. ބިރެއްނެތި އޮޅުގިރިއަށް ގޮސް އުޅުނު ދުވަސްތެކެވެ.
އޮޅުގިރިއާ ހަމައަށް ދޯންޏަށް ދެވިއްޖެ އެވެ. އޭނާއަށް ބަލަން އިންދެވުނީ އޮޅުގިރިއާ ދިމާއަށެވެ. އޭރު ވާތައް އޮޅުގިރި މަތިން އުދުހި އުދުހި ތިއްބެވެ. އޮއްސެމުންދާ އިރުގެ ދޯދިތަކުން ވިލާތަކަށް ގެނެސްފައި ރޫހަކީ އެމަންޒަރު ފެންނަ މީހަކަށްވެސް ރޫހެއް ލިބިގެންދާނެ މަންޒަރެކެވެ. އެކަމަކު ޝިޔާޒު އިނީ އެރޫހުގައެއް ނޫނެވެ. އޭނާ ވިސްނީ ޝިޔާޒުގެ އަމަލުތަކާ މެދުއެވެ.
ރަށަށް ލެފުނު އިރު ރައްޔިތު އެންމެން ކަހަލަ ގޮތަކަށްތިބީ އަތިރިމައްޗަށް ޖަމާވެފައެވެ. އެއްބަޔަކު ހަޅޭއްލަވައެވެ. އާސިމަށް ވާނުވާ އެނގުނީ ރަށަށް ލެފި ފަހުން ނެވެ.
އެންމެންގެ މޫނުތައް އަމާޒުވެފައި ހުރީ އާސިމަށެވެ. އޭނާއަށް ލިބިގެން ދިޔައީ ހާސްކަމެވެ. ކަންބޮޑުވެ ހުރެ ކުރެވުނީ ސުވާލެކެވެ.
” އަނެއްކާ ކިހިނެއްބާ ވެގެން މިއުޅެނީ.“ ސުވާލު އަޑުއިވުނު މީހާގެ ޖަވާބުން އާސިމަށް ގޮތް ހުސްވި އެވެ.
” ކަލޭ ހީކުރީތަ އަހަރެމެންނަކަށް ނޭނގޭނޭ. އިބުރާހިމްގައި ތަޅައިގަތީ ހަމަ ކަލޭ. ޝިޔާޒުއާ ކަލެއާ ތިއުޅެނީ ރާވައިގެން.“ މީހަކު ހަޅޭއްލަވައި ގަތެވެ. އެމީހުން ޝައްކުކުރީ އާސިމަށެވެ. އިބުރާހިމްގައި ބަޔަކު ތަޅައިގަތްގަތީނުން ހޭނެތޭ ހިސާބަށް ދިޔައެވެ. އޭނާގެ އަނަގައިންނާއި ނޭފަތުން ލޭފޭބި އެވެ. އެކަން ކުރީ އާސިމޭ ބުނާމީހުން އެބަތިއްބެވެ. އެމަންޒަރު ފެނުނު މީހުންވެސް ތިއްބެވެ. އެކަމަށް އާސިމް ކުރީ އިންކާރެވެ. އޭނާ ބުނަމުން ދިޔައީ މާލޭގައި ހުރި މީހަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަން ހިގީ އާސިމް މާލެފުރި ކަމަށް ބައެއް މީހުން ބުންޏެވެ. އާސިމް މާލެފުރީ އެނާގެ އެއަމަލް ބަޔަކަށް ފެނުމުން ކަމަށް ބައެއް މީހުން ބުނަމުން ދިޔައެވެ. އާސިމްގެ ޖަވާބަކީ އެފަދަކަމެއް އިބުރާހިމަށް ކުރުމުގެ ބޭނުމކީ ކޮބާހެއްޔެވެ؟ އޭނާ އަށް އެފަދަ ލަނޑެއް ދިނުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟
އާސިމްގެ ނަސީބުވެސް ރަނގަޅީ އެވެ. އޭނާއާ އެއްކޮޅަށް ސަދީލު ނުކުތީ އެވެ. ރިޔާލުވެސް ހިފާލީ އެވެ. އާސިމްގެ ވާހަކަ ގަބޫލުކުރަން ޖެހުނީ އެސަބަބާ ހެދި އެވެ. އޭނާ ކިޔައިދިނެވެ. ޝިޔާޒުގެ ވާހަކަވެސް ބުންޏެވެ. ރައްޔިތުންނަށް ކިޔާދެމުން ދިޔަ އެވާހަކަތަކަށް ހެކިވަމުން ގެންދިޔައީ ރިޔާލާއި ސަދީލެވެ.
ގިނަމީހުން ގެއަށް ދިއުމަށް ހިނގައިގަތީ އެވާހަކަތައް ގަބޫލު ކޮށްގެނެވެ. ނަމަވެސް އެވާހަކަތައް ގަބޫލު ނުކުރާ ބަޔަކުވެސް ތިއްބެވެ. އެމީހުންގެ ޝަކުވާއަކީ އާސިމާއި ޝިޔާޒުގެ ސޫރާގައި މީހުން ފެންނަންވީ ކީއްވެ ހެއްޔެވެ؟ އެހެންމީހުންގެ ސޫރައިގައި ނުފެންނަނީ ކީއްވެ ހެއްޔެވެ؟
” ގައިމު ކޮންމެވެސް ކަމެއް އުޅޭތީތާ އެގޮތަށް ދިމާވާނީ. އެހ