
އޮޅުގިރި (ފުރަތަމަ ބައި)
އެންމެ ކުޑައިރުއްސުރެ ޝިޔާޒަކީ ބިރުކުޑަ ކުއްޖެކެވެ. ޖެހިލުން ކުޑަ ކުއްޖެކެވެ. ބައެއްފަހަރު ދިވާމާ ކަންތައްކަގެ ވާހަކައިން އެހެންމީހުން ބިރުގަންނުވަން ޝިޔާޒު މަސައްކަތްކުރިއެވެ. އެކަމަކު އެއީ ތަންކޮޅެއް ކުރީގައެވެ. މިހާރު އެކަންތައްވަނީ މެދުކެނޑިފައެވެ. އެކުގައި އުޅުނު ރައްޓެހިން ބައިބަޔަށް ބެހި ގޮސް ހުސްވީމައެވެ. އަމިއްލައަށް ބޮޑުއެއްލިބި އެކަމުގެ ވޭން ތަހައްމަލްކުރަން ޖެހުނީމައެވެ.
ޝިޔާޒު ދެކޭގޮތުގައި ބިރަކީ ގަންނަން ޖެހޭ އެއްޗެއް ނޫނެވެ. ބިރުގަންނާނީ ފިނޑިންނެވެ. އެއީ އަންހެނުންގެ ސިފައެކެވެ. އެކަމަކު އެވާހަކަތައް ގަބޫލުކުރެވޭނީ މަދުބަޔަކަށެވެ. ޝިޔާޒުވެސް ބިރު ގަންނާނެއެވެ. އެފަދަކަމެއް އަދި ދިމާވެފައި ނެތީއެވެ. ހުވަފެނުގައި ނަމަވެސް ފެނިފައިވާނަމަ ކޮންމެވެސް ވަރަކަށް ޖެހިލުންވީހެވެ. އެކަމަކު އެއީ ބިލާހެއްކަން ޝިޔާޒަށްވެސް އެނގެއެވެ. އެހެންވެ ބިރުގަންނަވީ ބިރު ގަންނަވީ އެއްވެސް ސަބަބެއް ނެތެވެ.
ޝިޔާޒު ބ. ތުޅާދޫއަށް ފޮނުވާލަންޖެހުނީ އެސަބަބާހުރެއެވެ. ބިރުގެ ކަންފުޅެއް ނެތިގެން ކުރެވުނު ކަމެއްގެ ސަބަބުންނެވެ. މައްޗަންގޯޅި ގަބުރުސްތާނުގައި އަލިފާން ރޯކޮށްލައިގެންނެވެ. އޭނާ އެކަންކުރީ ގަސްދުގައެއްނޫނެވެ. އޭނާގެ އެކުވެރި އަޙްމަދު ބިރުގަންނުވަން އުޅެނިކޮށް އެހާދިސާ ހިނގީއެވެ. އެކަމަކުގެތެރޭގައި އުޅެނިކޮށް އަތުގައި އޮތް ސެލްޓެކްސް ފުޅީގައި ރޯވެ, ގަބުރުސްތާނުގައި ހުރި ހިކި ހޯލިތަކެއްގައި އަލިފާން ހިފީއެވެ. އެންމެފަހުން އެކަން މައްސަލައަކަށްވެ ޝިޔާޒަށް އެއްއަހަރުގެ ހުކުމެއް ކޯޓުން އިއްވީއެވެ.
ޝިޔާޒު އުޅެމުންދިޔައީ ތުޅާދޫގައެވެ. ކުރެވުނު ކުށަށް އަދަބު ލިބިގަތުމުގައެވެ. އެރަށުގައި އޭނާ އުޅެމުންދިޔައީ ހިތްހަމަޖެހުމާއެކުއެވެ. މާގިނަދުވަސްތަކެއްނުވެ ޝިޔާޒު މާލޭ އުޅުން ބަދަލުވިއެވެ. ރަށްފުށުގެ މީހެއްފަދައިން މަހަށްގޮސް, މަސައްކަތަށް ހޭނެން ފެށިއެވެ. ދުވަސްތަކާއި ރޭތައް ޝިޔާޒަށްވީ ހިތްހަމަޖެހުމަކަށެވެ. އެގޮތުގައި އަހަރެއް ވޭތުވިއެވެ. ޝިޔާޒުގެ މިޒާޖަށް މާބޮޑު ބަދަލެއް ނާދެއެވެ. ބިރުގެ ކަންފުޅެއް ނެތްފަދައެވެ. ހަމަހިމޭން ދަންވަރުގެ ރިހިއަލީގައި, ބޮޑެތި ތުނޑިތަކުގައި ފަޅުރަށްރަށުގައި ބޯ ވަލުތެރޭގައި އެއްވެެސް ބިރެއްނެތި ދުވަސްތައް ގުނިއެވެ. ބޯވިއްސާރައިގެ ތެރޭގައި މާސިންގާ ކަނޑުގެ ބިޔަ ރާޅުތަކާ އޭނާ ކުރިމަތިލިއެވެ. އެކަމަކު ޝިޔާޒުގެ ހިތުގައި އެއްވެސް ފިކުރެއް ޚިޔާލެއް ނެތެވެ.
މިއިން ކޮންމެ ކަމަކުން ސަލާމަތްވުMާއެކު އެހެންމީހުންނަށް އެވާހަމަތައް ޝިޔާޒު ކިޔައިދެމުން ދިޔައެވެ. އެކަމާ ބައެއްމީހުން ޝޯޚްވެއެވެ. ޝިޔާޒުގެ ދުލުން އެދައްކާ ވާހަކަތައް އެއީ ތެދެކޭ ހިތައެވެ. އާއެކެވެ. އެއީ ހަމަ ތެދެކެވެ. ބިރުވެރި އެތައް ހާދިސާއެއް އޭނާވަނީ ތަޖުރިބާކޮށްފައެވެ.
ޝިޔާޒު އޮޅުގިރިއަށް ދާންފުރީ ހުކުރުވުލޭރެއެއްގެ މެންދަމުގެ ވަގުތެއްގައެވެ. ދިފާއީ ހަނދުވަރުގެ ޗާލުއަލީގައި ބާރު ދުވެލީގައި ބައްތެލި ދަތުރުކުރަމުން ދިޔައީ ނުހަނު ބާރަށެވެ. ބޮޑުފަޅެއް ފަހަނައަޅާ ކަނޑުއޮޅިއާހަމައަށް ބައްތެއްޔަށް ދެވުނުއިރު ބޯމަތީގައިވާ ހަނދުގެ އަލިކަންވަނީ ފަނޑުވެފައެވެ. ވިލާގަނޑެއްގެ ތެރެއަށް ހަނދަށް ވަދެވުނީއެވެ.
ބައްތެއްޔާ ތޮޅެމުންދާ ރާޅުތަކުގެ އަޑުން ދިޔަ ހިއްކުމަށް އުކަމުންދާ ފެންފޮދުގެ އަޑުތަކުގެ ހަމަހިމޭންކަން ގެއްލިގެން ދާއިރު, އެއަޑަށް މާބޮޑު ސަމާލުކަމެއް ޝިޔާޒަކަށް ނުދެވެއެވެ. އެއީ އަބަދުވެސް އިވިއިވި ހުންނަ އަޑަކަށްވާތީއެވެ. އެކަމަކު އެއަޑުގައި ތަފާތެއްވާކަން ޝިޔާޒަށް ފާހަގަކުރެވުނެވެ. ދިޔަހިއްކަން އިން ޝިޔާޒު އޭނާ މަސައްކަތް ހުއްޓާލިއެވެ. ހަމަހިމޭނުން އިނދެ މޫދަށް ބަލައިލިއެވެ. އަދި ވިސްނާލިއެވެ.
މިގަޑީގައި ކޮން އަޑެއްހެއްޔެވެ؟ އެއަޑު އިވެންވީ ކީއްވެހެއްޔެވެ؟ ދިޔަ ހިއްކާއިރު އެއްޗެއްގައި ތަޅާ ހެން އިވެނީ ކީއްވެބާއެވެ؟
ޝިޔާޒުގެ މަސައްކަތް ފެށިއެވެ. އޭނާ ބޭނުންވީ އެއަޑު އިވޭގޮތެއް ހޯދާށެވެ. ދިޔަހިއްކުމަށް ދިޔަހިއްކާފައި އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ވަތަށް ގަންބާލިއެވެ. ބައްތެއްޔަކު އެއްވެސް ދިޔައެއް ނެތެވެ. އޭނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ދެންމެ ހުރި ދިޔަގަނޑަށް އެވީ ކިހިނެއްހެއްޔެވެ؟ މީ ޝިޔާޒަށް ހީވި ގޮތެވެ. ދިޔަގަނޑެއްވެސް އަމިއްލައަކަށް ނުހިކޭނެއެވެ. ޝިޔާޒުގެ ހިތަށްއެރީ އޭނާގެ އެކުވެރި މުހައިމިން ދައްކާފައި ހުރި ވާހަކަތަކެވެ. ކުރީރޭ އޭނާ އޮޅުގިރިއަށްދާން ކުރި މަސައްކަތް ނާކާމިޔާބު ވީގޮތެވެ. އޭނާއަށް އެޅުނު ހުރަސްތަކެވެ.
މާގިނައިރުތަކެއްނުވެ ބައްތެލި އޮޅުގިރި ފަޅަށް ވަދެއްޖެއެވެ. ރިޔާ ތިރިކޮށްލުމަށްފފަހު އެއްގަމަށް ވާއައްސާ, އެއްއަތަށް ކަތިވަޅި ހެޔޮވަރު ކޮށްލުމަށްފަހު, ތުބަށް ބިޑިއެއްޖަހާ ޝިޔާޒު ހިގައިގަތެވެ. ފުރަތަމަ މިސްރާބުޖެހީ ވެލައެއް އަރާފަތް އޮތްތޯ ބެލުމަށެވެ. މިސްރާބުހުރީ ރަށުގެ އުތުރުފަރާތާ ދިމާއަށެވެ. އެއީ މަޑުފަސްގަނޑު އޮންނަ ދިމާއެވެ.
ޝިޔާޒަށް ފެނުނީ ފިޔަވަޅެކެވެ. ރާޅުޖަހާ ސަރަޙައްދުގައި ހުރި ފިޔަވަޅަކީ މީގެ ކުޑައިރުކޮޅެއްކުރިން މީހަކު ހިނގާފައި ހުރިކަމުގެ ނިޝާނެކެވެ. އެކަމަކު މިރަށުގައި މިގަޑީގައި އުޅޭނީ ކާކު ހެއްޔެވެ؟ އެއްވެސް ދޯންޏެއް ބައްތެއްޔެއް ފަޅަކު ނެތެވެ. ދެން ކޮން ފިޔަވަޅުތަކެއް ހެއްޔެވެ؟ އެކަމަކު ހަމަ އަސްލު ފިޔަވަޅުތަކެކެވެ. އެމީހަކު ހިނގާފައިހުރީ ހަމަ ދެންމެއެވެ. ބައެއް ފިޔަވަޅުތައް ފުހެވުނީ ދެންމެ ޖެހި ރާޅުންނެވެ. ޝިޔާޒު ހިތަށް އެތައް ޖުމްލައެއްވަދެ, ބޮޑު ތަހުގީގަކަށް ތައްޔާރުވުމަށް ހިތުން ގޮވިއެވެ.
ފިޔަވަޅުތަކަށް ބަލަމުން ހިނގަމުންދިޔަ ޝިޔާޒު ބަލާލީ ދިMާ ކުރިމައްޗަށެވެ. އޭނާގެ ފައި ހުއްޓުވިއެވެ. ފަސްޖެހޭގޮތްވެ ދެލޯބޮޑުކޮށް, ބަލާލެވުނެވެ. ކުރިމަތީ, ދަންކޮޅެއް ދުރުގައި އެއިނީ ކުޑަ ކުއްޖެކެވެ. ނޫނެކެވެ. މީހެކެވެ. ވައްތަރީ އަންހެނަކާއެވެ. ލައިގެން އިނީ ކަޅު ރަތްކުލައަށްދާ ފާޑުގެ ހެދުމެކެވެ. އެއްފައި މައްޗަށް އަނެއްފައި ދަމާލައިގެން މޫދާ ދިމާއަށް ބަލަހައްޓައިގެން އެއިންމީހާ އެއްވެސް ބިރެއްނެތީތާއެވެ؟ އެއީ މީގެކުރިން ދުވަހަކުވެސް ފެނުނު މަންޒަރެއް ނޫނެވެ. ޝިޔާޒުގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަދެގަތެވެ. މީހުން ދައްކާ ވާހަކަތަކުގެ ޙަޤީގަތް އެނގެނީއޭ ހިތަށްއެރިއެވެ.
އެވާނީ ހަނޑިއަކަށެވެ. ރޭގަނޑު ހަނދުވަރުގެ އަލީގައި ކަޅުރަތް ހެދުންލައިގެން އެކަނިމާއެކަނި އުޅޭނީ ހަންޑިއެވެ. ނޫނޭކެވެ. އެއީ ރަތް ހެދުމެއްނޫންނެވެ. ރަތްކުލައަށްދާ ފާޑެއްގެ ހެދުމެކެވެ. މީހުން ދައްކާފައިހުރި ޒާތްޒާތުގެ ވާހަކަތައް ޝިޔާޒުގެ ހިތަށްވަދެ ބިރުވެރި ރާޅެއް ހިތުގެ އޭނާގެ އިޙްސާސްތަކަށް ބިންދާލިއެވެ. އެވަގުތު އޭނާގެ ގައިން ހީބިހިނަގަންފެށިއެވެ.
ޝިޔާޒު ދިޔައީ ކުރިއަށެވެ. ކުރިއަށްވުރެ ބާރަށެވެ. އެހިސާބަށް ދެވިއްޖެއެވެ. ވައްކަޅިން ޝިޔާޒަށް ބަލާލެވުނީއެވެ. އެހީ ހީވިގޮތޭ ހިތާ, މޫނު އަނބުރާލާ ބަލާވެސް ލެވިއްޖެއެވެ. އެއީ ހަމަ ހަލީމާފުޅެވެ. ގެއްލިގެން ހޯދާ ނުފެނުނު ހަލީމާފުޅެވެ. ރައްޔިތުން އެންމެން އެރަށަކަށް އައިސް ހޯދާ ބެލިއިރު ވީނުވީއެއް ނޭގުނު ހަލީމާފުޅެވެ.
ޝިޔާޒުގެ ހިތަށް އަރާފައިބަމުން ދިޔަ ސުވާލުތައް ކުރާހިތްވިއެވެ. އޭނާ ބޭނުންވީ ޔަޤީން ކުރާށެވެ. ”ހަލީމާފުޅުތަ؟“ ޝިޔާޒު އެހެން އެހީ އެއަޑުތޯ ޔަޤީންކުރުމަށެވެ.
”އާނ... އަހަރެންނަކީ ހަލީމާފުޅު. އަހަރެން މިރަށުގައި ބަހައްޓާފައި އެންމެން ދިޔައީ. އަހަންނަށް އިނގޭ އަހަންނަކީ މީހެއް ނޫން ކަން“ ހަލީމާފުޅުގެ ވާހަކައިން ޝިޔާޒަށް ޔަޤީންވި އެއީ ހަލިމާފުޅުކަމެވެ.
”ހާދަވަރަކަށް ހޯދައިފިއޭ. މުޅިރަށް ބަލައިފި. މިރަށްވެސް ބަލައިފި. ސިފައިން އައިސްވެސް ޗެކްކުރި. ކޮންތާކު ތިއުޅުނީ؟ ޝިޔާޒު ބޭނުންވީ އޮޅުން ފިލުވާށެވެ.
އަހަރެން ބޭނުމެއްނޫން ކިޔައިދޭކަން އަހަރެން ހޯދަން އުޅުނުނަމަ, އެދުވަހު އަހަރެން ހޯދަން އައިސް. އޭގެ އެއްދުވަސްފަހުން އަހަރެން ނެތްކަން އެނގުނީވެސް. އެވަރުގެ ބައެއްގެ ގާތުގައި އަހަރެން އުޅުމުގެ ބޭނުމެއް ނެތެއްނު.“ ހަލީމާފުޅަށް ރޮވޭ ގޮތްވިއެވެ. އެއަޑުގައިވާ ހިތާމައިން ޝިޔާޒަށް ޙަމްދަރުދީ ވެވުނެވެ.
”ދެރަނުވޭ. އެހެންވެސް ވެދާނެޔޭ. ހިނގާ އަހަންނާއެކު ރަށަށް. ކޮބާ ބޭބެ! ބޭބެގެ ފިޔަވަޅުދޯ އެތާ އެކޮޅުގައި އެހުރީ.“ އަތް ދިއްކޮށްލަމުން, ޝިޔާޒު ސުވާލުކުރިއެވެ. ”އާނ. އެއީ ބޭބެގެ ފިޔަވަޅު. ބޭބެ ހުރީ ރަށަށް ދާގޮތަކަށްނޫން. ބޭބެ ނުދަންޏާ އަހަންނަކަށްވެސް ނުކެރޭނެ ދާކަށް. އެއީ އަހަރެންގެ ބޭބެ.“ ހަލީމާފުޅުގެ ޚިޔާލު ޝިޔާޒަށް ހާމަކުރިއެވެ.
”ދެން މިރަށުގައި އުޅެންތަ ތިވިސްނަނީ. ބަލަ މިރަށަކީ ބިރުވެރި ރަށެކޭ.“ ޝިޔާޒު ބޭނުންވީ ހަލީމާފުޅު ބިރު ގަންނުވާލާށެވެ.
”އެންމެ ރަނގަޅޭ. އަހަރުމެން ދެމީހުން މަރުވިޔަސް ބަލާލާނެ މީހަކު ނުހުންނާނެ ވިއްޔާ މިރަށުގައި. އެއަށްވުރެ ރަނގަޅުތާ މިބިރުވެރި ރަށުގައި އުޅުން.“ ހަލީމާފުޅުގެ ބިރުކުޑަކަން ޝިޔާޒަށް ހާމަވުމުން ޝިޔާޒުގެ އެވިސްނުން ދޫކޮށްލިއެވެ.
”ކޮބާ ބޭބެ؟ ހިނގާ ބޭބެގާތަށް؟“ ޝިޔާޒު ބޭނުންވީ ހަލީމާފުޅުމެން ތިބިތަން ހޯދާށެވެ.
”ނޫން ބޭބެ އިންތަނެއް ނުދެއްކޭނެ. ތިއުޅެނީ އެތަނެއް ހޯދުމަށްފަހު ރަށަށް ގޮސް އެވާހަކަތައް ކިޔައިދޭކަންނު.“ ހަލީމާފުޅުގެ ޖަވާބުން ޝިޔާޒުދިޔައީ ސިއްސައިގެންނެވެ. އެއީ ޝިޔާޒުގެ ހިތުގައި އެކަން ރޭވިގޮތެވެ.
”ނޫން އަހަރެން އެއްވެސް ބަޔަކު ގާތު ތިވާހަކައެއް ނުދައްކާނަން.“ ޝިޔާޒު ބޭނުންވީ އެތަން ހޯދާށެވެ.
”ހުވާކުރޭ. ޔަޤީންކަންދީ.“ ހަލީމާފުޅު ބޭނުންވީ ޝިޔާޒު އެއްބަސް ކުރުވާށެވެ. ހުރިހާ ވާހަކަތަކެއް ދެއްކިއިރު, ހަލީމާފުޅު އިނީ އިށީނދެއެވެ. އޭނާގެ މޫނުގެ އުޖާލާކަން ހަނދުވަރުގެ އެއަލީގައި ފާޅުވެވޭ ހުއްޓެވެ. ފިނިވައިރޯޅިތައް އައިސް އޭނާގެ ބޮލުގެ އިސްތަށިގަނޑާ ސަމާސާ ކުރަމުން ދިޔައެވެ. އެމަސްތުގައި, ލައިގެން އިން ހެދުންވެސް ބައިވެރިވިއެވެ. ”އަހަންނަކަށް އެކަނި ހިނގާފައެއް ނުދެވޭނެ. އަހަރެންގެ ހާލު އެއަށްވުރެ ބޮޑު.އެހެންވެ މިތާ އިނީވެސް.“ ހަލީމާފުޅުގެ ބޭނުމެއް ޝިޔާޒަކަށް ނޭގުނެވެ. ޝިޔާޒަށް ވިސްނުނީ އޭނާ ނުދިއުމުން އުޒުރެއް ދައްކަނީ ކަމުގައެވެ.
”ހަމަތެދެއް މިބުނީ އަހަރެންގެ ފަޔަށް ތަދުވެގެން ނުހިނގިފައި މިއިނީ. ވަލުތެރެއަށް ވަދެގެން އުޅެނިކޮށް ފައިމަށައިގެން ދިޔައީ.“ ލައިގެން އިން ހަރުވާޅުން ބައެއް މައްޗަށް ކަހާލަމުން ހަލީމާފުޅު ދައްކާލިއެވެ.
”ކިހިނެއްވެފަ ތިހުރީ. ހާދަބޮޑަކަށޭ ތިހުރީ މަށައިގެން ގޮސްފައި. މިހާރު ލޭ އަންނަނީ ތިޔަ.“ ޝިޔާޒަށް ބުނެވުނެވެ.
”އެރަނގަޅު ވެދާނެ. އަޅާނުލާ. އަހަރެންނާ އަޅާނުލާކަންނު އަހަރެން ގެއްލުމުންވެސް ހޯދަން ނޫޅުނުނީ. އޭގެ ދުވަސްތަކެއް ފަހުން އަހަރެން ހޯދާށޭ ކިޔާފައި މިރަށަށް އައީ. އަހަރެންނަށް އެނގޭ ހުރިހާ ކަމެއްވެސް.“
”އާނ! ދެންހިނގާ. ބޭބެގާތަށް ދަމާ!“ ޝިޔާޒު ................
”ބަލަ ބުނެފީމެއްނުން މަމިއިނީ ހިނގައި ނުގަނެވިފަޔޭ. ނުތެދުވިފަޔޭ. ކެރެންޏާ އުފުލައިގެން ގެންދޭ. އަހަރެން ކޮންމެހެން ދާކަން ބޭނުމެއްނޫން.“ ހަލީމާފުޅު ބުނި ބަސްތަކަށް ޝިޔާޒު ފަހެއް ނުޖެހުނެވެ.
”ހިނގާ ދަމާ! އަހަރެންގެ އަތްމަތީގައިވެސް ގެންދެވިދާނެޔޭ.“ ޝިޔާޒު ބޭނުންވީ އެތަނަށް ދާށެވެ.
”އަޅެ ނަގާބަލަ. އެހާދުރަށް ކިހިނެއް ގެންދާނީ. އަހަރެން ނުލާހިކު ބަރުވާނެ.“ ހެމުންކަހަލަ ގޮތަކަށް ހަލީމާފުޅު ބުންޏެވެ.
ޝިޔާޒު ބަލާކަން ނުހުރެއެވެ. ހަލީމާފުޅު ނަގާ އަތްދަނޑި މައްޗަށްލިއެވެ. އެއަށްވުރެ އަވަހަށް ބެހެއްޓިއެވެ.
”ކީއްވީ. ބޭބެއަށް ފެނިއްޖެނަމަ....“ ޝިޔާޒު ހަދާންވީ ހަލީމާފުޅުގެ ބޭބެމަތިންނެވެ.
”ބޭބެވާނީ މިހާރު ނިދާފައި. އެތަނަށް ދެވޭއިރަށް އަހަރެން ބަހައްޓާނީ. އޭރުން ނޭނގޭނެއެއްނު.“ ހަލީމާފުޅު ބޭނުންވީ ޝިޔާޒުގެ އަތްމަތީގައި ގެއަށްދާންކަން ޝިޔާޒަށް އެނގުނެވެ. އޭނާވެސް ބޭނުންވީ އެގޮތެވެ.
ޝިޔާޒުގެ އަތްދަނޑިމަތީ ހަލީމާފުޅު އޮތެވެ. މައްޗަށް ބަލަހައްޓައިގެންނެވެ. މާގިނައިރުތަކެއްނުވެ ޝިޔާޒުގެ ހިތް އެނބުރެން ފެށިއެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތު, ޝިޔާޒުގެ ހިތް ކިލަނބުވީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. އެދޮންވެލި ތުނޑިމަތީ ހަލީމާފުޅާ ސަމާސާ ކުރެވުނީ ކޮންސަބަބަކާހުރެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ފުރަތަމަ ގަތްބިރު, ވީ ކެނޑިފައެވެ. މިހާރު އެހޯދުނީ އުފަލެވެ. އެމަސްތުގައި މާހައުލު އޮތްގޮތް ޝިޔާޒަކަށް ނޭނގެއެވެ. ވައިގަދަވެ ވިއްސާރަވާން އުޅޭކަމެއް ދެނެއެއް ނުގަނެވުނެވެ.
ކުއްލިއަކަށް ވިދާލި އެވިދުވަރުގެ އަލި ކެނޑައިގެން ނުދަނީސް ބޯމަތިން ޖެހީ ބާރު ގުގުރިއެކެވެ. ލިބުނު ޝޮކަކާއެކު ޝިޔާޒަށް ހޭވެރިކަން ވިއެވެ. އޭނާގެ ހިތަށް ބިރުވެރިކަމުގެ ތޫފާނެއް އައިފަދަ އެވެ. ހަލީމާފުޅު އެދުނީ ޝިޔާޒު އަވަހަށް ދިއުމަށެވެ. އެތަނުގައި ނުހުރުމަށެވެ. އޭރު މުޅިމާހައުލު ވަނީ ބަދަލުވެފަ އެވެ.
ޝިޔާޒު ހިނގައިގަތެވެ. ފިސާރި ބާރަށެވެ. ދުވެފައިކަހަލަ ގޮތަކަށެވެ. ބައްތެއްޔާ ދިމާއަށް ދިއުމަށެވެ. މާގިނައިރަކު ހިނގާކަން ނުޖެހުނެވެ. ބައްތެލި އެއޮތީ ދާދި ގާތުގައެވެ. އެކަމާމެދު ޝިޔާޒަށް ވިސްނާލެވޭވަރެއް ނުވިއެވެ. އަވަސްއަވަހަށް ވާ މޮހާލަން އުޅުނެވެ. އޭނާގެ ދެލޯބޮޑު ވިއެވެ. ބައްތެލީ ވާ އައްސާފައި އޮތީ އަންހެން ގޮށަކުންނެވެ. އެއީ ޝިޔާޒު ޖެހި ގޮށެއްނޫނެވެ. އޭނާޖެހީ މަގުލަށެވެ. ޝިޔާޒަށް ލިބެމުންދިޔަ ހައިރާންކަމާއެކު, ބައްތެލި ފުންކުރަމުން ބައްތެއްޔަށް އެރިއެވެ. އަދި އަވަސްއަވަހަށް ތަންކޮޅަކަށްގޮސް ރިޔާ ނެގިއެވެ.
ރިޔާ ރަނގަޅަށް ނުހުޅުވެނީސް ބައްތެލި ދުވަން ފަށައިފިއެވެ. ނުލާހިކު ބާރަށެވެ. ޝިޔާޒުގެ ހިތް ތެޅެންފެށިއެވެ. އެބިރުގައި އިނދެ އޮޅުގިރިއާ ދިމާއަށް ޝިޔާޒު ބަލާލިއެވެ. އޭރު މުޅި އޮޅުގިރީގެ މަލަމަތިވަނީ ދިއްލިފައެވެ. ފްލޮރިސެންޓް ފެހިކުލައަކުން ގަސްތައް ހުރީ ހާމައަށް ފެންނާށެވެ. ވާތަކުގެ ”ކީން“ އަޑު އިވޭހެންވެސް ހީވެއެވެ. ފުއްޓަރަށްބިންދާ ރަޅުތަކުގެ އަޑު ވަރަށް ކައިރިން އިވިއިވި ހުއްޓެވެ. އެމަންޒަރު ފެނުމާއެކު, އެއީ ބިރުވެރިކަމެއްކަން ޝިޔާޒުގެ ހިތް ބުންޏެވެ. ކިތަންމެ ވަރަކަށް ގަބޫލުނުކުރާން އުޅުނަސް ޝިޔާޒުގެ ލޮލަށް އެފެންނަނީ ޙަޤީގަތެވެ. ޝިޔާޒަށް ޖެހޭނީ ގަބޫލުކުރާށެވެ. ޝިޔާޒުގެ ގައިން ހީބިހި, ނަގަމުން ދިޔައިރު, އެމަންޒަރު ދެވަނަ ފަހަރަށް ނުބެލުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ.
ކުއްލިއަކަށް ބައްތެލީގެ ދުވެލި މަޑުވިއެވެ. ރިޔަލުގައި އަޅަމުންދިޔަ ވައި ހިނދުނީއެވެ. ނޫނެކެވެ. މިސްރާބު ބަދަލުކުރަން ވީއެވެ. ޝިޔާޒު އަވަސްވެގަތީ ރިޔާ ބަދަލުކޮށްލުމަށެވެ. އަނެއްފަރާތަށެވެ. އެއުޅުމުގައި އަނެއްކާވެސް ޝިޔާޒަށް ބަލާލެވުނީ އޮޅުގިރިއާ ދިމާއަށެވެ. އެކަމަކު މިފަހަރު އެބިރުވެރި ކުލަތަކެއް ފެންނާކަން ނެތެވެ. ކުރިން ބުނި ކަންތައްތައް ވަނީ ފިލާފައެވެ.
އިރުތަކެއްފަހުން ޝިޔާޒަށް ރަށަށް އާދެވިއްޖެއެވެ. އެކަނިމާއެކަނި ކުރި އެދަތުރުން ސަލާމަތްވެވި ރަށަށް އަދެވުނީތީވެ, އެކަމުގެ މައްޗަށް އުފާކުރެވިއްޖެ އެވެ.
ރަށަށް އާދެވުމާއެކު އޭނާއަށް ހަމަ ނޭވާއެއް ލެވުނެވެ. އެއާއެކު ހަށިގަނޑުގެ ތެރެއަށް ދެމިގަތީ ފާޑެއްގެ ވަހެކެވެ. އެނެއްކާވެސް އޭނާއަށް ނޭވާ ދަމާލެވުނީ އެތެއަށެވެ. ވަސް އަންނަ ދިމާއެއް އޭނާއަކަށްވެެސް ނޭނގެއެވެ. ޝިޔާޒު އަވަސްއަވަހަށް ދިޔައީ ގެއަށެވެ. ފެންވެރުމަށް ގިފިއްޔަށްވަދެ, ފެންދާނި ގަޔަށް އަޅާލިއެވެ. އެވަގުތު ތަޅުންމަތީގައި ރެދަންލާފައި ހުއްޓާ ޝިޔާޒަށް ފެނުނެވެ. އޭނާއަށް އެއީ އާކަމެއްނޫނެވެ. މަސްބާނައިގެން އަންނަ ކޮންމެ ރެއަކު, އެކުލަ އޭނާގެ ލޮލުން ދެކެއެވެ. ހަނދުވަރުގެ އަލީގައި އެއީ އާންމުކަމެކެވެ. އެރޭވެސް ފެނިދާނެއެވެ. އެއިރާކޮޅުގެ ވަގުތުގައި ގެއަށް މަސްގެނަސް, ގިފިލީގައި މަސްކެނޑީ ހަމަ އޭނާއެވެ. އެހެންވެ, އެކަމާ އެއްވެސް ބިރެއްނެތެވެ.
ފެންވަރާ ނިންމާލުމަށްފަހު ތުވާލި އަނދެގެންހުރެ ޝިޔާޒުވަނީ ގޭތެރެއަށެވެ. ރޯނުގައި އަޅުވާފައިހުރި މުންޑުނަގާ އަނދެލުމަށްފަހު, ގަޔަށް ގަންޖިފަށާހެއް ލުމަށްފަހު, ޝިޔާޒު އޮށޯތީ ކުރިމަތީހުރި ފަތްޖެހި އެނދުގަ އެވެ.
ގޭތެރޭގައި ވެރިކަންކުރަމުންދަނީ ހަމަހިމޭންކަމެވެ. ފުޅިބައްތީގެ އަލިކަން ފިޔަވާ އެހެން އަލިކަމެއް އެތާކު ނެތެވެ.
ކުއްލިއަކަށް ފަތްޖެހި އެނދު ގުޑެން ފެށިއެވެ. ހުރިގޮތަށް މައްޗަށް އެރީއެވެ. ޝިޔާޒަށް ތެޅިގަނެވުނެވެ. އެލުވާފައިހުރި ބައްތިއާ އެއްހަމަޔަކަށް ފަތްޖެހި އެނދު އުފުލުމުން, މުޅިތަނުގައި އަލިފާން ހިފިއެވެ. އެއަލިފާނުން ޝިޔާޒުވެސް އަނދަމުން ދިޔައެވެ. އެކަމަކު އޭނާގެ އެތެރެހަށީގެ ވިންދެވެ. ކުއްލިއަކަށް ޝިޔާޒަށް ހަޅޭއްލަވައި ގަނެވުނެވެ. އެއަޑަށް ގޭތެރެއަށްވަނީ އާސިމެވެ. އޭރު ޝިޔާޒު މާނޭވާ ލަނީއެވެ. ދެލޯ ބޮޑުކޮށް, ރަނގަޅަށް ފަރާތްފަރާތަށް ބަލަނީއެވެ. އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ. އާސިމްގެ އަޑުޖެހުMާއެކު ޝިޔާޒަށް ހޭވެރިކަން ވިއެވެ. ފެނުނީ ހުވަފެނެއްކަން އެނގުނެވެ.
”ބަލަ ހޯދޭވަރަށް ޗެކް ނުކުރެެވެންޏާ އެމީހުންނެއްވެސް ނުފެންނާނެ. ބަޔަކު ފިލައިގެން އުޅެންޏާވެސް ނުފެނިދާނެތާ؟ އެމީހުން ގެއްލުނު ވާހަކަ އަހަރެން ގަބޫލެއް ނުކުރާނަން. އެއީ ބުއްދި ހަމަނުޖެހޭ ކުޑަކުދިންތަކެއް ނޫނިއްޔާ ގެއްލޭކަން.“ ޝިޔާޒަށް ވިސްނޭގޮތް އޭނާ ހާމަކުރީ ރޭދިމާވި ކަންތައްތައް ސިއްރު ކުރަމުންނެވެ.
”އަނެއްކާ ހުވަފެނެއްގައި ފެނުނީތަ ހަލީމާފުޅު. ތިވާހަކަ ތިފެއްޓީ. ތީދެންބޮޑުވަރު.“ އާސިމް ބުންޏެވެ.
މުޅިދުވަހު ޝިޔާޒު ދިޔައީ ވިސްނަމުންނެވެ. އޭނާއަށް ދިމާވި ހާދިސާއާ މެދުއެވެ. އޭނާ ނިންމީ އެންމެ ގޮތެކެވެ. ހަލީފުޅަށް އެގޮތަަށް ކަންތައް ދިމާވި ސަބަބަބެއް ހޯދުމެވެ. އިރުއޮއްސުމާއެކު ޝިޔާޒުގެ މަސައްކަތް ފެށިއެވެ. ކުޑަބައްތެލިގަނޑުގައި ރިޔާއަޅާ ބަތްތެލިގަނޑު ތައްޔާރުކޮށްލިއެވެ. އޭނާ ބޭނުންވީ ކަމުގެ ޙަޤީގަތް ހޯދާށެވެ. އެހެން މީހަކާއެކު ގޮސް އެކަން އަދި ތަޖުރިބާ ކުރާށެވެ.
ޝިޔާޒާއި އޭނާގެ ރައްޓެހި މަޖީދު ފުރިއެވެ. ރަށުގެ ބޮޑުފަޅުން ނައްޓާލައިގެން ބޭރަށް ނިކުމެ, ވިލާހިސާބަށް ދެވުނެވެ. މޫސުމް ބަދަލުވެއްޖެ އެވެ. ވައިބާރުވާން ފަށައިފިއެވެ. ބަތްތެލީގެ ދުވެލި ބާރުވެއްޖެ އެވެ. ބޯމަތިން ދިއްލިފައިހުރި ސާދަވިލޭރޭގެ ހަނދު ވިލާގަނޑާ ފީކޮއިކުޅުމަށް ފަހު ގެއްލިއްޖެއެވެ.
”ކޮބާ މިވަރުން ކިހިނެއްދާނީ. ކުއްލިއަކަށް މިވީގޮތެއްދޯ.“ މަޖީދު ދޯއަޅާލީ ޝިޔާޒު ބުނަނީ ކީކޭތޯ ބަލާށެވެ.
”އަދިމިގޮތަށް ވައިރޯޅިއެއް ހަމަ ޖެހިލާއިރަށް ރަށަށް އަނބުރާލާކަން ނުވާނެ. މަށަށް ހީވަނީ މީބޯމަތިން އުދުހޭ ވިލާކޮޅެއްހެން.“ ޝިޔާޒު ޖަވާބުދިނީ މަޖީދަށެވެ. ” އެކަމަކު މިވައިގައި ކިހިނެއް ދަތުރުކުރާނީ. ހައްތާވައި އެދަނީ ބާރުވަމުން.“ މަޖީދު ލަފާދިނީ ބައްތެލި އަނބުރާލާށެވެ.
ޝިޔާޒަށް ވިސްނުނީ އެހެން ހަދާށެވެ. އެޚިޔާލުގައި އިނދެ, ވާންކޮށް އައްސާފައިހުރި ހަންޖާއަށް ދުލެއް ދިނެވެ. އަދި ރިޔާ ބަދަލުކޮށްލުމަށް މަސައްކަތް ފެށިއެވެ. ދޯނީގެ މިސްރާބު ތުޅާދޫއާ ދިމާއަށް ބަދަލުވިއެވެ.
ޝިޔާޒަށް ހައިރާންކަން ލިބުނީ ދެނެވެ. ދާދި ދެންމެއަކު ބާރުބާރަށް ޖެހެމުންދިޔަ ވައިރޯޅިތައް ހިނދި, ކަނޑުގެ ރާޅުތައް ހިމޭންވިއެވެ. ހަމަކުއްލިއަކަށެވެ. އޭނާއަށްވުރެ ބޮޑަށް ޝޯޚްވެފައި އިނީ މަޖީދެވެ.
”ކިހިނެއްމިވީ. އަހަރުމެން ހަމަ އަނބުރާލުމާއެކު ވައި ހިނދި ކަނޑު މަޑުވީ.“ މަޖީދަށް ކޮށްލެވުނީ ސުވާލެކެވެ.
”އަހަރެންވެސް މިއިނީ ހަމަ ހައިރާންވެފަ. ކިހިނެއްބާ މިވީ.“ ޝިޔާޒަށްވެސް އަހާލެވުނީ ސުވާލަކެވެ.
”ކޮބާ އަނބުރާލަމާ ހިނގާ! ބޯމަތީގައި ހުރި ވިލާގަނޑު ކެހުނީކަމަށް ތިވާނީ.“ މަޖީދު ޚިޔާލު ދިނެވެ. ޝިޔާޒަށް އިނދެވުނީ އެވެ. ކަންތައް ވާގޮތާމެދު ވިސްނާށެވެ. އެކަމަކު އެހެންވާވީ ކީއްވެގެން ހެއްޔެވެ؟ މީ ދުވަހަކުވެސް ވީގޮތެއް ނޫނެވެ. ކޮންމެވެސް ގޯހެއް އުޅެނީ ބާއެވެ؟
”ކޮންކަމަކާ ތިޔަ ވިސްނަނީ. މިރޭ ވެލާ އަރާނެ. އެއީ ޔަގީންކަމެއް. ބުދަ ވިލޭރެއެއްނު މީ.“ ޝިޔާޒު ބޭނުންވީ މަޖީދު އޮޅުގިރިއަށް ގެންދާށެވެ.
”މަށަކަށް ހިޔެއްނުވޭ. މިރޭ ވެލައެއް އަރާނެ ހެނެއް. މިއޮތީ މޫސުމް އޮތްގޮތް. މިހާރު ރަނގަޅަށް އޮތަސް ދެންމެ އޮތީ ކިހިނެއް.“ މަޖީދުގެ ޚިޔާލުހުރީ ތުޅާދޫއަށް ދާށެވެ.
”މަށަށް ހީވަނީ އަނބުރާލާފައި އޮޅުގިރިއަށް ދާންވީހެން. މިހާރު މޫސުމް ކިހާރީތި.“ ބޯ މަތީގައިވާ ހަނދަން އިޝާރާތް ކުރުމަށް ޝިޔާޒު ބުންޏެވެ.
ބައްތެލި އަނބުރާލާ, ހަންޖާއަށް ދޫދިނުމާއެކު މަޖީދު ރިޔާ ބަދަލުކޮށްލި އެވެ. އެވަގުތު ބާރު ސްޕީޑްގައި ބައްތެލި ދުވަން ފެށިއެވެ. ނަމަވެސް އެދުވެލީގައި ބައްތެއްޔަށް ދަތުރުކުރެވުނީ ކުޑަ ތަންކޮޅަކަށެވެ. ޖެހި ރާޅެއްގައި ބައްތެއްޔަށް އެރީ ކުޑަ ލޮޅުމެކެވެ. އެއާއެކު ވައި ގަދަ ވާން ފެށިއެވެ. ވާރޭ ކެރިތިކިތައް އެކި ދިމާއިން އަންނަން ފެށިއެވެ.
”ކިހިނެއްތަ މިވަނީ! ކުއްލިއަކަށް މޫސުން މިބަދަލުވަނީ. އަޖައިބެއްނު.“ ބިރުން ހުރެ މަޖީދަށް އަހާލެވުނެވެ.
ޝިޔާޒު ދަންމާނުގެ ވާގަނޑު ދޫކޮށްލިއެވެ. ދޯނި އަނބުރާލުމުގެ ނިޔަތުގައެވެ. އޭނާއަށް ވިސްނުނެވެ. ކޮންމެވެސް ގޯހެއް ނޫޅޭނަމަ އެހެނެއް ނުވާނެއެވެ.
އިސާހިތަކު މޫސުމް ރަނގަޅުވިއެވެ. ދޯނި ހަމަ އަނބުރާލުމާއެކު ވިއްސާރަ ހުއްޓާލާ, ވައި ހިނދިއްޖެއެވެ. ހީވަނީ ރިމޯޓެއްގެ ބަޓަނަށް މީހަކު އޮބާލާ ހެންނެވެ.
” ދެންމެ ކިހިނެއްތަ އެވީ. އަނގައިގައި މިލަނީ ލޮނުރަހަ.“ ތުންފަތުގައި ދޫކާއްތާލަމުން އަނެއްކާވެސް މަޖީދު ކުރީ ސުވާލެކެވެ. އެއަޑު ޖެހުމާއެކު ޝިޔާޒުވެސް އޭނާގެ ތިރީ ތުންފަތްމަތީ ދަތްޕިލަ ޖެއްސުމަށްފަހު އެތެރެއަށް ދަމާލިއެވެ.
ޝިޔާޒަށް ޔަގީންވިއެވެ. ކޮންމެވެސް ކަމެއް އުޅެނީއެވެ. ކުރީރޭގެ ހާދިސާ އޭނާއަށް އުނދަގޫ ކުރަންފެށިއެވެ. އެކަމާ ފިކުރު ކުރެވެން ފެށިއެވެ.
” މަށަށް ހީވަނީ މީ ގޯހެއްހެން. ކޮންމެވެސް ނުބައެއް އެބައުޅޭ. އެކަމަކު ލޮނުރަހަ ދޭންވީ އެއްވެސް ސަބަބެއް ނެތެއްނު.“ ނުބުނަން ހުރެފައި ޝިޔާޒުގެ ވާހަކަފެށި އެވެ.
”އާނ! އެކަމަކު ކޮން ނުބައެއްތަ؟ މިއިން ދުވަހަކަުވެސް މިކަހަލަ ކަމެއް ދިމާނުވެއްނު. އަހަރުމެން ކިހާ ދަތުރެއް މިކުރަނީ މިދެރަށުގެ ދެމެދުގައި ޝިޔާޒު އެކަނިވެސް ކުރަމެއްނު.“ އެއްނޭވާގެ ޖުމްލަތައް ނިންމާލާ ނޭވާއެއް ލުމަށްފަހު އަނެއްކާވެސް ފެށީ މަޖީދެވެ.
”ނޫން. މިހާރު ހަލީމާފުޅު ގެއްލިގެންތާ އެއުޅެނީ. އެކަމަކު އެކަން ހިނގިތާ ދެވަނަ ހަފްތާ ވަނީދޯ މީ.“ މަޖީދު ދޯ އަޅާލީ ޝިޔާޒަށެވެ.
”ހަލީމާފުޅު ދޯ. ތިޔަވާހަކަ ނުދައްކާ. މިހާރު އެއީ ނިމިފައިވާ ކަމެއްނު.“ ޝިޔާޒުގެ ޖަވާބު ވަރަށް ކުރެވެ.
”އަނެއްކާ ބިރު ގަންނަނީތަ؟“ ސުވާލު ކުރިއިރުވެސް ޝިޔާޒު ބިރު ނުގަންނާނެކަން މަޖީދަށް އެނގެއެވެ.
އިރުތަކެއް ފަހުން ދެމީހުންނަށް ތުޅާދޫއަށް އާދެވިއްޖެ އެވެ. މަޖީދުހުރީ ބިރު ގެންފައެވެ. ޝިޔާޒަށްވެސް ހުރެވުނީ ފާޑަކަށެވެ. ދެމީހުންވެސް އަވަސްވެ ގަތީ ގެއާދިމާއަށް ދިއުމަށެވެ.
ޝިޔާޒާއި މަޖީދު މިސްރާބު ޖަހާފައި ހުރީ މިސްކިތް މަގުން އިރަށެވެ. މަޖީދުގެ ގެހުންނަނީ އެދިމާގައި ކަމަށް ވާތީ އެވެ.
ދެމީހުންނަށް އެއްފަހަރާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. މިސްކިތުން ބަންގި ގޮވާ އަޑު އިވުމުން އެހިތްހަމަ ޖެހުން ދެމީހުންނަށްވެސް ހޯދުނެވެ. އަޅަމުން އައި އަވަސް ފިޔަވަޅުތަކުގެ ސްޕީޑް މަޑުކޮށްލި އެވެ.
މަޖީދު ގެއަށް ވަނުމުން ޝިޔާޒުވެސް މިސްރާބު ޖެހީ އޭނާގެ ގެއާދިމާއަށް ދިއުމަށެވެ. ދެތިން މިނެޓުން އޭނާއަށްވެސް ގެއަށް ވަދެވުނެވެ. އެވަސްއަރުވާ ލަމުން ދަނޑީގައި އަޅުވާފައި ހުރި ތުވާލު ކޮނޑަށް އެއްލުމަށް ފަހު ޝިޔާޒު ވަނީ ގިފިއްޔަށެވެ.މާގިނަ އިރުތަކެއް ނުވެއެވެ. އޭނާ ނުކުތެވެ. ގޭތެރެއަށް ވަދެ ކުޑަކޮށް ރީތި ވެލި އެވެ. ނަމާދަށް ދާން ހިތަށް އެރުމާއެކު ދެން ބަލާލެވުނީ ގަޑި އަށެވެ. ހައިރާންވެހުރެ ގަޑިއާ ގާތްވެލިއެވެ. އެއީ ހީއެއް ނޫނެވެ. އެޖަހަނީ ހަމަ ދޭކެވެ. ދެން ދުއްވައިގަތީ ކާގެއާ ދިމާއަށެވެ. އެގަޑި ފެނުމުން އަނގަ ހުޅުވިފައި ހުރެވުނީ ވިސްނާށެވެ. ގައިމުވެސް މިސްކިތުން ބަންގި ގޮވި އެވެ. ފަތިސްނުވާނަމަ ބަންގި ގޮވަނީ ކާކުހެއްޔެވެ؟ ޔަގީނުންވެސް އެއީ ހަމީދުގެ އަޑެވެ. އެކަމަކު ދޭއްޖަހާއިރު ބަންގި ގޮވާ ފާނެ ބާއެވެ؟ އެކަމަކު އެހެންވެސް ވެދާނެ އެވެ. ހަމީދަށް ދެބަންގި ހަމީދޭ ކިޔަނީ އެހެންވެ ތާ އެވެ. އެވާނީ އެކަހަލަ ކަމަކަށެވެ. ފަތިސްނަމާދުގެ ބަންގި އެގަޑީގައި ގޮވީ ކަމަށެވެ. ގައިމު މީހަކުވެސް މިސްކިތަކުން ނުފެނެއެވެ. ފަތިންވުމުގެ އަލާމާތެއްވެސް ދުނިޔެ މައްޗަކު ނެތެވެ. އެކަމަކު އެވަގުތު އެޚިޔާލެއް ނައިވިއްޔާ އެވެ. ގަނެފައި ހުރީ އަމަށަކު ބިރެއް ނޫނެވެ. ގަޑީގެ ކަންތައް ޝިޔާޒަށްވީ ޖޯކަކަށެވެ. ބަންގީގެ އަޑުން އޭނާއަށްވީ ހެއްވާ ކަމަކަށެވެ. ޝިޔާޒު ޖައްސާލީ ނިދާށެވެ. ދިމާވި ކަންތައްތަކާ މެދު ވިސްނަން އޮތް ޝިޔާޒަށް އެތައް އިރެއްފަހުން ނިދުނެވެ.
ޝިޔާޒަށް ހޭލެވުނީ އާސިމް އައިސް ގޮވީމައެވެ. ޝިޔާޒަށް ބަލާލެވުނީ ގަޑިއަށެވެ. އޭރު ދިހައެއް ޖަހަނީއެވެ.
”ހާދަ ވަރަކަށް ތިނިދަނީ. ދެން ތިޔަ ނިދުން ހަމަވިއްޔޭ. އަވަހަށް ފުރަން ތައްޔާރުވޭ.“ އާސިމް ދައްކާ ވާހަކައެއް ޝިޔާޒަކަށް ނޭނގެއެވެ.
”ކީކޭ ތިކިޔަނީ؟ ކިހިނެއްވީ؟ ނިދި ހަމަވާނީ އަވަހަށް ނިދުނު ނަމަތާ؟“ ޝިޔާޒު އިނީ ހައިރާން ވެފައެވެ.
” ދެންމެ ކަތީބާ ދިމާވެގެން ބުނީ ޝިޔާޒު މިނިވަން ވެއްޖެޔޯ! ލިޔުންވެސް އަތޮޅު އޮފީހުން ފޮނުވާފަޔޯ އޮތީ. މިއަދު އޮފީހަށް ދާން ކިޔާނެ ކަމަށްވެސް ކަތީބު ބުނި.“ އާސިމް އޮޅުން ފިލުވާދިނީ ހިތްހަމަ ޖެހި ހުރެއެވެ.
” ދެން ތިކަންވިއްޔާ ކިތަންމެހާވެސް ރަނގަޅު. އެކަމަކު މިރަށުން ދާހިތެއްނުވޭ. މާލެއަށްވުރެ ރާއްޖެތެރެ މާހިތްހަމަޖެހޭ. މާމަޖާ.“ އާސިމްގެ ހިތް ކިތަންމެ އުފާވެފައި ހުއްޓަސް އެކަން އޭނާ ހާމައެއް ނުކުރެއެވެ.
” ތިޔަހެން ބުނާނެ ކޮންމެ މީހަކުވެސް. އެކަމަކު މިނިވަންވީ ހަމަދިޔައީ. ދެނެއް ޚަބަރެއް ނުވާނެ.“ އާސިމް ކިޔާދިނީ އެހެންމީހުން ކަންކުރާ ގޮތެވެ.
” ބަލަ އެންމެން އެއްގޮތެއް ނުވާނެ. އަހަރެންމީ އެހެން މީހުންނާ ތަފާތު މީހެއްތާ.“ ޝިޔާޒުގެ ޖަވާބު ނުނިމެނީސް އާސިމް ފެށިއެވެ.
” އެކަން އެނގެޔޭ ބިރުކުޑަކަމުންވެސް. ކޮބާ ރޭނގަ ވެލާބިސް ނެގުނުތަ؟“
” އެއްގޮތަކަށްވެސް އެކަން ވާގޮތެއްނުވި. އޮޅުގިރިއަށް ދެވޭވަރެއްނުވި މޫސުމް ގޯސްވާވަރުން.“
” މޫސުމް ގޯސްވަނިއްޔޭ. އެއީ ކިހިނެއް.“ އާސިމް ހައިރާންވެ ހުރެ އެއްސެވެ.
” އެވާހަކަތައް ދައްކާނީ ފަހުން. އަހަރެން އަންނާނަން ފެންވަރައި ގެން.“ ޝިޔާޒުގެ ޖަވާބަށްފަހު އޭނާ ހިނގައިގަތީ ގިފިއްޔާ ދިމާޢަށެވެ.
ސައިބޯން އިނދެގެން ޝިޔާޒުމެން ދެއްކީ އެވާހަކައެވެ. ކުރީރޭ އާއި އޭގެ ކުރީރޭ ދިމާވި ކަންތައްތަކުގެ ވާހަކައެވެ. އެވާހަކަތަކުން ޝިޔާޒު ހިއްސާ ނުކުރަނީ އެންމެ ވާހަކައެކެވެ. އެއީ ހަލީމާފުޅުގެ ވާހަކައެވެ.
ޝިޔާޒު މިނިވަންވި އެވެ. އެވާހަކަ މުޅި ރަށަށް ފެތުރުނެވެ. އެކަމާ އެއްބަޔަކު އުފާވެސް ކުރިއެވެ. ޝިޔާޒަކީ ރަނގަޅު މީހެކެވެ. މީހުންނާ ގުޅޭ މިޒާޖެއްގެ މީހެކެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް އޭނާ ދަނެވެ. އޭނާ އާ ވާހަކަ ނުދައްކާ ބޮޑުމީހެއް ކުޑަކުއްޖެއް, މުސްކުޅިއެއް ނުހުރެ އެވެ. ހުރިހާ އުމުރެއްގެ މީހުންނާވެސް އޭނާ ގުޅެއެވެ.
ޝިޔާޒު މިނިވަންވުމުން އަމިއްލަ ރަށް މާލެއަށް ދިއުމަށް ތައްޔާރުވި އެވެ. އެކަމުގައިިި އުޅުނީ އާސިމެވެ. ޝިޔާޒުގެ އެންމެގާތް ރަޙްމަތްތެރިއަކީ އޭނާއެވެ. ޢާއިލާ މީހެއްފަދައިން ގޭގައި ގެންގުޅެނީ އެއްވެސް މީހަކަށް ދަތި ނުވާހެންނެވެ. އެކަން ޝިޔާޒު ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
ޝިޔާޒު މާލެއިން ފުރިތާ ހަފްތާއެއް ފަހެވެ. އާސިމް ބޭނުންވީ ދަރަށް ދާށެވެ. ކައިރީގައި އޮންނަ އޮޅުގިރިއަށެވެ. އެކަމުގައި ބައިވެރިވީ އަވަށްޓެރިންނެވެ. ދަރަށް ދިއުމަށް ބަޔަކު ހޮވުމަށްފަހު އެމީހުންނާ އެކު, ދަރަށް ދިއުމަށްފުރީ ހޮނިހިރު ދުވަހެއްގެ ފަތިސް ވަގުތުގައެވެ.
އާސިމާއި އޭނާގެ އެކުވެރިންނަށް އޮޅުގިރިއަށް ލެފުނީ ހައެއް ޖަހަން އުޅެނިކޮށެވެ. އެހާ އަވަހަށް އެރަށަށް ދިޔައީ އިރު އޮއްސުމުގެ ކުރިން އެނބުރިި ރަށަށް އައުމަށްޓަކަ އެވެ. ރަށަށް ލެފުމާއެކު އެކިމީހުން މަސައްކަތް ފެށި އެވެ. އެއްބަޔަކު ވަނީ ވަލަށެވެ. އެނެއްބަޔަކު ސައިގެ ކަންތައް ހަމަޖެއްސުމަށް މަސައްކަތް ފެށިއެވެ.
މުހައިމިން ހިމެނުނީ ވަލަށް ވަން ގުރޫޕްގަ އެވެ. އެގްރޫޕްގެ އެކިމީހުން ދިޔައީ އެކިދިމާ އަށެވެ. މުހައިމިން ދިޔައީ ރަށުގެ އުތުރު ފަރާތަށެވެ. އޭނާ ދިޔައީ ދަރު ކޮށަމުންނެވެ. މަގޫ ގަސްތަކަށް އޭނާގެ އަތުގައިވާ ކަތިވަޅީގެ ތޫނުކަން އަންގައިދެމުން ދިޔަ އެވެ. އެކިދިމަ ދިމާލުން ގަސްތައް ކަނޑާ އަޑު އިވިއިވި ހުއްޓެވެ. ބައެއް ފަހަރު މީހުން ފޯރީގައި ކޮންމެވެސް މީހަކަށް ގޮވާލާތީ އިވެމުން ދެއެވެ.
މާދުރުން އަންނަ އެކަހަލަ އަޑުތަކަށް މިހައިމިނަށް ސަމާލުކަން ދެވޭވަރެއް ނުވެއެވެ. އޭނާވެސް ބޭނުންވަނީ އަވަސް ކުރާށެވެ. އަތްމަތި ހަލުއި މުހައިމިން ދަރުކޮށާނަމޭ ހިތާ ކަތިވަޅިން ޖެހީ އާދައިގެ މަގޫ ގަހެއްގަ އެވެ. އެގަސް އެހާ ފަލައެއް ނޫނެވެ. ހީވީ ހަރު ހިލަގަނޑެއްގައި ޖެހުނު ހެންނެވެ. އަޑުވެސް ގޮވިއެވެ. އެކަމަކު ގަހުގެ ތެރެއަށް ކަތިވަޅި ވަދެގެން ދިޔައީތީ މުހައިމިން އަޖައިބު ވިއެވެ. ގަހަށް އެއްވެސް ގުޑުމެއް ނާރަ އެވެ. އޭރުވެސް ކައިރި ހިސާބުތަކުން އެކިމީހުން ވާހަކަ ދައްކާއަޑު އިވެމުން ދެއެވެ. މުހައިމިން އޭނާގެ އަތަށް ލެވުނުހާ ބާރެއްލާފައި, އެކަތިވަޅި ނަގަން އުޅުނެވެ. ހީވަނީ މީހަކު ހިފަހައްޓައިގެން ހުންނަ ހެންނެވެ.
ވަރަށް މަސައްކަތުން މުހައިމިންގެ ކަތިވަޅު ނައްޓާލި އެވެ. އަދި ކަތިވަޅި ޖެހި ތަނަށް ބަލާލި އެވެ. އޭނާއަށް އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. މުހައިމިނު އަތުގައި އޮތް ކަތިވަޅިން ދެވަނަ ފަހަރަށް އެގަހުގައި ޖެހި އެވެ. ކުރިއަށް ވުރެ ބާރަށެވެ. ހިލަގަނޑެއްގައި ޖެހި އަޑު އިވުނަސް ކަތިވަޅި ގޮސް ވަނީ ގަހުގެ ތެރެއަށެވެ. ހިތަށް ބިރުވެރިކަން ވަނީ އެހިސާބުން ނެވެ.
މުހައިމިން އުޅުނީ ކަތިވަޅި ދަމައިގަން ނާށެވެ. ކަތިވަޅި ހުރީ ގަހުގައި ހަރުލާފަ އެވެ. ޖެހިގޮތަށް ތަތްވެފަ އެވެ. މުހައިމިން ވަރުގަދަ ލަކެއްޖެހި އެވެ. ދެވަނަ ފަހަރަށް ޖެހީ ފުރަތަމަ ފަހަރަށް ވުރެ ބާރު ލަކެކެވެ. އެކަމަކު އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ މަގޫގަހެއްގައި ޖަހައިގެން ހިލަގަނޑެއްގައި ޖަހައިގެން ގޮވާ އަޑު އިވޭހެއްޔެވެ؟ އެހާ ގަދައަށް ގަހުގައި ކަތިވަޅި ހަރުލާހެއްޔެވެ؟ ކަތިވަޅި ނައްޓަން ދަމައިގަންނަ ކޮންމެ ފަހަރަކު އަތަށް އެވަނީ ކިހިނެއްޔެވެ؟
އަޖައިބު ވެފައި ހުރި މުހައިމިން ތިންވަނަ ފަހަރުވެސް އެކަތިވަޅީގެ މުއްގަނޑުގައި ހިފާ ދަމައިގަތެވެ. ގައިގައި ހުރި ބާރެއް ކަތިވަޅިއަށް ދިނުމަށް ފަހު އެވެ. އެފަހަރު ޖެހި ލަކުގައި ކަތިވަޅި އައިސް ޖެހުނީ މުހައިމިންގެ މޫނުގަ އެވެ. އެއަށްވުރެ އަވަހަށް ޗޮސްލާފައި ބުރައިގެން ދިޔައީ ލޭ ތިކިތަކެކެވެ. މުޅި ތަނަށްހީވީ އަލިފާން ކަށިތަކެއް ޖެހިހެނެވެ. އެއިން ކޮންމެ ތިއްކެއްވެސް ފިސާރި ހޫނެވެ. އެހާމެ ދިލަ ހުއްޓެވެ. އެތިކިތަކުން މުހައިމިނަށް ސަލާމަތެއް ނުވެވުނެވެ. މުޅިމީހާގެ ހަށިގަނޑު އޭގެ ބާރުން ޗިސްޗިސް ވިއެވެ. އޭނާގެ އަނގައި ޗުއްޕޭވެސް ބުނެވޭވަރު ނުވީ އަނގަމަތީގައި މީހަކު އަތް އެޅުމުންނެވެ.
ފެންނަން ނެތަސް އޭނާގެ ކިބައިން ސަލާމަތްވެވޭތޯ މުހައިމިން މަސައްކަތްކުރިއެވެ. އެކިދިމަ ދިމާއަށް އަތް ހޫރުވާ ތެޅިފޮޅުނެވެ. އެކަމަކު ސަލާމަތްވެވޭ ވަރެއް ނުވިއެވެ. އެހަނގުރާމައިން މުހައިމިންވީ ބައްޔެވެ. އޭނާ ސަލާމަތްކުރުމަށް ގޮވާ ހަޅޭއްލެވޭ ވަރެއް ނުވިއެވެ. ގައިބާރު ކިތަންމެ ގަދަނަމަވެސް އޭނާއަށް ޖެހުނީ ބަލިވާށެވެ.
ގަޑިން އެކެއްޖަހާ ބޮޑުވެއްޖެއެވެ. ހުރިހާ އެންމެން ކާން އަތުވެއްޖެއެވެ. ކޮންމެ މީހަކުވެސް ބަލައިލަނީ އަވަސްކޮށްލައިގެން އެބުރި މަސައްކަތަށް ދިއުމަށެވެ.
” ކޮބާ މުހައިމިން އޭނާއެއް ނާދެއެއްނު އަދިވެސް ކާކަށް.“ އާސިމް އެހީ މަޖީދު ގާތުއެވެ.
”އާނ! މުހައިމިން ދޯ؟ ތިޔަވާނީ މާވަރަކަށް ދަރުކޮށަނީ ކަމަށް“ މަޖީދުގެ ޖަވާބުގައި އެތާގައި އިން މަހުމޫދުވެސް ހިފާލިއެވެ.
”ނާ! ކެއުމޭ ބުނެފިނަމަ މުހައިމިނަކަށް ނުހުރެވޭނެ! ތިވާނީ ގަޑި ބަލާ ނު ލެވުނީކަމަށް.“ މަހުމޫދަށް ހީވާގޮތް އޭނާ ފާޅުކުރިއެވެ.
މާގިނަ އިރުތަކެއް ނުވެއެވެ. މަޖީދާއި އާސިމް ވަނީ ވަލަށެވެ. މުހައިމިނަށް ކާން ގޮވަމުންނެވެ. ހޭބޯ ލައްވަމުންނެވެ.
އިރުކޮޅަކުން ނިކުމެވުނީ ހަނި މަގަކަށެވެ. އެއީ ސީދަލަށް އޮންނަ ދިގު މަގެކެވެ. މަޖީދުގެ މޫނު އޭނާގެ ކަނާތްފަރާތަށް އަނބުރާލި އެވެ. އެއީ ދެމީހުންނަށް ހީވިގޮތެއް ނޫނެވެ. ކުރިމަތީގައި އޮތް ހުރަސްމަގުން ބިމުނުޖެހި ހިނގަމުންދިޔަ މީހެކެވެ. ލައިގެން ހުރި ހުދު ފޮށާގެ ދަށުން ފައިތިލަ ފެންނަހެން ހީވެ އެވެ. ބައެއް ފަހަރު ދެފައި އެއްފަހަރާ ނަގާ ހެންވެސް ހީވެއެވެ. އާސިމަށް ހުރެވުނީކީ ނޫނެވެ. އައިކޮޅަށް ދުއްވައި ގަނެވުނީ ސަހަރޯއޭ ކިޔައި ގޮވަމުންނެވެ. މަޖީދަށް ހުރެވުނީ ގަނޑުވެފައެވެ. އެމަންޒަރު ލޮލަށް ގެއްލުމާއެކު ހޭވެރިކަންވެ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތީ އޮޑިއާ ދިމާ އަށެވެ.
އޭރު އެއްބަޔަކު ރޮނީއެވެ. އެއްބަޔަކު އަމިއްލަ ސަލާމަތަށް އެނގުނުހާ އެއްޗެއް ދުލުން ކިޔަމުންދެއެވެ. އެއްވެސް މީހަކަށް ވާނުވާއެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ކަންތައްގަނޑެއް ހިނގާކަމެވެ.
މާގިނައިރުތަކެއްނުވެ, ރޮމުން ހަޅޭއްލަވަމުން ދޯންޏާ ދިމާއަށް އައީ މަހުMޫދެވެ. އޭނާ އަށް ވާހަކަ ދެއްކޭ ވަރެއްނުވެއެވެ. އަތުގެ އިޝާރާތުން ވަލުތެރެއަށް އަތް ދިއްކުރަނީއެވެ. އިސާހިތަކު އޭނާ ހޭނެތިއްޖެއެވެ.
ދެން ފެނުނީ ދެމީހަކުވެގެން މީހަކު ކޮޑުމައްޗަށް ލައިގެން ގެންނަ މަންޒެރެވެ. އެމީހެއްގެ ހަރަކާތެއް ނެތެވެ. އެންމެންނަށް ދެލޯ ބޮޑުކޮށް އަނގަ ހުޅުވާލެވުނެވެ. މަޖީދަށް އަޑުނަގާ ރޮވެވުނެވެ. ބާރަށް ހަޅޭއްލަވައި ގަނެވުނެވެ.
އެހެން ހެދީ ކާކުހެއްޔެވެ؟ މިހެން ވާންވީ ކީއްވެހެއްޔެވެ؟ އަޅެ ބުނެބަލާށެވެ. މީކާކު ކުރި ކަމެއްހެއްޔެވެ؟ މިހެން ހަދަން ހެޔޮވާނެ ހެއްޔެވެ؟ މަޖީދަށް ކިޔޭ އެއްޗެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެކަން މަތަކުރުވަން އުޅުނީ އާސިމެވެ.
އެއްބަޔަކު އުޅުނީ މަހުމޫދު ހޭ އެރުވޭތޯއެވެ. އަނެއްބަޔަކު އުޅުނީ މުހައިމިން ދޯންޏަށް އެރުވުމުގެ މަސައްކަތުގައެވެ.
އެންމެންގެ ހިތަށް ބިރުވެރިކަން ވަދެގަތެވެ. ރަށުން އިވެންފެށީ ވާލުގެ ކީން އަޑެވެ. ބާރު ބާރަށެވެ. އެކިދިމަދިމާއިން އެއަޑު އިވޭހެންވެސް ހީވެއެވެ.
ގޮނޑުދޮށުގައި ތިބިމީހުންނަށް ބަލާލެވުނީ ރަށާ ދިމާއަށެވެ. އެއަށްފަހު ކޮންމެ މީހަކަށްވެސް ބަލާލެވެނީ ކައިރީގައި ހުރި މީހެއްގެ މޫނަށެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސް ކަމެވެ. ބިރުގެންފައި ހުރި މިންވަރެވެ.
” އަވަހަށް ނައްޓާލަމާ އެންމެ ވަގުތުކޮޅެއްވެސް މަޑުކުރާނެ ކަމެއްނެތް.“ އާސިމް ލަފާދިނީ ފުރާށެވެ.
” ކާކުމަދީ މިހާރު. އެންމެންވެސް ހަމަދޯ.“ އެކިދިމަދިމާއަށް މޫނުއަނބުރާލަމުން މަޖީދު ސުވާލުކުރީ އެންމެންނަށެވެ.
ދޯނި އޮޅުގިރިން ނައްޓާލިއެވެ. އެއަޑާއެކު ވާލުގެ ކީން އަޑުން މުޅިރަށް ގުގުމާލިއެވެ. ހީވީ ބަޔަކު އެސޮރުމެންނަށް ހަމަލާދޭ ހެންނެވެ. އެސޮރުމެން ރަށް މަތީގައި އުދުހެނީ އެވެ. ކާޅުތައްވެސް ގަސްތަކުގެ މަތީގައި އެނބުރެނީއެވެ. ދޯނީގައި ތިބި އެންމެންގެ ލޯތައް ހުރީ އެމަންޒަރަށް ގެއްލިފަ އެވެ.
” ކޮބާ ހީވޭ. އޭރުވެސް އަހަރެން ބުނީމެއްނު މިރަށުގައި ބިރުވެރިކަމެއް އެބައުޅޭ. ހަލީމާފުޅު ވީ މިރަށުގައޭ. ކަލޭމެން އަޑެއް ނޭހިވިއްޔާ.“ މަހުމޫދު ފެށިއެވެ.
” އޭތް! ފާޑުފާޑުގެ ވާހަކަ ނުދައްކާ. މިގަޑީގައި ތިޔަކަހަލަ ވާހަކެއްނޫން ދައްކަންވީ.“ އާސިމް ހިތްހަމައެއް ނުޖެހުނެވެ.
” ބަލަ ކޮންކަމަކާ ތިބިރު ގަންނަނީ.“ މަހުމޫދުކުރީ ސުވާލެވެ.
” ވާހަކަ ނުދައްކާ މަޑުން އިނދެބަލަ. ނޭނގޭތަ އެހިނގާ ކަންކަމެއް. ކަލެއަކަށް ނުފެނޭތަ؟“ އާސިމްގެ ސުވާލުގައި ހުރީ ހަރުކަށި ކަމެވެ.
” ތަންކޮޅެއް އަނގަމަޑުކޮށްގެން މަޑުން އިނދޭ. ކަލޭ ބިރު ނުގަތަސް އަހަރެން މިއިނީ ބިރުން.“ އާސިމް ޖަވާބު ދިނެވެ. މަހުމޫދު ފެށީ ހޭށެވެ. އެމަންޒަރު ފެނުމުން އެންމެން ގާތަށް އައީ ރުޅިއެވެ.
” ދެންމެ ކަލެއެއްނު އޮތީ ބިރުން ހޭނެތިފައި. މިހާރު ތި އަނގަ އަރުވަނީ.“ އާސިމް އުޅުނީ މުހައިމިންގެ އަނގަ މަތަކުރުވާށެވެ.
” ބަލަ އެއީ ކަލޭމެން ބިރުގަންނުވަން ޖެހި މަޅިއެއް. ނޭނގުނެއްނު. ތިތިބީ ހެދިފައި.“ މަހުމޫދު ވާހަކަ ފެށި އެވެ.
”އާނ. މަޅިޖަހާ ޖަހައޭ މިހެންވަނީ. މީހަކު މަރުވެގެން ދިޔައިރުވެސް ތި ދައްކަނީ މަޅިޖަހާ ވާހަކަ.“ އާސިމް އައީ ރުޅިއެވެ.
އެންމެންގެ ވާހަކަތައް ހުއްޓުވާލީ ރަށްމަތީގައި އެނބުރުނު ވާތައް ދޯންޏާ ދިމާ މަތީ އެނބުރޭ މަންޒަރު މަހުމޫދު ދެއްކުމުންނެވެ. އެންމެންގެ ބޯތައް އުފުލުނީ މައްޗަށެވެ. އާސިމަށް އަނގަ ހުޅުވާލެވުނެވެ. އަމިއްލަ ހިތުން ގަބޫލު ކުރެވުނެވެ. ބިރުވެރިކަމެއް ނޫޅޭނަމަ މިހުރިހާ ކަމެއް ނުހިނގާނެއެވެ. ކޮންމެވެސް ކަންތައްގަނޑެއް އުޅޭކަން ޔަގީނެވެ.
” ކޮބާ މަހުމޫދު.“ އުފުލިފައިވާ ބޯތިރިކޮށްލުމާއެކު ލިބުނު ހައިރާންކަމުގެ ސަބަބުން އާސިމަށް ކޮށްލެވުނީ ސުވާލެކެވެ.
” ދެންމެ މިތާ އިނެއްނު.“ ހައިރާންވެހުރެ މަޖީދު ބުންޏެވެ.
” މިހާރު ކޮބާ؟ ކޮންތާކަށްތަ ދިޔައީ.“ އާސިމް ކުރި ސުވާލުން އެންމެންނަށް ލިބުނީ ހައިރާން ކަމެވެ. އެންމެންގެ ނަޒަރު ދޯންޏަށް ހިންގާލިއެވެ. އެކަކު އަނެކަކަށް ބަލާލި އެވެ. އެންމެންގެ ހިތްތަކަށް ވަނީ އިތުރު ބިރެކެވެ.
” ދޯނި އަނބުރާލަންވީނު. ގައިމުވެސް އޭނާ މިދޯންޏަކު ނެތެއްނު. ކިހިނެއް ހަދާނީ.“ ދޯނި ފަހަތަށް ބަހައްޓައިގެން އިން މަޖީދު ކަންބޮޑު ވިއެވެ.
” ގައިމު މިތާ އަހަރެންގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށްނު އޭނާ އިނީ. ދެން ކިހިނެއް ގެއްލުނީ. .ކީއްވެ ގެއްލެންވީ. ގައިމުވެސް ކަނޑަކަށް ނުވެއްޓޭނެ. އަޖައިބެއްނު.“ ވިސްނަން އިން އާސިމް ދުލުން ދައްކާ ވާހަކަތައް އަޑު އެހުމަށް މަޖީދު އިނީ އެތައް ސުވާލުތަކެއް ހިތަށް ވައްދައިގެންނެވެ.
”އަހަރެންގެ ހިތަށް އަރަނީ މަހުމޫދު އެހާ އަނގަ ގަދައީ ކީއްވެބާއޭ. އެހެންޏާ އޭނާއަކީ އެހާ އަނގަ ގަދަ މީހެއްނޫން. ދެން ކިހިނެއްބާ މިވީ.“ އާސިމް ހިތަށްއެރި ވާހަކަތަކުން ބައެއް މަޖީދަށް ހާމަކުރިއެވެ. ” އަހަންނަށް ހީވަނީ އެއީ ގޯހެއްހެން. އޭނަޔާ މިކަމާ ކޮންމެވެސް ގުޅުމެއް އެބަހުރި. އެހެން ނޫންނަމަ މިކަންތައްތަކެއް ނުހިނގާނެ.“ އާސިމް ބުނި ވާހަކަތަކަށް މަޖީދު ޖަވާބު ދިނެވެ.
” އެކަމަކު ކިހިނެއް ހަދާނީ.“ މަޖީދުކުރި ސުވާލަށް ޖަވާބުދިނީ ދޯނީގައި އިން އަހަންމަދެވެ.
” ދޯނި އަނބުރާލާނެ ކަމެއްނެތް. ޔަޤީނުންވެސް އެއީ މަހުމޫދެއްނޫން. މަހުމޫދު އެހާ އަނގަ ގަދައެއް ނުވާނެ. އެފާޑަކަށް ނޫޅޭނެ.“
” އެހެންވިއްޔާ ދޯނީގައި އިނީ ކާކު.“ އެހެންމީހަކު ސުވާލު ކުރިއެވެ.
”ތިއެއްނު ނޭނގިގެން މިއުޅެނީ. އެއީ މަހުމޫދު ނަމަ މަށަށް ޔަގީން ބިރުން ފިތް ކަނޑައިގެންގޮސް އެސޮރު ހޭނެތޭނެ ކަން.“ އަޙްމަދު ޔަގީންކަން ދިނީ ދޯނީގައި އިނީ މަހުމޫދު ނޫންކަމަށެވެ.
” ދެން ތިވާހަކަ ނުދައްކާ އިހަށް.“ އާސިމް ގޮތެއް ނިންމި އެވެ.
ދޯނީގައި ތިބި އެންމެންނަށް ލިބުނު ހައިރާންކަމަށްވުރެ ބޮޑަށް ލިބުނީ ހިތާމައެވެ. ކޮންމެ މީހަކުވެސް ބޭނުންވީ އަވަހަށް ރަށަށް ދާށެވެ. އިތުރު ބިރުވެރިކަމެއް ދިމާނުވަނީސް އެކަމުން ސަލާމަތް ވާށެވެ.
ދޯނި ރަށަށް ލެފުމާއެކު މުޅި ރަށަށް ބިރުވެރިކަން ފެތުރިގެން ދިޔަ ކަހަލައެވެ. ދޯނީގެ މީހުން ރޮމުން ކަހަލަ ގޮތަކަށް ހަޅޭއް ލަވަންފެށި އެވެ. އެއަޑު އިވިގެން ދޯނި ދޮށަށް އެތައް މީހަކު އެއްވިއެވެ.
ކޮންމެ މީހަކުވެސް ދައްކަނީ އެވާހަކަ އެވެ. މުހައިމިން މަރުވި ވާހަކައެވެ. އޮޅުގިރީގެ ބިރުވެރި ވާހަކައެވެ. މަހުމޫދު ގެއްލުނު ވާހަކަ އެވެ. އެކަން ގަބޫލުކުރާ ބަޔަކު ތިބިނަމަވެސް ގަބޫލުކުރަން ބޭނުންނުވާ ބަޔަކުވެސް ތިއްބެވެ. އެފަދަ މީހުން ބުނަނީ މީގެ ކުރިން އެފަދަ ބިރުވެރިކަމެއް ހިނގާފައި ނުވާކަމަށެވެ. މިއަދު އެކަން ހިނގަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މުހައިމިންގެ މަރުވެފައިވާ މަސްގަނޑު ފެނުމުން އެންމެ ބޮޑު ހިތާމައެއް ލިބުނީ އޭނާގެ އަންހެނުން އާލިޔާ އަށެވެ. އާލިޔާގެ އަޑުން މުޅިތަން އެއްވި އެވެ.
” ކާކުތަ މިހެން ހެދީ؟ ހެޔޮނުވާނެ އެއްނު. އަޅެ ބުނެބަލަ ކީއްވެތަ މިހެންވީ؟ މީކާކު ކުރި ކަމެއްތަ؟ މުހައިމިން ކާކަށް ކީއްކޮށްގެންތަ މިހެންހެދީ.“ އާލިޔާ ކުރަމުންދާ ސުވާލުތަކަށް އެކަކަށްވެސް ޖަވާބެއް ނުދެވުނެވެ. އެކަކަށްވެސް ކަންވީގޮތެއް ނޭނގެ އެވެ.
އަޑުނަގާ ރޮމުންދާ އާލިޔާ ހުއްޓުވުމަށް އެއްބަޔަކު މަސައްކަތް ކުރަމުން ދިޔައިރު ފިރިހެނުން މަސައްކަތްކުރީ މުހައިމިން އޭނާގެ ގެއަށް ގެންދިއުމަށެވެ.
ކަތީބަށް އާދެވުނީ ތަންކޮޅެއް ފަހުންނެވެ. ކަންހިނގިގޮތް ކަތީބަށް ކިޔާދިނީ އާސިމެވެ. އޭނާގެ ލޮލަށް ފެނުނު މަންޒަރުތައް ކިޔާދިނުމުން ކަތީބަށްވެސް ލިބުނީ ޝޮކެކެވެ.
” އޭނާ ވީތަނެއް ނޭނގޭ. ދޯނި އެރަށުން ފުރި އިރު ދޯނީގައި އިން. ދޯނި ވަކިހސާބަކަށް ދުއްވިފަހުން އޭނާއަށް ވީނުވީއެއް ނޭނގުނު.“ އާސިމް ޖާވާބު ދިނެވެ. ”ކިހިނެއް ތިކަން ގަބޫލުކުރާނީ. އެހެން އިނދެލާފަ ހަމަ ގެއްލޭތެ؟ އޭނާ ވެއްޓުނީތަ؟ ނޫނީ ކަނޑަށް ފުންމާލީތަ؟“ ކަތީބު ދެންވެސް ކުރީ ސުވާލެކެވެ.
”ތިއެއް ނޭނގޭ. އަހަރެމެންނަށް އެނގެނީ އޭނާ ދޯނީގައި އިންކަން އަނގަ ގަދަވެފައި. އެއްވެސް ބިރެއް ނެތިފައި.“ އާސިމް ދައްކާ ވާހަކަތައް ކަތީބަށް ގަބޫލުކުރަން އުނދަގޫވި އެވެ.
އާސިމް ކަތީބު ގޮވައިގެން ޖެހިލީ ދުރަށެވެ. އެއަށްފަހު ވާހަކަތަކެއް ދައްކަން ފެށިއެވެ. އާސިމް ދައްކަމުން ދިޔަ ވާހަކަތައް ގަބޫލު ނުކުރެވުނަސް ކަތީބަށް ޖެހުނީ އެވާހަކަތައް ގަބޫލުކުރާށެވެ. އެއީވެސް ވެދާނެ ގޮތެއްކަމަށް ނިންމާށެވެ.
” ކޮބާ ހަސަނާ. އަޑުގަދަކުރާއިން ގޮވާލަން ދޭބަލަ. ހުރިހާ ފިރިހެނުން އަތިރިމައްޗަށް އެއްވުމަށް. އަވަސްކުރާތި.“ ކަތީބު ކުރީ އަމުރެވެ.
އިސާހިތަކު މީހުންތައް އެއްވެއްޖެއެވެ. މުޅިރަށަށް ހަލަބޮލިކަމެއް އައިހެން ހީވިއެވެ. މަގުތަކުން ގިނައިން ފެންނަމުންދިޔައީ ފިރިހެނުންނެވެ.
އެއްވެފައިތިބި މީހުންނާ މުހާތަބްކޮށް ކަތީބު ވާހަކަ ފެށިއެވެ. ވީގޮތާއި ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ.
އެއްވެސް ފުކުރެއް ޖެހިލުމެއްނެތް ބަޔަކު އުޅޭ އިރު އެއްބަޔަކު އުޅުނީ ބިރުންނެވެ. ބައެއް މީހުން ބަލަނީ އޮޅުގިރިއާ ދިމާއަށް ދާން ދޯންޏަށް ނޭރޭ ތޯއެވެ. ޖުމްލަ ހަ ދޯނީގައި މަސައްކަތް ފެށިއިރު ހުރިހާ އިރުޝާދެއް ދެމުންދިޔައީ ކަތީބެވެ.
” ބުނަން މުޙައްމަދުބޭ! އަރާ އޮޅުގިރިއަށް ދާ ދޯންޏަށް. އޭރުން އެމީހުން ހިތްހަމަޖެހޭނީ.“ ކަތީބު މުހާތަބުކުރީ މުޙައްމަދުބެއާ އެވެ. އެއަޑަށް ބައެއް މީހުން ހިތްހަމަ ޖެހުނެވެ. މުޙައްމަދު ބެއަކީ ފަންޑިތަ ވެރިއެކެވެ. މުޅި އަތޮޅުގައިވެސް އެކަމަށް އެންމެ ނަން އަރާފައި ހުރި އެކަކެވެ.
ދޯނިތައް ނައްޓާލީ އެކުއެކީގަ އެވެ. އެއްބަޔަކު މިސްރާބުޖެހީ އޮޅުގިރީގެ ދެކުނަށް އޮންނަ ބޮޑުފިނޮޅާ ދިމާ އަށެވެ. އަނެއް ދެދޯނި ހަރަކާތްތެރިވަމުންދިޔައީ ބޮޑުފަޅާއި ވިލުތެރެ ބެލުމަށެވެ. ދެ ދޯންޏެއް އޮޅުގިރިއާ ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. އޮޅުގިރިއަށް ދިއުމަށް މިސްރާބު ޖަހާފައިހުރީ ރިޔާލުގެ ހިތްވަރު ދޯންޏެވެ. ދޯނީގެ ވެރިއަކަށް ހުރީވެސް އޭނާއެވެ. އޭނާއާއެކު ހިތްވަރުހުރި ގައިބާރުގަދަ ޖުމްލަ 22 މީހުން ދޯނީގައި ތިއްބެވެ.
ދޯނިތައް ރަށާ ދުރަށް ދިއުމުން ކަތީބު ހިނގައިގަތީ މުހ