ވިލިމާލޭ ގެއެއްގެ ފާހާނާ ހޮޅިތެރޭގައި ތުއްތު ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

މުހައްމަދު ރަފީއު އޭޕްރީލް 22 2007، 17:11 0 ޚިޔާލު

ވިލިމާލޭ ގެއެއްގެ ފާޚާނާ ހޮޅިއެއްގެ ތެރެއިން މަރުވެފައި އޮތް ކުއްޖަކު އިއްޔެ މެންދުރުފަހު ފެނިއްޖެ އެވެ.

މިކުއްޖާ މަރުވެފައި ވަނިކޮށް ފެނިފައި ވަނީ ވިކިމާލޭ, ތިޔަރަ ހައުސްގޭ ފާޚާނާއިން ފެން ނުގޮސްގެން އެކަން ރަނގަޅުކުރަން އުޅުނު އެގޭ މީހުންނަށެވެ.

ފުލުހުން ބުނީ މިކުއްޖާ ފެނިގެން އެފަރާތަށް އަންގާފައި ވަނީ އިއްޔެ މެންދުރު 3.45 އެހާކަންހާއިރު ކަމަށެވެ.

ބަނޑަށް ހަތް މަހާއި އަށް މަހާ ދެމެދުގައި ވިހާފައިވާ ކަމަށް ޑޮކްޓަރުން ލަފާކުރައްވާ ކުރާ މިކުއްޖާއަކީ އަންހެން ކުއްޖެއް ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެކުއްޖާއަށް އަނިޔާކޮށް, މަރާލާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ނެތް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ތިޔަރަ ހައުސް ގެއިން ވާހަކަ ދެއްކި އަބުދުލް ހަމީދު ބުނީ ހެނދުނުން ފެށިގެން ފާހާނާތަށި ބެދިގެން އުޅޭތީ, މައި ޖަންކްޝަންގެ މަތި ނެގި އިރު ޖަންކްޝަނަށް ވެސް ފެން ނުދާ ކަމަށެވެ.

” ޖަންކްޝަނަނަށް ފެންނުދާތީ ފާހާނާ ތަށި ނައްޓައިގެން ބެލި އިރު ތައްޓާ ގުޅިފައިވާ ހޮޅިތެރޭ ފެން ހުރުމުން އެއްޗެއް ކޮއްޕައިގެން އުޅެނިކޮށް ކުއްޖާ ފެނުނީ “ ހަމީދު ބުންޏެވެ.

” މިދިޔަ ހުކުރު ދުވަހު ހެދުނު 6.30 އެހާކަން ހާއިރު ގޭ ދޮރިކައިރީގައި މީހަކު އުޅޭހެން ހީވެގެން ނުކުތް އިރު, އެތަނުގައި ޒުވާން ފުރައިގެ އަންހެން ކުއްޖަކު މަޑުކޮށްގެން ހުރި. އެކުއްޖާ އަޅުގަނޑުގެ ކައިރީގައި އެދުނީ ފާހާނައަކަށް ވަދެލެވިދާނެ ތޯ. ގޭ ތެރެއަށް ވެދެ ކޮއްކޮ ކައިރީގައި ބުނިން އޭނާ ފާހާނަ އަކަށް ވައްދާލަދޭށޭ.“ ހަމީދު ކިޔައި ދިނެވެ.

އެއީ ކޮން ކުއްޖެއްކަމެއް ނޭނގޭ ހަމީދު ބުނީ މިކަމެއް ކޮށްފައި ވަނީ އެ ކުއްޖާ ކަމަށް ބެލެވޭ ކަމަށެވެ.

މަރުވެފައި އޮތް ހަތް މަހުގެ ކުއްޖަކު ހުސްވި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ރޭ ސިންތިޔާނާ ރެސްޓޯރަންޓް ހިމެނޭ ހަތަރު އަނގޮޅި މެދުގައި ހުރި ޖަންކްޝަން ތެރެއިންވެސް ވަނީ ފެނިފަ އެވެ. މިކުއްކާ ޖަންކްޝަން ތެރޭގައި މަރުވެފައި އޮތްވާ ފެނިފައި ވަނީ އެ ޖަންކްޝަން ސާފުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެކުއްޖާ ފެނިފައި ވަނީ މަރުވިތާ ތިން ދުވަސްފަހުން ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv