ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ސެޕްޓެމްބަރ 17 2007، 14:26 0 ޚިޔާލު

އަލީ ރިޟާ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބައިމީހުންގެ އީމާންކަމާއި ތަޤުވާވެރިކަމާއި ކިޔަމަންތެރިކަމުގައި ތަފާތު ދަރަޖަތަކެއްވާނެ ބަޔެއްކަމެވެ. އެދެއާޔަތުގެ މާނައިގައިވެއެވެ.

“ ދެންއެއަށްފަހު ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެ ހޮއްވެވިބަޔަކަށް ފޮތް (ޤުރްއާން) ވާރުތަކޮށްދެއްވީމެވެ. ނަމަވެސް އޭގެތެރެއިން ބައެއްމީހުންނީ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވި މީހުންނެވެ. އަދި ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ހަމަހަމަވާގޮތުގައި މެދުމިންވެ ތިބޭމީހުން އޭގެތެރެއިންވެއެވެ. އަދި އެކަލާނގެ އިޒުނަފުޅާއެކު ހެޔޮކަމުގައި ކުރިއަރާދާމީހުންވެސް އެބައިމީހުންގެ ތެރޭގައިވެއެވެ. ބޮޑުވެގެންވާ ދަރުމަވަންތަވެރިންނަކީ އެއީ އެބައިމީހުންނެވެ. އަބަދުދެމިހުންތިބެނިވި ސުވަރުގެތަކަށް އެބައިމީހުންވަންނާނެވެ. އަދި ރަނުންނާއި ރަންމުތުންވާ އުޅާތަކުން އެބައިމީހުންގެ ގަހަނާ އެޅުވޭނެވެ. އަދި އެތާގައި އެބައިމީހުންގެ ފޭރާމަކީފަށުޔެވެ.”

މިމާނަޔަށްބަލާއިރު ﷲ ޤުރްއާން ވާރުތަކުރެއްވި މިއުންމަތުގެ މީހުންގެ ސޯލިހުކަން ތިންދަރަޖައަކަށް ބެހިގެންވެއެވެ. އެއީ:

1. އަމިއްލަނަފުސަން އަނިޔާވެރިވި މީހުން. މިއީ ކުރާހެޔޮކަންތައްތަކަށްވުރެ ނުބައިކަންތައް ގިނަވެއިތުރުވިމީހުންނެވެ.

2. މެދުމިނުގެ މީހުން. މިއީ ހެޔޮކަންތައްތަކާއެކު ނުބައިކަންތައްތައްކުރުމުގެސަބަބުން ދެބައި ހަމަހަމަވި މީހުންނެވެ.

3. ހެޔޮކަންތައްކުރުމުގައި ކުރިއަރާދިޔަމީހުން.މިއީ ބޮޑެތި އަދި ކުދިފާފަތަކުން މުޅިންރައްކާތެރިވެ،ވާޖިބުތަކާއި ސުންނަތުގެއިތުރުން އެންމެހައި ހެޔޮކަންތައްތައް ކުރުމުގައި ކުރިހޯދި ތެދުވެރި މުއުމިނުންނެވެ.

އިސްވެދިޔަމާނައިން މުޖްތަމައުގެ ޒުވާނުންނާއި ކުދިބޮޑުއެންމެން ޢިބުރަތްލިބިގަތުންހުއްޓެވެ. އިޞްލާޙަށް ގޮވާލާމީހާ ތިމާފަދަ ޢަޒުމުވަރުގަދަ ދީންވެރި، ތަޤުވާވެރި މީހަކަށްނުވާ ކޮންމެ މީހަކު ސޯލިހު މުސްލިމުންގެ ސަފުން ބޭރުކޮށް ލޭބަލްކުރުމެއްނެތްކަން ދޭހަވެއެވެ.އީމާންކަމާއި ހެޔޮޢަމަލުގައި މީސްތަކުންތަފާތުކަމާއެކުވެސް އެ އެންމެންނަށް ސުވަރުގެ ދެއްވުމަށް ﷲ އެވަނީ ނިންމަވާފައެވެ. ވީމާ އަހަރުމެންނަށް އޮތީ ނަޞީޙަތްދިނުމެވެ. އަދި ނަތީޖާ ﷲއަށް ވަކީލުކުރުމެވެ.

ދިރިއުޅުމުގައި ތަކުރާރުވާ ތިންކުށް

1. ވަގުތުބޭކާރުކޮށްލުން

2. ތިމާއާނުބެހޭ ކަންތައްތަކާއި ބެހިގަތުން.

ތިމާއާ ނުބެހޭ ކަންތައްތައް ދޫކޮށްލުމީ ތިމާގެ އިސްލާމްކަން ރަނގަޅުކަމުގެ ހެއްކެކެވެ.

3. އެއްވެސް އަގެއްނެތް ކަންތައް ތަކަށް މުހިންމުކަންދިނުން

ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހިމެނިފައިވާ ދުޢާއެއް ކީރިތި ރަސޫލާ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނަށް އުނގަންނައި ދެއްވިއެވެ. އެއީ اَللهمَّ إِنِّيْ أَسْئَلُكَ الْعَفْوَ وَالْعَافِيَة މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އިބަﷲގެ ޙަޟުރަތުން ފާފަ ފުއްސަވާދިންނެވުމާއި ބަލިމަޑުކަމުން ރައްކާތެރިކުރައްވާ ޢާފިޔަތުގެ ނިޢުމަތް ދެއްވުން އެދިދަންނަވަމެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv