ކަލާ

އަންވަރު އިބްރާހިމް ސެޕްޓެމްބަރ 15 2007، 16:09 1 ޚިޔާލު

ބައެއް މީހުންގެ ނަޒަރުގައި ލޯތްބަކީ ވާއެއްޗެކެވެ. އަނެއްބައެއްގެ ނަޒަރުގައި ލޯތްބަކީ ވެވޭ އެއްޗެކެވެ. ކޮންމެ ގޮތަކަށް ލޯތްބާމެދު ދެކެވުނަސް އެއީވެސް އިހްސާސެކެވެ. އެއިހްސާސުން މުޅިމީހާ ހޭލައްވާލައެވެ. ބައެއް ފަހަރު ދުނިޔެމަތިން ފޫހި ކުރުވައެވެ. އަނެއްބައި ފަހަރު އުފަލުން ފޮޅިގެންދެ އެވެ. ހިތާމައިގެ ކަނޑަށް ގެނބިގެންވެސް ދެއެވެ. އަފްރާހަކީ ލޯބީގައި ދީވާނާވި ޒުވާނެކެވެ. ނަމަވެސް އަފްރާހުގެ ހިތް ކަނޑުގެ ބިޔަރާޅުތަކުގެ ދަށުވެ އެނާވީ ބަދުނަސީބު މީހަކަށެވެ.

މިއަދު އޭނާގެ ހިތް އެވަނީ ތެޅި ތެޅި އެވެ. ލިބުނު ކުއްލި ޚަބަރަކާ ގުޅިގެން ނެވެ. އާފްރާހަށް ލިބުނީ ކުއްލި ޝޮކެކެވެ. ޝިމާނާއައިސް ދެއްކި ވާހަކައަކުން ނެވެ. އަފްރާހަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަހަށް ވަނީ ގޭތެރެއަށެވެ.

ރޭޑިއޯ ހުޅުވާލި އެވެ. ގަބޫލު ކުރެވުނެވެ. އަނެއްކާވެސް ސުނާމީ އެކެވެ.

އަފްރާހްގެ ހަނދާންތައް ގޮސް އޮބާލީ ގެއްލިފައިވާ އޭނާގެ ލޯބިވެރިޔާ އަށެވެ. އެ އުފާވެރި ހަޔާތަށެވެ. އެހިތްހަމަ ޖެހޭ ދުވަސްތަކަށެވެ. އަފްރާހްގެ ހަރަކާތްތައް ހުއްޓުނެވެ. ރާއްޖެއަށް އޭގެ އަސަރުކޮށްފާނެ ކަމަށް ރޭޑިއޯއިން ބުނުމުން ނެވެ.

އޭރު ރަށުގެ ރައްޔިތުން ކޮޅުކޮޅަށް ދުވަނީ އެވެ. އެމީހެއްގެ ދަރިންނާއި ކުދިން ހަމަކުރުމަށް ޖެހުނު މީހެއްގެ ގާތު އަހަނީ އެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެ ދަރިއަކު ފެނެތޯ އެވެ. ވީހާވެސް އަވަހަކަށް ގެއަށް ވެއްދޭތޯ އެވެ.

އިރުކޮޅެއް ނުވެއެވެ. އޮފީހުން ގޮވަން ފެށިއެވެ. ރައްޔިތުން ބޮޑުމިސްކިތް ދޮށަށް އެއްވުމަށެވެ. ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށެވެ.

ރައްޔިތުން މިސްކިތް ދޮށަށް ނުކުތެ އެވެ. ކުދިބޮޑު އެންމެން ނެވެ. އަންހެނުންނާއި ފިރިހެނުން ނެވެ. މުޅި ރަށުގައި ވަނީ ނާމާން ކަމެވެ. ނުތަނަވަސްކަމާއި މަޑުމޮޅި ކަމެވެ. ކޮންމެ މީހެއްގެ ހިތަށް ކުރަނީ ފުން އަސަރެކެވެ. ލިބިގެންދަނީ ފުން ހަނދާން ތަކެކެވެ. މީގެ 3 އަހަރު ކުރިން އެރި ސުނާމީގައި ރަށުގެ އެތައް ބަޔަކު ނިޔާވި އެވެ. އެތައް ބަޔެއްގެ ދިރިއުޅުން ނެތިގެއްލު ނެވެ. އެތައްބަޔަކު ބިކަހާލުޖެހި ގޮތްހުސްވި އެވެ. އަނެއްކާވެސް ބިންހެލުމެކެވެ. ހަމަ އެތަނަށެވެ. އުފެދޭނެ ކަމަށް އެބުނަނީ ސުނާމީ އެކެވެ.

ރައްޔިތުން ތިބި ހާސްކަމަށް ވުރެ ބޮޑު ހާސްކަމެއް ލިބިފައިވަނީ އަފްރާހަށެވެ. އޭނާ އިނީ ގޭގައެވެ. ރައްޓެހިވެގެން އުޅުން ލޯބިވެރިޔާ ހަނދާންތަކަށް ގެއްލިފަ އެވެ. މީގެ ތިން އަހަރު ކުރިން ރާއްޖެ އެރި ސުނާމީގައި އެލޯބިވެރިޔާ ވަނީ ގެއްލިފަ އެވެ. ވީނުވީތަނެއް ނޭނގިފަ އެވެ.

އަފްރާހް ވަނީ އެލޯބިވެރިޔާގެ ހަނދާންތައް ގުޅިފައިވާ ކޮޓަރި އަށެވެ. އެއީ ކައިވެނި ކުރުމަށް ފަހު ދެމީހުން ދިރިއުޅުމަށް ތައްޔާރު ކުރި ކޮޓަރި އެވެ. މިއަދު އެކޮޓަރީގައި ވަނީ ހަމައެކަނި އެލޯބިވެރިޔާގެ ފޮޓޯ ތަކެވެ. ކޮޓަރީގެ ހަތަރު ބިތުގައި އެވަނީ އެހަނދާން ތަކެވެ. ދެމީހުން ދެމީހުންނަށް ފޮނުވި ސިޓީތަކެވެ. އެކިފަހަރުމަތިން ފޮނުވި ކާޑުތަކެވެ.

ފާރުގައި ހަރުކޮށްފައިވާ އެލޯބިވެރިޔާގެ ބޮޑު ފޮޓޯ ލޯގަނޑު ނެގުމަށް ފަހު އެއާއެކު އަފްރާހް އޮށޯތެވެ. އަދި އެފޮޓޯއަށް ބަލަމުން ދިޔައެވެ. ލޯބިވެރިޔާގެ ކަނާއަތްމަތީ އޭނާގެ ލޯބިލޯބި މޫނު ވަނީ ބާއްވާލާފަ އެވެ. ވެރިވެފައި ވަނީ ހިތްހަމަޖައްސައިދޭ ކަހަލަ ހިނިތުން ވުމެކެވެ. ރީތި ކުރަންގި ލޮލެކެވެ. އޮމާން ކޯތާފަތެކެވެ. ފިނިފެންމަލުގެ ދެ ފިޔަފަދަ ތުންފަތެކެވެ. ކޮޅުފޮއި ރެއެއްފަދަ އިސްތަށި ގަނޑެކެވެ. މަޑު އަތްތިލަ އެކެވެ. ގިއުޅު އަތުކުރި އެކެވެ. ހިމަހޯލި އިނގިލި ތަކެކެވެ. ތުނިޔަ ނިޔަފަތި ތަކެކެވެ. އެމަންޒަރު ބަލަން އޮތް އަފްރާހްގެ ލޮލުން ފައިބަމުން ދިޔައީ ކަރުނަ އެވެ. އޭނާއަށް ކެތް ނުކެރެވުނީ އެވެ. އޭނާގެ މީހަކަށް ނުވެ އޭނާގެ ލޮލުގެ ކުރިމަތިން އެހާއަވަހަށް ލޯބިވެރިޔާ ގެއްލުމުން ނެވެ. ކައިވެނި ކުރަން ހަފްތާއަކަށް ވެފައި ވަނިކޮށް އޭނާ ވީނުވީ ތަނެއް ނޭނގުމުން ނެވެ.

އަފްރާހަށް ގަބޫލު ނުކުރެވެއެވެ. ލޯބިވެރިޔާ މަރެއް ނުވެއެވެ. އެހެން ނޫންނަމަ މަރުވި އެހެން މީހުންގެ ހަށިގަނޑު ފެނުނު އިރު ލޯބިވެރިޔާގެ ހަށިގަނޑު ނުފެންނަންވީ ކީއްވެ ހެއްޔެވެ؟ ލޯބިވެރިޔާގެ ހަށިގަނޑު ނުހޯދެންވީ ކީއްވެހެއްޔެވެ؟

މުޅިރަށުގައި އަޑުގަދަވި އެވެ. މީހުންތައް ރޮއި ހޭރެނީ އެވެ. އޮޔާއި ބޮޑެތި ރާޅުތަކުގެ ކުރިމަތީ ކޮންމެ މީހަކުވެސް ބަލިވަނީ އެވެ. އަފްރާހްވެސް އުޅެނީ މީހުން ސަލާމަތް ކުރެވޭތޯ އެވެ. އޭނާއަށް ފެނުނީ ގެއްލިފައިވާ އޭނާގެ ލޯބިވެރިޔާގެ މަސްގަނޑެވެ. ރަށަށް އެރި ސުނާމީގެ ރާޅާއެކު އެނބުރި އައިތަނެވެ. އެއީ މީގެ 3 އަހަރު ކުރިން ގެއްލުނު މަސްގަނޑެކެވެ. މިއަދު އެހެން ސުނާމީއަކާ އެކު އައީ އެވެ. އޭނާއަށް ހަޅޭއްލަވައި ގަނެވުނެވެ.

” ކިހިނެއްވީ! ދަރިފުޅާ! “ އަފްރާހްގެ ހަޅޭކުގެ އަޑަށް އެތަނަށް ވަން މަންމަ އެއްސެވެ.

އަފްރާހް ތެދުވި އެވެ. ފެނުނު ހުވަފެނާ މެދު ވިސްނާލިއެވެ. ދެންބަލާލެވުނީ ގަޑިއަށެވެ. އޭރު 9 ޖަހަނީ އެވެ.

” ކޮބާ ސުނާމީ“

” އެކަން ނިމެއްޖެ. ސުނާމީ އިންޒާރު މިހާރު ނަގައިފި.“ މަންމަ ބުންޏެވެ. އަފްރާހްގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހިނދު އަފްރާހްގެ ހިތް ގޮވަމުން ދިޔައެވެ.

ލޯބިވާ އެވެ. އެނބުރި އަންނާށެވެ. ކަލާ އަދިވެސް މަރެއް ނުވެއެވެ. ގެއްލުނީ ހަމައެކަނި އަހަރެންގެ ލޯމަތިން ނެވެ. ކަލާ ކޮންމެވެސް ތަނެއްގައި އެބަ އުޅެއެވެ. މިހާރު ތިން އަހަރުވީ އެވެ. ނަމަވެސް ކަލާގެ ހަނދާންތަކުން ދުރަކަށް ނުދެވުނެވެ. ނުވެސް ދެވޭނެ އެވެ. އަހަރެން ވަނީ ހަގީގީ ލޯތްބެވެ. އެލޯތްބެއް މަރެއް ނުވާނެ އެވެ. ކަނޑު ފެންނަ ކޮންމެ ފަހަރަކު ހަނދާން ވަނީ ކަލާއެވެ. ސުނާމީގެ ވާހަކަ އިވޭ ކޮންމެ ފަހަރަކު ބެލެނީ ކަލާގެ ފޮޓޯ އަށެވެ.

އަފްރާހްގެ އެނދުގައި އޮތް ފޮޓޯލޯގަނޑު ނަގާ ފާރުގައި ހަރުކޮށްލި އެވެ. އަދި ކޮޓަރިން ބޭރަށް ހިނގައިގަތެވެ. (ނިމުނީ)


    ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ސަޅި ވާހަކަ އެއް!!!

    އާދިތްތަ، އޮކްޓޫބަރ 19 2008، 20:10
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv