ފުރުސަތު ނަގާނުލާށެވެ!

ސެޕްޓެމްބަރ 15 2007، 15:58 0 ޚިޔާލު

އަލީ ރިޟާ

އިޚުލާޞްތެރި ޞޯލިހު އަޅުންގެ ލޯތަކުން ރޯދަމަހާ ވަކިވުމުގެ ހިތާމައިގެ ކަރުނަތައް އުފާވެރިކަމުގެ މުތީތަކަކަށް މިއަދު ބަދަލުވެގެން މިދިޔައީ ރޯދަމަހުގެ ހަނދު ސާބިތުވުމާ ގުޅިގެންނެވެ. އަނެއްކާވެސް އާ އަޅުކަމުގެ މޫސުމެކެވެ. އާމެހެމާނެކެވެ. ބުއްދިވެރިއަކީ ތިމާގެ ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ހެޔޮބުއްދި އިސްކޮށް މިބަރަކާތްތެރި ސީޒަން ކާމިޔާބުކޮށްފިމީހެކެވެ. ނާކާމިޔާބުވެއްޖެ މީހަކީ ތިމާގެ ހަވާނަފްސާ ޝަހުވާނީ އެދުންތައް ރަނގަޅު ބުއްދީގެ މައްޗަށް އިސްކޮށް ދުނިޔެވީ ބޭނުންތަކުގައި, ކުޅިވަރާއި މަޖަލުގައި ވަގުތުތައް ބޭކާރުކޮށްލައިފިމީހެކެއެވެ.

ފެށިގެން މިދަނީ ބަރަކާތްތެރި ރޯދަމަހުގެ ދުވަސްތަކެވެ. ފާފަފުއްސެވުމާއި, ރަޙްމަތްލެއްވުމާއި ނަރަކައިން މުއްތި ކުރެއްވުމުގެ މައްސަރެވެ, ވޭތުވެދިޔަ ދުވަސްތަކުގައި ތިމާއަށް ކުރެވިފައިވާ ކަންތައް މުރާޖަޢާކުރުމަށްޓަކައި ނަފްސާއެކު ޙަލްވަތަށް ދާންވީ ދަނޑިވަޅެވެ. ތިމާއަށް ދެއްވާފައިވާ ފެނުމާއި އިވުމާއި އަދި ހިތަކީ ވެސް އެއާމެދު ތިމާ ޒިންމާވާންޖެހޭ ތަކެތިކަން ދަނެ, ނަފްސު މުޙާސަބާކުރުމަށެވެ. ރޯދައިގެ މަތިވެރި ޠަރުބިއްޔަތުން ތަރުބިއްޔަތު ލިބި, ޤުރުއާނުގެ ރޫޙުން ދިރުން ލިބިގެން މުޅިން އާމީހަކަށްވުމަށެވެ.

އެހެނީ, ﷲގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން ރޯދަހިފައިފި ކޮންމެ މުއުމިނެއްގެ އިސްވެދިޔަހާ ފާފަފުއްސެވާނެ ކަމުގައި ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. ރޯދައިވެރިންގެ ފާފަފުއްސެވުމަށް މަލާއިކަތުން ﷲގެ ޙަޟްރަތުން އެދިވަޑައިގަންނަވާއިރު, ރޯދައިގެ ދަރުމައަކީ ޚާއްޞަ ގޮތެއްގައި އެކަލާނގެ ފާހަގަ ކުރައްވާ ދަރުމައެވެ. ވީއިރު, ރޯދަމަސް އެއްވެސް ބުއްދިވެރިޔަކު ބޭކާރުކޮށްލާނެ ހެއްޔެވެ؟ ނަމަވެސް ﷲގެ އޯގާވަންތަކަން ހިންމަވައި ދެއްވައިފި މީހަކަށް ނޫނީ މިދުވަސްތަކެއްވެސް ކާމިޔާބު ނުކުރެވޭނެކަން އަންނަ ޤުރުއާނުގެ އާޔަތުން ހާމަވެއެވެ.

فَلَوْلاَ فَضْلُ اللهِ عَلَيْكُمْ لَكُنْتُمْ مِنَ الْخَاسِرِيْن

މާނައީ: ތިޔަބައިމީހުންނަށް ﷲގެ އޯގާވަންތަކަމާއި ރަޙްމަތްނުވާނަމަ ތިޔަބައިމީހުން ހަމަކަށަވަރުންވެސް އަބާއްޖަވެރި ނާކާމިޔާބު މީހުންގެ ތެރެއިން- ވާނެކަން ކަށަވަރެވެ.“ އެހެންކަމުން, އަބަދުވެސް އެކަލާނގެ މަތީން ހަދުމަކުރާށެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މަތީން ހަދުމަކުރައްވާނެތެވެ.

ރޯދަމަސް ނާކާމިޔާބު ވެދާނެ ސަބަބުތައް.

- ރޭގަނޑު އަނެއްދުވަހު ރޯދައަށް ހުރުމަށް ނިޔަތް އާނުކުރުން

- ފަރުޟު ފަސްނަމާދު ތަކަށް ފަރުވާކުޑަވުން

- މަޖަލާ ކުޅިވަރުގައި ރޭގަނޑު ހޭދަކުރުން

- ދުވާލު ނިދުން ގިނަކޮށް, ކުޅިވަރުގައި ހޭދަކޮށް ވާޖިބުތަކަށް އިހުމާލުވުން

- މީހުން ރުޅިއެރުވުމާއި ޖެއްސުން ކުރުން

- ޓީވީ ބެލުމާއި, ލޯބީގެ ވާހަކަތަކައް ގެއްލި މަސްޣޫލުވުމުގެ ސަބަބުން އެހެން ޒިންމާތައް ހަދާންނައްތާލުން

- ވަރުބަލި ވުމުގެ ބަހަނާގައި ޒިންމާގެ ވަޒީފާއަށް އިހުމާލުވެ ކަންކަމުގައި ޚިޔާނާތްތެރިވުން

- އަނިޔާވެރިވުމުގައި ޙައްޤުނޫން ގޮތުގައި މުދަލާއި ފައިސާހޯދުން

ކޮންމެ ދުވަހަކު ޙައްޖަކާ ޢުމްރާއެއްގެ ސަވާބު ހޯދަމާ

އަނަސްބުނުލް މާލިކް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ”ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށްފަހު, އިރުއަރަންދެން ﷲގެ ޛިކުރުކުރުމުގައި އިނދެ, ދެރަކްޢަތް ކުރާ މީހަކަށް ފުރިހަމަ ޙައްޖަކާ ޢުމްރާއެއްގެ ސަވާބުވެއެވެ.“ (ތިރްމީޛީ)

ﷲގެ ޛިކުރުގެ ތެރެއިން އެންމެ މާތް ޛިކުރަކީ މިއެވެ. لأَإِلهَ إِلاَّ الله (އިބްނު މާޖާ)

އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރެއްވިއެވެ. ދުވާލަކު 100 ފަހަރު އަންނަ ޛިކުރު ކިޔާމީހާއަށް ދިހަމީހުން މިނިވަން ކުރުމުގެ ޘަވާބުގެ އިތުރުން ސަތޭކަ ހެޔޮކަމުގެ ސަވާބު ލިބޭނެއެވެ. އަދި ސަތޭކަ ނުބައިކަމުގެ ފާފަ ފުހެވެއެވެ.

لاَإِلَه إِلاَّ الله وَحْدَه ُلاشَريْك له ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيْرُ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv