ލ. އަތޮޅުގައި ބަސް ދަތުރުތައް ފެށުމަށް އެމްޓީސީސީން 2 ބަސް ގެނެސްފި

މުހައްމަދު އަފްރާޙް އޭޕްރީލް 22 2007، 16:46 0 ޚިޔާލު

ރާއްޖޭގެ 16 އަތޮޅަކަށް ޓްރާންސްޕޯޓް ނެޓްވޯކަކުން ގުޅާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ) އެމްޓީސީސީ( ން ކުރަމުންދާ މަސައްކަތުގެ ދަށުން ލ.އަތޮޅުގައި ބަސްދަތުރުތައް ފެށުމުގެ ގޮތުން 2 ބަސް ރާއްޖެ ގެނެސްފިކަމަށް އެކުންފުނިން ބުނެފި އެވެ.

އެމް.ޓީ.ސީ.ސީގެ މެނޭޖަރ އަޙްމަދު ޒަކީ ވިދާޅުވީ ލ.އަތޮޅުގައި އެއްގަމު ދަތުރުތައް ފެށުމުގެ ގޮތުން އެމް.ޓީ.ސީ.ސީން 2 ބަސް މާލެ ގެނެސްފައި ވާކަމަށާއި އެއީ 50 ފަސިންޖަރުން އުފުލޭބެ ދެބަސް ކަމަށެވެ.

” އަޅުގަނޑުމެން ދަތުރުތައް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު. މިހާރު ކުރަމުންމިދަނީ ޓިކެޓްގެ އަގުތައް ހެދުމާއި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް.“ ޒަކީ ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީން މިގެނައި ދެބަހަކީ ކުރިން ރާއްޖޭގެ ކުންފުންޏަކުން ރާއްޖެ ގެނެސްފައިވާ 2 ބަހެވެ. އަދި އެމް.ޓީ.ސީ.ސީން ކުރިއަށް ގެންދާ ޓްރާންސްޕޯޓް ވިއުގައިން ރާއްޖޭގެ އަތޮޅުތަކުން ގުޅައިލުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ 60 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv