ސްޓެލްކޯގެ ޓޭންކްތަކަށް ތެޔޮ އެޅުމަށް ބޭނުންކުރާ މައިހޮޅި ފަޅައިގެންގޮސް ތެޔޮ ލީކްވެއްޖެ

މިއުސަމް އައްބާސް ސެޕްޓެމްބަރ 11 2007، 17:14 0 ޚިޔާލު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޓޭންކްތަކަށް ބާޖުތަކުން ތެޔޮއަޅާ މައިހޮޅި ފަޅައިގެން ހިގައްޖެ އެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޅައިގެން ގޮސްފައިވާ ހޮޅިއަކީ ސްޓެލްކޯގެ ފުރަގަހުން ފިއުލްސަޕްލައި ކުރިމައްޗަށް ވާގޮތަށް ހަދާފައިވާ ޕޯސްޓުން އެތަނުގެ ޓޭންކްތަކަށް ތެޔޮއެޅުމަށް ބޭނުންކުރަމުންދާ ދަނގަޑު ހޮޅި އެކެވެ.

ސްޓެލްކޯއިން މިކަމާމެދު އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ތެޔޮހޮޅިއެއް ފަޅައިގެން ގޮސްފައިވާކަން ސްޓެލްކޯއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

" އަޅުގަނޑުމެންނަށް ލިޔުމަކުން ސުވާލުތައް ފޮނުވީމާ ޖަވާބު ދެވޭނީ" ސްޓެލްކޯގެ ޑިރެކްޓަރ ހަސަން ހުސައިން ވިދާޅުވި އެވެ. އެހެންނަމަވެސް ފަހުން ސްޓެލްކޯގެ އިސްފަރާތްތަކާ ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި ސްޓެލްކޯއަށް ފޮނުވި ސުވާލުތަކުގެ ޖަވާބު ނޫސްޗަޕަށްދިޔައިރު ލިބިފައެއް ނުވެއެވެ.

އެންވައިރަންމަންޓް މިނިސްޓްރީން ބުނީ އެމިނިސްޓްރީއަށް އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާކަން އަންގާފައިވެސް ނުވާ ކަމަށެވެ.

" އަޅުގަނޑުމެންނަށް ސްޓެލްކޯއިން ތިކަހަލަ މައުލޫމާތެއް ދެއްވާފައެއް ނުވޭ" އެންވައިރަންމަންޓް މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވި އެވެ.

ހޮޅިފަޅައިގެން ގޮސްފައިވާތަނަށް ޖަޒީރާގެ ރިޕޯޓަރުން ދިޔައިރު އެތަން ވަނީ ކޮނެފައެވެ. އަދި އެތަން ކޮނެގެން ނަގާފައިވާ ފަހުގައި ޑީސަލްވަސް ވަރަށް ގަދައެވެ. އަދި އެތަން މީގެ ދުވަސްކޮޅެއް ކުރިން ކޮނެފައިވާ ކަމުގެ ނިޝާންތަކެއް ވަނީ ފެނިފަ އެވެ.

ޓްރެކްގައި ފަތަމުންދާ މީހުންނާއި ބައެއް ކުދިން ބުނީ ފަހަކަށް އައިސް ފަތާ ޓްރެކްގައި ކޮންމެވެސް ވަރަކަށް ޑީސަލްގެ އަސަރު ހުންނަ ކަމަށެވެ.

ތިމާވެއްޓާ ބެހޭ މާހިރަކުބުނީ މިގޮތަށް އެކަންތައް ނުކުރެވޭނެ ކަމަށާއި އެކަންތައްތައް ކުރެވޭނީ އާންމުންނަށް އަންގައި އިއުލާން ކުރުމަށްފަހުގައި ކަމަށެވެ. އަދި މިފަދަ ކަމެއް ނިމިގެންދާއިރު އެތަނަކަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ދިރާސާއެއްވެސް ހަދަންޖެހޭނެ ކަމަށް އެފަރާތުން ބުނެއެވެ.

"މީގެ މަހެއްހާދުވަސް ކުރިން ފެށިގެން އާދަޔާހިލާފަށް މިސަރަހައްދުން ތެލުގެ އަސަރުތަކެއް ދަނީ ފެންނަމުން" ޓްރެކްގައި އާންމުކޮށް ފެތުމުގެ ތަމްރީނު ހަދަމުންދާ މީހަކު ބުންޏެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv