ވަޅުލާފައި ވަނީ ސަލާހުކަން ޔަގީނެއް ނޫން: ރިޕޯޓް

އަހުމަދު މުހުސިން އޯގަސްޓް 30 2007، 21:39 0 ޚިޔާލު

ޒަޚަމްތަކަކާއެކު އަތޮޅުވެއްސާ ދިމާ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ސ ހިތަދޫ ނާޒުކީގޭ ހުސައިން ޞަލާހުގެ މަރުގެ ހަޤީގަތް ދެނެގަތުމަށްޓަކައި ލަންކާއަށް ގެންގޮސް ޕޯސްޓް މޯޓަމް ހެދުމަށްފަހު އަނބުރާ ގެނެސް ވަޅުލީ އޭނާގެ ހަށިގަނޑުކަން ކަނޑައެޅިގެން ޔަޤީން ކުރަން ނޭނގޭ ކަމުގައި އެހަށިގަނޑު ވަޅުލުމުގައި ހަރަކާތްތެރިވި ޖަމާއަތްތެރިންނާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ރިޕޯޓުގައި ބުނެފި އެވެ.

ޞަލާހުގެ މަރާގުޅިގެން ކަންތައްތައް ކޮށްފައިވާ ގޮތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން, އެމަޖިލީހުގެ ޕެޓިޝަން ކޮމެޓީން ބެއްލެވުމަށްފަހު މިއަދު ހުށަހެޅުއްވި ރިޕޯޓުގައި ބުނެފައިވަނީ ހަށިގަނޑު ބަންދުކޮށްގެން ރާއްޖެ ގެނައުމުގެ އެއްވެސް މައުލޫމާތެއް އާއިލާއަށް ދިވެހި ސަރުކާރުން އަންގަވާފައި ނުވާ ކަމަށެވެ. އަދި އާއިލާއަށް ރާއްޖެ ގެނެސް ވަޅުލި ހަށިގަނޑަކީ ހުސައިން ޞަލާހުގެ ހަށިގަނޑުކަން ނޭނގޭކަމަށް އައިލާގެ ފަރާތުން ހުސައިން ޞަލާހާ ބެހޭ ހުރިހާ ކަމެއްގެ ޤާނޫނީ ބާރު ދެއްވާފައިވާ އިބްރާހީމް ޒަރީރު ވިދާޅުވެފައިވާ ކަމަށެވެ.

ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ ހުސައިން ޞަލާހުގެ ހަށިގަނޑާ އާއިލާއިން ހަވާލު ނުވުމުން އެހަށިގަނޑު ވަޅުލުމަށް ހަވާލު ކުރެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަށެވެ. އަދި ”މިކަމުގައި އުޅުއްވި ޖަމާއަތްތެރިންނަށްވެސް ވަޅުލެވުނު ހަށިގަނޑަކީ ހުސައިން ސަލާހުގެ ހަށިގަނޑުކަން ކަނޑައެޅިގެން ކަށަވަރުކުރަން ނޭނގޭކަމަށްވެސް ވިދާޅުވި“ ކަމަށް އެރިޕޯޓުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ހުސައިން ސަލާހު ހިނަވައި މޫނުއަޅަން ވެގެން އާއިލާއަށް ދައްކަން ޖަމާއަތްތެރިން އެދުމުންވެސް އާއިލާގެ މީހަކު ނެތްކަމަށް ފުލުހުން ވިދާޅުވި ކަމާއި ޖަމާއަތްތެރިންނަށް މޫނު އަޅަން އެންގިމަށް ޖަމާއަތްތެރިން މައުލޫމާތު ދިންކަމުގައި އެރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެޓީން ފާހަގަކޮށްފައިވާ ގޮތުގައި ސަލާހުގެ ހަށިގަނޑު މޫދުން ނެގި ހިސާބުން ފެށިގެން ވަޅުލުމާ ހަމައަށް ހަށިގަނޑު ބެލެހެއްޓުމުގައި ފުލުހުންގެ ވަރަށް ބޮޑު ދައުރެއް ކުޅެފައި ވެއެވެ. ކޮމެޓީން އިތުރަށް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ފުލުހުން އެކިފަހަރު ދެއްވާފައިވާ ބަޔާންތައް އެއްގޮތަކަށްވެސް ދިމާ ނުވުމާއި މެޑިކަލް އޮޕީނިއަން ލިބެން ޖެހޭ ބައެއް ކަންކަމުގައިވެސް ދެއްވާފައި ހުރި މައުލޫމާތަކީ ފަހުން މެޑިކަލް ޑޮކްޓަރުން މައުލޫމާތު ދެއްވިއިރު ފުލުހުން ވިދާޅުވެފައި ހުރިގޮތަށް ނުވާނެ ކަން ކަމުގައި ވިދާޅުވެފައިވެ އެވެ.

ސޮލާހުގެ އޮޓޮޕްސީ ހެދުމަށް ސްރީލަންކައިން ގެނެވުނު ޓީމުގެ ކަންކަން ބެލެހެއްޓީ ފުލުހުން ކަމަށާއި ފުލުހުން އެމީހުންނާ ބައްދަލުވުންތަކެއް ބާއްވާފައިވާކަން ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.އަދި މޯޗަރީގައި ބާއްވާފައިވާއިރު ފިނިހޫނުމިން ހުންނަންވާވަރަށްވުރެ ދަށްކޮށްފައި ބެހެއްޓުމާއި ލަންކާ އެއަރޕޯޓުން ގަބުރު ނުނެރި ލަސްވެފައިވާކަން ފާހަގަ ކުރައްވާފައިވެ އެވެ.

އަދި ޕޯސްޓްމޯޓަމް ހެދީ ރާއްޖޭގައި ޕޯސްޓް މޯޓަމް ހެދުމަށް ސަރުކާރުން ރާއްޖެ ގެނައި މީހުންނާ ގުޅުން ހުރި މީހެއް ކަމަށާއި ދެވަނަ ޕޯސްޓް މޯޓަމެއް ހެދުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އާއިލާއާ ހަށިގަނޑު ހަވާލުކުރަން ޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށް ކޮމެޓީގައި ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދު އެއްބަސްވެވަޑައިގެންނެވިކަމަށް ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv