
ވީބީ ބަލިކޮށް ވެލެންސިއާ ފައިނަލަށް ދަތުރުކުރި މެޗަށްފަހު ދެޓީމުގެ މެދުގައި ވަރުގަދަ ތަޅާފޮޅުމެއް
20 ވަނަ އެފް އޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގައި ވެލެންސިއާ އާއި ވީބީ ސްޕޯޓްސް މިއަދު ހަވީރު ބައްދަލުކުރި މެޗު ނިމުމާއެކު ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ދެމެދު ބޮޑު މާރާމާރީއެއް ހިނގާ ބައެއް ކުޅުންތެރިންނާ މީހުންނަށް އަނިޔާވެއްޖެ އެވެ.
މިއަދު އިރުއޮއްސުނުއިރު މެޗު ނިމުމާއެކު ހަމަނުޖެހުން ހިނގަން ދިމާވީ ވެލެންސިއާގެ ފަސްޓް އެއިޑް އަހްމަދު ޝާހިދު ވީބީގެ އާޖެންޓީނާ ކީޕަރު ޑެނިއުސް މެތިއާސް އާއި ދެމެދު ފެށުނު ހަމަނުޖެހުމަކާ ހިސާބުންނެވެ. މަންޒަރުދުށް ގިނަ ބަޔަކު ބުނާ ގޮތުގައި ޝާހިދު ވަނީ ކީޕަރަށް ޙަމަލާ ދީފައެވެ. މެޗުގެ ތެރޭގައިވެސް ރުޅިގަދަވެފައި އެތައް ފަހަރަކު ރެފްރީއާއި ދިމާއަށް ގޮސްފައިވާ ކީޕަރު މެތިއާސްއާއި ޝާހިދާއި ދެމީހުންގެ މެދުގައި އުފެދުނު މައްސަލައިގައި އިރުކޮޅަކުން ފެނުނީ ވީބީގެ އާޖެންޓީނާގެ ޓްރޭނަރު މަމާއޯ ގޮސް ޝާހިދަށް ހަމަލާދިންތަނެވެ. އެއާއެކު ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ވަރުގަދަ ތަޅާފޮޅުމެއް ފެށުނެވެ. ބައެއް ކުޅުންތެރިން ފުންމައިގެން އަރާ ފައިން ހަމަލާދިން މަންޒަރުވެސް ފެނިގެން ދިޔައެވެ. ދެތިން މިނެޓް ވަންދެން ތެޅުން ކުރިއަށް ދިޔައެވެ. ތެޅުން މައިތިރިވީ ޕޮލިހުންނާއި ޓީމުގެ ބައެއް އޮފިޝަލުންނާއި ކުޅުންތެރިންގެ އެހީތެރިކަމާއެކުގައެވެ.
މަޝްރަހު އަނެއްކާވެސް ހޫނުވެގެންދިޔައީ ވީބީގެ ޓްނޭރަނާއި ކީޕަރު އަދި ފޯވަޑް ޑާރިއޯ ދަނޑުން ނުކުތުމުންނެވެ. އެމީހުންގެ ފަހަތުން ގިނަ ބަޔަކު ދުއްވައިގަތެވެ. އެމީހުން ދުވަމުން ދިޔައީ ހެންވޭރު އެވަކާޑޯއާއި ދިމާއަށެވެ. އޭރު އެމީހުން ފަހާ ބަޔަކު ދުވަމުން ދިޔައެވެ. ވީބީގެ ކުޅުންތެރިން ގޮސްވަނީ އެވަކާޑޯގެ ކައިރީގައި ހުރި ފިހާރައަކަށެވެ. އެތަނުގައި އެމީހުން އެތައް އިރަކު ތިބިއިރު މުޅި ސަރަހައްދު އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ. އެތައް އިރެއްފަހުން އެމީހުން އެތަނުން ނެރެގެން ގެންދިޔައީ ޕޮލިސް ޖިޕްގައެވެ.
މި މެޗު 2-1 ލަނޑުން ކާމިޔާބުކޮށް ނިއުއާއި އެކު ފައިނަލުގައި ކުޅޭނެ ޓީމަކަށް ވެލެންސިއާ ވަނީ ހޮވިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ވެލެންސިއާއަށް 26 ވަނަ މިނެޓްގައި ޖަހާދިނީ އާޒިމް ހުސައިން(އެންޑީ) އެވެ. ވީބީން ރަނގަޅު ކުޅުމެއް ދެއްކި މިހާފުގެ ދެވަނަ ލަނޑުވެސް ޖެހީ ވެލެންސިއާއިންނެވެ. 33 ވަނަ މިނެޓްގައި މި ލަނޑު ޖަހައިދިނީ އަހުމަދު ވަދީއުއެވެ.
60 ވަނަ މިނެޓްގައި ވީބީގެ ގޯލު ޖަހާދިނީ އިސްމާއީލް މުހައްމަދު(އިއްސޭ)އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މުޚްތާރު ނަސީތު (ޓޫކިލޯ) އެވެ.