ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ނޫނީ ފައިނަލް ނަތީޖާގެ ޝީޓުގައި މުގައްރިރު ސޮއި ކުރައްވައިގެން ނުވާނެ ކަމަށް ޚާއްސަ މަޖިލިހުގެ ރައީސް ވިދާޅުވެއްޖެ

އަހުމަދު މުހުސިން އޯގަސްޓް 25 2007، 23:15 0 ޚިޔާލު

މިމަހުގެ 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ނެގި ނިޒާމް ކަނޑައަޅާ ވޯޓުގެ ދާއިމީ ނަތީޖާގައި ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ނޫނީ މުގައްރިރު ސޮއިކުރައްވައިގެން ނުވާނެކަމަށް ޚާއްޞަ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ނަތީޖާ އިއުލަން ކުރުމާމެދު 11 މެންބަރުންގެ ކޮމެޓީގެ ލަފައެއް ހޯއްދެވުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސް ކދ އަހުމަދު މަނިކު އެދިވަޑައިގެންނެވުމުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގެގައި ބެއްވި 11 މެންބަރުންގެ ކޮމެޓީގެ ބައްދަލުވުމުގައި, މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ މައްސަލަތަކެއް ހުރިކަމަށް ކޮމެޓީގެ މެންބަރުންނާއި މަޖިލީހުގެ އެހެން މެންބަރުންވެސް ފާހަގަކުރައްވާ މުހިއްމު ކަންތައްތަކެއް ހުރުމާއެކު އެކަންކަމަށް ގޮތެއް ނުނިންމަވާ ދާއިމީ ނަތީޖާ އިއުލާން ކުރެއްވުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި އެހެންކަމުން ފައިނަލް ނަތީޖާގައި ކޮމެޓީގެ މުޤައްރިރު ސޮއިކުރައްވަން ވާނީ ކޮމެޓީން ނިންމަވާ ގޮތަކަށް ކަމަށެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 11 މެންބަރުންގެ ކޮމެޓީގައި ހިމެނޭ ގއ އަތޮޅު މެންބަރ ޢަބްދުﷲ ޖާބިރާއި ފ އަތޮޅު މެންބަރ އިބްރާހީމް އަހުމަދާއި ހއ އަތޮޅު މެންބަރ އަހުމަދު މުއިއްޒު އަދި ށ އަތޮޅު މެންބަރ ލުބުނާ ޒާހިރު ހުސައިން ވިދާޅުވަމުން ގެންދެވީ ރެންޑަމްކޮށް ވޯޓުފޮށިތަކާއި އެއާގުޅޭ ލިޔުންތައް ބަލާ ޗެކްކުރުމަށެވެ.

މިއާ ޚިލާފަށް ތ އަތޮޅު މެންބަރ ރިޔާޟް ރަޝީދު ވިދާޅުވީ 11 މެންބަރުންގެ ކޮމެޓީގެ އެއްވެސް ކަމެއް ރަނގަޅަށް ގެންގޮސްފައި ނުވާތީ, ކޮމެޓީން ދެން އެއްވެސް ކަމެއް ނިންމުމުގެ ބަދަލުގައި ސީދާ މަޖިލީހަށް ފޮނުވައިގެން ގޮތެއް ނިންމުމަށެވެ.

ދެން ތިއްބެވި މެންބަރުންގެ ތެރޭގައި ހިމެނޭ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރ ފާތިން ހަމީދާއި, އއ.އަތޮޅު މެންބަރ އަހުމަދު ޒުބައިރާއި ގދ އަތޮޅު މެންބަރ މުހައްމަދު ވަހީދު އަލީ ވިދާޅުވަމުން ގެންދެވީ މައްސަލަ ޖެހިފައިވާ ވޯޓުފޮށިތަކުގެ ވޯޓުލުން އަލުން ބާއްވާފައިވާތީވެ ދެން އިތުރު ބެލުމެއް ނުބަލައި އަވަހަށް ނަތީޖާ އިއުލާން ކުރެއްވުމަށެވެ. އަދި އެމެންބަރުން ވިދާޅުވަމުން ގެންދެވީ ދާއިމީ ނަތީޖާގައި މުޤައްރިރު ސޮއިކޮށް ނިންމެވުންވެސް އެންމެ ރަނގަޅުކަމަށެވެ.

ކޮމެޓީގެ މުޤައްރިރު ވ އަތޮޅު މެންބަރ މޫސާ ނިޒާރު އެބައްދަލުވުން ނިންމަވާ ލައްވަމުން ވިދާޅުވެފައިވަނީ މެންބަރުންގެ ޚިޔާލު ތަފާތުވުން ހުރިކަމަށާއި ކޮމެޓީގެ އަޣްލަބިއްޔަތު ވަކިގޮތަކަށް ނެތުމާއެކު ވޯޓަކަށްވެސް ނާއްސަވާ ކަމަށެވެ.

ނިޒާމް ކަނޑައަޅާ ވޯޓާ ގުޅިގެން ޝަކުވާތަކެއްކޮށް މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި މެންބަރުންތަކެއް ހުށަހަޅާފައިވާތީ މަޖިލީހުގެ ރައީސް ވަނީ ބުރާސްފަތި ދުވަހު އެމެންބަރުންނާވެސް ބައްދަލު ކުރައްވާފަ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv