
ނިޒާމް ކަނޑައަޅާ އިންތިޚާބަށް ނޭދެވޭ އަސަރެއް ފޯރުމަކީ އެކަށީގެންވާކަމެއް: އެޗް.އާރު.ސީ
އަންނަ އަށާރަ ވަނަ ދުވަހު ބާއްވާ ވެރިކަން ކަނޑައަޅާ ވޯޓަށް ނޭދެވޭ އަސަރެއް ފޯރުމަކީ އެކަށިގެންވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް އިންތިހާބަށް ނޭދެވޭ އަސަރެއް ފޯރުމަކީ އެކަށިގެންވާ ކަމެއް ކަމަށާއި އެހެން ކަމުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ރައްޔިތުންނަށް ވޯޓް ލެވޭނެ ގޮތް ހަދައިދިނުމަށް އެކަން އިންތިޒާމް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
” މިއިންތިހާބަށް ނޭދެވޭ އަސަރެއް ފޯރުމަކީ އެކަށީގެންވާ ކަމެއްކަމުގައި މިކޮމިޝަނުން ދެކޭތީ, މިނިވަންކަމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ރައްޔިތުންނަށް ވޯޓް ލުމުގެ ހައްގު ބޭނުންކުރެވޭނެ ގޮތަށް އިންތިހާބުގެ ކަންތައްތައް އިންތިޒާމްކޮށްދެއްވުމަށް މިކަމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.“ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވެ އެވެ.
މީގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭން ބޭރުގައި ދިވެހިންގެ ވަރަށް ގިނަ ބަޔަކު ދިރިއުޅެމުންދާ ކަމަށާއި އެހެން ކަމުން ގައުމުގެ މުސްތަގުބަލް ބިނާކުރުމަށް ނެގޭ މިއިންތިހާބުގައި ބޭރުގައުމުތަކުގެ ތެރެއިން ވޯޓްލެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ގައުމުތަކުގައި އެކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
” ރާއްޖޭން ބޭރުގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުންދާތީ, ވޯޓްލުމުގެ އިންތިޒާމް ހަމަޖައްސައިދެވެން ހުރި ބޭރު ގައުމުތަކުގައި ތިބި ދިވެހި ރައްޔިތުންނަށް ވޯޓް ލެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ މުހިއްމު ކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ.“ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އަންނަ އިންތިހާބުގައި ރާއްޖޭގެ ދިހަ އަތޮޅެއްގައާއި މާލޭގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެނޫސް ބަޔާނުގައި ބުނެފައިވެ އެވެ.