
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ކަނޑުވާލާކަށް އެއްބަހެއް ނުވެވޭނެ: ޑީއާރުޕީ މެމްބަރުން
ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރާ ޤާނޫން އަސާސީގެ މާއްދާތައް ނުވަތަ މުޅި ޤާނޫން އަސާސީ އެއްކޮށް ފާސްކުރުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާއަށް ތަސްދީޤް ކުރަން ފޮނުވުމުން ބަލައި ނުގަނެ އަނބުރާ ފޮނުވާލުމުގެ ބާރު ދީފައި އޮތުމަކީ ޤާނޫން އަސާސީ އިސްލާހް ކުރެވޭނެ ގޮތް ނޫން ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި ވަކިޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ވިދާޅުވެއްޖެ އެވެ.
އެމެންބަރުން މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރައްވަފައިވާ, ދ އަތޮޅު މެންބަރ މުހައްމަދު ރިޔާޟް ހުށަހަޅުއްވާ މ އަތޮޅު މެންބަރ އަހުމަދު ޝަފީޤް ތާއީދު ކުރައްވާފައިވާ އަމަލުކުރަމުންދާ ޤާނޫން އަސާސީގެ 102 ވަނަ މާއްދާ އިސްލާހް ކުރުމުގެ މައްސަލައިގައި ބަހުސްކުރައްވަމުންނެވެ.
އެމެންބަރުން އެހެން ވިދާޅުވަމުން ގެންދަވާއިރު ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރު ކުޑަކުރުމަށް ނުވަތަ ކަނޑުވާލުމަށް އެއްބަސްވެވަޑައި ނުގެންނެވޭނެ ކަމަށެވެ.
ދ އަތޮޅު މެންބަރ މުހައްމަދު ރިޔާޟް ހުށަހަޅުއްވާފައިވާ އިސްލާހުގެ މައިގަނޑުގައިވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރާ ޤާނޫން އަސާސީ ނުވަތަ ޤާނޫން އަސާސީގެ މައްދާތައް އިސްލާހްކުރާތާ 7 ދުވަހުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވުމަށާއި އެގޮތަށް ފޮނުވުމުން 30 ދުވަހުގެ ތެރޭގައި ތަސްދީޤް ކުރަން ވާނެ ކަމަށެވެ. ނަމަވެސް މިހާރު ޢަމަލުކުރަމުންދާ ޤާނޫން އަސާސީގައި ބުނެފައިވަނީ ޚާއްޞަ މަޖިލީހުން ފާސްކޮސް ފޮނުވާ މާއްދާއެއް ރައީސުލް ޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާނަމަ 90 ދުވަހުގެ ތެރޭގައި ތަސްދީޤް ކުރުމަށެވެ. އަދި ފާސްކުރައްވަން ފެނިވަޑައި ނުގަންނަވާނަމަ އެމުއްދަތުގެ ތެރޭގައި އަނބުރާ މަޖިލީހަށް ފޮނުވިދާނެ ކަމަށެވެ. އަދި މިގޮތަށް އަނބުރާ ފޮނުވާލެއްވުމުން އެމާއްދާއެއް ފާސްވާނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކޮށްފައި ދެބައިގެ ތާއީދު ލިބިގެން ކަމަށެވެ. އެއަދަދަށް ތާއީދު ނުލިބިއްޖެ ނަމަ އެމައްދާއެއް ބާތިލްވީކަމަށެވެ.
މިމައްސަލައިގައި ބަހުސަކަށް ހުޅުވާލެއްވުމާއެކު ޑީއާރުޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ މިމައްސަލައަކީ މިމަރުހަލާގައި އެޖެންޑާ ކުރެއްވޭނެ މައްސަލައެއް ނޫން ކަމަށާއި މިއީ 30 ނޮވެމްބަރަށް ޤާނޫން އަސާސީ އިސްލާހް ކުރުމަށް ފާސްކޮސްފައިވާ ފާސްކުރުމާ ފުށުއަރާ ކަމެއް ކަމަށެވެ. އެހެންކަމުން އެމައްސަލަ އެޖެންދާ ކުރައްވާފައިވަނީ ޤަވައިދާ ޚިލާފަށް ކަމަށް ޑީއާރުޕީ މެންބަރުން ނިޒާމީ ނުކުތާއާއި ވާހަކަ ފުޅުގައި ވިދާޅުވަމުން ގެންދެވިއެވެ. އަދި 30 ނޮވެމްބަރަށް ޤާނޫން އަސާސީ އިސްލާހްކޮށް ނިންމުމަށް ރައީސުލް ޖުމްހޫރިއްޔާގެ މެންބަރ ފާތިމަތު ދިޔާނާ ސައީދު ހުށަހަޅުއްވާ ފާސްކޮށްފައިވާ ގޮތުން ވަކިވަކި މާއްދާއެއް ފާސް ނުކުރެއްވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.
ޖޫން 11 ވަނަ ދުވަހު އޮތް ޚާއްޞަ މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރ ފާތިމަތު ދިޔާނާ ސައީދު ހުށަހަޅުއްވަ ފާސްވި ހުށަހެޅުމުގައި ވަނީ ” ޢަމަލުކުރަމުންދާ ޤާނޫން އަސާސީ އެކުގައި އިސްލާހްކޮށް, 30 ނޮވެމްބަރ 2007 ވަނަ ދުވަހާ ހަމައަށް ނިންމުމަށާއި, އެފަދައިން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނެސް, ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތުގެ ތާވަލެއް ރާވައި އެތާވަލާ އެއްގޮތްވާގޮތުގެ މަތީން މަޖިލިސް މަސައްކަތް ކުރާ ދުވަސްތަކާއި ވަގުތު އިތުރުކޮށް ޤާނޫން އަސާސީ އިސްލާހްކުރަމުންގޮސް ނިންމު“މަށެވެ.
” މިހާރު މިބަހުސް ކުރާ މައްސަލައަކީ މިމަރުހަލާގައި ހުށަހަޅައިގެން ބަހުސް ކުރެވޭނެ މައްސަލައެއް ނޫން. ޤާނޫން އަސާސީ އެކުގައި އިސްލާހްކޮށްގެން ފޮނުއްވުމަށް އޮތީ ފާސްކުރައްވާފައި. އެހެންވީމާ ވަކިވަކި މައްދާއެއް އިސްލާހެއް ނުކުރެއްވޭނެ.“ މައްސަލަ ހުށަހެޅުއްވި ރިޔާޟަށްފަހު ވާހަކަދެއްކެވި ފުރަތަމަ މެންބަރ ޅ އަތޮޅު މެންބަރ އަދި ޑީއާރުޕީގެ މެންބަރ ޢަބްދުﷲ އަލީ ވިދާޅުވި އެވެ.
ޢަބްދުﷲ އަލީއަށް ޖަވާބު ދެއްވަމުން ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ އެޖެންޑާ ކުރެވިފައިވަނީ ޤަވާއިދުގެ 55 ވަނަ މައްދާގެ ބަހުސް ނިމުނީމާ މިމައްސަލަ ގެންނާނޭކަމަށް ބުނެވިފައިވާތީ އާއި އިދާރީ ކޮމެޓީންވެސް ތަކުރާރުކޮށް މިމައްސަލަ އެޖެންޑާ ކުރުމަށް ލަފާދެއްވާފައިވާތީ ޤަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.
އެމްޑީޕީގެ މެންބަރ ގއ އަތޮޅު މެންބަރ ޢަދުނާން ހަލީމް ވިދާޅުވި 17 އަހަރުން ހަދާފައިވާ ޤާނޫން އަސާސީ ނިމުމުން ގެންނެވި އެޑިޓޯރިއަލް ބަދަލެއްގެ ސަބަބުން ވަރަށް ގިނަ ބަދަލުތައް އައިސްފައި އެބަހުރި ކަމަށާއި ޤާނޫން އަސާސީ އޮތްގޮތުންވެސް ދެން ޤާނޫން އަސާސީ ހެދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
”ޔަޤީން ކަމެއް ނެތް މިތަނުން ހަދައިގެން ގެންދާ އެތި 3 މަސްދުވަހު ބައްވާފައި ބަލައި ނުގަނެ ފޮނުވާ ނުލާނެ ކަމެއް. މިމަގު ހުޅުވާލައިގެން ނޫނީ އަސާސީއެއް ނުހެދޭނެ. މިއީ ކޮންމެހެން ރައީސުލް ޖުމްހޫރިއްޔާއަށް ހަދާ އެއްޗެއް ނޫން“ އަދުނާން ވިދާޅުވިއެވެ.
ހއ އަތޮޅު މެންބަރ އަހުމަދު ސަމީރު ވިދާޅުވީ އެންމެ ބޮޑު އެއް ސަބަބަކީ 90 ދުވަހަކީ ވަރަށް ދިގު މުއްދަތަކަށް ވުން ކަމަށެވެ.
ސަމީރު ވިދާޅުވީ ރައީސަށް ލިބިދޭ އެބާރު ކުޑަކުރުމަށް ރައީސުލް ޖުމްހޫރިއްޔާވެސް ބޭނުންފުޅުވާނޭ ކަމަށާއި ޤާނޫނީގޮތުން ލިބެން އޮތް ބާރެއް ބޭނުން ނުކުރާނެ ކަމަށް ދޫކޮށް ލައިފި ނަމަ އެބާރު ބޭނުން ކުރުމުން ދެން ހަދާނީ ކިހިނެއްތޯ ކަމަށެވެ.
ހދ އަތޮޅު އަބްދުﷲ ނަސީރު ވިދާޅުވީ މިއިސްލާހަކީ ހެޔޮބަދަލެއް ނޫން ކަމަށާއި ރައީސަށް ލިބިދޭ ބާރުތައް އުނިކޮށްލަން ހުށަހަޅާފައިވާ އެއްޗެއް ކަމަށެވެ. އަދި ރައީސަށް ރަނގަޅު ނޫނަސް އެއްޗެއް ބަދަލު ކުރުމުގެ ބާރެއް ރައީސުލް ޖުމްހޫރިއްޔާއަކަށް އޭރުން ނޯންނާނެ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މެންބަރ މުހައްމަދު ސަލީމް ވިދާޅުވީ މިމައްސަލައަކީ ޤާނޫން އަސާސީ ހެދުމަށް އެޅޭ ހުރަހެއް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ކަންތައް ކުރައްވާނެ ގޮތް ބެލުމަކީ މަޖިލީހުގެ މެންޑޭޓެއް ނޫން ކަމަށެވެ.
ސ އަތޮޅު މެންބަރ އިބްރާހީމް ޝަރީފް ވިދާޅުވީ އެއްވެސް މައްދާއެއް ފޮނުވައިގެން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ނުކުރައްވާ ފޮނުވާލައްވައިފިތޯ އާއި މިއީ ޤަސްދުގައި ޤާނޫން އަސާސީ އިސްލާހް ކުރިއަ ނުދިނުމަށް ކުރާ ކަމެއް ކަމަށެވެ.
ރ އަތޮޅު މެންބަރ އަލީވަހީދު ވިދާޅުވީ މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރަކަށް ވެފައި ތަޖްރިބާގެ އަލީގައި އެއްޗެއް ބުނާނަމަ ބުނެވެނީ މިމައްދާ އިސްލާހް ނުކޮށް ޤާނޫން އަސާސީ އިސްލާހް ކުރުމުގެ މަސައްކަތް ކުރިއަކަށް ނުގެންދެވޭނޭ ކަމަށެވެ.
ގދ އަތޮޅު މެންބަރ ޒާހިރު އާދަމް ވިދާޅުވީ މިމާއްދާ އިސްލާހް ކުރިއަސް ރައީސަށް ތަސްދީޤް ނުކުރެވޭނެ ވާހަކައެއް ނެތް ކަމަށާއި މިކަމުން ޤާނޫން އަސާސީ އިސްލާހް ކުރުމަށް މަގު ފަހިވެގެން ދާނޭ ކަމަށެވެ.
ސ އަތޮޅު މެންބަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ހެޔޮ ބަދަލެއް ކަމަށާއި މިހާރުވެސް މިމަޖިލީހުގެ ތިންބައިކޮށްފައި ދެބަޔާ ރައީސުލް ޖުމްހޫރިއްޔާ އާ އެއްހަމަ ކަމަށެވެ. އެހެން ކަމުން 3 ލައްކަ ރައްޔިތުންނަށް ވުރެ އެކަކުގެ ބާރު މާގަދަ ކަމަށެވެ.
މ އަތޮޅު މެންބަރ އަހުމަދު ޝަފީޤް ވިދާޅުވީ މިމަޖިލީހުގައި ތިއްބަވާ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިފަދަ ބޮޑެތި ކަންތައްތަކުގައި ވަކިކޮޅަކަށް ވޯޓު ނުދެއްވުމުން އެކަމެއް ފާސްވާނެ ގޮތެއް ނޯންނަ ކަމަށާއި މިމަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންގެ ބާރު މާ ގަދަ ކަމަށެވެ.
މާލޭ މެންބަރ އިބްރާހީމް އިސްމައީލް ވިދާޅުވީ ޤާނޫން އަސާސީ އިސްލާހްކޮށް ފޮނުވުމުން ތަސްދީޤް ނުކޮށް އަނބުރާ ފޮނުވާލުމުން 75 ވޯޓު (ތިންބައިކޮށްފައި ދެބައި) ނުލިބިއްޖިއްޔާ ކުރި ހުރިހާ މަސައްކަތެއް ބާތިލްވީ ކަމަށެވެ.
”ދެން ޚާއްޞަ މަޖިލިސް އުވޭނީ ކަންނޭނގެ. ދެން ނެތް އަޅުގަނޑުމެންނަކަށް އަލުން އެއްކޮށްގެން ނޫނިއްޔަކާ ޤާނޫނު އަސާސީ ބަދަލުކުރެވޭކަށް. ތިންބައިކުޅަ ދެބައި ހޯދުމުގައި ދިމާވާ މައްސަލައަކީ މަޖިލީހުގައި މިހާރު މިތިއްބެވި 113 މެންބަރުން. އޭގެ ތެރެއިން މަނިކުފާނަކީ ވޯޓް ދެއްވޭ މެންބަރެއްނޫން. މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ޤާނޫނު އަސާސީ އޮތްގޮތަށް ވޯޓްނުދޭ މެންބަރަކީ ފާސްކުރުމާ ދެކޮޅަށް ވޯޓްދޭ މެންބަރެއްގެ ގޮތުގައި ގުނޭނީ 75 ހަމަކުރަން ނުލިބޭ ވޯޓެއް. އެހެންވީމަ, 112 މެންބަރުން. 112 މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި ހަމަނުކުރާން ބޭނުންވާނީ ތިންބައިކުޅަ އެއްބައި. އެއީ 37. ޢައްޔަންކުރައްވާފައި ތިއްބެވި 29 މެންބަރުންނާއި މިމަޖިލީހުގައި އިންތިޚާބީ ގޮނޑިތަކުގައި ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުން ލީމާ 37 ވޭ. ޢިއްޒަތްތެރި ރައީސް, ހުސްވެފައިވާ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެތަނަށް ބޭފުޅަކު ޢައްޔަން ކުރައްވާ މިގޮނޑި ބަރީގައި ބޭންދެވީމަ 38 ވީ. ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަވީ. އެހެންވީމަ, ފާސްކުރެވޭ ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ އާއި މިމަޖިލީހާ އެއްބަސްނުވެވޭ ކަމެއް އޮތްނަމަ އަޅުގަނޑުމެން ތިން އަހަރުން މިކުރި ހުރިހާ މަސައްކަތެއް ބާޠިލްވީ އަލުން އެ އިޔާދަކުރެވޭނެ އެއްވެސް ގޮތެއް މި ޤާނޫނު އަސާސީއަކު ނެތް. މިދެންނެވި ނުކުތާއަށް ވިސްނަވާ މިކުރެވުނު ހުރިހާ މަސައްކަތެއް އެންމެ މީހެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ދިވެހި ރައްޔިތުންގެ މުސްތަޤްބަލު ދޫކޮށްލުމަށް އަޅުގަނޑުމެން ނިންމާ ކަމަށްވަންޏާ ރައްޔިތުންގެ ރައްކާތެރިވެވޭނެ ކޮންމެވެސް ގޮތެއް އޮންނަންވާނެއޭ“ އިބްރާހީމް އިސްމައީލް ވިދާޅުވިއެވެ.
ށ އަތޮޅު މެންބަރ މޫސާ ރަމީޒް ވިދާޅުވީ މިއިސްލާހް ނުކުރުމަކުން ޤާނޫން އަސާސި އިސްލާހް ކުރުން ލަހެއް ނުވާނެ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރ މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރުން ހޮވިފައިވަނީ އެންމެ އަތޮޅަކުން ކަމަށާއި ރައީސުލް ޖުމްހޫރިއްޔާއަކީ މުޅިޤައުމުން ހޮވިފައިވާ މީހެއް ކަމަށައި އެހެންކަމުން އެބާރު ލިބިދޭން ޖެހޭނެ ކަމަށެވެ.
ތ އަތޮޅު މެންބަރު ރިޔާޟް ރަޝީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤް ކުރަން ޖެހޭނެ ކަމަށާއި ދެން މަޖިލީހުގައި ތިބޭނީ ވިޔަފާރިވެރިން ކަމަށާއި ކޮންމެފަދަ އެއްޗެއްވެސް ފާސްކޮށްފާނެ ކަމަށެވެ.
ގދ އަތޮޅު މެންބަރ ޢައްބާސް އިބްރާހީމް ވިދާޅުވީ މިމައްދާ ފާސްކޮށްފިއްޔާ އަދި ދެވަނަ ފަހަރަށް މިމަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އިމާދު ސާލިޙް ވިދާޅުވީ 3 މަސްދުވަސް އެއީކީ ތަސްދީޤް ކުރާކަށް ދިގު މުއްދަތެއް ނޫން ކަމަށެވެ.
ފ އަތޮޅު މެންބަރ އަހުމަދު ހަމްޒާ ވިދާޅުވީ މަޖިލިސް އޮތްގޮތުން ރައީސް ތަސްދީޤް ނުކުރައްވަ ފޮނުވާލައްވައިފިނަމަ އެއެއްޗެއް ފާސްކުރުމަށް 113 މީޓަރުގެ ރޭހެއް ފަށާއިރު ރައީސުލް ޖުމްހޫރިއްޔާއަށް އެފެށެނީ ރައްޔިތުންނަށްވުރެ 29 މީޓަރު ކުރީގައި އޮވެގެން ކަމަށެވެ. އަދި މިމަޖިލީހުގެ 25 ޕަސެންޓަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރުފޯރުވޭ ކަމަށެވެ.
މ އަތޮޅު މެންބަރ އަހުމަދު ސުލައިމާން ވިދާޅުވީ ތަސްދީޤް ކުރުމަކީ ރަމްޒީގޮތުން އެންމެ އިސްވެރިޔާ ކޮށްލަން ޖެހޭ ސޮއެއް ކަމަށެވެ.
ބުދަދުވަހުގެރޭގެ ޖަލްސާ ނިމުނީ ވަކިގޮތަކަށް ނުނިމެނީސް ޖަލްސާގެ ވަގުތު ހަމަވެގެންނެވެ.