ރާއްޖޭގައި ހަދަން އުޅުނު ޞަލާހުގެ ޕޯސްޓްމޯޓަމް ރާއްޖޭގައި ހެދުން ހުއްޓާލައި އާއިލާއާ މަސްގަނޑު ހަވާލުކޮށްފި

އަހުމަދު މުހުސިން އޭޕްރީލް 18 2007، 18:51 0 ޚިޔާލު

ޒަޚަމް ތަކަކާއެކު މަރުވެފައި އޮއްވާ އަތޮޅުވެއްސާ ދިމާ މޫދުން ފެނުނު ސ ހިތަދޫ ނާޒުކީގޭ ހުސައިން ޞަލާހުގެ މަރުގެ ޙަޤީގަތް ދެނެގަތުމަށްޓަކައި, ދިވެހިސަރުކާރުން އާއިލާގެ ނުގަބޫލުގައި ރާއްޖޭގައި ހަދަން އުޅުނު ޕޯސްޓްމޯޓަމް ރާއްޖޭގައި ހެދުން ހުއްޓާލުމަށްފަހު ސްރީލަންކާއަށް ގެންގޮސްގެން ހެދުމުގެ ހުއްދަ ސަރުކާރުން ދެއްވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވިކަން ޖަޒީރާއަށް ކަށަވަރުކޮށްދެއްވީ ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދެވެ.

ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން ޑރ ޝަހީދު ވިދާޅުވީ ހުސެއިން ސަލާހްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ސްރީލަންކާއަށް ގެންދިއުމަށް ސްރީލަންކާ ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށެވެ.

ޝަހީދު ވިދާޅުވީ މިހާރު މާލެއައިސްފައިވާ ދެބޭފުޅުންނަކީ ވެސް އެކަމުގެ ދެމާހިރުން ކަމަށާ އެއީ ސީދާ ސްރީލަންކާ ސަރުކާރުން ހަމަޖައްސާދީފައިވާ ދެމީހުން ކަމަށެވެ.

” އެއީ ބޭރުގެ އަމިއްލަ އެންޖީއޯ އަކުން އައިސްގެން އުޅޭ ބައެއް ނޫން. އެއީ ރާއްޖޭގެ ހެލްތް މިނިސްޓްރީގެ އެދުމުގެ މަތިން ސިލޯނުގެ ހެލުތު މިނިސްޓްރީން ކޮންދެއްވި ކަމެއް.“ ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ ރާއްޖޭގައި ކުރިއަސް އަދި ލަންކާގައި ކުރިއަސް އެކަމަށް ފުލުހުން ނުފޫޒު ނުފޯރުވާނެ ކަމަށާ ރާއްޖޭގައި ކުރިއަސް އެކަން ކުރިއަށް ދާނީ ލަންކާ ސަރުކާރުގެ ބެލުމުގެ ދަށުން ކަމަށެވެ. ޕޯސްޓްމޯޓަމް ހަދާއިރު ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނާއި އާއިލާއިން ފަންނީ މީހަކަށް ހުރުމުގެ ފުރުސަތު ސަރުކާރުން ދެއްވާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ. ޝަހީދު ވިދާޅުވީ ރާއްޖޭގައި ކުރިއަށް ނުގެންދެވުނީ އާއިލާއިން އެއްބަސް ނުވުމުން ކަމަށާ އެމީހުން މައްސަލައެއްގެ ގޮތުގައި ނަގަނީ ރާއްޖޭގައި ކަމާއި ގުޅޭ އާލާތްތައް ނެތުން ކަމަށެވެ.

ޝަހީދު ވިދާޅުވީ ބޭރުގައުމުތަކުގައިވެސް ޕޯސްޓްމޯޓަމް ހަދާއިރު ކޮންމެ ހެން އާއިލާގެ ބަހެއް ހޯދަން ނުޖެހޭ ކަމަށެވެ.

” އަޅުގަނޑު މިދަންނަވަނީ މިމައްސަލައިގެ ވާހަކަ އެއް ނޫން. ބައެއް ފަހަރުތަކުގައި އާއިލާއިން ވެސް އެބަހުރޭ މަރާލާފައި. ހަގީގަތުގައި މިއީ ސަރުކާރުގެ ޒިންމާއެއް.“ ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ މިމައްސަލަ ފޮރުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ.

”އެއްވެސް ވަރަކަށް މިކަން ފޮރުވަން މަސައްކަތްކޮށްފައެއް ނުވާނެ. ޕޯސްޓްމޯޓަމް އަކީ ރާއްޖޭގައި ހަދާ ޓެސްޓެއްވެސް ނޫން. އެކަމު ސަރުކާރުން ނިންމެވީ ހަދަން“ ޝަހީދު ވިދާޅުވި އެވެ. ޝަހީދު ވިދާޅުވީ މިމައްސަލައިގެ ތެރެއަށް ސިޔާސީ ކުލަޖެއްސުމަށް މަސައްކަތް ކޮށްފައިވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

” މިސާލަކަށް ދިވެހި ސަރުކާރަށް އެބޭފުޅުން އިތުބާރު ނެތް ނަމަވެސް. މިކަން މިކުރަނީ އެހެން ގައުމެއް ސަރުކާރުން.“ ޝަހީދު ވިދާޅުވި އެވެ.

ޞަލާހުގެ އާއިލީ ވަކީލު ހުސްނުއްސުޢޫދު ވިދާޅުވީ ދާދި ދެންމެއަކު )ހަވީރު 15:5 ހާކަށްހާއިރު( ފުލުސް އޮފީހަށް ގެންގޮސް އެކަން ރަސްމީކޮށް އަންގަވައިފި ކަމަށެވެ.

”މިހާރު އާއިލާއާ ހަވާލުކޮށްފި ލަންކާއަށް ގެންގޮސްގެން ޕޯސްޓް މޯޓަމް ހެދުމަށް. ފުލުހުން ވިދާޅުވީ ފުރުމުގެ ކަންތައްތައް ހަމަޖައްސަވާފައި އަވަހަށް އެންގެވުމަށް“ ސުއޫދު ވިދާޅުވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv