
އެންޓިކެމްޕޭނަކީ ބަޔަކު ކުރަމުންދާ ކެމްޕޭނު ފެއިލް ކޮށްލުމަށް އިދިކޮޅު މީހުން ރާވާ ރޭވުންތަކާ އެއްގޮތަށް ކުރެވެމުންދާ ކެމްޕޭނެވެ. މިފަދަ ކެމްޕޭނުން ގިނަ ފަހަރަށް ނަތީޖާ ބަދަލުކޮށްލުމަށް ފުރުޞަތު ލިބޭއިރު ހީނުކުރާކަހަލަ ނަތީޖާވެސް ނުކުންނަތަން އާދެއެވެ.
މިއަދު ދިވެހިން ތައްޔާރު ވަމުންދާ ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ކަނޑައެޅުމަށް ނަގާވޯޓްގެ ވަގުތު ކައިރިވަމުން އަންނަ އިރު އެންޓި ކެމްޕޭނުގެ ބޮޑެތި ރޭވުންތައް ދެނިޒާމަށް ތާއީދު ކުރާމީހުންވެސް ދަނީ ރާވަމުން ނެވެ. ހަމަ މިއާއެކު ނިޒާމްގައި ހުރި ގޯސްކަންކަން ބުނެދިނުމަކީވެސް ނެތްކަމެއް ނޫނެވެ.
ދިވެހިންނަށް އާ ދެނިޒާމަށް ވޯޓްލުމަށް ތައްޔާރު ވަމުންދާއިރު އޮޅުވާލުމާއި މަކަރާއި ހީލަތުން ފުރިގެންވާ ގޮތަކަށް ދިވެހިންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ އަދުގެ ހާލަތަށް ބަލާއިރު ވަރަށް ހިތާމަވެރި ކަމެކެވެ.
ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ރަނގަޅު ސިފަތަކާއި ގޯސްސިފަތައް އެބަހުއްޓެވެ. ބަލައިގަންނަން ޖެހޭ ސިފަތަކާއި ބަލައިގަތުމުން އަޅުގަނޑުމެންގެ މާހައުލަށް ގެއްލުންވާނެ ކަހަލަ ސިފަތައް އެބަހުއްޓެވެ. ނިޒާމީ ކެމްޕޭނުގައި ރައްޔިތުންނަށް އެނގެންވީ މިސިފަތަކެވެ.
މާލެތެރޭ ހަރުކޮށް އަދި ދަމާފައި ހުންނަ ފޮތިގަނޑުތަކަށް ބަލާއިރު ތަފާތު އެކިކަހަލަ ލިޔުންތައް ލިޔެފައި ހުއްޓާ ފެނެއެވެ. އެފޮތިގަނޑުތަކުގެ ބޭނުމަކަށް ވާންވާނީ ރައްޔިތުން ހޭލުންތެރި ކުރުވުމެވެ. ރައްޔިތުންނާ ހަމައަށް ހަގީގީ މައުލޫމާތު ފޯރުކޮށްދިނުމެވެ. އެހެންކަމުން, ބަހާ ލީފްލެޓާއި ކަރުދާސްތަކާއި ޕޯސްޓަރުތައްވެސް ‘އިދިކީލި’ ކަމާ ނުލާ ހުރުމަކީ ރައްޔިތުންނަށް ނުވަތަ އެބަލާ ލިބިގަންނަ މީހަކަށް ހަޖަމްކުރަން ފަސޭހަވާނެ ކަމެކެވެ.
ނިޒާމް ކަނޑައެޅުމަށް ނަގާވޯޓަކީ ދިވެހިންގެ މުސްތަގުބަލަށް ޓަކާ ނިންމާ ވަރަށް ބޮޑު ނިންމުމެކެވެ. ފަހަރެއްގައިވެސް އެއީ މައުމޫނު ވެރިކަމުން ވައްޓާލުމަށް ބޭނުންކުރަން އޮތް ހަތިޔާރެއް ނޫނެވެ. އަދި އެމްޑީޕީން ވެރިކަމަށް އެރުމަށް އޮތް ފާލަމެއްވެސް ނޫނެވެ. ރައްޔިތުން ވޯޓް ލާންވީ އެމީހަކަށް ފެންނަ ރަނގަޅު ނިޒާމަކަށެވެ. އެވޯޓް ދޭންވީ ޕާޓީއަކަށް ނޫނެވެ. އެމްޑީޕީންނާއި ޑީއާރްޕީން އަދި އެހެނިހެން ޕާޓީތަކުން ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ކުޅެން މަސައްކަތް ކުރާއިރު ރައްޔިތުން ހޭލާތިބުމަކީ ކުރަންޖެހޭ ކަމެކެވެ. ކޮންމެ ޕާޓީއަކުންވެސް ދޭނީ މައުލޫމާތެވެ. އެމައުލޫމާތުގެ އަލީގައި ފެންނަ ގޮތް ކަނޑައަޅާ ވޯޓް ލާންވީ އެންމެ ރަނގަޅު ނިޒާމަކަށެވެ. މިއަދު ކަނޑައަޅާ ނިޒާމް ކަމުނުގޮސްގެން މާދަމާ އެނިޒާމް ބަދަލުކުރަން ޖެހުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން އެންޓި ކެމްޕޭނު ކުރުމާއި ދެ ނިޒާމުގައި ހުރި ގޯސްވާހަކަތައް ބުނެދިނުމަކީ އެކައްޗެއްކަމަށް ހެދުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް އެއީ މުޅިން ދޭއްޗެކެވެ. ކެމްޕޭނު ކުރާއިރު އެންޓި ކެމްޕޭނަކަށް ނިޒާމް ކަނޑައެޅުމަށް ނަގާވޯޓްގެ ކެމްޕެއިން ނުހަދާށެވެ. އެއިން ނުކުންނާނެ ނަތީޖާ ހިތިވެފައި ރަހަ ގަދަވާނެ އެވެ.