ވިކްޓަރީގެ ބާސްކެޓް ޓީމު ލަންކާގެ ކޯޗަކު ޓްރޭން ކުރަނީ

މުހައްމަދު ޝަނޫން އޭޕްރީލް 18 2007، 17:59 0 ޚިޔާލު

އަންނަމަހު ފަށާ އެމް ބީ އޭ ޗެމްޕިއަންޝިޕަށް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ބާސްކެޓް ޓީމު ޓްރޭން ކުރުމަށްޓަކާ ލަންކާގެ މަޝްހޫރު ކޯޗެއް ކަމަށްވާ ރާޖޫ ގެނެސްފި އެވެ.

ވިކްޓަރީގެ ކޯޗު ހަސަން އިސްމާއީލް ބުނީ މިމަހުގެ 11ން ފެށިގެން ރާޖޫ ކޮންމެ ދުވަހަކު ޓީމަށް ތަމްރީން ދެމުން ގެންދާ ކަމަށެވެ. ”އަހަރެން ކުޅުވަން ބޭނުންވާ ގޭމްގެ ސިސްޓަމަށް ރާޖޫ ޓްރޭން ކޮށްދެނީ. މިމަހުގެ 22 އާއި ހަމައަށް އޭނާ ބެހެއްޓޭތޯ މަސައްކަތް ކުރަމުން މިދަނީ“ ހަސަން ބުންޏެވެ. އޭނާ ބުނީ ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެތެރޭގައި ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށާއި އޭގެ ނަތީޖާ މުބާރާތުގައި ފެންނާނެ ކަމަށެވެ.

ފާއިތުވެދިޔަ 4 އަހަރު ވިކްޓަރީއަށް ކޯޗުކޮށްދީ ގިނަ ކާމިޔާބުތަކެއް ހޯދާދީފައިވާ ހަސަން ބުނީ ރާޖޫއަކީ ލަންކާގެ އެންމެ މޮޅު ކޯޗު ކަމަށެވެ. ”ޤައުމީ ޓީމުވެސް ބޭރު މުބާރާތަކަށްދަންޏާ ދާނީ ރާޖޫގެ ކޯޗުކަމުގައި. އަދި 19 އަހަރުންދަށުގެ ޓީމުގެ ކޯޗަކީވެސް ރާޖޫ. މީގެ އިތުރުން އެކި ޑިވިޝަންތަކުގައި މީނާ 8 ޓީމަކަށް ކޯޗުކޮށްދޭ. އެއިން ކޮންމެ ޓީމަކީވެސް އެ ޑިވިޝަނެއްގެ ޗެމްޕިއަނުން. އެހެންވެ މީނާގެ ފެންވަރާމެދު އެއްވެސް ސުވާލެއް އުފެދޭނެ ޖާގައެއް ނެތް“ ހަސަން ބުންޏެވެ.

ހަސަން ބުނީ ވިކްޓަރީ ޓީމަށް ރާޖޫ ގެނައުމުގެ މައިގަނޑު ބޭނުމަކީ ރިދަމް ބަދަލުކޮށްލުން ކަމަށެވެ. ”އަބަދު އެއްބަޔަކު އެކައްޗެއް ހައްދުވާ ހައްދުވާ ކުޅުންތެރިން ތިބެނީ އިތުރު ކަންތައްތަކަކަށް ބޭނުންވެފަ. އެހެންވެ ތަފާތު އެއްޗެހިތަކެއް ހެދުވުމުގެ ބޭނުމުގައި އޭނާ މި ގެނައީ“ ހަސަން ބުންޏެވެ.

މިދިޔައަހަރުގެ އެމް ބީ އޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ވިކްޓަރީގެ ޕްރެކްޓިހުގައި ކުރިން ކުޅުނު ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން ޒުވާން ކުޅުންތެރިންތަކެއްވެސް ދަނީ ބައިވެރިވަމުންނެވެ.

ވިކްޓަރީ ލަންކާ ކޯޗެއް ގެނެސްގެން ތަމްރީން ހަދަމުންދާއިރު ދަގްރޫޕުންދަނީ ލަންކާގައި މިމަހުގެ 10ން ފެށިގެން ތަމްރީން ހަދަމުންނެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv