
މަޖިލިސް މެމްބަރުން ޑރ. ޝަހީދަށް ރައްދު ދެއްވައިފި
ވޭތުވެދިޔަ 40 ށް އަހަރު ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވަނީ ޕާލްމެންޓް ފޭލްވެފައި އޮތީމާ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ކައުންސިލް މެމްބަރ އަދި މިނިސްޓްރީ އޮފް ފޮރިންއެފެއަރޒް ޑރ. އަހުމަދު ޝަހީދު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދެމެންބަރުން ކަމުގައިވާ މުހައްމަދު ޝިހާބާއި އިބްރާހީމް އިސްމާއީލް ރައްދު ދެއްވައިފި އެވެ.
ބުދަދުވަހު ޑީއާރުޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީދު ވިދާޅުވީ ދައުލަތުގެ އެންމެ ބޮޑު ބަލިފަޔަކީ ޕާލެމެންޓްކަމަށް ވެފައިވާއިރު ދައުލަތުގެ ބަލިފައިމައްޗަށް ހުރިހާ ބާރެއް ދޫކޮށްލުމަކީ އެބަލިކަން އިތުރުވެ އަޅުގަނޑުމެން ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ދިމާވެގެންދާނެ ކަމެއް ކަމަށެވެ.
ޝަހީދު ވިދާޅުވީ ޕާލެމެންޓް ފޭލްވަފައިވާ ކަމަށް ބުނާ ސަބަބީ ސަރުކާރުން ފޮނުވާ ކޮންމެ އެއްޗެއް އާނބަސް ބުނެފައި ނިންމާލާ ކަމަށް ރައްޔިތުން ޝަކުވާ ކުރާތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި 22 އަހަރު ވަންދެން މަސައްކަތް ކުރައްވާ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރ މުހައްމަދު ޝިހާބު ވިދާޅުވީ ޑރ ޝަހީދު އެހެން ވިދާޅުވިނަމަ އެވިދާޅުވަނީ މައުމޫނު ފޭލްވި ވާހަކައާއި މައުމޫނުގެ ސަރުކާރު ފޭލްވީ ވާހަކަ ކަމަށެވެ.
”މި 28 އަހަރުގެ ތެރޭގައި އަބަދުވެސް ރައްޔިތުންގެ މަޖިލީހުގައި އޮތީ މައުމޫނު އައްޔަން ކުރާ ބަޔަކާއި ސަރުކާރުން ހޮވާ ބަޔަކު ލައިގެން މައުމޫނުގެ މެޖޯރިޓީ އޮތް މަޖިލީހެއް. އެމަޖިލީސް ފޭލްވެފައި އޮތުމަކީ މައުމޫނާއި މައުމޫނުގެ ސަރުކާރު ފޭލްވުން. އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްޤުތައް ނުލިބި އޮތިއްޔާ ނުލިބި އޮންނާނީ މައުމޫނުގެ ސަބަބުން.“ ޝިހާބު ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އާއްމުގޮތެއްގައި އިންޑިޕެންޑެންޓް މެންބަރުން ހުށަހަޅާބިލަށްވުރެ ގިނައިން ފާސްވާނީ ސަރުކާރުން ހުށަހަޅާ ބިލްތައް ކަމަށާއި ސަރުކާރުން ރަނގަޅު ބިލްތަކެއް ހުށަހަޅުއްވަން ޖެހޭ ކަމަށެވެ. ”ރައްޔިތުންނަށް ބޭނުންވާ ރަނގަޅު ޤާނޫން ތަކަކާއި ރަނގަޅު ބިލްތަކެއް ފާސްނުވެ އޮތިއްޔާ އެއޮތީ މައުމޫނުގެ ސަރުކާރުން އެބިލްތައް ހުށަ ނޭޅުމުން“ ޝިހާބު ވިދާޅުވި އެވެ. އަމިއްލަ މެންބަރުންގެ ތެރެއިން މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ބިލް ހުށަހެޅުއްވި އަދި އެންމެ ގިނަ މައްސަލަތައް ހުށަހަޅުއްވަމުން ގެންދަވާ އެއްމެންބަރ ކަމުގައިވާ މާލޭ މެންބަރ އިބްރާހީމް އިސްމައީލް ވިދާޅުވީ ޑރ ޝަހީދު އެހެން ވިދާޅުވާއިރު އެވިސްނަވަނީ އިސްތަށިފުޅުގައި އިން ސިކުނޑިއަކުންތޯ ނުވަތަ ފުންނާބުގައި އިން ސިކުނޑިއަކުންތޯ ހިތަށް އަރާ ކަމަށެވެ.
އިބުރާ ވިދާޅުވީ މިހާރު އޮތް މަޖިލީހުގައިވެސް ތިއްބެވީ ސަރުކާރުގެ ވަޒީރުންނާއި ވަޒީރުންގެ ނައިބުންނާ ޑިރެކްޓަރުން އަދިވެސް ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.
”ޑރ ޝަހީދަށް އެނގިވަޑައިގަންނަވަން ޖެހެނެ. މަޖިލިސް ފޭލްކުރީ ދިވެހިސަރުކާރުންކަން. މައުމޫނުކަން. ރިޔާސަތަށް ލަނީ މެންބަރުންގެ ކަރުގައި ހިފާނެ މީހުންކަން. ކަންކަން ކުރިއަ ނުދީ ވައިނޮޅީގައި ހިފަހައްޓައިގެން ތިބޭ ވަރުގެ މީހުންކަން. ކުރިންވެސް އޮތީ އެގޮތަށް މިހާރުވެސް އޮތީ އެގޮތަށް“ އިބުރާ ވިދާޅުވިއެވެ.
އިބުރާ ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ނުލިބި އޮތީ ހަމައެކަނި މަޖިލިސް ފޭލްކޮށްލައިގެނެއްވެސް ނޫން ކަމަށެވެ.
” ޤާނޫނީގޮތުން ލިބިދޭ ހައްޤުތަކައި ޝަރުއީ ކޯޓުތަކުގެ ވައިނޮޅިއަށްވެސް މައުމޫނުގެ ފައިންޕުޅު އަރުއްވައިގެން އެހުންނަވަނީ“ އިބުރާ ވިދާޅުވިއެވެ.
އިބުރާ ވިދާޅުވީ ސިޔާސީ ތަސައްރަފް ނުފުދޭ މީހަކު ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމަށް މައުމޫނު ލައްވައިގެން އުޅުއްވާތީ ހައިރާންވާ ކަމަށެވެ.
”މިހާރު އެނގިއްޖެ ބޭރު ދުނިޔޭގައި ރާއްޖެ ފޭލްވަމުން ދަނީ ކީއްވެގެންކަން. ސިޔާސީ ގޮތުން ތަނެއް ދޮރެއް ނުދަންނަ އެއްވެސް އުރައްޕަތެއް ނެތް މީހަކު ފޮރިންމިނިސްޓަރަށް ލައިފައި ހުރީމާކަން“ އިބުރާ ވިދާޅުވިއެވެ.
އިބުރާ ވިދާޅުވީ އެންމެފަހުންވެސް އޭނާ ހުށަހެޅުއްވި ދައުލަތް ފިޔަވާ އެހެން ފަރާތްތަކަށް ޖިނާއީ ކުށްކުށުގެ ދައުވާ ހުށަހެޅުމުގެ ބިލް ބަލައިގަނެ ކޮމެޓީއަކަށްގޮސް ފާސްވާން ކައިރިވެފައި އޮއްވާ ޑރ ޝަހީދާއި އޭނާ އެނިސްބަތްވާ ނިއުމޯލްޑިވްސްއިން ޑީއާރުޕީއަށް ހުށަހަޅައިގެން އެބިލް ފޭލްކޮށްލާފައިވާ ކަމަށެވެ.
-
ހޮނިހިރު، ޖުލައި 28 2007، 11:29
ރިޔާސީ ނިޒާމްގައި ވެރިކަން ކުރެވޭނެ މުއްދަތުވެސް ކަނޑައަޅަން މައުމޫނުވަނީ ބިލެއް ހުށަހަޅުއްވާފައި! އެކަމަކު ބަޚުސައް ހުށަހަޅާއިރު މަޖްލީސްކުރާގެއިން ފެންނަނީ ރައީސްގެ މެންބަރުންގެ ތެރެއިން ވަރަށް މަދުބަޔެއް!ޑރ ޝަހީދު އެބުނުއްވަނީ ވަރަށް ރަގަޅުވާހަކައެއް! ނޭގުމެއްގެ ތެރޭގައިވެސް އެބުނެވެނީ މައުމޫނޭ ރައްޔިތުންގެ ޚައްޤުތަށް ގެއްލުވާލީ!.މިހާރު ނަގަން މިއުޅޭ ދެނިޒާމާ ބެހޭވޯޓް ރިޔާސީ ކޮޅަށް ބުރަވެއްޖެނަމަ މިޤައުމު އެކެއްގެ އަތްމައްޗައް މިހާރުހެން ދިޔައީ! ދެންބޭނުންވާހާ ދުވަހަކު ބޭނުންވާހާކަމެއް ކޮއްލަކޮއްލާ ވެރިކަމުގައި ހުންނަންވީ! މިހާރުހެން ރައްޔިތުންގެ އެއްވެސްބާރެއް ނޯންނާނެ!!!