ސަލާހްގެ މަރާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންކާރު ކުރައްވައިފި

އަހުމަދު މުހުސިން އޭޕްރީލް 17 2007، 20:11 0 ޚިޔާލު

ސ.ހިތަދޫ ނާޒުކީގޭ ޙުސައިން ޞަލާޙްގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅު މެންބަރ މުހައްމަދު އަސްލަމް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާއަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވި މައްސަލަ ބައްލަވައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޙުމަދު ޒާހިރު އިންކާރު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 8:40 ގައި ކުއްލި މައްސަލައެއްގެ ގޮތުގައި އަސްލަމް ހުށަހެޅުއްވި ހުށަހެޅުމުގައި ވަނީ ” އައްޑު އަތޮޅު ހިތަދޫ ނާޒުކީގޭ ހުސައިން ޞަލާޙު ބޮޑެތި ޒަޚަމްތަކަކާއި އެކު މަރުވެފައި އޮއްވާ މާލޭ ދެކުނު ފަރާތު ފަޅުތެރެއިން ފެނުނު މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 70 ވަނަ މާއްދާގެ)ހ(ގެ ދަށުން, ރައްޔިތުންގެ މަޖިލީހުގެ މިއަދު )17 އޭޕްރީލް 2007ދުވަހު(ގެ ޖަލްސާއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 75 ވަނަ މާއްދާގެ )ހ( ގެ ދަށުން ނޯޓިސް އަރުވަމެވެ.

މިމައްސަލައަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމަށް ބެލެވޭ މީހަކު ބޮޑެތި އަނިޔާތަކާއި އެކު މަރުވެފައިވާ މައްސަލައަކަށް ވެފައި, މިމައްސަލާގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުންނާއި ދެމުން ގެންދާ މައުލޫމާތުން އެފަރާތުން ހިންގާފައިވާ އަމަލުތަކެއް ފޮރުވުމަށް މަސައްކަތް ކުރަމުން ގެންދާ މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭތީވެ މިކަމުގެ ސަބަބުން ގައުމީ މަސްލަހަތު ގެއްލެމުން ދާތީއާ އަދި އޭނާގެ މޫނު ދުށުމަށް ދިޔަ މީހުންނާމެދު ފުލުހުން އަމަލުކުރި ގޮތާ އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުވެ އާއްމު މަސްލަހަތު ގެއްލި މިހާދިސާ މިނިވަން ކަމާއެކު މިނިވަން ފަރާތަކުން ތަހުގީގް ކުރުމަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ބެލެވޭތީވެ, މިކަމާމެދު މަޖިލީހުގައި ބަހުސް ކުރުމަށް ހުށަހެޅި މައްސަލައެކެވެ.“ މިހެންނެވެ.

މިއަދުގެ ޖަލްސާގައި ސުވާލުގެ ވަގުތަށްފަހު ދެން އޮތް އެޖެންޑާއަށް ކުރިއަށް ގެންދަވަން ފެއްޓެވުމުން ނިޒާމީ ނުކުތާއެއް ނަންގަވައިގެން އަސްލަމް ވިދާޅުވީ ކުއްލިމައްސަލައެއް ހުށަހަޅާފައިވާނޭ ކަމަށާއި މަޖިލީހުގެ ޤަވާއިދު ބުނާގޮތުން އެހެންކަމެއް ދެން ކުރިއަށް ގެންދެވޭނީ އެމައްސަލައަށް ގޮތެއް ނިންމެވުމަށް ފަހުގައި ކަމަށެވެ.

ޖަވާބުގައި ރިޔާސަތުން ވިދާޅުވީ މައްސަލަ ލިބިފައިވާ ކަމަށާއި ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅޭ އުސޫލުތަކެއް އޮންނަ ކަމަށެވެ. އަދި އެމައްސަލައިގެ ޖަވާބު ސިޓީއަކުން އަސްލަމަށް އަރުވާނެ ކަމަށެވެ.

އޭގެ ފަހުން ފ.އަތޮޅު މެންބަރ އަހުމަދު ހަމްޒާ, މަޖިލީހުގެ ޤަވައިދުގައި ކުއްލި މައްސަލަ ހުށަހެޅޭގޮތާބެހޭ މާއްދާ ވިދާޅުވެ ޖަލްސާ ކުރިއަށް ގެންދަވަނީ އެޤަވާއިދާ ޚިލާފަށް ކަމުގައި ވިދާޅުވި އެވެ.

”ތިޔައީ ތިޔަ މެންބަރަށް ފެނިވަޑައިގަންނަވާގޮތް. އަޅުގަނޑު ދެންނެވީ ޤަވާއިދުން އަޅުގަނޑަށް ފެންނަގޮތް“ ހަމްޒާގެ ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ދެންވެސް ނިޒާމީ ނުކުތާއެއް ނަންގަވާ މެންބަރެއްގެ ހައިސިއްޔަތުން ލިބިދޭ ޙައްޤަށް ރިޔާސަތުން ހުރަސް އަޅުއްވަނީ ކޮން ޤަވާއިދެއްގެ ދަށުންތޯ އަސްލަމް ސުވާލުކުރެއްވި އެވެ.

ޖަވާބުގައި ރިޔާސަތުން ވިދާޅުވީ އިތުރަށް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ ސިޓީއަކުން ހުށަހެޅުއްވުމުން ޖަވާބު ދެއްވާނެ ކަމަށެވެ.

އެއާއެކު ލ އަތޮޅު މެންބަރ މޫސާމަނިކު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ރާއްޖޭގެ ޤައުމީ ސަލާމަތާ ބެހޭ މައްސަލަތައް މެންބަރުން ހުށަހެޅުމުން ބައްލަވަން ޖެހޭނެ ކަމަށާއި މީގެ ކުރީގައިވެސް ބައްލަވާފައި އެބަހުރި ކަމަށެވެ. ޖަވާބުގައި ރިޔާސަތުން ވިދާޅުވީ ޖަވާބު އެރުވިފައިވާ ކަމަކާ ބެހޭގޮތުން އިތުރަކަށް ފުރުސަތެއް ނޭރުވޭނެ ކަމަށާއި އިށީނދެ ވަޑައިގަތުމަށެވެ. މޫސަ ވިދާޅުވީ މަޖިލިސް ޤަވާއިދާ ޚިލާފަށް ގެންދަވާ ކަމަށާއި ރައްޔިތުންގެ ޙައްޤުތަކާ ދޭތެރޭ ކަންތައްތައް ކުރައްވާގޮތުން މަޖިލިސް ދޫކުރައްވާނެ ކަމަށް ވިދާޅުވެ ނިކުމެވަޑައިގަތެވެ. އެއާއެކު ޖަލްސާ ކުރިއަށް ގެންދަވަނީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށް ވިދާޅުވެ އަސްލަމްވެސް ޖަލްސާ ދޫކުރައްވާ ނިކުމެ ވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 70 ވަނަ މައްދާގެ )ހ( ގައި ބުނަނީ ”ޖަލްސާއެއް ހިނގަމުންދަނިކޮށް ޖަލްސާއެއްގެ އެޖެންޑާއެއްގައި ވާ ކަންތައްތައް ހުއްޓުމަކަށް ގެނެސް ރައްޔިތުންގެ ނުވަތަ ގައުމުގެ މައްސަލަހަތު ހިމެނިގެންވާ މުހިއްމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ޖަލްސާއަކަށް ހުށައެޅުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށް ވެސް ލިބިގެން ވެއެވެ. އެ މާއްދާގެ )ށ( ގައި ބުނަނީ ހ. ގެ ދަށުން ހުށައެޅޭ ކުއްލި މައްސަލައަކީ ރައްޔިތުން ގެ ނުވަތަ ގައުމުގެ މަސްހަލަތަށް ސީދާ އަސަރު ކުރާފަދަ ބޮޑުކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމާއެކު ސަރުކާރުން އެކަމާއިމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން އަދި މައްސަލަ ހުށައެޅުމަށް މިގަވައިދުގައި އޮންނަ އުސޫލުން ހުށައަޅައިފި ނަމަ އެކަމުގެ މުއާމަލާތް ކެޑިދާނެތީ ނުވަތަ ވަގުތު ފާއިތުވެދާނެތީ ހުށައަޅާ މައްސަލަ އެކެވެ.

71 ވަނަ މާއްދާގެ )ހ( ގައި ބުނަނީ ކުއްލިމައްސަލަ އެއް ހުށައެޅުމަށް ބޭނުންވާ ކޮންމެ މެމްބަރަކު އެމައްސަލަ އެއް ހުށައެޅުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ދިނުމުން އެމައްސަލަ އަނގަބަހުން ހުށައަޅާނީ އެވެ.)ށ( ގައި ބުނަނީ ކުއްލިމައްސަލަ އެއް ހުށަހެޅިއްޖެ ނަމަ އެމައްސަލަ އާމެދު ބަހުސް ކުރުމަށް ފެނޭތޯ މަޖިލީހުގައި ވޯޓެއް ނަގަން ވާނެ އެވެ. އެވޯޓް ނަގާނީ ބަހުސަކާއި އެކުގައެވެ. މިގޮތުން ނަގާ ވޯޓްގައި މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީ އެމައްސަލަ އާއި މެދު ބަހުސް ކުރުމަށް ކަމަށް ވާނަމަ އެދުވަހުގެ އެޖެންޑާގައިވާ ކަންކަމުގެ ތެރެއިން އާދައިގެ މަތިން ހިނގާ ކަންކަން ފިޔަވައި ޖަލްސާގެ އެޖެންޑާ ހުއްޓުމަކަށް ގެނެސް, އެމައްސަލައަކާ މެދު ބަހުސް ހުޅުވާލާނީ އެވެ.“ މިހެންނެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވި ސޮލާހުގެ މައްސަލަ ބައްލަވައި ނުގަތުމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އަހުމަދު ޒާހިރުގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެމައްސަލައަކީ ފުލުހުންނާ ގުޅުން ހުރި ކަމަކަށް ވެފައި މަޖިލީހުގެ ނައިބު ރައީސަކީ ހޯމްމިނިސްޓަރ އަހުމަދު ތަސްމީން ކަމަށް ވާތީ އެމައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންފުޅު ނުވީކަމަށް ޝައްކުކުރައްވާ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv