
ވާރޭގައި ކުޅެ ބަނޑޮސް ޗެމްޕިއަންކަން ހޯދައިފި
ރިސޯޓް ވޮލީ މުބާރާތުގެ އެންމެ ފަހު 3 އަހަރުގެވެސް ޗެމްޕިއަން ރީތިރަށް ބަލިކޮށް ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާރގެ ޓީމު ޒޯން 1ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އިއްޔެ ހަވީރު ބަނޑޮސް އައިލެންޑް ރިސޯޓްގައި ފައިނަލު މެޗު ކުޅެން ފެށީ ކަނޑައަޅާފައި އޮތް ވަގުތަށްވުރެ 30 މިނެޓް ފަހުންނެވެ. އެއީ ވިއްސާރަވުމުގެ ސަބަބުންނެވެ. ނަމަވެސް މެޗު ކުޅެން ފެށީވެސް ވިއްސާރައިގައެވެ. އަދި މެޗު ނިމުމަކާ ހަމައަށް ދަންދެންވެސް މެދުނުކެނޑި ވާރޭ ވެހެމުން ދިޔައެވެ. އެއްވެސް ޓީމަކުން މެޗު ނުކުޅެން ބޭނުންނުވީ ދެޓީމުންވެސް ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެފައިވުމުންނެވެ. ޚާއްސަކޮށް ރީތިރަށުން ގިނަ އަދަދެއްގެ ސަޕޯޓަރުން ތަރުހީބު ދިނުމަށް ބަނޑޮހަށް އައިސް ތިއްބެވެ.
ސީދާ 3 ސެޓުން ބަނޑޮސް މޮޅުވި ނަމަވެސް މެޗު ފެށިގެން ރީތިރަށުން ބަނޑޮހުގެ މައްޗަށް ވެރިވެ ގަތެވެ. ރަނގަޅު ކުޅުމެއް ދައްކަމުން ގޮސް 7 ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް ނަތީޖާ ކައިރި ކުރަމުން ގޮސް ރީތިރަށް 23 ހޯދިއިރު ބަނޑޮސް އޮތީ 20 ގައެވެ. އެހިސާބުން ރީތިރަށް ސެޓް ހޯދާފާނެ ކަމަށް ބެލެވުނު ނަމަވެސް ފަހަތުން އަރާ ބަނޑޮސް އެއްވަރުކޮށް 23-25ން ސެޓް ހޯދިއެވެ.
ދެވަނަ ސެޓްގައި ހަމަހަމަ ކުޅުމެއް ދައްކަމުން ގޮސް ބަނޑޮސް ލީޑް ކުރިއެވެ. އެހެން ނަމަވެސް އެންމެ ތަންކޮޅެއްވެސް ދޫނުކޮށް ރީތިރަށުން ހިފެހެއްޓިއެވެ. މިސެޓްވެސް ބަނޑޮސް ހޯދީ ރީތިރަށަށް 23 ދީފައެވެ.
ތިންވަނަ ސެޓާ ކުރިމަތިލީއިރު ރީތިރަށުގެ ޓީމު އޮތީ ރޫޅިފައެވެ. މެދުނުކެނޑި ޓީމަށް ތަރުހީބު ދެމުން ދިޔަ ސަޕޯޓަރުންގެ އަޑުވެސް ވަނީ ކެނޑިގެން ގޮސްފައެވެ. ނަތީޖާއަކަށްވެގެން ދިޔައީ ބޭނުން ގޮތަކަށް ކުޅެން ބަނޑޮހަށް ފުރުސަތު ލިބިގެން ދިޔުމެވެ. މިސެޓް ބަނޑޮސް ހޯދާ ޗެމްޕިއަންކަން ހޯދީ ރީތިރަށަށް 8 ޕޮއިންޓް ދީފައެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ ހުސައިން ސަލާހެވެ.
ފައިނަލު މެޗު ނިމުމުން ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް އިނާމު ދެއްވީ ޝަރަފުވެރި މެހެމާން ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ މައުސޫމެވެ. ޒޯންގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވުނީ ބަނޑޮހުގެ އިސްމާއީލް ފަޒީލާއި މުޙައްމަދު ފަތީނާއި ރީތިރަށުގެ މުޙައްމަދު އަބްދުއްރަހީމާއި އަބްދުއްޝަހީދު މުޙައްމަދާއި ކްލަބް މެޑްގެ ނިޒާރު އިބްރާހީމާއި މުޙައްމަދު ރިޟްވާނާއި ފޯރސީޒަންގެ އަހްމަދު ނަސީމެވެ. ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ހޮވުނީ ބަނޑޮހުގެ ކޯޗު އިސްމާއީލް ރިފާއު(ޗިޗޫ) އެވެ. މިދެޓީމު އިއްޔެ ކުޅުނު މެޗުން ރީތިރަށް ބަލިވި ނަމަވެސް ދެވަނަބުރުގައި މިދެޓީމު ބައްދަލުކުރި މެޗުން 1-3 ސެޓުން ކާމިޔާބު ހޯދީ ރީތިރަށެވެ. އެއީ މުބާރާތުގައި ބަނޑޮސް ބަލިވި ހަމައެކަނި މެޗަކީވެސް އެއީ އެވެ.