
ރައްޔިތުންގެ ނިންމުން ބަރުމަލާނީ ކޮޅަށް ބުރަވެއްޖެނަމަ މައުމޫނު ފޭލްވީއެވެ.
ރާއްޖެއަށް އެންމެ ކަމުދަނީ ކޮންކަހަލަ ނިޒާމެއްކަން ކަނޑައެޅުމަށް އާއްމު ރައްޔިތުން ވޯޓްލުމަށް ކަނޑައެޅިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ. އެދުވަހަކީ ވަރަށް ތާރީޚީ ދުވަހަކަށް ވާނެ ދުވަހެކެވެ. ސަބަބަކީ މީގެ ކުރިން ވޯޓް ލުމުގެ ހައްގު ލިބިފައިނެތް އެތައްބަޔަކަށް ވޯޓް ލުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ. އަދި ރާއްޖޭގައި ބާއްވަން ބޭނުމީ ރަސްކަންތޯ ނުވަތަ ޖުމްހޫރިއްޔަތު ތޯ ބެލުމަށް ނެގުނު ވޯޓް ކަހަލަ ވޯޓެއް ނެގުމަށް ފުރުޞަތު ރައްޔިތުންނަށް ލިބިގެން ދިއުމެވެ. މިފުރުޞަތު ރައްޔިތުންނަށް ލިބިގެން ދިޔައިރު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެޕާޓީން ކިޔަމުން ދަނީ ދޭއްޗެކެވެ. ޑީއާރްޕީން ބުނަމުން ދަނީ ރާއްޖެއަށް އެންމެ ކަމުދާނީ ރިޔާސީ ނިޒާމު ކަމަށެވެ. އެމްޑީޕީން ބުނަނީ މިއޮތް ހުރިހާ ދުވަހުވެސް ވެރިކަން ކުރަމުން އައީ އެނިޒާމުގެ ދަށުން ކަމަށާއި ވީކަމެއް ނެތް ކަމަށެވެ. ދެނިޒާމުގެ ވާހަކަ ދެކޮޅަށްވެސް ދެއްކިދާނެ އެވެ. ދެނިޒާމަކީވެސް ކާމިޔާބާއި ނާކާމިޔާބު ކުރިމަތިވި ދެނިޒާމެވެ. ކޮންމެ ނިޒާމެއް ރާއްޖެއަށް އަޔަސް, ނުވަތަ ރައްޔިތުން ގެނަޔަސް, ބޭނުންވަނީ އިސްލާހީ ބަދަލުތަކެއް މިރާއްޖޭގެ ވެށީގައި ހަރުލެއްވުމެވެ. ސުލްހަމަސަލަސްކަންމަތީ ރާއްޖޭގެ ވެރިކަމާއި ސިޔާދަތު ދެމިއޮތުމެވެ.
މިވަގުތު ރާއްޖޭގައި ވެރިކަން ކުރަމުން ދަނީ ޑީއާރްޕީންކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ. އެޕާޓީ ވެރިކަން ކުރަނީ ރިޔާސީ ނިޒާމުގެ ދަށުން ނެވެ. އަދި ތާއީދު ކުރަނީވެސް ރިޔާސީ ނިޒާމަށެވެ. އެމްޑީޕީން މިއާ ދިމާ އިދުކޮޅެވެ. ކެމްޕޭނު ކުރަނީވެސް ޑީއާރްޕީއާ އިދިކޮޅަށެވެ. ޕާޓީގެ ރޫހާ އެއްކޮޅަށެވެ. ދެޕާޓީންވެސް އެބަޔަކަށް ކަމުދާ ނިޒާމް, ކޮނޑަށް ލައިގެން ރައްޔިތުންގެ ކުރިމައްޗަށް ނުކުންނައިރު, އަދި ތާއީދުހޯދުމަށް މަސައްކަތް ފަށާފައިވާއިރު ގަބޫލު ކުރަން ޖެހެނީ މިއީ ދެޕާޓީގެ ތާއީދު އޮތް މިންވަރު ކޮންމެވެސް ސިފައެއްގައި އެނގޭނެ ވޯޓެއް ކަމެވެ. ވޯޓާ ހަމައަށް ދާއިރު ތާއީދު ކުރާ ނިޒާމަށް ވޯޓް ލުމުގެ ބަދަލުގައި ވޯޓްލެވޭނީ ޕާޓީ އަށެވެ. މިއީ މިކަންތައް ހިނގާނެ ގޮތްކަމަށް ގަބޫލު ކުރެވޭ ގޮތެވެ. މިހާރުވެސް ކެމްޕޭނު ކުރެވެނީ އެގޮތަށެވެ. އެމްޑީޕީނަމަ ވޯޓް ލާންވީ ބަރުލަމާނީ ކޮޅަށެވެ. ޑީއާރްޕީނަމަ ރިޔާސީ ކޮޅަށެވެ. މިއީ ދެޕާތީގެވެސް ރޫޙް ހުރިގޮތެވެ.
މިރޫހުގައި ތިބެ ވޯޓާ ހަމަޔަށް ހިނގައްޖެނަމަ, ނުކުންނާނީ ހަމައެކަނި ވޯޓްގެ ނަތީޖާ އެއް ނޫނެވެ. ނަތީޖާ ޑީއާރްޕީން ތާއީދުކުރަމުންދާ ރިޔާސީ ނިޒާމްކޮޅަށް ބުރަވެއްޖެނަމަ މިވަގުތު ރާއްޖޭގައި ތާއީދު ބޮޑަށް އޮތީ މިވަގުތު ރައީސް ކަމުގައި ހުންނެވި މައުމޫނު އަބުދުލް ޤައްޔޫމަށްކަން ކަށަވަރުވީ އެވެ. މިއާ ޚިލާފަށް އެވޯޓްގެ ނަތީޖާ ބަރުލަމާނީ ކޮޅަށް ޖެހިއްޖެނަމަ އޭގެ މާނައަކީ މިވަގުތު ރާއްޖޭގައި ވެރިކަން ކުރަމުންދާ ޕާޓީއަށް ރައްޔިތުންގެ އިތުބާރު ލިބިފައި ނެތްކަމެވެ. އަދި އަދުގެ ޒައީމަށްއޮތް އިތުބާރު ގެއްލިފައިވާ ކަމެވެ. މިގޮތަށް ބުނަން ޖެހެނީ ދެޕާޓީން ނުކުމެ ވަރުގަދައަށް ކެމްޕޭނު ކުރަމުން ގެންދާތީ އެވެ. ދެޕާޓީންވެސް އެމީހުންނަށް ކަމުދާއެއްޗެއް ވިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ދާއިރު ގިނަ ރައްޔިތުން ގަންނަ އެއްޗަކީ ނަތީޖާކަމަށް ވުމުން އެނަތީޖާގައި ޕާޓީގެ ތާއިދު ނުހިމެނި ނުދާނެތީ އެވެ.
ފަހަރެއްގައި އެމްޑީޕީގައި ރިޔާސީ ނިޒާމަށް ވޯޓް ދޭނެ މީހަކު ހުރެދާނެ އެވެ. ނުވަތަ ޑީއާރްޕީގައި ބަރުލަމާނީ ނިޒާމަށް ވޯޓް ދޭނެ މީހަކުވެސް ހުރެދާނެ އެވެ. އެހެންވީމާ ނިޒާމު ކަނޑައެޅުމަށް ނެގޭ ވޯޓުން މައުމޫނު ސަރުކާރަށް ނުވަތަ އެމްޑީޕީއަށް އޮތް ތާއިދު އެނގިގެނެއް ނުދާނެ އެވެ. މިއީ އުފެއްދިދާނެ ޚިޔާލެކެވެ. ނަމަވެސް ގަބޫލު ކުރަންޖެހެނީ ކަންތައްތައް ދާ ރޫހުން, ނިޒާމްކަނޑައެޅުމަށް ނެގޭ ވޯޓަކީ ސީދާ ދެޕާޓީއާ ގުޅުންހުރި ވޯޓެއް ކަމެވެ. ދެޕާޓީގެ ދުވެލި އެނގިގެން ދާނެ ވޯޓެއް ކަމެކެވެ. މިނަތީޖާ, ރިޔާސީ ނިޒާމްކޮޅަށް ޖެހިއްޖެނަމަ 2008 ގައިވެސް ރާއްޖޭގެ ވެރިއަކަށް ހުންނަވާނީ މިހާރުގެ ވެސް ވެރިޔާކަމަށް ވުމީ ދުރުކަމެއް ނޫނެވެ. ނަމަވެސް ބަރުލަމާނީ ކޮޅަށް ބުރަވެއްޖެނަމަ މައުމޫނު ފޭލުވީކަމަށް ބުނެވިދާނެ އެވެ.