ޒަޚަމްތަކަކާއެކު މަރުވެފައި އޮތް މީހަކު މާލޭ ފަޅުތެރޭން ފެނިއްޖެ

އިސްމާއީލް ރަޝީދު އޭޕްރީލް 15 2007، 21:10 0 ޚިޔާލު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ހުކުރު ދުވަހުގެ ރޭ ދޫކޮށްލި ކަމަށް ބުނާ އައްޑު އަތޮޅު ހިތަދޫ ޒުވާނަކު މާލޭ ދެކުނު ފަރާތު ފަޅުތެރެއިން މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނިއްޖެ އެވެ.

މިއަދު އޭނާ ފެނުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ކާކުކަން ނޭނގޭ މީހަކު ފަޅުތެރެއިން ފެނިފައިވާކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ މީހަކީ ކާކުކަން ފިންގަ ޕްރިންޓުގެ އެހީގައި ދެނެގަނެވިފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި އެ މީހަކީ މި މަހުގެ ނުވަ ވަނަ ދުވަހު އައްޑު އަތޮޅުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްގެން މާލެ ގެނެސްފައިވާ ހިތަދޫ ނާޒުކީގެ ހުސައިން ސޮލާހު,27, ކަމަށް ވެސް ބުނެފަ އެވެ.

މިއަދު ހެނދުނު 45:7 ހާއިރު ސޮލާހު ފެނިފައިވަނީ އެ ހިސަބުގައި އުޅުނު ބަޔަކަށް ކަމަށާއި އޭނާ ފަޅުތެރެއިން ނެގީ ފެނުނުތާ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ފަހުން ކަމަށް އެ ތަނުގައި އުޅުނު މީހަކު ބުންޏެވެ.

ޖަޒީރާގެ ނޫސްވެރިން ސަހަރާ އަށް ގޮސް އޭނާ ބެލި އިރު ސޮލާހުގެ މޫނުމަތީގައި ގެއްލުންވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އޭރު އޭނާގެ މޫނުގައި ލޭ އައިސްފައި ހުއްޓެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ސަހަރާ އަށް ގޮސް ތިއްބެ އެވެ.

ސަހަރާގައި އުޅުނު ސޮލާހުގެ އާއިލާގެ މީހަކު ބުނީ މިއަދު ފެނުނުގެ ވަގުތެއްގައި ސޮލާހު މަރުވެފައި ވަނިކޮށް ފެނިއްޖެ ކަމަށް ކޮންމެ ވެސް ފަރާތަކުން އޭނާގެ މަންމަ އަށް ގުޅާފައި ބުނެފައިވާ ކަމަށެވެ.

”އޭނާ ދޫކޮށްލާ ވާހަކަ ސޮލާހުގެ މަންމަ އަށް ގުޅާފައި ބުނުމުން އޭނާ ބަންދުކުރި އިރު ހުރިތަނަށް ގެނެސްދޭށޭ. މާލޭގައިހުންނާނެ ތަނެއް ނުހުންނާނެއޭ ކިޔާ ވާހަކަ ދެއްކި ކަމަށް ބުނި. އޭގޭ ފަހުން ސޮލާހު އެއްވެސް މީހަކަށް ނުފެނި ހުއްޓާ މިއަދު މަރުވެފައި އޮއްވާ ފެނުނީ.“ ސޮލާހުގެ ބޮޑު ބޭބޭ މިއަދު ބުންޏެވެ.

ސަހަރާގައި ތިބި ގިބަ ބަޔަކު ވަނީ ސޮލާހަށް އަނިޔާކޮށްފައިވާކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސޮލާހު މަރާ ބެހޭގޮތުން އޭނާ ބެލި ޑޮކްޓަރުންގެ އެއްވެސް މައުލޫމާތެއް ވަނީ ނުލިބިފަ އެވެ.

ޑެޕިއުޓީ ޑިރެކްޓަރު މެޑިކަލް އެޑްމިނިސްޓްރޭޝަން ޑރ. އިބްރާހީމް ޔާސިރުގެ މޮބައިލާ ގުޅުމުން ވަނީ ފޯނު ބިޒީކޮށް ފޯނު ކަނޑާލާފަ އެވެ. ހޮސްޕިޓަލު ހިންގުމާ ހަވާލުވެ ހުންނެވި އަދި އެކްޓިން ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ސޯލިހުގެ މޮބައިލާ ގުޅައިގެން ވެސް ފޯނެއް ނުނަންގަވަ އެވެ.

ޑޮކްޓަރުންނާ ހާވާލާދީ ފުލުހުން ބުނެފައި ވަނީ ސޮލާހު މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ކިހިނެއްވެގެން ކަމެއް ނުބުނެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އަހުމަދު ސަލީމު މިއަދު ވިދާޅުވީ ސޮލާހަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސޮލާހު މަރުވެފައިވަނީ އަނިޔާކޮށްގެންތޯ ދެންނެވުމުން ސަލީމް ވިދާޅުވީ އޭނާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ނޯމަލް ޑެތެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ނަމަވެސް އެކަމަށް ބަހެއް ބުނާނީ ޑޮކްޓަރުން ކަމަށެވެ.

ސޮލާހު މަރުވުމާ ގުޅިގެން ސަހަރާ އަށް ގޮސް ތިބި އާންމުންނާ ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. ސްޓާ ޓީމުގެ ޔުނީފޯމް އަޅައިގެން އުޅުނު ފުލުހުންތަކެއް ވަނީ ސަހަރާގައި ތިބި އާންމުންނާ ކުރިމތިލާ ފައެވެ. އާސަހަރާ ދޮށަށް އެއްވެ ތިބި މީހުން އެސަރަހައްދުން ދުރަށްލުމުން އެކަމާ ހިތްހަމަ ނުޖެހިގެން ބައެއް މީހުން ފުލުހުންނާ ދިމާއަށް ގާއުކާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެއެވެ.

އާއްމުންގެ ތެރެއިން މީހަކު ފުލުހުންނާ ދިމާއަށް އެއްލި އެޅިގަލަކުން ފުލުހެއްގެ ބޮލުގައި ޖެހި ހޭނެތިގެން ވެއްޓޭ މަންޒަރު ޖަޒީރާ ރިޕޯޓަރަކަށް ވަނީ ފެނިފައެވެ. މީގެ އިތުރުން ދެފަހަރެއްގެ މަތިން ފުލުހުންނާ ދިމާއަށް ދެގާބުރި އައިތަން ޖަޒީރާގެ ރިޕޯޓަރުންނަށް ފެނިފައި ވެއެވެ. އަދި ކުޑަކުއްޖެއްގެ އަތުގައި ބިޑިއަޅުވައިގެން ގެންދާ މަންޒަރުވެސް ޖަޒީރާ ރިޕޯޓަރުންނަށް ވަނީ ފެނިފައެވެ.

އެއްވި މީހުން ހިތްހަމަ ނުޖެހި ނުރުހުން ފާޅުކުރަމުން ދިޔައިރު އަމީނީ މަގުން ޣިޔާޘުއްދީން ސްކޫލުން ފެށިގެން އީޕީއެސްއާ ހަމައަށް މީހުން އެއްވެފައި ތިއްބެވެ. އަދި އަމީނީ މަގާ ގުޅިފައިވާ ގޯޅިތަކަށް މީހުން ޖަމާވެފައި އޮތެވެ.

ނޫސް ޗާޕަށް ދިޔައިރު މަރުވި މީހާ ގެ ހަށިގަނޑު ވަނީ ގަލޮޅު ސަހަރާއަށް ގެންގޮސްފަ އެވެ. މިކަން ކޮށްފައިވަނީ ފުލުހުންގެ ބޮޑު ފައުޖެއް އެކަމުގައި ހަރަކާތްތެރި ވެގެން ނެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުން މަރުވިމީހާގެ މަރުގެ ހަގީގަތް ބެލުމަށްޓަކާ ބޭރުގެ ތަޖްރިބާކާރަކު ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން ނެވެ. އެހެންވެ އޭނާގެ ހަށިގަނޑު ވަނީ މޯޗަރީގައި ބާއްވާފަ އެވެ. ” މިހާރު އޭނާގެ ހަށިގަނޑުވަނީ މޯޗަރީގައި ބޭއްވިފައި. އޭނާގެ އާއިލާއިން ދަނީ މަރުގެ ހަގީގަތް ބެލުމަށް ބޭރުގެ ތަޖްރިބާކާރަކު ގެނައުމުގެ މަސައްކަތް ކުރަމުން“ ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅު މެމްބަރ މުހަންމަދު އަސްލަމް ވިދާޅުވި އެވެ.

އެސަރަހައްދަށް އެއްވި މީހުންގެ ތެރޭން ބައެއް މީހުން ފުލުންވަނީ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން މުހަންމަދު ނަޝީދާއި, ނޫސްވެރިއެއް ހިމެނޭކަން ޖަޒީރާއަށް ވަނީ ކަށަވަރުވެފަ އެވެ.

ނޫސްޗާޕަށް ދިޔައިރު އެރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވަމުން ދިޔައެވެ. އަދި މުޅި މާލެތެރޭގެ ހާލަތުވެސް ނުތަނަވަސް ވަމުން ދިޔަކަން ވަނީ ފާހަގަ ކުރެވިފަ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv