

ފުލުހުންނަށް މުޒާހަރާއެއް ރިވެތިގޮތުގައި ނުބެލެހެއްޓެނީ ވެރިންނަށް ކިޔަމަންނުވާތީއެއް ނޫން- ރައީސް ނަޝީދު
ރާއްޖޭގެ ފުލުހުންނަށް މުޒާހަރާއެއް ރިވެތިގޮތުގައި ބެލެހެއްޓެންޖެހޭނެ ކަމަށާއި އެފަދަ ގޮތަކަށް ފުލުހުންނަށް މުޒާހަރާއެއް ނުބެލެހެއްޓެނީ ފުލުހުންގެ ވެރިންނަށް އެބޭފުޅުން ކިޔަމަންތެރި ވެވަޑައިނުގަންނަވާތީ ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އާއްމުޖަލްސާއެއްގައި އިއްޔެ އެޕާޓީން ބޭއްވި މުޒާހަރާގައި ކަންތައްތައް ހިނގިގޮތާ ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
“އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ފުލުހުންނަށް މުޒާހަރާއެއް ރިވެތިގޮތުގައި ބެލެހެއްޓެން ޖެހޭނެ. ހަމައެއާ އެކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންނަށް ރިވެތި ގޮތުގައި މުޒާހަރާއެއް ނުބެލެހެއްޓެނީ އެބޭފުޅުންގެ މައްޗަށް ތިއްބަވާ ވެރިންނަށް ކިޔަމަންތެރިވެވަޑައިނުގަންނަވާތީއެއްނޫން. އަދި އެވެރިން އަޅުގަނޑަށް ކިޔަމަންތެރިވެވަޑައިނުގަންނަވާތީއެއްވެސް ނޫން” އިއްޔެ ހިނގި މުޒާހަރާގައި ފުލުހުންނަށް ކަންތައް ކުރެވިފައިވަނީ ރަނގަޅަކަށްނޫންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ފުލުހުންނަށް ރިވެތިގޮތުގައި މުޒާހަރާއެއް ނުބެލެހެއްޓޭ ސަބަބުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި ފުލުހުންނަށް މުޒާހަރާއެއް ރިވެތި ގޮތުގައި ނުބެލެހެއްޓެނީ އެކަމުގެ ހުނަރު ލިބިފައި ނެތުމުންކަމަށެވެ. އަދި އެހުނަރު ނެތުމުގެ ސަބަބުން އެބޭފުޅުން ހާސްވެވަޑައިގަންނަވަނީކަމަށާއި ހާސްވެވަޑައިގަތުމުން ރަނގަޅުނޫން ގޮތްތޮތަށް އަމަލުކުރެއްވެނީކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެގެ މުޒާހަރާގައި ފުލުހުންނަށް ކަންތައް ކުރެވުނުގޮތް ރަނގަޅުނޫންކަމަށް ވިދާޅުވެ, އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި އިއްޔެ މުޒާހަރާކުރިމީހުންނަށް ވެސް ކަންތައްތައް ކުރެވިފައިވަނީ އެންމެ ރަނގަޅަށް ނޫނެވެ. އަދި ކެތްތެރިކަމާއި އެކު ގަވާއިދާ ގާނޫނާ އެއްގޮތަށް ކަންތައް ކުރުމަށް އެމްޑީޕީގެ މެމްބަރުންނަށް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.
އެމްޑީޕީން އިއްޔެ ރައްޔިތުން މަޖިލިސްކުރާގޭ ކައިރީގައި ބޭއްވި މުޒާހަރާގައި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގީ މުޒާހަރާގައި ބައިވެރިވި ބައެއްމީހުން މަޖިލިސްކުރާގެއަށް ވަދެގަންނަން މަސައްކަތްކުރުމުންނެވެ.