ޖަލުގައި ރޯކޮށް, ޖަލުގެ ނިޒާމް ފޭލްކޮށްލުމުގެ އަޑީގައި އޮތީ ޑީއާރުޕީ: ގައިދީން

އޮކްޓޫބަރ 13 2009، 15:36 0 ޚިޔާލު

ޖަލުގައި, ރޯކޮށް ޖަލުގެ ނިޒާމް ފޭލްކޮށްލުމުގެ އަޑީގައި އޮތީ އިދިކޮޅު ޕާޓީ ޑީއާރުޕީކަމަށް ޖަލުގައި ބަންދުކޮށްފައި ތިބި ބައެއް ގައިދީން ބުނެފި އެވެ.

ރޭ ޓީވީ މޯލްޑިވްސްއިން ގެނެސް ދިން އަށެއްގެ ޚަބަރުގައި ބައެއް ގައިދީން ބުނީ ޖަލުގެ ނިޒާމް ގެއްލުވާލައި ހަމަނުޖެހުން ހިންގުމަށް ފައިސާވެސް ދީފައިވާ ކަމަށެވެ. އަދި ސަރުކާރުވައްޓާލުމަށް އެމީހުން ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ ޖަލުގައި ހަމަނުޖެހުން ހިންގައިގެން ކަމަށާއި, އޭރުން އެމީހުން މިނިވަންކޮށް ދޭނެ ކަމަށް ބުނެފައިވާ ކަމަށް ކާކުކަން ނޭނގޭ ގޮތަށް ކެމެރާގެ ކުރިމަތީގައި ވާހަކަ ދެއްކި ގައިދީއަކު ބުންޏެވެ. ހައިސެކިއުރިޓީގެ ގޮތުގައި ތިބޭ މީހުން ބައިތިއްބާ ޔޫޓޫގެ ފާރުތައް ފޫ ދުއްވާލާ 70 އަށްވުރެ ގިނަ ގައިދީން ވަނީ ޖަލުގެ ތިން ބޮލޮކް ގުޅާލާފަ އެވެ. ޖަލުގެ ގޮޅިތަކުގައި އެމީހުން ރޯކޮށްލީ ފިލައިގެން ރަށުތެރެއަށް ދާން އުޅުމުން އެފުރުޞަތު ނުލިބުމުން ކަމަށް ޑީޕީއާރުއެސްއިން ބުނެ އެވެ.

” ސިޔާސީ ކަންތައްތަކުގައި އަހަރަމެން ބޭނުން ނުކުރާށޭ އަބަދުވެސް މިކިޔަނީ. އެހެން ނަމަވެސް މިކަހަލަ ކޮންމެ ކަމެއްގައި އަހަރަމެން ބޭނުން ކުރަމުންދަނީ“ ގައިދީއަކު ކިޔައިދިނެވެ.

މާފުށީ ޖަލުގައި ތިބި 600 އެންހާ ގައިދީންގެ ތެރެއިން ޖަލުގައި ރޯ ކޮށް ތަކެއްޗަށާއި ޖަލަށް ބޮޑެތި ގެއްލުންތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސަތޭކައެންހާ ގައިދީންނެވެ.

ޖަލަށް ދިން ގެއްލުންތަކުގައި ސަލާމަތުން މިހާރު ހުރީ އަންހެން ގައިދީން އުޅޭ ބްލޮކް އެކަނިކަމަށް ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުޙަންމަދު ރަޝީދު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުގެ ނިޒާމް ހަލާކުވުމާގުޅިގެން ޖަލުގައި ތިބި ގައިދީން ކޮންޓްރޯލްކޮށް ޖަލުގެއެތެރޭގައި ހުރި ތަންތަނުގައާއި, ޖަލުންބޭރުގައި ހުރި ތަންތަނުގައި މިހާރު ގެންގުޅެމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮންތަންތަނެއްކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ރަޝީދު ވިދާޅުވީ ޖަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށާއި ގޮޅިތައް ސާފްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު, ލިބިފައިވާ ގެއްލުންތައް އަންދާޒާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

” ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ސީދާ ގޮތެއްގައި ބުނެވޭނީ މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުމުން“ ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަލުގެ ގޮޅިއެއް ހެދުމަށް 10,000ރ އާއި 17,000ރ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އަލުން ހަދަންޖެހޭ ގޮޅިތަކާއި މަރާމާތުކޮށްގެން ބޭނުން ކުރެވޭ ގޮޅިތަކުގެ ތަފްޞީލެއް އަދި ލިބިފައިނުވާ ކަމަށެވެ.

” ހޯމް މިނިސްޓްރީންވެސް އެދިފައި އޮތީ ލިބުނުގެއްލުން ވަޒަންކުރުމަށް. އަޅުގަނޑުމެން އުއްމީދު ކުރަނީ މާދަމާއަށް އެމަސައްކަތް ނިންމާލެވޭނެ ކަމަށް“ ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ޖަލުގެ ގޮޅިތައް ހަލާކުކުރާނެ ކަމުގެ އިންޒާރު އަބަދުވެސް ގައިދީން ދެމުން ގެންދާކަމަށާއި, އެހެން ނަމަވެސް ޖަލުގައި ރޯކޮށް މުޅި ޖަލުގެ ނިޒާމް ހަލާކުކޮށްލުމުގެ އަޑީގައި ބަޔަކު ވާކަން އެނގޭނީ ފުލުހުން އެމައްސަލަ ތަހުގީގުކުރުމަށްފހު ކަމަށެވެ.

ފުލުހުން ބުނީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކަކީ ޖަލުގައި ތިބި ބައެއް ގައިދީންތަކަކާއި ޖަލުގެ ބޭރުން އެހެން ފަރާތްތަކާއި ގުޅިގެން ހިންގަމުން ގެންދާ ހަމަނުޖެހުންތައްތަކެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުވެސް ކުރަމުން ގެންދާ ކަމަށެވެ.

ޖަލުގައި ތިބި ބައެއް މީހުންނަށް އެކި ފަރާތްތަކުން ފޯނުކޮށްގެން މިފަދަ ހަމަނުޖެހުންތައް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި, މިހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެތައް ރުފިޔާއެއްގެ ބޮޑެތި ގެއްލުންތަކެއް ދައުލަތަށް ލިބެމުން ދިއުމާއެކު, މިކަމުގައި އެކިމިންވަރަށް ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv