

ނަސާރާދީނުގެ ދިވެހި ފޮތްތަކެއް އެތެރެކުރަން އުޅުނު ސައުތު އެފްރިކާ މީހާ ފަސް ދުވަސް ފަހުން ޑީޕޯޓްކޮށްފި
ދިވެހިބަހުން ލިޔެ ތައްޔާރުކޮށްފައިވާ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާހަކަތައް ހުރި، ނަސޯރާދީނުގެ ފޮތްތަކަކާއި ސީޑީތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމް ސާވިސްއިން އަތުލައިގަތް ސައުތު އެފްރިކާ ރައްޔިތެއް ކަމަށްވާ (ރޮބާޓް އިޔާން ވިލެމަން) 5 އަހަރު ދުވަހަށް ޑީޕޯޓްކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހިމް ވިދާޅުވީ މިމަހުގެ 7ވަނަ ދުވަހު ޓްރިވެންޑްރަމުން ރާއްޖެ އައި އެ މީހާ 5 އަހަރު ދުވަހަށް ޑީޕޯޓްކޮށް އިއްޔެ ފުރުވާލާފައިވާ ކަމަށެވެ.
އިލްޔާސް ވިދާޅުވީ އޭނާ 5 އަހަރު ދުވަހަށް ޑީޕޯޓްކޮށްލީ އިމިގުރޭޝަން ކޮންޓްރޯލަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން މީގެކުރިންވެސް ކަންތައް ކުރަމުން އަންނަ ގޮތަށް ކަމަށެވެ.
މިމަހުގެ 7ވަނަ ދުވަހު ޓްރިވެންޑްރަމުން ރާއްޖެ އައި ރޮބާޓް އިޔާން ވިލެމަން ނަމަކަށް އެ މީހާ ކަސްޓަމުން ހިފަހައްޓައި އޭނާގެ ފޮށިތަންމަތި ޗެކް ކުރިއިރު، އޭނާގެ ފޮށިތެރޭން މާތްﷲގެ ކުޅަދުންވަންތަކަމާއި އީސާގެފާނުގެ މަތިވެރިކަމާ ބެހޭގޮތުން ދިވެހި ބަހުން އަޑުއަޅާފައިވާ ތިން ވީސީޑީއަކާއި ”ތެދުމަގު“ގެ ނަމުގައި އީސާގެފާނުގެ މަތިވެރިކަމާ ބެހޭގޮތުން ދިވެހި ބަހުން ލިޔެފައިވާ ފޮތްތަކެއްގެ އިތުރުން ބައިބަލްއެއް ވެސް ވަނީ ފެނިފަ އެވެ. އޭގެ އިތުރުން އިނގިރޭސި ބަހާއި އުރުދޫ ބަހުން އަދި މަލަޔާލަމް ބަހުން ތައްޔާރުކޮށްފައިވާ އެކި ސީޑީތަކާއި ފޮތްތައް ވެސް ގިނަ އަދަދަކަށް އޭނާގެ އަތުން ފެނިފައިވެއެވެ.