
ފޮރެންސިކް ސައިންސާބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ސެމިނަރ ނިމިއްޖެ
ފޮރެންސިކް ސައިންސާ ފޮރެންސިކް ސައިންސް ގައި ހުރި ގާބިލް ކަން ޝަރުއީ ކޯޓު ތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށާ މީޑިއާ އަށް ހާމަ ކޮށްދިނުމުގެ ގޮތުން 1 ދުވަހުގެ ސެމިނާ އެއް ބާއްވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒު އަހުމަދު މުއިއްޒު އަދި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ފަޔާޒު ބައިވެރި ވެލެއްވި މި ސެމިނަރ ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު ޝަހީދު ހުސެން އާދަމް ބިލްޑިންގް ގައެވެ.
މައިގަނޑު ގޮތެއްގައި ތަފާތު 8 ވައްތަރެއްގެ ފޮރެންސިކް އެވިޑެންސް އަކާ ބެހޭ ގޮތުންނާއި އެ ހެކިތައް ފުލުހުން ހޯދާ ގޮތް މި ސެމިނާރ ގައި ފުލުހުންގެ ތަޖުރިބާ ކާރުން ވަނީ ބައިވެރިންނަށް ކިޔައްދެއްވާފައެވެ.
ބައިވެރިންނަށް މައުލޫމާތު ދިން ފޮރެންސިކް އެވިޑެންސްތަކުގެ ބާވަތް ތަކަކީ ފިންގަރ ޕްރިންޓް އެނަލައިސިސް، ޑިޖިޓަލް އެވިޑެންސް އެނަލައިސިސް، ކެމިކަލް، ޑޮކިއުމެންޓް، ޑީ.އެން.އޭ، ޕޮލިގްރަފީ އަދި ކްރައިމް ސީން ޕްރޮގްރެސިންގް އެވެ.
ތަފާތު އެކި ވައްތަރުގެ ފޮރެންސިކް ސައިންސްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ފަހު ބައިވެރިނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް މި ސެމިނަރ ގައި ދެއްވިއެވެ.
މައުލޫމާތު ދިނުމަށް ފަހު ބައިވެރިންނަށް ފޮރެންސިކް ލެބޯޓަރީތައް އަދި އަތާނގާ ބޭނުން ކުރެވޭ ޓޫލްތައް އަދި އެ ތަކެތި ބޭނުން ކުރެވޭ ގޮތްތައް ވެސް ވަނީ މި ސެމިނަރގައި ދައްކާލާފައެވެ.
ޝަރުއީ ކޯޓުތަކުގެ ގާޒީންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި އަދި މީޑިއާ ބައިވެރި ވެލެއްވި މި ސެމިނަރ ނިންމުމަށް ފަހު ބައިވެރިންނަށް ހަނދާނީ ލިއުން ދެއްވިއެވެ.