

އެމްއެންޑީއެފްގެ މެރިންކޯގެ ހުނަރުތައް ދެނެގަތުމަށް ހިންގި ޓްރޭނިން ނިމިއްޖެ
މެރިންކޯގެ ސިފައިންނަށް ލިބިފައިވާ ހުނަރުތައް ދެނެގަތުމަށް އަދި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައް ދެނެގަތުމަށް މިމަހު 8ން 10ށް ކުރިއަށް ގެންދިއަ ސިޓުއޭޝަން ޓްރޭނިންގ އެކްސަސައިޒް ނިމިއްޖެއެވެ.
މިއެކްސަސައިޒް ތަކުގައި ހަރަކާތްތެރި ވެފައިވަނީ އެމްއެންޑީއެފް ގެ މެރިންކޯގެ ސިފައިންނެވެ.
މި ސިޓުއޭޝަން ޓްރޭނިންގެ ބޭއްވި ބޭނުމަކީ މެރިންކޯގައި ހަރަކާތް ތެރިވާ ސިފައިންނަށް ލިބިފައިވާ ހުނަރުތައް ދެނެގަނެ ރަނގަޅު ކުރަންޖެހޭ ކަންތައް ދެނެގަތުމުގެ އިތުރުން އެއްތަނުން އަނެއްތަނަށް ދިއުމަށް ބޭނުންވާ އެކިއެކި ޓެކްނިކްތައް ދެނެގަތުމަށް ކަމުގައި އެމްއެންޑީއެފް އިން ހާމަ ކުރައްވައެވެ.
މި ޓްރޭނިންގ އެކްސަސައިޒް ގައި އާބާދުވެފައިވާ ސަރަހައްދު ތަކާއި، މާލެ ކަހަލަ ބޮޑެތި ބިނާތައް ހުންނަ ތަންތަނުގައި ހަރަކާތްތެރި ވާނެ ގޮތާ އަދި ޓްރެފިކްގެ ބާރުބޮޑު ހިސާބުތަކުގައި ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބައެއް ކަހަލަ ކަންތައްތަކާ ނުރައްކާތެރި ހާލަތެއްގައި އެއް ރަށުން އަނެއް ރަށަށް އެރުމަށް ބޭނުން ކުރަން ޖެހޭ ހުނަރުތައް މެރިންކޯ ގެ ސިފައިންނަށް ދަސްކޮށްދެވިފައިވާ ކަމުގައި އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި ޓްރޭނިންގ އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ މާލެ، ހުޅުމާލެ، ވިލިގިލި އަދި އެމްއެންޑީއެފް ގެ ސަދަން އޭރިޔާގައި ކަމަށާ މި ޓްރޭނިންގ އެކްސަސައިޒަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމުގައި މެރިންކޯގެ ކޮމާންޑް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވިއެވެ.