

މާފުށީ ޖަލުގެ ޔުނިޓް ދޭއް ހަލާކުކޮށްލައި، ގައިދީންތަކެއް ނުކުމެ، ހަމަނުޖެހުން ހިންގައި، އެހެން ގޮޅިތަކަށް ވަންނަން މަސައްކަތްކޮށްފި
ކ. މާފުށީ ޖަލުގެ ޔުނިޓް ދޭއްގެ ގޮޅި ހަލާކުކޮށްލައިގެން ގައިދީންތަކެއް ނުކުމެ ހަމަނުޖެހުން ހިންގައި، ޔުނިޓްގެ އެހެން ގޮޅިތަކަށް ވަންނަން މަސައްކަތް ކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން (ޑީޕީއާރްއެސް)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ޔުނިޓް ދޭއް ގައި ތިބި ގައިދީން ގޮޅި ފަޅާލައިގެން ނުކުމެ ޖަލުތެރޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ގޮޅިތަކަށް ވަނުމަށް ގައިދީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެތަނުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރަނީ ކިތައް ގައިދީންކަން މިވަގުތު ދަންނަވަން އުނދަގޫ ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިހާރުވެސް މިބަލަނީ ގައިދީންނާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން ކުރިމަތި ލުމަކަށް ނުގޮސް މައްސަލަތައް ހައްލުކުރެވޭތޯ. އެބައެއްގެ ގޮޅިއަކަށް އެބަޔަކު އަނބުރާ ދިއުމަށް.“ ރަޝީދު ވިދާޅުވިއެވެ.
ޖަލުގެ ގޮޅި ފަޅާލައިގެން ގައިދީންތަކެއް ނުކުމެ އެހެން ގޮޅިތަކަށް ގެއްލުންދީ, އެގޮޅިތަކަށް ވަނުމަށް މަސައްކަތް ކުރަމުންދަނީ ކޮންމައްސަލައަކާ ހުރެކަމެއް ރަޝީދު ވިދާޅެއް ނުވެއެވެ.
ފަހަކަށް އައިސް މާފުށީ ޖަލުގައި މައްސަލަ ބޮޑުވެފައިވާ ޔުނިޓް ދޭއްގެ ގޮޅިއަކީ މިއަހަރުގެ މާޗް މަހުގެ 31ވަނަ ދުވަހުގެ ރޭ ޖަލުގައި ހިންގި ހަމަނުޖެހުމުގައި ގައިދީންތަކެއް ހަލާކުކޮށްލާފައިވާ ގޮޅިއެކެވެ.
އެފަހަރު ޖަލަށް ދިން ގެއްލުންތަކުގެ ތެރޭގައި ޔުނިޓްގެ ދޭއްގެ ގޮޅިތައް ހަލާކޮށްލުމާއި ޖަލުގެ މެޑިކަލް ސެންޓަރުގައި ހުޅުޖަހައި އަންދާލުމާއި ކުށްވެރިންނަށް ފެން ދޫކުރާ 500 ޓަނުގެ ފެން އުފައްދާ ޕްލާންޓާއި 40 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު އަންދާލުމާއި އަލަށް ހެދި ގާޑް ހައުސްގެ ބިއްލޫރިތައް ތަޅާލުމާއި އެ ތަނުގައި އަލަށް ހެދި 300 މީހުންގެ ޖާގައިގެ ”ޕެންޓަގަން“ ޖަލުގެ ބައެއްގައި ރޯކޮށްލުން ހިމެނެ އެވެ.
މާފުށީ ޖަލުގެ ޔޫޓޫގެ ގޮޅިތައް ހަލާކުކޮށްލައިގެން މިއަހަރުގެ ޖުލައިގެ މަހުގެ ތެރޭގައި ގައިދީން ނުކުމެ ހަމަނުޖެހުން ހިންގައި، ޖަލުގެ ބައެއް މުވައްޒަފުންނާއި ބައެއް އޮފިސަރުންނަށް ހަމަލާދީފައިވެއެވެ. އަދި ހަމަ މާފުށީ ޖަލުގެ ޔޫޓޫ ގޮޅިއެއްގައި މިދިޔަ މަހުގެ 21ވަނަ ދުވަހުގެ ރޭ ހަމަނުޖެހުން ހިންގަން އުޅުނު ގައިދީންތަކެއް ޖަލުގެ އެހެން ގޮޅިއަކަށް ބަދަލުކޮށްފައިވެއެވެ.