
އުފަންދުވަސް ފާހަގަކުރަން މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް އަންހެންކުއްޖަކު ކަނޑުމަތީ އޮންނަތާ ތިންގަޑިއިރު ފަހުން ސަލާމަތްކޮށްފި
އުފަންދުވަސް ފާހަގަކުރަން ށ. ނޫމަރާގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް އަންހެން ކުއްޖަކު ކަނޑުމަތީގައި އޮންނަތާ ތިން ގަޑިއިރު ފަހުން ސަލާމަތް ކޮށްފިއެވެ.
މިލަދުންމަޑުލު އުތުރުބުރި(ށ) ނޫމަރާ އަޅިވިލާގޭ 18 އަހަރުގެ އައިޝަތު އަލީ ރަޝީދު އޮޔާދަމައި ގަނެފައިވަނީ އުފަންދުވަސް ފާހަގަ ކުރުމަށް މޫދަށް އެރިއުޅުމުގެ ތެރޭގައި ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި އައިޝަތު އަލީގެ ބައްޕަ ނޫމަރާ ކަތީބު އަލީ ރަޝީދު ހަސަން މިއަދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އޭނަގެ ދަރިފުޅު މޫދަށް އެރިފައިވަނީ އެހެން ތިން ކުއްޖަކާއެކު ރޭ ފަތިހު 5:30 އެހާކަން ހާއިރު ކަމަށެވެ.
”މި އަދަކީ އޭނާގެ އުފަންދުވަސް. އުފަންދުވަސް ފާހަގަކުރަން އެރި އުޅުމުގެ ތެރޭގައި ހިނގިކަމެއް ކަމަށްވަނީ. ސަލާމަތްވީ ﷲގެ ކުޅަދުންވަންތަ ކަމުން. އޭނަޔަށް ކޮންމެވެސް ވަރަކަށް ފީނަން އެނގޭތީ ތާ އެހާއިރު އޮވެވޭނީ. ނެގިއިރު އޮތީ ފަތާފައި ނާދެވޭ ހިސާބު ދުރުގައި“ ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ މިއަދަކީ އޮއިވަރު ބާރު ދުވަހެއް ކަމަށާއި އައިޝަތު ނަގާފައިވަނީ ރަށުގެ ރައްޔިތުން ދޯންޏެއްގައި ގޮސްކަމަށެވެ. ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޝަތު ނެގިއިރު އޮތީ ރަށާއި ދޮޅު މޭލެއްހާ ބޭރު މާ ކަނޑުގައެވެ. ނަމަވެސް އޭނަޔަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.