
އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ތުރުކީއަށް ވަޑައިގެންފި
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުސްޠަފާ ލުޠުފީ އާއި އެމިނިސްޓްރީގެ ބައެއް އިސްވެރިން ތުރުކީއަށް ވަޑައިގެންފިއެވެ.
އިއްޔެ ފެއްޓެވި މިދަތުރުފުޅުގައި ތުރުކީވިލާތުގެ ތަޢުލީމީ ދާއިރާގެ ބައެއް އިސްވެރިންނާއި ބައްދަލުކޮށް، އެ ޤައުމާއި ރާއްޖެއާއިދެމެދު މި ދާއިރާއިން ގުޅުންބަދަހިކުރުމާއި ތަޢުލީމީ ތަޖްރިބާ ހިއްސާކޮށްލުން ހިމެނެއެވެ. އަދި މީގެ އިތުރުން ވޮކޭޝަނަލް އެޑިޔުކޭޝަންގެ އިންސްޓިޓިއުޓްތަކަށް ޒިޔާރަތްކޮށް އެތަންތާގެ އިސްވެރިންނާއިވެސް ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. ވޮކޭޝަނަލް އެޑިޔުކޭޝަން އަކީ ދާދިފަހުން ބޭއްވިގެންދިޔަ މަންހަޖް އިސްލާހުކުރުމުގައި ވެސް އައު މަންހަޖްގައި ފުޅާކޮށް ހިމެނުމަށް އެއްބަސް ވެވިފައިވާ ބައެކެވެ. އެއީ ބަދަލުވަމުން އަންނަ މުޖުތަމައުއެއްގައި ބޭނުންވާ އަސާސީ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށްޓަކައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުސްޠަފާ ލުޠުފީ ވަނީ މިއަހަރުކުރީކޮޅުގައި އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނު "އެގްސިއަދް"ގެ އިސްބޭފުޅުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޕާލިމަންޓްގެ ވައިސް ސްޕީކާރ އާއި ޕާލިމަންޓްގެ އެޑިޔުކޭޝަން ކޮމިޝަންގެ ޗެއަރޕާސަން އާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވެއެވެ. މި އެއްހަފްތާގެ ދަތުރުވަނީ ތުރުކީގެ ތަޢުލީމީ ހަރަކާތްތަކަށް އެހީތެރިވާ ވިޔަފާރި ޖަމިއްޔާއަކުން ސޮޕޮންސަރ ކޮށްފައެވެ. މި ވަފުދު ރާއްޖެއަށް އެބުރި އައުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 18ގައެވެ.
މިދަތުރުފުޅުގައި މިނިސްޓަރގެ އިތުރުން އެޑިޔުކޭޝަންގެ ނާއިބު ޝިފާ މުޙައްމަދު އާއި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަފީޢުއާއި ލާލޭ ޔޫތް އިންޓަރނެޝަނަލް ސްކޫލް ގެ ޕްރިންސިޕަލް ސާރކާން އަކަރް ހިމެނިވަޑައިގަންނަވައެވެ.