
ޔަހޫދީންގެ މަންޒިލް މަގުސޫދަށް ވާސިލްވުމަށްޓަކައި މުގައްދަސް ބިންތައް ފޭރެނީ
-މުޙައްމަދު ނަސީމު-
”މިހާރު ފެށިފައިވާ ހަމަނުޖެހުންތަކުގެ އަސްލަކީ ޔަހޫދީން ވަޒަންވެރިކުރުވުމަށްޓަކައި ފަލަސްޠީންމީހުންގެ އިތުރު ބިންތަކަށް އިސްރާއީލުން ދަޢުވާކުރުމެވެ. ރާސް އަލް އަމޫދު ނަމަކަށްކިޔާ އަވަށުގައިވާ ޚިލާފު އުފެދިފައިވާ މާލީޒައިތިމް އާބާދީއަށް ފާއިތުވި ހަތްއަހަރު ތެރޭގައި ވެއްދި ބޭރުގެ ފުރަތަމަ ނޫސްވެރިންނަކީ އަހަރެމެންނެވެ. އަހަރެމެންނަށް ބުނެދެވިފައިވާ ގޮތުގައި މިސަރަހައްދުން ބިންގަނެވެނީ ހަމައެކަނި ދީނީޔަހޫދީންނަށެވެ.“
މިއީ އިރުމަތީ ޤުދުސްއަށް ދާދިފަހުން ދިޔަ އެމެރިކާގެ މަޝްހޫރު ޓީވީޗެނަލެއްކަމަށްވާ ސްކައިނިއުސްގެ ނޫސްވެރިން ފަލަސްޠީނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ދެކޭގޮތެވެ. އިރުމަތީ ޤުދުސްއަށް ދިޔަ ސްކައިނިއުސްގެ ރިޕޯޓަރަކު ލިޔެފައިވާ ގިތުގައި މާލީޒައިތިމް އާބާދީގައި ދިރިއުޅޭ ޔަހޫދީންގެ ވަށައިގެން ވަނީ ފަލަސްޠީންމީހުންގެ އާބާދީތައް ކަމަށް ވިޔަސް އެޔަހޫދީން ބުނަނީ އެމީހުން އެތަނުގައި ތިބީ ޔަހޫދީންގެ މަންޒިލް މަޤުޞޫދަށް ވާސިލްވުމަށްޓަކައެވެ.
”މިއީ އަހަރެމެންގެ ވެރިރަށް. މިހާރަކު އެކަންޏެއްނޫން މީގެ 3,000 އަހަރުކުރިއްސުރެ،“ ފަލަސްޠީންގެ ބިންތަކަށް ޔަހޫދީން ކުރަމުންދާ ދޮގުދަޢުވާ ތަކުރާރުކުރަމުން ޔަހޫދީއަކު ފޮކްސްނިއުސްގެ ރިޕޯޓަރުގާތު ބުނެފައިވެއެވެ. އެމީހުން ބުނާގޮތުގައި މީގެ 3,000 އަހަރުކުރިން އެމީހުންގެ ވެރިރަށުގެ ގޮތުގައި އޮތީ ދާއޫދުޢަލައިހިއްސަލާމްގެ ރަސްކަމުގައެވެ. ނަމަވެސް އެތަނުގެ އަސްލުވަޒަންވެރިންކަމުގައި އޭރުވެސް ތިބީ މިހާރުވެސް ފަލަސްޠީންގައި މިހާރުވެސް އެތިބަ މީހުންގެ ކާބަފައިންކަމުގައިވާ ކަންޢާނީ ދަރިކޮޅުގެ ޢަރަބިންކަމެއް މިޔަހޫދީން ދަންނަކަމަކަށް ނުހަދައެވެ.
ފޮކްސްނިއުސް ބުނާގޮތުގައި ޤުދުސްއަކީ ޔަހޫދީންގެ ވެރިރަށެއްކަމުގައި އަބަދުގެ އަބަދަށް ދެމެހެއްޓުމަކީ ދީނީކަމެއްކަމުގައި އެރަށުގައި އިސްރާއީލުން އާބާދުކޮށްފައިވާ ޔަހޫދީންނަށް ވަނީ ވިސްނައިދީފައެވެ. އަދި އެއީ ފަލަސްޠީންމީހުންގެ ބިމެއްކަމުގައި ވިޔަސް މީގެ 3,000 އަހަރު ކުރިން ހުރިކަމަށް ބުނާ ޔަހޫދީންގެ އެންމެ މުޤައްދަސް ފައްޅިވެސް އެރަށުގައި ބިނާކުރަން ޖެހޭކަމަށްވެސް އެޔަހޫދީން ބުނެއެވެ. އެމީހުން ބުނާ ގޮތުގައި އެފައްޅި ބިނާކުރަން ޖެހޭނީވެސް މުސްލިމުންގެ ތިންވަނަ ހަރަމްފުޅުކަމުގައިވާ އަލްމަސްޖިދުލް އަޤުޞާ ހުރިތަނުގައެވެ. ސްކައިނިއުސްގެ ނޫސްވެރިން ލިޔެފައިވާ ގޮތުގައި އެކަން އެގޮތަށް މަސައްކަތްކުރާނަމަ ދީނީ (މުޤައްދަސް) ހަނގުރާމައެއް ފެށިދާނެއެވެ.
އިރުމަތީޤުދުސްގައިވާ އެރަށުގެ އަސްލުވަޒަންވެރިންކަމުގައިވާ ފަލަސްޠީންމީހުންގެ އަމިއްލަ ގެދޮރުން އެމީހުން ނެރެލުމަށްޓަކައި ޔަހޫދީން ބޭނުންކުރަނީ އިސްރާއީލްގެ ކޯޓްތައްކަމަށް ސްކައިނިއުސް ބުނެއެވެ. ފަލަސްޠީންމީހުންގެ ގެތައް ބިނާކޮށްފައިވަނީ ގަވާއިދާޚިލާފަށްކަމަށް އިސްރާއީލުގެ އަނިޔާވެރި ކޯޓްތަކުން ނިންމައިފިނަމަ އެގެތައް ތަޅާވެސްލައެވެ. އަދި އެގެތައް ތަޅާނުލައި އެގެތަކުގެ އަހުލުވެރިން ނެރެލުމަށް ފަހު ޔަހޫދީން ވެއްދުމަކީވެސް އާއްމުކަމެކެވެ.
ސްކައިނިއުސްގެ ނޫސްވެރިން ހާމަކޮށްފައިވާ ގޮތުގައި ޤުދުސްގެ ކައުންސިލެއްގެ ވެރިއެއްކަމަށްވާ އެލީޝާ ޕެލެގްއަކީ އެމީހުންނަށް ޔަހޫދީން އުޅޭ ސަރަހައްދު ކެމެރާކުރުމަށް ހުއްދަދިން ފުރަތަމަ މީހާއެވެ. އޭނާ ބުނެފައިވާ ގޮތުގައި އެތައްސަތޭކަ ޔަހޫދީންނެއް އެސަރަހައްދަށް ގެނައުމަށް ރާވާފައިވާ ރޭވުމަށް އެމެރިކާއައި އިނގިރޭސިވިލާތުން ވަނީ ދެކޮޅުހަދާފައެވެ.
”ކީއްވެ ނުވާންވީ؟ މީ އިސްރާއީލް. މިއީ ލަންޑަނެއްވެސް ނޫން އަދި ވޮޝިންޓަނެއްވެސް ނޫން“ ބައެއްގެ ބިންތައް ނުޙައްގުން ފޭރެމުންދާއިރުވެސް އެކަމާ އެއްވެސްބަޔަކާ ނުބެހެވޭނެކަމުގެ މައްޗަށް ވާހަކަދައްކަމުން ޕެލެގް ބުނިކަމަށް ސްކައިނިއުސް ބުނެއެވެ.
ސްކައިނިއުސް ބުނާގޮތުގައި އެޗެނަލްގެ ނޫސްވެރިން އިރުމަތީޤުދުސްއަށް ކުރި ދަތުރު ނިންމާލިއިރު ހާމަވެގެން ގޮސްފައިވަނީ އިރުމަތީ ޤުދުސާއި ހުޅަނގު ޤުދުސް ވަކިކުރަން އުނދަގޫވާވަރަށް އެސަރަހައްދަށް ޔަހޫދީން ވެރިވެގަނެފައިވާކަމެވެ. އަދި ދެދައުލަތް އުފައްދައި އެސަރަހައްދަށް ސުލްހަ ގެނައުމަކީ ވަރަށް ދުރުގައިވާކަމެއްކަންވެސް އެނގިގެން ދިޔަކަމަށްވެސް ސްކައިނިއުސްގެ ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.
ސްކައިނިއުސްގެ ނޫސްވެރިންނަކީ އިސްރާއީލަށް ޙައްދެއްނެތި ތާއީދުކުރަމުންދާ އިނގިރޭސިވިލާތުގެ ރައްޔިތުންކަމުގައި ވިޔަސް އެމީހުންވެސް ފާހަގަކޮށްފައިވަނީ އިރުމަތީ ޤުދުސްގައި އިސްރާއީލުން ހިންގަމުންގެންދާ ކަންތައްތަކާ ގުޅިގެން ފަލަސްޠީންމީހުން އައު އިންތިފާޟާއެއް ފަށަންވެފައިވާކަމެވެ. އަދި ދީނީ ހަނގުރާމައެއް ކޮށްގެންނޫނީ ދެން އެރަށުގެ ކަންތައް ހަމަނުޖެއްސޭނެކަމެވެ.