ވޮލީބޯޅަ : ފުރަތަމަ ދެމެޗް މާބައިދޫއާއި އަމިކާއަށް

މުހައްމަދު ޝަނޫން އޮކްޓޫބަރ 11 2009، 17:14 0 ޚިޔާލު

41ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅެވުނު މެޗު އަމިކާ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި އެވެ.

އަމިކާ މެޗު ކާމިޔާބުކުރީ ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް ރެކްރިއޭޝަން (ސްޓާރ) އާއި ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-18ން ސްޓާރ ހޯދި ނަމަވެސް ޖެހިގެން އައި 3 ސެޓްގައިވެސް ފެނިގެން ދިޔައީ ނެޓްބޯޅަ މުބާރާތްތަކުން އާއްމުކޮށް ފެންނަ އަމިކާގެ ކުޅުމެވެ. ނަތީޖާއަކަށްވީ 13، 22 އަދި 14 ދީފައި ތިންސެޓް އަމިކާ ގެންގޮސް މެޗު ކާމިޔާބު ކުރުމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމިކާގެ ކެޕްޓަން މަދީހާ އަބްދުއްރަހްމާނެވެ.

ގަމުގެ ތުނޑީ އަވަށަށް ނިސްބަތްވާ ސްޓާރ ޓީމެކޭ އެއްގޮތަށް އަމިކާ ޓީމުގައިވެސް ހިމެނެނީ ތުނޑީ އަވަށުގެ ކުޅުންތެރިންނެވެ. އެއްއަވަށެއްގެ ދެ ޓީމު އެއްގްރޫޕަކަށް އައީ ތުނޑީގެ ކުޅުންތެރިން ކުޅުނު ނަމަވެސް އަމިކާ އަކީ މާލޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްއިއްޔާ އަކަށްވާތީ އެވެ.

އިއްޔެގެ ފުރަތަމަ މެޗު ނިމުމާއެކު ފެށި ދެވަނަ މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މާބައިދޫ އިސްދަރިވަރުންގެ ގުޅުން (މިގް)އެވެ. މެކްސީ ބޫސްޓާރ ވޮލީ މުބާރާތުގައިވެސް ކުޅެ ފައިނަލުން ޖާގަ ހޯދި މިގް މޮޅުވީ މުންޑޫ ޒުވާނުންގެ ގުޅުމާއި ވާދަކޮށް 25-19، 25-14 އަދި 25-15 ންނެވެ. ތިންސެޓް މާބައިދޫ ގެންދިޔަ ނަމަވެސް ކޮންމެ ސެޓެއްވެސް ފަށައިގެން ވަކި ހިސާބަކަށް ދަންދެން ލީޑްގައި އޮންނަނީ ކަޅައިދޫގެ ގިނަ ކުޅުންތެރިން ހިމެނޭ މުންޑޫ ޓީމެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ އާމިނަތު އަޒީމާ އެވެ. އަޒީމާއަކީ މެކްސީ ބޫސްޓާ މުބާރާތުގައި ހުޅުމާލެ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. މި ޓީމުގައި ކުރިން ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޔުމްނާ އަބްދުލް އަޒީޒު ހިމެނޭއިރު ބިދޭސީ ކުޅުންތެރިއަކުވެސް ވަނީ ހިމަނާފައެވެ. މި ކުޅުންތެރިޔާ މިރޭ އަންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތް ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އޭ ގްރޫޕްގައި 4 ޓީމު ހިމެނޭއިރު ބީ ގްރޫޕްގައިވެސް އެއަދަދަށް ޓީމު ހިމެނެއެވެ. ސީ ގްރޫޕްގައި ހިމެނެނީ ތިން ޓީމެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމު ރޭންކިން ބަޔަށް ހޮވޭއިރު އޭ ގްރޫޕާއި ބީ ގްރޫޕުން ދެވަނައަށްދާ ޓީމު ޕްލޭ އޮފް މެޗެއް ކުޅެން ޖެހެއެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ މިމެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގައި އެންމެ ވަރުގަދަ ކަމަށް ބެލެވޭ ޕޮލިސް ކްލަބްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅޭނީ އެސޯސިއޭޝަން ފޯ ފޮނަދޫ ޔޫތު ޑިވެލޮޕްމަންޓްއާއި ދެކޮޅަށެވެ. ޕޮލިސް ޓީމުގައި އެމެރިކާގެ ކުޅުންތެރިއަކު ވަނީ ހިމަނާފައެވެ. ފޮނަދޫ ޓީމަށް ކުޅުމަށް ޝާއިރާ އާދަމާއި ސޮއްފަތު ވަނީ އައިސްފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv