

އިޓަލީ، ޖަރުމަނު، ޑެންމާކް ކޮލިފައިވެއްޖެ
އަންނަ އަހަރު ދެކުނު އެފްރިކާގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީގެ އިތުރުން ޖަރުމަނާއި ޑެންމާކް އަދި ސަރބިއާވެސް ކޮލިފައިވެއްޖެއެވެ.
ޔޫރަޕްގައި ރޭ ކުޅެވުނު މުބާރާތުގެ ކޮލިފައިން މެޗުތަކަށް ފަހު އިތުރު ޓީމުތަކެއްވަނީ ގްރޫޕްގެ ދެވަނަ މަޤާމު ކަށަވަރުކޮށް ޕްލޭއޯފް ކުޅުމުގެ ފުރުޞަތު ހޯދާފައެވެ.
ރޭ އަޔަރލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެފަހު މިނެޓްގައި ބަދަލުކުޅުންތެރިޔާ އަލްބާޓޯ ގިލާޑިނޯ ޖަހައިދިން ލަނޑާއެކު އިޓަލީއާ އަޔަލެންޑްގެ މެޗު ނިމުނީ 2-2ން އެއްވަރުވެގެންނެވެ. މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު އިޓަލީ ވަނީ 21 ޕޮއިންޓާއެކު ގްރޫޕް 8ގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވެފައެވެ. ދެވަނަ ހޯދި އަޔަލެންޑްވަނީ 4 ޕޮއިންޓް ފަހަތުގައެވެ. މިޓީމުތަކަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ.
މޮސްކޯގައި ރަޝިޔާއާއި ބައްދަލުކޮށް ޖަރުމަނު މޮޅުވެފައިވަނީ 1-0ންނެވެ. 35ވަނަ މިނެޓްގައި މިރޮސްލާވް ކްލޯސާ ޖަހައިދިން ލަނޑު ވެގެންދިޔައީ އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 50ވަނަ ގޯލަށްވެސް މެއެވެ.
އެއްކުޅުންތެރިއަކު މަދުކޮށް ކުޅެ މެޗު ނިންމާލި ޖަރުމަނަށް މިހާރުވަނީ 4 ޕޮއިންޓްގެ ތަފާތަކާއެކު ގްރޫޕް 4ގެ އެއްވަނަ މަޤާމު ލިބިފައެވެ.
ދެވަނާގައިވަނީ ރަޝިޔާއެވެ. މިދެޓީމަށްވެސް ބާކީ އަދި މެޗެއް އެބައޮތެވެ.
ކުޕަންހޭގަންގައި ސްވިޑްންއާ ބައްދަލުކޮށް ޑެންމާކް މޮޅުވެފައިވަނީ 1-0ންނެވެ. 1986، 1991 އަދި 2002ގައި ވެސް ކޮލިފައިވެފައިވާ ޑެންމާކް މިއީ 2004ގެ ޔޫރަޕިއަން ޗެމްޕިއަންޝިފަށްފަހު ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ބެލެގްރޭންޑްގައި ކުޅެ ރުމޭނިއާގެ މައްޗަށް ސަރބިއާ ކާމިޔާބު ހޯދީ 5-0ގެ ބޮޑުތަފާތަކުންނެވެ. މިނަތީޖާއާއެކު ސަރބިއާ އަށް ވަނީ 22 ޕޮއިންޓާއެކު ގްރޫޕް 7ގެ އެއްވަނަ މަޤާމް ލިބިފައެވެ.
މިގްރޫޕުން ދެވަނަ ހޯދާފައިވަނީ ފްރާންސެވެ.
ދުނިޔޭގެ އެކި ކަންކޮޅުގައި ރޭ ކުޅެވުނު ކޮލިފައިން މެޗުތަކަށްފަހު 32 ޓީމު ވާދަކުރާ އަންނަ އަހަރުގެ މުބާރާތުން މިހާތަނަށް 19 ޓީމެއްވަނީ ޓިކެޓް ކަށަވަރުކޮށްފައެވެ. އެޓީމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ބްރެޒިލް، އިންގްލެންޑް، ގާނާ، ޖަޕާން، ނެދަރލެންޑްސް، އުތުރު ކޮރެއާ، ޕެރަގުއާއި، ދެކުނު ކޮރެއާ އަދި ސްޕޭން ހިމެނެއެވެ. މީގެ އިތުރުން މުބާރާތް ބާއްވާ ދެކުނު އެފްރިކާ ވަނީ އޮޓަމެޓިކުން ކޮލިފައިވެފައެވެ.