

100 އަހަރަށް ފަހު ތުރުކީއާއި އަރުމީނިއާ ސުލްހަވެއްޖެ
100 އަހަރަށް ދެމިގެން ދިޔަ ދުޝްމަނުކަމަށް ފަހު ތުރުކީއާއި އަރުމީނިއާ ދެމެދު ޑިޕްލޮމެޓިކްގުޅުން ގާއިމްކުރުމުގެ އެއްބަސްވުމެއްގައި އެދެގައުމުން އިއްޔެ ސޮއިކޮށްފިއެވެ. އެންމެ ފަހުވަގުތު އުފެދުނު ޚިޔާލުތަފާތުވުމަކާ ގުޅިގެން ޒިއުރިކްގައި އިއްޔެ ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ތިންގަނޑިއިރަށް ލަސްވެގެން ދިޔަކަމަށް އަލްޖަޒީރާ ބުނެއެވެ.
ގިނަދުވަސްތަކެއްގެ މަޝްވަރާތަކަކަށް ފަހު ތުރުކީއާއި އަރުމީނިއާއިން އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގައި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޚާރިޖީވަޒީ އަޙުމަދު ދަވުތޮގްލޫއެވެ. އަދި އަރުމީނިއާގެ ފަރާތުން ސޮއިކޔުރެއްވީ އެގައުމުގެ ޚާރިޖީވަޒީރު އެޑްވަޑް ނަލްބަންޑިއަންއެވެ.
ސުވިޒަލޭންޑް މެދެވެރިވެގެން ތުރުކީއާއި އަރުމީނިއާއާ ދެމެދު މިސޮއިކުރި އެއްބަސްވުން ގެނެވިފައިވަނީ އެއެއްބަސްވުން ގެއްލިގެންދާން އުޅެނިކޮށްކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވިކަމަށް އަލްޖަޒީރާ ބުނެއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެ ފަހުމަރުހަލާގައި އަރުމީނިއާއިން ހުށައެޅި ކަމަކާ ތުރުކީން އިންކާރުކުރުމާ ގުޅިގެން އެންމެ ފަހުވަގުތު އުފެދުނު މައްސަލަ ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވީ އެމެރިކާގެ ޚާރިޖީވަޒީރާ ހިލަރީކްލިންޓަންއެވެ.
ތުރުކީއާއި އަރުމީނިއާއިން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރިފަހުން އިނގިރޭސިވިލާތުގެ ލަންޑަންގައި ވާހަކަދައްކަވަމުން ހިލަރީކްލިންޓަން ވިދާޅުވެފައިވާ ގޮތުގައި އެއެއްބަސްވުން ދެމެހެއްޓުމަށްޓަކައި އެމެރިކާއިން ކޮށްދެވެން އޮތް ހުރިހާކަމެއް ކޮށްދޭނެކަމަށް ވަޢުދުވެވަޑައިގަތެވެ.
އަރުމީނިއާގެ ޚާރިޖީވުޒާރާއިން ފަހުން ހާމަކޮށްފައިވާ ގޮތުގައި ޚިޔާލުތަފާތުވުން އުފެދުނީ ތުރުކީގެ ޚާރިޖީވަޒީރު ދެއްވަން ހަމަޖެހިފައި އޮތް ތަޤުރީރުގައި ޤަބޫލުނުކުރެވޭނެ ވާހަކަތަކެއް ހުރުމުގެ ސަބަބުންނެވެ.
ސްވިޒަލޭންޑް މެދުވެރިވެގެން ތުރުކީއާއި އަރުމީނިއާސަރުކާރުގެ އިސްފަރާތްތަކުން އަހަރަކަށް ވުރެ ގިނަދުވަހު ކުރި މަޝްވަރާތަކަށް ފަހު ސޮއިކުރި މިއެއްބަސްވުމާ ދެކޮޅަށް އެދެގައުމުގައި ތިބި ވަތަނީމީހުން ދަނީ އަޑުއުފުލަމުންނެވެ.
އެއްސަރަހައްދީ ރޮނގެއް ހިއްސާކުރާ ތުރުކީއާއި އަރުމީނިއާއާ ދެމެދު 100 އަހަރަށް ދެމިގެން ދިޔަ ހަތުރުވެރިކަން ފެށިފައިވަނީ ފުރަތަމަ ބޮޑުހަނގުރާމައިގާ ތުރުކީން އަރުމީނިއާގެ 1.5 މިލިޔަންމީހުން މެރިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. އަރުމީނިއާއިން އެދެމުން ގޮސްފައިވަނީ އެކަން ހިނގިކަމަށާއި އެއީ ޤަތުލުއާއްމެއްކަމަށް ތުރުކީން އެއްބަސްވުމަށެވެ. ނަމަވެސް ތުރުކީން ބުނަމުން ގޮސްފައިވަނީ އެއީ ޤަތުލުއާއްމެއްނޫންކަމަށާއި މަރުވިމީހުންގެ ޢަދަދު އެއަށް ވުރެ މަދުވާނެކަމަށެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ތުރުކީގެ މިބުނުމަށް ތާއީދުކޮށްފައެވެ.