
ޑައިނަސޯ ބިސް ހާލިތަކެއް އިންޑިޔާއިން ފެނިއްޖެ
-ނިޒާމް އިބްރާހިމް-
65 މިލިއަން އަހަރުވެފައިވާ ޑައިނަސޯ ބިސް ހާލިތަކެއް އިންޑިޔާގެ ދެކުނުގެ އަވަށެއްކަމުގައިވާ ޓެމިލް ނާޑޫއިން ޖިއޮލޮޖިސްޓުން ހޯދައިފިއެވެ.
"އަހަރެމެންނަށް މަތިމައްޗައް ފަށަލަތަކެއްގެ ގޮތުގައި ހުރި ޑައިނަސޯ ބިސްތަކާއި އަދި ޑައިނަސޯގެ ބައިތައް ފެނުނު. އަދި ކޮންމެ ހާއްޔެއްގައި 8 ބިސްއޮތް" މި ސާރވޭ ގައި އިސްކޮށް ޙަރަކާތްތެރިވި އަދި ޕެރިޔާރް ޔުނިވާރސިޓީގެ ޖިއޮލޮޖިސް އެމް. ރާމް ކުމާރު ދަ ހިންދޫ ނޫހަށް ދިން ބަސްދީގަތުމެއްގައި ހާމަކުރެއްވިއެވެ.
އިންޑިޔާގެ ސަރުކާރާއި އަދި ޖަރުމަނުގެ ސައިންޓިފިކް އިންސްޓިޓިއުޝަންތަކުގެ އެހީގައި ކުރިއަށް ގެންދިޔަ ދިރާސާގައި ފެނުނު ބިސްތަކުގެ ބޮޑުމިނުގައި 8-5 އިންޗި ހުއްޓެވެ. އަދި މި ބިސްތައް ފެނުނު ވެލިން ހަދާފައިވާ ހާލިތަކުގެ ބޮޑުމިނުގައި 4 ފޫޓް ހުއްޓެވެ.
މި ބިސްހާލިތައް ފެނިފައިވާ ޑެއްކަން ޕްލޭޓޫގައި އަލިފާން ފަރުބަދަތައް ހިމެނޭ ސަރަހައްދުންނެވެ. އަދި މި ފަރުބަދަތައް ގޮވާ އަލިފާންފޭބުން އެއީ އިންޑިއަން ސަބްކޮންޓިނެންޓުގައި ދިރިއުޅުނު ޑައިނަސޯ ނެތިދިއުމަށް މެދުވެރިވި ސަބަބުކަމުގައި ވެދާނެކަމަށް ޖިއޮލޮޖިސްޓުން ހާމަކުރެއެވެ.
ޑައިނަސޯ ބިސްއެޅުމަށް ބޭނުންކުރި މިސަރަހައްދު ފެނިފައިވަނީ ކައުވެރީ ކޯރުގެ އައްސޭރިފަށުންނާއި އަދި އެކޯރުގެ އަޑީގެ އެކި ހިސާބުތަކުންނެވެ. މި ސަރަހައްދުން ފޮސިލައިޒް ވެފައިވާ ޑައިނަރސޯރަސް ބިސްތަކާއި އަދި ޑައިނަރސޯރަސްގެ ކަށިތައް ފެނިފައިވެއެވެ.
"ގިނަ އަދަދެއްގެ އަދި އެކި ބޮޑުމިނުގެ ބިސްތައް ހިމެނޭ ބިސްހާލިތަކެއް ބޮޑު ސަރަހައްދަކަށް ފެތުރިފައިވުމުން ހާމަކޮށްދެނީ މި ސަރަހައްދަކީ ގިނަ ޑައިނަސޯތަކެއް ބިސްއެޅުމަށް އައިސްގޮސްފައިވާ ސަރަޙައްދުތަކެއް ކަމަށް" ސާރވޭ ޓީމުގައި ހިމެނޭ އަންބަރާސޫ ހާމަކުރެއްވިއެވެ.
މި ދިރާސާގައި ބައިވެރިވި ފަރާތަކުން މިހާރުވަނީ މި ސަރަހައްދު ރައްކާތެރިކޮށް އަދި އެހެން ބަޔަކަށް ނުވަދެވޭނެގޮތެއް ހަދައިދިނުމަށް ރަސްމީކޮށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ. ސަބަބީ މި ސަރަހައްދުން އެހެން ފޮސިސްލަތައް ފެނުމަކީ ވަރަށް ގާތްކަމެއްކަމުގައި މި ދިރާސާގައި ޙަރަކާތްތެރިވި ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.